ނޭވާގެ ޒަރިއްޔާއިން ވެސް ކޯވިޑް-19 ގެ ރޯގާބަލިމަޑުކަން ޖެހޭ ވައިރަސް ފެތުރެމުންދާ ކަމަށް ބެލެވޭ ކަމުގައި އެމެރިކާގެ މަޝްހޫރު ސައިންސް ވެރިއަކު ހާމަކުރެއްވުމާއެކު ކޯވިޑް-19 ގެ ބަލިމަޑުކަމުން މީހުން މަރުވާ އަދަދު ބިރުގަންނަ ވަރަށް އިތުރުވެފައިވާ އެމެރިކާގެ ރައްޔިތުން މާސްކް އެޅުމަށް ދޭ ސަމާލުކަން އިތުރުވެއްޖެއެވެ.

ދުނިޔޭގެ އެކި ގައުމުތަކުގައި ހަލުއިކަމާއެކު ފެތުރެމުންދާ ކޯވިޑް-19 އަށް ޕޮޒިޓިވް ވި މީހުންގެ އަދަދު މިލިއަނަކަށް އަރާފައިވާއިރު އެމެރިކާއަކީ މި ބަލި މިހާރު އެންމެ ހަލުއިކަމާއެކު ފެތުރެމުންދާ އެއް ގައުމެެވެ.

އެމެރިކާގެ އެންމެ ތަޖުރިބާކާރު ސައިންސްވެރިންގެ ތެރޭގައި ހިމެނޭ އެންތޮނީ ފައުސީއާއި ހަވާލާދީ ދަ ސްޓްރެއިޓްސް ޓައިމްސްގައި ބުނެފައިވަނީ ކޯވިޑް-19 ފެތުރޭ ވައިރަސް އާދައިގެ މަތިން ލާ ނޭވާގެ ޒަރިއްޔާއިން ވެސް ފެތުރޭކަމަށް މިހާރު ބެލެވޭ ކަމުގައެވެ. ނެޝަނަލް އިންސްޓިޓިއުޓް އޮފް ހެލްތުގައި އިސް ކޮށް ހަރަކާތްތެރިވެ ވަޑައިގަންވާ ފައުސީއާއި ހަވާލާދީ ފޮކްސް ނިއުސް އިން ބުނެފައިވަނީ މާސްކް އެޅުމާ ބެހޭ އުސޫލަށް މިހާރު ބަދަލު ގެންނަން ޖެހިފައިވާ ކަމަށެވެ.

"ފަހުގެ ހޯދުންތަކުން ލިބެން ހުރި މައުލޫމާތު ތަކަށް ބުރަވާއިރު ކެއްސައި ކިނބިހި އެޅުމުގެ އިތުރުން މީހުން ވާހަކަ ދެއްކުމުން ވެސް މި ވައިރަސް ފެތުރޭ ކަމަށް މިހާރު ބެލެވޭ." ފައުސީ ވިދާޅުވެފައިވެފައިވެއެވެ.

އެމެރިކާގެ އިސް ސައިންސް ވެރީން މިގޮތަށް ވިދާޅުވި ނަމަވެސް ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާއިން އިރުޝާދު ދީފައިވަނީ ކޮންމެ މީހަކު މާސްކް އަޅައިގެން އުޅެން ނުޖެހޭނެ ކަމަށެވެ. މާސްކް އަޅަން ޖެހޭނީ ބަލި ޖެހިފައިވާ މީހުންނާއި ބަލި މީހުންނަށް ފަރުވާ ދިނުމުގައި ހަރަކާތް ތެރުވާ މީހުން ކަމުގައި އެފަރާތުން ބުނެފައިވެއެވެ.

އެމެރިކާގެ ނައިބް ރައީސް މައިކް ޕެންސް ވިދާޅުވީ މާސްކް އެޅުމާއި ބެހޭ ގޮތުން އެމެރިކާގެ ރައްޔިތުން އަމަލުކުރަންވީ އުސޫލެއް ވަރަށް އަވަހަށް އިޢުލާން ކުރައްވާނެ ކަމަށެވެ.

ކޮރޯނާ ވައިރަހާއި ބެހޭ އެމެރިކާގެ މައި މަރުކަޒުން ވެސް މިހާރު އިރުޝާދު ދެމުން ގެންދަނީ ބޭރުގައި އުޅެންޏާ މާސްކް އެޅުމަކީ އެންމެ ރައްކާތެރި ގޮތް ކަމަށެވެ. ގަވަރނަރ ޓިމް ވުލްފް ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވެފައިވަނީ މާސްކް އެޅުމަކީ ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް މިވަގުތަށް އޮތް އެންމެ ރަނގަޅު ހައްލު ކަމަށެވެ. ބައެއް ސައިންސް ވެރިން ބުރަވާ ގޮތުގައި މި ފަދަ ވިސްނުމަކަށް ދާން ޖެހެނީ ބަލި ޖެހިފައި ހުންނަތާ އެތައް ދުވަހެއް ވާއިރުވެސް ބަލީގެ އަލާމާތްތައް ނުފެންނާތީ އެފަދަ މީހަކާ ގައިގޯޅިވެވޭއިރުވެސް ބަލި ނުހުންނަ މީހަކަށް ނޭނގޭނެތީއެވެ. ކޯވިޑް-19 ޖައްސާ ވައިރަސް ހަށިގަނޑަށް ވަނަސް ބަލީގެ އަލާމާތްތައް ނުފެނި ހައެއްކަ ދުވަސް ވާންދެންވެސް ބައެއް ފަހަރު ހުންނަ ކަމަށް އެމެރިކާގެ ޑޮކްޓަރުން ބުނެފައި ވެއެވެ.

ނަމަވެސް އެމެރިކާއާއި ޔޫރަޕްގައި އެއްވެސް މިންވަރަކަށް ބަލި ކޮށްޓްރޯލް ނުވެ ހަލުއި ކަމާއެކު ފެތުރެމުންދާތީ ބަލި މީހުންނަށް ފަރުވާ ދިނުމުގައި ހަރަކާތްތެރިވާ ޞިއްޙީ އެހީތެރިންނަށް ފުދޭ ވަރަށް ޕްރޮޓެކްޓިވް ގިއަރާއި މާސްކް ފަދަ ސާމާނު ނުލިބިދާނެ ކަމުގެ ބިރު އޮތް ކަމުގައި ޞިއްޙީ އިދާރާތަކުން ވަނީ ބުނެފައެވެ. އެހެންކަމުން އާންމުން މިވަގުތު މާސްކް ބޭނުން ކުރުމުގައި ސަމާލުވުމަށް އެމެރިކާގެ ނައިބް ރައީސް ވެސް ވަނީ އެދިވަޑައިގެންފައެވެ.

ތުރުކީ ވިލާތުގެ ރައީސް ޠައްޔިބު އޮރްދުޣާން ވަނީ އެޤައުމުގައި އެއްވެސް މީހަކު މާރުކޭޓަށް ދާނަމަ މާސްކް އަޅައިގެން ދިއުމަށް އަމުރު ކުރައްވާފައެވެ. އަދި އުމުރުން 20 އަހަރުން ދަށުގެ އެއްވެން މީހަކު ގެއިން ނުނުކުތުމަށް ޤައުމާ މުހާތަބު ކުރައްވައި ދެއްކެވި ވާހަކަ ފުޅުގައި އޮރްދުޣާން އަމުރު ކުރައްވާފައިވާ ކަމަށް އޭއެފްޕީއާއި ހަވާލާދީ ދަ ސްޓްރެއިޓްސް ޓައިމްސްއިން ބުނެފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން