ލިޔުއްވީ: ޑރ. އާމިނަތު ސަލީމް

ކޮންމެ ކުއްޖަކުވެސް އުފަންވުމަށްފަހު، އެ ކުއްޖެއްގެ ލޮލުގެ އުފެދުން ފުރިހަމަވުމަށްޓަކައި އެތައް މަރުހަލާތަކެއް ކަޑައްތު ކުރެއެވެ. އެގޮތުން އެ ކުއްޖެއްގެ ލޮލުގެ ފެނުމުގެ އެކި މަރުހަލާތައް ވޭތުކުރުމުގައި، ލޮލުގެ ފެނުމަށް ގިނަ ބަދަލުތަކެއް އާދެއެވެ. މި ބަދަލުތައް އަންނަނީ އެކި ކުދިންނަށް އެކި ދުވެލީގައެވެ.

ނަމަވެސް، އެ ކުއްޖެއްގެ އުމުރުފުރާ އާއި އެއްވަރަށް، ލޮލުގެ އުފެދުމަށާއި ލޮލުގެ ފެނުމަށް ބަދަލުތައް އަންނަމުން ދޭތޯ ބެލުމަކީ ވަރަށް މުހިންމު ކަމެކެވެ.

މިގޮތުން ދަރިފުޅުގެ ލޮލުގެ ސިއްހަތަށް ފަރުވާތެރިކަމާއެކު ސަމާލުކަން ދިނުމަކީ، ލޮލުގެ ފެނުމަށް އެއްވެސް މައްސަލައެއް ކުރިމަތިވެއްޖެނަމަ، އެ މައްސަލައެއް އަވަހަށް ހައްލު ކުރުމަށް އެހީތެރިވެދޭނެ ކަމެކެވެ.

ކުޑަކުދިންގެ ލޮލުގެ ފެނުން ރަނގަޅު ނުވުމަކީ އެކުދިންގެ ތައުލީމަށް ވެސް ވަރަށް ބޮޑަށް އަސަރުކުރާނެ ކަމެކެވެ.

އެހެންކަމުން މި އަހަރުގެ ދުނިޔޭގެ ފެނުމުގެ ދުވަހުގެ މައިގަނޑު އަމާޒެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ ކުޑަކުދިންގެ ލޮލުގެ ސިއްހަތަށް އިސްކަން ދިނުމެވެ. އަދި މިއަހަރުގެ "ތީމް" ނުވަތަ ޝިޢާރަކީ "ޗިލްޑްރެން، ލަވް ޔޯ އައީސް" އެވެ.

ތިބާގެ ދަރިފުޅުގެ ލޮލުގެ ސިއްހަތު ރަނގަޅު ކުރެވޭނީ ކިހިނެއް؟

- ވިޝުއަލް އެންގޭޖްމަންޓް އިތުރުކުރުން / ލޮލުން އެއްޗެއްސަށް ބަލާމިންވަރު އިތުރުކުރުން

ކުޅޭ އެއްޗެހީގައި ހުންނަ ހައި ކޮންޓްރާސްޓް ކުލަތަކާއި ޕެޓަރން ތަކުން ކުޑަދަރިފުޅުގެ ލޯ ޝާމިލުކުރުމަށް ނުވަތަ އެންގޭޖް ކުރުމަށް އެހީތެރިވެދެއެވެ. މީގެ އިތުރުން، އާ މާހައުލުތަކުގައި ކުއްޖާއަށް ވަށައިގެންވާ ކަންކަމަށް ފޯކަސް ކުރުމަށް ވަގުތު ދިނުމާއި، އެކި އެކި ދިމާލުން އެއްޗެއްސާއި ގާތް ކޮށްލުން މުހިންމެވެ.

- ބެލެންސްޑް ޑައިޓެއް ފޯރުކޮށްދިނުން / މިންހެޔޮކާނާ ފޯރުކޮށްދިނުން

ލޮލުގެ ސިއްހަތަށް ފައިދާހުރި މާއްދާތަކުގެ ތެރޭގައި; ޒިންކް, ލޫޓީން, އޮމެގާ-3 ފެޓީ އެސިޑް, ވިޓަމިން އޭ, ވިޓަމިން ސީ, ވިޓަމިން އީ, ޕްރޮޓީން ފަދަ މާއްދާތައް ހިމެނެއެވެ.

ވިޓަމިން ސީ، ވިޓަމިން އީ: އޮރެންޖް އާއި ސްޓްރޯބެރީ ފަދަ ވިޓަމިން ސީ އަދި އީ އެކުލެވޭ މޭވާތަކަކީ ލޮލުގެ ޓިޝޫތައް އިތުރަށް ވަރުގަދަކޮށް، އިންފެކްޝަންތަކުން ރައްކާތެރިވުމަށް އެހީތެރިވެދޭ ކާނާގެ ބާވަތް ތަކެކެވެ.

އޮމެގާ-3 ފެޓީ އެސިޑް: ކަނޑުމަހުގައި ހިމެނޭ އޮމެގާ-3 ފެޓީ އެސިޑްގެ ސަބަބުން ޑްރައި އައި ގެ ކިބައިން ރައްކާތެރިވެ، ކުރިއަށް އޮތް ތަނުގައި އެ ކުއްޖާއަށް ކެޓަރެކްޓް އަދި އޭއެމްޑީ، އޭޖް ރިލޭޓެޑް މެކިއުލަރ ޑީޖެނެރޭޝަން ޖެހުމުގެ ނުރައްކާ ކުޑަވެގެންދެއެވެ.

ވިޓަމިން އޭ: ސްޕިނެޗް އަދި ލެޓިއުސް ފަދަ ވިޓަމިން އޭ ލިބިދޭ ކާނާއިން ޑްރައި އައި ގެ އިތުރުން ރޭކަނުވުމުން ވެސް ލޯ ރައްކާތެރިކޮށްދެއެވެ.

ޕްރޮޓީން: ބިހާއި ނަޓްސް ފަދަ ޕްރޮޓީން ލިބިދޭ ކާނާވެސް ކުޑަކުދިންގެ ކެއުން ބެލެންސް ކުރުމަށް އެހީތެރިވެދެއެވެ.

ދުޅަހެޔޮ ކާނާ ކެއުމަކީ ލޮލުގެ ބައެއްބަލިތަކާ ގުޅިފައިވާ ފަލަވުމާއި ހައިޕަރޓެންޝަން ފަދަ ހާލަތްތަކުން ރައްކާތެރިވުމަށް އެހީތެރިވެދޭނެ ކަމެއްކަން ހަނދާން ބެހެއްޓުން މުހިންމެވެ.

އެކަށީގެންވާ ރައްކާތެރިކަމުގެ ފިޔަވަޅު ބޭނުންކޮށްގެން ލޯ ރައްކާތެރިކުރުން

ފަހުގެ ދިރާސާތަކުން ދައްކާ ގޮތުގައި ކުޑަކުދިންގެ ލޮލަށް ލިބޭ އަނިޔާތަކުގެ ތެރެއިން 90 އިންސައްތަ އަނިޔާއަކީ ރައްކާތެރިކަމުގެ ފިޔަވަޅު އެޅިއްޖެނަމަ ހުއްޓުވިދާނެ އަނިޔާތަކެކެވެ. ދަރިފުޅު ކުޅެން އުޅޭ މާހައުލުގައި ދަރިފުޅަށް ނުރައްކާވެދާނެ ސާމާނު، ބޭސް، އަދި ކެމިކަލް (ޚާއްސަކޮށް ތަންތަން ސާފު ކުރަން ބޭނުން ކުރާ ކެމިކަލް) ހުންނަނަމަ، އެފަދަ ތަކެތި ދަރިފުޅުގެ އަތް ނުފޯރާ ގޮތަށް ރައްކާތެރި ތަނެއްގައި ބަހައްޓާށެވެ.

ޑިޖިޓަލް ސްކްރީން ބޭނުންކުރުން މަދުކުރުން

ޑިޖިޓަލް ވަސީލަތްތަކުގެ އަލީގައި އުނގެނުން އާންމުވަމުންދާ މިޒަމާނުގައި ކޮމްޕިއުޓަރާއި ޓެބްލެޓް އަދި މޯބައިލް ފޯނު ފަދަ ސްކްރީންތައް ކުޑަކުދިންގެ ދިރިއުޅުމުގައި ކުރިއަށްވުރެ ބޮޑަށް ބެނުން ކުރެވެއެވެ.

ބޭނުންކުރެވޭ މި ސްކްރީންތައް ލޮލާއި 18 އިންޗިއާއި 24 އިންޗިއާ ދެމެދުގެ ދުރުމިނެއްގައި ބަހައްޓައި، 20-20-20 ގެ އުސޫލަށް އަމަލު ކުރުމަށް (ކޮންމެ 20 މިނެޓަކުން 20 ފޫޓު ދުރުގައި ހުންނަ އެއްޗަކަށް 20 ސިކުންތު ވަންދެން ބަލައިލުމަށް) ދަރިފުޅަށް ހިތްވަރު ދޭށެވެ.



ދިރާސާތަކުން ދައްކާ ގޮތުގައި، ހަގު އުމުރުގެ ކުދިން ޑިޖިޓަލް ޑިވައިސްތަކުގެ ސްކްރީންތަކަށް ގިނައިން ބެލުމުން ޑިޖިޓަލް އައި ސްޓްރެއިން އަށް މަގުފަހިވެ، ފެނުމަށް ނޭދެވޭ އަސަރުތަކެއް ކޮށް، ޑްރައި އައި މެދުވެރިވެ، ކަންކަމަށް ސަމާލުކަން ދިނުމަށް އުނދަގޫވެ، ބޮލުގައި ރިހެން މެދުވެރިވެއެވެ.

މިކަމުގެ ސަބަބުން ދަރިފުޅުގެ ކިޔެވުމަށް ނޭދެވޭ އަސަރުތަކެއް ކޮށް، ދަރިފުޅު ރުޅިގަދަވެ، ނަފްސާނީ އަދި އިޖުތިމާއީ މައްސަލަތައް ކުރިމަތިވެދާނެއެވެ.

އިންޒާރުދޭ ނިޝާންތަކަށް ސަމާލުވެލައްވާ!

އަންނަނިވި ނިޝާންތައް ދަރިފުޅުގެ ކިބައިން ފެންނަނަމަ ނުވަތަ ފާހަގަކުރެވޭނަމަ، ލޮލުގައި މައްސަލައެއް ހުރިތޯ ބެލުން މުހިންމެވެ.

* ކައިރިން އެއްޗެހި ކިޔަން އުނދަގޫވުން

* ބޯ އަރި ކޮށްގެން އެއްޗެއްސަށް ބެލުން

* މޫނު އެއްފަރާތަކަށް އަނބުރާލައިގެން އެއްޗެއްސަށް ބެލުން

* ލޯ ކުޑަކޮށްގެން އެއްޗެއްސަށް ބެލުން

* ލޮލާއި ވަރަށް ކައިރިން އެއްޗެހި ހިފަހައްޓައިގެން ކިޔުން

* އަވަސް އަވަހަށް އެސްފިޔަ ޖެހުން

* ގިނަގިނައިން ލޯ އުނގުޅުން

* އެއްޗެއްސަށް ބަލާ ހެދުމުގައި ޝައުގުވެރިކަން ކުޑަވުން

* އެއް ކުލައެއްގެ ތަފާތު ޝޭޑްތައް ދެނެގަތުމަށް ނުވަތަ ވަކިކުރުމަށް ދަތިވުން

* ލޯ އަވަރުވުން

* ލޮލުން ފެން އައުން، ލޯ ހިރުވުން، ލޮލަށް ތަދުވުން، ނުވަތަ ލޮލުގައި މަޑުލުން

* ލޮލަށް އަލި އެޅުމުން ލޮލަށް އުނދަގޫވުން

* އަތާއި ލޮލުގެ ކޯޑިނޭޝަން ދަށްވުން

* ލޮލުގެ ހުދުބައިގައި ރަތްކުލަ، މުށިކުލަ ނުވަތަ އަޅިކުލައިގެ ތިކިތަކެއް ހުރުން

* ފޮޓޯތަކުގައި ލޮލުގެ ކަޅުކަޅީގެ މެދު ރަތްކުލަ، ހުދުކުލަ ނުވަތަ ރީނދޫކުލައިގައި ފެންނަން ހުރުން

* އައިނު އަޅަން އިރުޝާދު ދެވިފައި ވީ ނަމަވެސް، ލޮލަށް އިތުރަށް އުނދަގޫވެ، ލޯ އިތުރަށް ފުސްވާތީ އައިނު ނޭޅުން

ނޯޓް: ލޮލުގައި މައްސަލައެއް ހުރިކަން ދަރިފުޅަށް އަމިއްލައަށް ބުނެ ނުދެވިދާނެ އެވެ. ނަމަވެސް މަތީގައިވާ އެއްވެސް ނިޝާނެއް ފާހަގަވެއްޖެނަމަ، ލޮލުގެ ޑޮކްޓަރެއްގެ ލަފާ ހޯދަން ވާނެއެވެ. މީގެ އިތުރުން، އާއިލާގެ އެއްވެސް މީހެއްގެ ލޮލުގެ މައްސަލައެއް ހުރެއްޖެނަމަ، ނުވަތަ ދަރިފުޅު ދުވަސް ނުފުރާ ވިހާފައިވާނަމަ، ނުވަތަ އިތުރު ސިއްހީ މައްސަލައެއް ދަރިފުޅުގެ ކިބައިގައި ވާނަމަ، އެ ކުއްޖެއްގެ ލޮލުގެ ސިއްހަތަށް ޚާއްސަ ސަމާލުކަމެއް ދިނުން މުހިންމެވެ.





ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން