މުޙައްމަދު ނަޢީމް
މުޙައްމަދު ނަޢީމް
އައްޑު އަތޮޅު މަރަދޫ އަށް ނިސްބަތްވާ އެރަށު ނައީމީ މަންޒިލް މުޙައްމަދު ނަޢީމް ނުވަތަ އާންމުން ދަންނަ ނަމުންނަމަ ނަޢީމްބެ އަކީ އެދާއިރާގެ ރައްޔިތުންނަށް އާ މޫނަކަށް ނުވާނެއެވެ. އެންމެންނާއި ގުޅޭ ރަޙުމަތްތެރި ނަޢީމްބެ އަކީ ރަށުގައި ހިންގާފައިވާ އިޖްތިމާޢީ ހަރަކާތްތަކުގައި އިސްކޮށް ހަރަކާތްތެރިވެ ނަގާ ކިޔާ ބޭފުޅެކެެވެ. ވަކިން ޚާއްސަކޮށް ރަށުގެ ޒުވާނުންގެ މެދުގައި ކުޅިވަރުގެ ހަރަކާތްތައް ރާވައި ހިންގުމުގައި ނަޢީމްބެގެ ދައުރު ވަރަށް ބޮޑެވެ.

އެގޮތުން ނަޢީމްބެ އަކީ މަރަދޫ ފުޓުބޯޅަ ޓީމުގެ މެނޭޖަރެވެ. މުޅި ރާއްޖެ އަށް ހުޅުވާލައިގެން ކުރިއަށް ގެންދާ ގޯލްޑަން ފުޓްސަލް ޗެލެންޖްގައި މަރަދޫ ޓީމު ބައިވެރިކޮށް ޓީމު މެނޭޖަރެއްގެ ހައިސިއްޔަތުން އޭނާ ވަނީ ގިނަ މަސައްކަތްތަކެއް ކުރަށްވާފައެވެ. އެކަމުގެ ސަބަބުން ރަށުގެ ޒުވާނުންނާއި ރައްޔިތުންނާއި ނަޢީމްބެ އާއި މެދު ވަނީ ވަރަށް ގާތްގުޅުމެއް އުފެދިފައެވެ. މަރަދޫ ޓީމު މެނޭޖަރެއްގެ ޒިންމާ އަދާކުރުމުގެ އިތުރުން ނަޢީމްބެ ވަނީ "ޒިލޯން"ގެ ނަމުގައި އުފެއްދި ފުޓުބޯޅަ ޓީމުގެ މެނޭޖަރުކަން ވެސް ކޮށްފައެވެ. އެޓީމުން މިހާތަނަށް ވެސް ފުޓުބޯޅައިގެ މައިދާނުގައި ގިނަ ކާމިޔާބީތަކެއް ވަނީ ހޯދާފައެވެ.

ތައުލީމީ ހަޔާތަށް ފަހު ނައީމްގެ އެންމެ ފުރަތަމަ ވަޒީފާއަކީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ޕޮލިސް އޮފިސަރެއްގެ ވަޒީފާއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުގެ ވަޒީފާ އިން ވަކިވުމަށްފަހު ނަޢީމްބެ ނިންމެވީ ސިޔާސީ މައިދާނަށް ނިކުންނެވުމަށެވެ. އެއީ އެ ދާއިރާއަށް ނަޢީމްބެ ހިތުގައި އޮންނަ ޝައުގެއްގެ ބޮޑުކަމުންނެވެެ. އެގޮތުން ސިޔާސީ މައިދާނުގައި ޕީޕީއެމް، ޕީއެންސީގެ ބައެއް ހަރަކާތްތަކުގައި ބައިވެރިވުމުގެ އިތުރުން ނިމިދިޔަ ރިޔާސީ އިންތިހާބުގައި މިހާރުގެ ރައީސް އޭރުގެ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒު ވެރިކަމަށް ގެނައުމަށް އެމަނިކުފާނާއެކު ގިނަ ރަށްތަކަށް ވަޑައިގެން ހިންގި ކެމްޕޭންތަކުގައި ނަޢީމްބެ ވަރަށް އިސްދައުރެއް ވަނީ އަދާކުރަށްވާފައެވެ. ނަޢީމްބެ އަކީ މިހާރު ސަރުކާރުގެ މިނިސްޓްރީއެއްގައި ޒިންމާދާރު ސިޔާސީ މަގާމެއްގައި ހުންނެވި ބޭފުޅެކެެވެ. ނަޢީމްބެ ހުންނެވީ ސިޔާސީ މައިދާނުގައި ހަރުފަތަކަަށްފަހު ހަރުފަތަކަަށް ވަަޑައިގެންނެވުމުގެ އަޒުމުގައެވެ.

އެގޮތުން ސިޔާސީ މައިދާނުގައި ލިބިވަޑައިގެންނެވި ތަޖުރިބާގެ އަލީގައި ނަޢީމްބެ ވަނީ އަންނަ ނޮވެމްބަރު 09 ވަނަ ދުވަހު ބާއްވާ ސަރުކާރު ހިންގާ މައި ޕާޓީ، ޕީއެންސީގެ މަރަދޫ ދާއިރާގެ ރައީސް ކަމަަށް ވާދަކުރަން ނިންމާފައެވެ. ނަޢީމްބެ ޕީއެންސީގެ ރައީސް ކަމަށް ވާދަކުރަށްވަނީ ވަރުގަދަ ތަޞައްވަރަކާއި އެކުގައެެވެ. އެތަޞައްވަރު ހަގީގަތަކަށް ހެދޭނެ ކަމުގެ އުންމީދު އޭނާ އަށް އެބައޮތެވެ. އައްޑޫސިޓީ މަރަދޫ އަކީ އިދިކޮޅު ފަރާތްތަކުގެ ތާއިދު ބޮޑު ރަށެއް ނަަމަވެސް ނަޢީމްބެގެ އަމާޒު ހުރީ މަރަދޫ ވަކިގޮތަކަަށް އޮތް އޮތުން ބަދަލުކޮށް ޕީއެންސީގެ ރޫޙު ރަަށުގައި ވަރުގަދަކޮށް އާލާކޮށް ދިރުވުމަށެވެ.

"ރަސްއޮންލައިން" އަށް ދެއްވި އިންޓަވިއު އެއްގައި ވާހަކަ ދައްކަވަމުން ސަރުކާރުގެ ސިޔާސީ މަގާމެއްގައި ހުންނެވި މުޙައްމަދު ނަޢީމް ވިދާޅުވީ، އޭނާ ބޭނުންވަނީ މަރަދޫ ދާއިރާގައި ޕީއެންސީ ރޫޙު ވަރުގަދަ ކުރަން ކަމަށެވެ. އަދި އޭނާގެ އެންމެ ބޮޑު އެއް އަމާޒަކީ ދާއިރާ އަށް ބޭނުންވާ ތަރައްޤީ ހޯދުމުގައި މެދުވެރިއެއްގެ ދައުރު އަދާކޮށް ސަރުކާރުގެ ފަރާތުން ފޯރުކޮށްދޭ ހުރިހާ ޚިދުމަތެއް ވެސް ދާއިރާގެ ރައްޔިތުންނަަށް ޚިދުމަތްތަައް ހަމަހަމަކަމާއެކު ފޯރުކޮށްދިނުމަަށް ކަމަށް ނައީމް ވިދާޅުވިއެވެ. އަދި ސަރުކާރުން ފޯރުކޮށްދޭ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި އެހެން ޕާޓީއަކަށް ނިސްބަތްވާ ރައްޔިތެއްގެ މެދުގައި ތަފާތުކުރުން ނުގެންގުޅޭނެ ކަމަަށް ނަޢީމް ވިދާޅުވިއެެވެ. ނަޢީމް ވިދާޅުވިގޮތުގައި އޭނާ އަކީ މަޝްވަރާގެ މަތިވެރި އުސޫލަށް ތަބާވާނެ ބޭފުޅެކެެވެ. އަދި ކަންކަން ނިންމެވުމުގައި ރަށުގެ ޒުވާނުންނާއި އުމުރުން ދުވަސްވީ މީހުންގެ ތަޖުރިބާގެ އަލީގައި، އެފަރާތްތަކުގެ ޚިޔާލާއި މަޝްވަރާ ހޯއްދަވާނެ ކަމަަށް ނަޢީމް ވިދާޅުވިއެވެ.

"މަޝްވަރާގެ މަތިވެރި އުސޫލަށް އަޅުގަނޑު ތަބާވާނަން، އިހުތިރާމާއި ކުލުނު ހުރިހާ ބޭފުޅުންގެ މެދުގައި ދަމަހައްޓާނަން، ޒުވާނުންނާއި ރަށުގެ އިސްރަށްވެހިންގެ ތަޖުރިބާގެ އެހީގައި ދާއިރާ އަށް ފާގަތި ކަމާއި އާރޯކަން ގެނެސްދިނުމަށް ނުހަނު އިހުލާސްތެރިކަމާއެކު މަސައްކަތް ކުރާނަން،" ނައީމް ވިދާޅުވިއެެވެ.

މީގެ އިތުރުން ނަޢީމް ވިދާޅުވީ ޕީއެންސީގެ މަރަދޫ ދާއިރާގެ ރައީސް ކަން ލިބިއްޖެނަމަ ދާއިރާގެ އިޖްތިމާޢީ ފޭރާން ރަނގަޅު ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށެެވެ. އެގޮތުން ނުހަނު ރީތި ބަސްމަގުން ޝަހުޞިއްޔަތުތަކެއް ދިރުވައި މުޅި ދާއިރާ ގުގުމާލާނެ ކަމަށް ނަޢީމް ވިދާޅިވެއެވެެ. އަދި އޭނާ ހުންނެވީ ދާއިރާގެ ހައިބަތާއި ކަރާމާތާއި އިސްލާމީ ވަންތަ ގައުމިއްޔަތެއްގެ ބިންގާ އެޅުމުގެ އަޒުމުގައި ކަމަށް ނައީމް ވިދާޅުވިއެވެ.

"އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ އަންނަ ނޮވެމްބަރު 9 ވަނަ ދުވަހު މި ލާވޯޓަކީ އަޅުގަނޑުގެ މި ޝިއާރުތައް މަރަދޫ ދާއިރާގެ ޖައްވުގައި ގުގުމާލަން ލިބޭ ރަނުގެ ފުރުސަތަކަށް ޕީއެންސީގެ މެމްބަރުން ހައްދަވައި ދެއްވާށޭ، އޭރުން މުޅި ރަށާއި ދާއިރާގައި ސަރުކާރުގެ ތެރެއިން ތަރައްޤީ އާއި ހުރިހާ ކަމެއްގައި ފުރިހަމަ އެހީތެރިކަން ލިބިގެންދާނެ،" ނަޢީމް ވިދާޅުވިއެވެ.

ކޮންމެއަކަސް ގޮތް ނިންމުމުގެ ބާރު އޮތީ މަރަދޫ ދާއިރާގެ ޕީ.އެންސީ މެމްބަރުންނަށެވެ. ނަޢީމްބެ ދެއްވާ ޔަގީންކަމަކީ އޭނާ އަށް މެމްބަރުން ފުރުސަތު ދެއްވައިފިނަމަ ތަފާތު ދައްކަވައި ރައްޔިތުންނާއި ގާތުން މަސައްކަތްކުރައްވާނެ ކަމުގެ ޔަގީން ކަމެވެ. އަދި މަރަދޫ ދާއިރާގައި ޕީއެންސީގެ ހަަރާކާތްތައް ނުހިގައި އޮތް އޮތުން ބަދަލުކޮށް ޕީއެންސީ މަރަދޫ ދާއިރާއަށް ފަތުރާލުމަކީ ނަޢީމްބެގެ އަމާޒެވެ. އެފުރުސަތު ނަޢީމްބެ އަށް ޕާޓީގެ މެމްބަރުން ދޭނެ ކަމާއި މެދު އޭނާ ޝައްކެއް ނުކުރައްވައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން