ކޯވިޑްގެ ބަލިމަޑުކަމުގެ ނުރައްކާތެރި ރޯގާ ރާއްޖެއަށް ކުރިމަތިވީ މީގެ 168 ކުރިންނެވެ. މާޗް މަހުގެ ހަތްވަނަ ދުވަހު ރާއްޖޭގައި ފެތުރެން ފެށި ކޯވިޑްގެ ބަލިމަޑުކަން ޖޫން މަހުގެ ފަހުކޮޅާއި ހަމައަށް ވެސް ދިޔައީއެވެ. އޭގެ ފަހުން ބަލި މީހުން ފެންނަ ނިސްބަތް ދަށައްދާން ފެށުމުން ރައްކާތެރިކަމަށްޓަކައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދޭން ސަރުކާރުން ނިއްމީއެވެ.

އެގޮތުން މިމަހުގެ ހަތަރުވަނަ ދުވަހުން ފެށިގެން ކޮންމެ ރެއެއްގެ 10:00 އިން ފެށިގެން ފަތިހު 5:00 އަށް ބޭރަށް ނުކުމެ އުޅުން ސަރުކާރުން މަނާކުރިއެވެ. އަދި ބޭރުގައި އުޅޭއިރު މާސްކު އެޅުން މަޖުބޫރު ކަމަކަށް ހަދައި ފުލުހުން ނެރެ މާސްކް ނާޅާ މީހުންނާއި ކާފިޔު ގަޑީގައި ބޭރުުގައި އުޅޭ މީހުންނަށް ނަސޭހަތްދީ ޖޫރިމަނާކުރަން ވެސް ފެށިއެވެ. ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުން އަމަލު ކުރަންޖެހޭ އުސޫލުތައް ބަޔާންކޮށް ގައިޑްލައިން އެއް ވެސް ނެރުނެވެ. މީގެ އިތުރުން ދޭތެރެ ދޭތެރެއިން އިންސްޕެކްޝަން ތައް ބާއްވައި އެޗްޕީއޭގެ ގައިޑްލައިން އާއި ޚިލާފަށް އަމަލުކުރާ ތަންތަން އެއްވެސް އިންޒާރަކާއި ނުލައި ބަންދުކޮށް ހަދައެވެ.

ފިޔަވަޅުތައް ހަރުކަށިކޮށް ކާފިއު ހިންގަން ފެށިތާ 19 ދުވަސްވީއިރުވެސް ބަލި ކޮންޓްރޯލް ކުރެވޭ ތަނެއް ނުފެނެއެވެ. ކާފިއުގެ 19 ދުވަހުގެ ތެރޭގައި 100 އިން ދަށައް ދިޔައީ އެންމެ ތިން ދުވަހު ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. ދެން ކޮންމެ ދުވަހަކު ބައްޔަށް ޕޮޒިޓިވްވި މީހުން އަދަދު އުޅެނީ ސަތޭކައިން މަތީގައެވެ. ބައެއް ދުވަސް ދުވަހުގެ ނަންބަރު 200 ވެސް ފަހަނައަޅައި ދެއެވެ. ކޮވިޑް ފެތުރުން ކޮންޓްރޯލްކުރުމަށް ކާފިއު ހިންގަން ފެށީ މިމަހުގެ ހަތަރުވަނަ ދުވަހުއެވެ. އެ ދުވަހާއި ހަމައަށް ރާއްޖެއިން ބައްޔަށް ޕޮޒިޓިވްވީ މީހުންގެ އަދަދަކީ 4،446 ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. އެހެން ނަމަވެސް އޭގެ 19 ދުވަސް ފަހުން އެ އަދަދު އިއްޔެ އާއި ހަމަޔަށް ވަނީ  6660 އަށް އަރާފައެވެ. އެ ދުވަހުގެ ނިޔަލަށް ރާއްޖެއިން މަރުވެފައިވަނީ 19 މީހުންނެވެ. އެހެން ނަމަވެސް މިހާރު ރާއްޖެ އިން ކޮވިޑް ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 26 އަށް އަރާފައެވެ. މާނައަކީ މާލޭގައި ކާފިޔު ހިންގަން ފެށިފަހުން 7 މީހަކު މިހާތަނަށް ނިޔާވެފައިވާ ކަމެވެ. މިއީ ވަރަށް ބޮޑު އަދަދެކެވެ. ފިޔަވަޅުތައް ހަރުކަށިކުރިނަމަވެސް ބަލި ފެތުރޭ މިންވަރު އެއްވެސް މިންވަރަކަށް ކޮންޓްރޯލްކުރެވިފައިނުވުމަކީ ސިއްހީ މާހިރުންނާއި އާންމުންގެ ކަންބޮޑުވުން އިންތިހާއަށް އޮތް ސީރިއަސް މައްސަލައެކެވެ.

މިކަންބޮޑުވުންތަކާއެކު ކުއްލިއަކަށް މިރެއިން ފެށިގެން މާލެ ސަރަހައްދުގައި ރޭގަނޑު 8:00 އިން ފަތިހު 5:00 އަށް އެއްގަމު އުޅަނދުފަހަރު ދުއްވުން މަނާކުރިކަން ހޮނިހިރު ދުވަހުގުރޭ ސަރުކާރުން އިއުލާންކުރިއެވެ. ސަރުކާރުގެ ކުއްލި މިނިއްމުމާއި އެކު ގިނަ ބަޔެއްގެ ފާޑުކިޔުން ސަރުކާރަށް އަމާޒުވެ އެނިއްމުމާއި ދެކޮޅު ޝުއޫރުތަކުން ސޯސަލް މީޑިޔާ ފުރާލިއެވެ. ގިނަ ބަޔެއްގެ ކަންބޮޑުވުމަކީ ރޭގަނޑު އޮފީސްތަކުގައި އުޅޭ މީހުން ހިގާފައި ގެއަށް ދާންޖެހޭ ޖެހުމެވެ. ލަހުން ނިމޭ މީހުން ކާރަކަށް އަރައިގެން ދިޔުމަށް ފުލުހުން އިލްތިމާސްކުރުމުން އެކަމަށް ވެސް އެއްބަޔަކު ފާޑުކިޔެވެ.

"އަޅެ ކަލޭމެންތަ އަހަރެމެންނަށް ފައިސާ ދެނީ، މިހާރުވެސް ކިތައް މީހުންގެ މުސާރަ ކުޑަކޮށްފި. ކިތައް މީހުންގެ ވަޒީފާ ގެއްލިއްޖެ. މަޖުބޫރުވެގެންނޭ ވަޒީފާ އަށް މި ނިކުންނަނީ." ފުލުހުންނާއި އެޗްޕީއޭ ޓެގްކޮށް ނޫސްވެރިއަކު އޭނާގެ ކަންބޮޑުވުން ހިއްސާކުރިއެވެ.

ކުރީގެ މަޝްހޫރު ފިލްމީތަރިއަކު ވަނީ ކޮވިޑް-19 ފެތުރެނީ އެއްގަމު އުޅަނދުން ޖައްވަށް ބޭރުވާ "ވިހަ ގޭހުންތޯ" އާއި ޑައިރެކްޓް ކޮންޓެކްސްތައް ގިނަވަނީ، ދުއްވާ އެއްޗެހި ދުއްވައިގެންތޯ ސުވާލުކޮށްފައެވެ. އަދި މީހުން ތަންތަނަށްދަނީ ދުއްވާ އެއްޗެހި ބޭނުންކޮށްގެން އެކަނިތޯ އާއި ހިނގާބިނގާވެ އުޅޭމީހުންނަށް ވުރެ ގިނައީ، އެއްގަމު އުޅަނދު ދުއްވާ މީހުންތޯ ވެސް އޭނާ ސުވާލުކުރިއެވެ.

"8:00 ގެ ފަހުން މީހުން ހިނގާބިނގާވެ އުޅުން މަނާ ކޮށްފި ނަމަ، ކޮންމެވެސް މިންވަރަކަށް ކޮންޓްރޯލްވެސް ވާނެ! ޑައިރެކްޓް ކޮންޓެކްޓުތައް ވެސް މަދު ކުރެވޭނެ. އެކަމަކު، ވެހިކަލް ދުއްވުން މަނާކޮށްފައި، 8:00 އިން 10:00 އާއި ދެމެދު ހިނގާބިނގާވެ އުޅެވޭ ކަމަށްވާނަމަ، މަގުސަދު ހާސިލުނުވާނެ!" ފިލްމީ ތަރި ބުނެފައިވެއެވެ.

ޝޯސަލް މީޑިޔާގައި ޚިޔާލު ފާޅުކުރި ނޫސްވެރިއަކު ބުނީ ރައްޔިތުން ރުޅިގަދަ ކުރަން ނޫޅެ، ކަރަންޓީނު ފެސިލިޓީތަކަށް މީހުން ގެންގޮސް ޝަކުވާތަކަށް ހައްލެއް ގެނެސްދޭންޖެހޭ ކަމަށެވެ.

" މިކަމުންވެސް އެގެނީ އެއްވެސް ރޭވުންތެރިކަމެއް ނެތްކަން." ރޭގަނޑު އުޅަނދުފަހަރު ދުއްވުން މަނާކުރުމުން ހިތްހަމަނުޖެހުން ފާޅުކުރި މީހަކު ބުންޏެވެ.

އިތުރު މީހަކު ބުނީ ގަވާއިދުތަށް ހަދާނަމަ ހަމަޖެހޭ އުސޫލެއް އޮންނަންވާނެ ކަމަށެވެ.

" މާލެ ހުޅުމާލެ ޑިއުޓީތަކުގައި އުޅޭ ކުދިންނޯ، ވެހިކަލް ނުދުއްވާ އެމީހުން ގޮސް އައިސް އުޅެން، ޑިއުޓީ ނިއްމާފައި ޓެކްސީގައި ދާށޯ ގެއަށް، އަނެއްކާ އަނެއް ނުރައްކާ ބުރިޖް ހުރަސް ކުރަންޏާ 100 ރުފިޔާ." ރޭގަނޑު 8:00 އިން މާލެ ސަރަހައްދުގައި ދުއްވާ އެއްޗެހި ދުއްވުން މަނާކުރުމުން ކަންބޮޑުވުން ހިއްސާކުރި މީހަކު ބުނެފައިވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު ކޯލިޝަންގެ މެމްބަރުން ވަނީ އެޗްޕީއޭގެ ނިއްމުންތަކުގެ ފަހަތުގައި ސިޔާސީ ނުފޫޒު އޮތް ކަމަށް ތުހުމަތުކުރައްވާފައެވެ. ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް މުހައްމަދު ވިދާޅުވީ އެޗްޕީއޭގެ މައްޗަށް މިހާރު އޮތް ސިޔާސީ ނުފޫޒާއި ބާރުވެރިކަން ނެތިގެން ނޫންގޮތަކަށް ކޯވިޑް ކޮންޓްރޯލް ކުރުމަށް ސިއްޙީ ދާއިރާގެ ބޭފުޅުންނަށް ކުރެވޭނެ ކަމެއް ނެތްކަމަށެވެ.

ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފް ވިދާޅުވީ އެޗްޕީއޭގެ ތެރޭގައި އޮތް ސިޔާސީ ނުފޫޒުން އެތަން އެއްކިބާކޮށް ހެޔޮ ނިޔަތުގައި މަސައްކަތް ކުރެވޭނެ ޖާގަ އެބޭފުޅުންނަށް ދެއްވަން ޖެހޭކަމަށެވެ. މިހާރު އަޅާ ފިޔަވަޅުތަކަކީ ކޯވިޑް ކޮންޓްރޯލް ކުރުމަށްވެސް އަދި އާންމު ރައްޔިތުންނަށްވެސް ފައިދާ ހުރި ގޮތެއް ނޫންކަމަށް ހުސެއިން ވިދާޅުވިއެވެ.

ވިލިމާލެ ދާއިރާގެ މެމްބަރު އަހްމަދު އުޝާމް ވިދާޅުވީ އެފަދަ ނިންމުންތަކުގެ ސަބަބުން ހީވަނީ ރައްޔިތުންނަށް ޖެއްސުން ކުރަން އުޅޭހެންނެވެ. އެހެންކަމުން އެފަދަ ކަންކަން ކުރުމުގެ ބަދަލުގައި ހަރުދަނާ ފިޔަވަޅުތައް އެޅުން ނޫން ޙައްލެއް ނެތް ކަމަށް ވެސް މެމްބަރު އުޝާމް ވިދާޅުވިއެވެ. މެމްބަރު އުޝާމް އިތުރަށް ވިދާޅުވީ، ވަކި ވަގުތުތަކެއްގައި އެއްގަމު އުޅަނދު ދުއްވުން މަނާކުރާ ނިންމުމަކީ، އެތައް ބަޔަކަށް ބޮޑު ތަކުލީފަކަށް ވެގެންދާނެ ކަމެއް ކަމަށެވެ.

"ބައެއް ފަހަރު އެބަހީވޭ އެޗްޕީއޭއިން އުޅެނީ ރައްޔިތުންނަށް ޖެއްސުންކުރަން ހެންވެސް. މިކަމަކީ އެތައް ބަޔަކަށް ބޮޑު ތަކްލީފަކަށްވާނެކަމެއް. މިކަހަލަ ކަންކަން ކުރުމުގެ ބަދަލުގައި ތަންކޮޅެއް ހަރުދަނާ ފިޔަވަޅުތަކެއް އަޅައިގެން މެނުވީ ހައްލެއް ނެތް." އުސާމް ވިދާޅުވިއެވެ.

މިބަދަލާއެެކުވެސް ރޭގަނޑު 9:30ގައި އެންމެ ލަސްވެގެން ފިހާރަތާކާއި ކެފޭ ރެސްޓޯރަންޓްތައްވެސް ބަންދުކުރަން އިސްކަންދޭންޖެހޭނެކަމަށާއި އެތަންތަން ބަންދުކުރުމަށްފަހު ވަޒީފާ އަދާކުރާ މީހުން 20:00ގެ ފަހުން ގެއަށްދާންވާނީ ފައިމަގުގައި ނުވަތަ ކަނޑައެޅިފައިވާ ބަސް ނުވަތަ ފެރީތަކުގައިކަމަށް ފުލުހުން ބުނެ އެވެ.

ހެލްތް އިމާޖަންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގު ވިދާޅުވީ މިފިޔަވަޅުގެ ބޭނުމަކީ ރޭގަނޑު ބޭރުގައި އުޅޭ މީހުން ވީހާވެސް މަދުކުރުން ކަމަށެވެ. ބަލީގެ ހާލަތަށް ބަލައި، އިތުރަށް އެޅޭނެ ފިޔަވަޅުތަކާމެދު ކަމާބެހޭ ފަރާތްތަކުން މަޝްވަރާތައް ކުރަމުންގެންދާ ކަމަށާއި، އެގޮތުން މިފިޔަވަޅަކީވެސް އެގޮތުން ނިންމި ނިންމުމެއް ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

ހެލްތް އިމާޖަންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާން ޑރ. ފާތިމަތު ނަޒްލާ ރަފީގު ވިދާޅުވީ މިހާރު ބަލިޖެހޭ މީހުންގެ އަދަދު ގިނަވުމުގައި އެހެން ސަބަބެއް އޮތުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. އެގޮތުން މީހެއްގެ ހަށިގަނޑަށް ޖަރާސީމު ވަނުމަށްފަހު އަލާމާތްތައް ފެންނަން ގިނަވެގެން 14 ދުވަސް ނަގާކަން ފާހަގަކުރައްވަމުން ޑރ.ނަޒްލާ ވިދާޅުވީ މިހާރު ބަލި ޖެހޭ މީހުންގެ ތެރެއިން ގިނަ މީހުންގެ ހަށިގަނޑަށް ޖަރާސީމު ވަދެފައިވަނީ ފިޔަވަޅުތައް ވަރުގަދަ ކުރުމުގެ ކުރިން ކަމަށްވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

ކޮވިޑްގެ ހާލަތު ގޯހުން ގޯހަށްދާއިރު މި ހިނގާ އޮގަސްޓް މަހަކީ ކޮވިޑްގެ ހާލަތު ރާއްޖޭގައި އެންމެ ގޯސްވާނެ ކަމަށް ޑރ.ޝީނާ މޫސާ އަންދާޒާ ތަކުން ހާމަވާ މަހެވެ. މުޅި މަހު 2373 މީހަކަށް ބަލި ޖެހޭނެ ކަމަށް ޑރ. ޝީނާ މޫސާގެ ތަފާސް ހިސާބު ތަކުން ދައްކައެވެ.

ޖުލައި 31ގެ ނިޔަލަށް ރާއްޖެއިން 3،793 މީހުންނަށް ކޮވިޑް ބަލި ޖެހިފައިވެއެވެ. އެހެން ކަމުން މި ވޭތުވެދިޔަ ދުވަސްތަކުގެ ތެރޭގައި 2867 މީހަކަށް ބަލި ޖެހުނީއެވެ.

ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރުމަށް ސަރުކާރުން މިހާތަނަށް އެޅި އެއްވެސް ފިޔަވަޅަކުން އެދެވޭ ނަތީޖާ އެއް ކުރިއެރުމެއް ނުލިބުނެވެ. ބައެއް މީހުން މާސްކް އަޅައިގެން ވެސް ތިބެނީ ހަމަ ނަމަކަށެވެ. ދަތްދޮޅީގައި މާސްކް އަޅާލައިގެން ގުރޫޕް ހަދައިގެން ތިބޭއިރު ގައުމުގައި ބޮޑު ބަލިމަޑުކަމެއް ކުރިމަތިވެގެން އުޅޭހެން ބަޔަކަށް ހީވެސް ނުވާ ކަހަލައެވެ.

ކޮންމެއަކަސް ސުކޫލުތަކުގެ ކިޔެވުން އިތުރު ދެ ހަފްތާއަށް މެދުކަނޑާލާ އޮންލައިންކޮށް ކިޔަވައިދޭގޮތަށް މިހާރު ވަނީ ހަމަޖައްސާފައެވެ. އަދި މިސްކިތްތަކުގައި ގައިދުރުކޮށް ސަފު ހެދުމާއި ގުޅޭގޮތުން މިި ހަފްތާ ތެރޭގައި އިލްމުވެރިންނާއެކު މަޝްވަރާކުރެވިފައިވާއިރު އެ މަޝްވަރާތަކުގައި ހާލަތު އިތުރަށް ގޯސްވާތީ އިތުރު ފިޔަވަޅުތައް އަޅަންޖެހޭނެ ކަމަށް ސިއްހީ މާހިރުން ލަފާދެއްވައެެވެ.

ސިއްހީ މާހިރުންގެ ވެސް އެންމެ ބޮޑު ޝަކުވާ އަކީ ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ބަސް ގަބޫލުނުކުރާ ކަމުގެ ޝަކުވާއެވެ. ބަސް އަހަނީ އާބާދީގެ ދެބައިކުޅަ އެއްބައިކަން ސިއްހީ މާހިރުންނަށް ފާހަގަ ވެއެވެ. މުޅި މާލެ އަދިވެސް ފުރިފައި ވަނީ ބިދޭސީންގެ އާބާދީންނެވެ. ދެން ބޮޑު ބަޔަކީ ޒުވާނުންނެވެ. އަދިވެސް ބިދޭސީން އުޅެނީ އުޅޭނެ ގޮތަކަށެވެ. ގަވާޢިދާ ޚިލާފަށް އުޅޭ މީހުން ބައިވަރެވެ. ވޯކް ވިސާއެއް އޮތަސް އެއީ ނަމެއްގައި އޮންނަ އެއްޗެކެވެ. އެމީހުން ނިދަން އަރަނީ އަދިވެސް ބަރި ހަދައިގެން ޑިއުޓީ ބަހައިގެންނެވެ. އޭގެތެރެއިން ގިނަ މީހުންނަށް ރަނގަޅީ ބަލި ޖެހުނިއްޔާއެވެ. އެމީހުން ގަސްތުގައި ބަލި ފަތުރާން އުޅޭ ކަމަށްވެސް ބައެއް މީހުން ތުހުމަތު ކުރެއެވެ. އެމީހުންނަށް ބަލި ޖެހުނީމާ އުޅެވޭލެއް މާ އަރާމު ކަމުން ކަމަށްވެސް ވެދާނެއެވެ.

ދެން އޮތީ ބަސްނާހާ ޒުވާނުންގެ ވާހަކައެވެ. މީގެތެރޭގައި ގިނައީ ވަޒީފާއެއް އަދާ ނުކުރާ މީހުންނެވެ. ކޮވިޑާއި ގުޅިގެން ވަޒީފާ ގެއްލިފައިވާ ޒުވާނުންވެސް މަދެއް ނޫނެވެ. ދެން އެމީހުން ކުރިން ވެސް ގޭގައި ތިބީ ގެއަށް ވައްދައި ބޭރުން ތަޅު އެޅުވީމައެވެ. އޭގެ ތެރެއިން ގިނަ ޒުވާނުންނަށް ވެސް އޮތީ ބޯހިޔާވަހި ކަމުގެ މައްސަލައެވެ. ގޭތެރެއަށް ވަނީމާ ކޮށްޓަކަށް ވަދެވުނީއެވެ. ގިނަ ޒުވާނުން އުޅެނީ ބޮޑެތި އާއިލާ ތަކާއި އެކީގައެވެ. ގެއަށް ވަނީމާ ހަތަރު ފަރާތުން ހާސް ކަމެވެ.

މިދެންނެވި މައްސަލަތަކާހުރެ ބަލި ފެތުރޭތީ އަލުން ލޮކްޑައުންއަކަށް ދިއުމުން ދެން ނުކުންނަނީ ހަމަ ކުރިންވެސް ނުކުތް މައްސަލަ ތަކެވެ. އިގުތިސާދީ މައްސަލަތަކާއި އިޖުތިމާއީ މައްސަލަ ތަކެވެ. ދެން ހުރިހާ ކަމެއް ހުއްޓާލާފައި ސަލާމަތީ ބާރުތަކުން ނުކުންނަން ޖެހޭނީ ގޭގައި ބަންދުގައި ތިބި މީހުންނަށް ޚިދުމަތް ކުރާށެވެ. އެމީހުންނަށް ދުވަހުން ދުވަހަށް ބޭނުންވާ ތަކެތި ފޯރުކޮށްދޭށެވެ. ބޯފެނާ ކޮށްތުދަރުވެސް ގެއަށް ގެންގޮސްދޭން ޖެހުނީއެވެ. މިކަން ނުކުރެވޭތީ ދެން ޖެހޭނީ ތާވަލު ހަދައިގެން، ބަހައިގެން މީހުން މަގުތަކަށް ނެރޭށެވެ. ފިހާރަތަކާއި ހޮޓާތަކުން ހޭބޯނާރާ އުޅެން ޖެހޭނީ ޑެލިވަރީގައެވެ. ކުރިން ވެސް އެކަން ރަނގަޅަށް ނުކުރެވިގެން އެގޮތް މިގޮތަށް އަބުރާ ރާވައި ބަދަލުކޮށް ހަދައިގެން ވެސް އެކަށީގެންވާ ނަތީޖާ ހާސިލެއް ނުވިއެވެ. އަލުން ލޮކްޑައުނަކަށް ދެވިދާނެއެވެ. އެކަމަކު އެއީ މިހާރު މިއޮތް ހާލަތުގައި ސަރުކާރަށް އުފުލޭނެ ބުރައެއް ބާވައެވެ؟

ކޮންމެއަކަސް ހާލަތު އިތުރަށް ގޯސްވުމުގެ ކުރިން ބަލި ކޮންޓްރޯލް ކުރުމަށް އިތުރު ފިޔަވަޅުތައް އަަޅަންޖެހޭ ކަމަށް ހުރިހާ ފަރާތްތަކުން ވެސް ގަބޫލުކުރެއެވެ. މިއޮތްހުރިހާ ދުވަހު ވެސް ސަރުކާރުން ބުނިއްޔާ ބުނިގޮތަކަށް ހަދައިގެން ގޭބަންދުގައި ދިވެހި ރައްޔިތުންވެސް ތިބީ ނޫން ހެއްޔެވެ؟ ދެން ވެސް ޖެހޭނީ ތިބޭށެވެ. މިހާރު އަޅާފައިވާ ފިޔަވަޅުތަކުން މިހާތަނަށް ނަތީޖާއެއް ފެނިފައިނުވުމަކީ އިތުރަށް ފިޔަވަޅުތައް އަޅަންޖެހޭ ކަމުގެ ދަލީލެކެވެ.

އެކަމަކު ބަލި ފެތުރެނީ ވަރަށް ގިނަ ކަންކަން އޭގައި ހިމެނިގެންނެވެ. ކުރިން ހިންގި ގައުމީ އިމަޖެންސީން އެމަސައްކަތް ދޫކޮށްލާފައި މިހާރު މިވަނީ އެޗްޕީއޭއާއި ކަންކަން ހަވާލުކޮށްފައެވެ. އެޗްޕީއޭއަކު އެގާބިލު ކަމެއް ނެތެވެ. އެކަމާ ޝީނާ މޫސާ ވެސް އެއްބަސްވެ ވަޑައިގަންނަވައެވެ. މިއަދު ވާވަރަކީ ޕޮޒިޓިވް ވާ މީހުން އެކަހެރި ކުރާން ގެންދެވެނީ އެމީހާ ބައްޔަށް ޕޮޒިޓިވެ އޭނާ އުޅޭ މުޅި ގޭގެ އެންމެން ވެސް ޕޮޒިޓީވްވާ ފަހުންނެވެ. ބަލިމީހާ މަރުވާ ފަހުންވެސް އެކަހެރި ކުރަން ގެންދަން ގުޅެނީއެވެ. އެޗްޕީއޭގެ ޚަބަރެއް ވަނީ ތިން ހަތަރު ދުވަހު ގުޅާ ގުޅާ ވަރުބަލިވާ ފަހުންނެވެ. ހަގީގަތުގައިވެސް އެޗްޕީއޭއަކަށް މިހާރަކު ވާނުވާވެސް ނޭނގޭ ކަހަލައެވެ. އެމީހުންނަށް މިހާރު ކުރެވޭ ކަމަކީ ދުވަހުގެ ރިޕޯޓް އިއްވުމޭ ވެސް ބައެއް މީހުން ބުނެއެވެ.

އަސްލު ވީ ގޮތަކީ ލުއިދީފައި ދޫކޮށްލިއިރު ކަންކަން މެނޭޖް ކުރުންވެސް ދޫކޮށްލީއެވެ. ހަކަތަނެތް، ބާރުނެތް، މީހުންނެތް އެޖެންސީއެއްގެ އަތްމައްޗަށް މުޅި ކޮވިޑް ދޫކޮށްލީއެވެ. އެހެންވީމާ އެވެރީންނަށް މިހާރު ހަމައެކަނި ފެންނަނީ ލޮކްޑައުންއެވެ. މީހުން ގޭބަންދުގައި ބައިތިއްބައިގެން ނޫނީ މިކަން ނުވާނެކަން ގަބޫލުކުރެވެނީއެވެ. އެކަމަކު ގޭބަންދުގައި ބައިތިއްބައިގެން ވެސް އެމީހުންނަށް އެކަނި މިކަން މެނޭޖް ކުރެވޭނެ ކަމަކަށް ގަބޫލެއް ނުކުރެވެއެވެ. އަސްލު މިހާރުވެސް ރަނގަޅަށް މެނޭޖް ކުރެވި ބެލެހެއްޓޭ ނަމަ ނަތީޖާ ރަނގަޅުވާނެއެވެ. ޕޮޒިޓިވް ވާ މީހާ އެކަހެރި ކޮށް އޭނާގެ ކޮންޓެކްޓްސް ކުރީންވެސް ބެލެހެއްޓި ގޮތަށް ބެލެހެއްޓިއްޖެ ނަމަ އަދިވެސް ކުރީގެ ނަތީޖާއާއި ހަމައަށް ދެވޭނެއެވެ. ހަމައެކަނި ޓެސްޓް ކުރުން ގިނަކޮށް ނަތީޖާ އިޢުލާން ކުރުމަކުން ނުފެދެއެވެ. ބައްޔަށް ޕޮޒިޓިވްވާ މީހާ އަވަހަށް އެކަހެރިކޮށް އޭނާގެ ކޮންޓެކްޓުން ވެސް ބަލަހައްޓާން ޖެހެއެވެ. އެކަން ރަނގަޅަށް ނުކޮށް ކަންކަން ރަނގަޅަށް މެނޭޖް ނުކުރެވެންޏާ ބަލި ކޮންޓްރޯލް ކުރާ ވާހަކަ ނުދައްކާށެވެ. މިހާރު މިއޮތް ގޮތުން ބޮޑަށް ލަފާ ކުރެވެނީ ވާނެ ހައެއްޗެއްވާން ދޫކޮށްލާފައި އޮތް ހެނެވެ. ދެން މިހެން ބާއްވައިގެން މިކިޔަނީ ލޮކްޑައުން ކުރާ ވާހަކައެވެ. އެއީ ހަމައެކަނި ހައްލެއް ނޫނެވެ.

ކެތްތެރިކަމާ ހިކުމަތްތެރިކަމާއި ވިސްނުންތެރިކަމާއެކު ހަރުދަނާ ފިޔަވަޅުތައް އަޅައި ރަނގަޅަށް މެނޭޖްކޮށްގެން މި ބަލިމަޑުކަމުން ސަލާމަތްވުމަށް ސަރުކާރާއި ރައްޔިތުން ތެދުވެރި އިޚުލާސްތެރި ހެޔޮ ނިޔަތުގައި މަސައްކަތް ކޮށްފިނަމަ އަދި ވެސް އިހު ފުރިތަން އަތުވާނެއެވެ. މާތް ﷲ ގެ ހެއު ރަހުމަތްފުޅާ އެކަލާނގެ މަދަދާއި އެކު މިބަލިމަޑުކަމުން އަޅަމެން ރައްކާތެރިކުރައްވާނެއެވެ.  


ކިޔުންތެރިންގެ ހިޔާލު


15

އައިންތު

24-Aug-2020

ހަމަ ގިނަ ބަޔަކު މިކަމާ ދެކޮޅު ހަދާ.. ސަބަބު ވެސް އެބައޮތް.. އެއްވެސް ހަރުދަނާ ކަމެއް ނެތި ކުއްލި ކުއްލި އަށް ފިޔަވަޅު އެޅުން.. ދިރާސާއެއް ނުކުރޭ.. އެންމެ ވާސްޓްކޭސް ސިނާރިއޯއަށް ތައްޔާރުވި އިރު ދުވާލަކު ބަލިޖެހޭ ސަތޭކަ މީހުން އައިސޮލޭޓް ނުކުރެވޭ.. ބަލި ފެތުރެނީ އެހެންވެ.. ބިދޭސީން އެތިބީ އުޅޭނެ ގޮތަކަށް ދޫކޮށްލާފަ.. ގޭގަ ބަންދު ކޮށްލީމަ ރައްޔިތުން ޖެހޭނީ ބަނޑަށް.. ބަންދު ކޮށްގެން ހިފެހެއްޓެންޏާ އޯކޭ.. އެކަމަކު ސަރުކާރަކު އެވަރެއް ނެތް..


-9

މުޖާ

24-Aug-2020

ރައްޔަތުންނޭ ތިޔަކިޔަނީ ކިތައް މީހުނަށް 3 މީހުންނަކީ ރައްޔިތުން ތަ


12

މަބުރޫރް

24-Aug-2020

މި ސުރުހީ އަކީ ވަރަށް ޒިއްމާދާރުކަން ކުޑަ ސުރުހި އެއް ރަސް ނޫހުގެ ސިފަތަކާ ނުވެސް ގުޅޭ ވަގުތު ނޫސް ދިޔަރެްސް ކަހަލަ ނޫސްތަކުގަ ލިޔާކަހަލަ ފިތުނަ ސުރުހި އެއް މީ މިޒާތުގެ ކަން އޮތްގޮތް އޮޅޭ ގޮތަށް ރިޕޯޓު ކުރާނަމަ އިތުބާރު ގެއްލި ކުރިން ދެންނެވުނު ނޫސްތަކުގެ ދަރަޖަ އަށް ތިޔަނޫސް ވެސް ވެއްޓޭކަށް މާގިނަ ވަގުތެއް ނުނަގާނެ އުއްމީދު ކުރަން ތަކުރާރު ނުކުރާނެކަމަށް


22

ސަމިރު

24-Aug-2020

ރައްޔަތުން ރަތަކަށް ނާރާ ވަކި ބަޔަކު އެވެސް މަދު ބަޔަކު މި ނިންމުމާއި މެދު ހިތް ހަމަނުޖެހިގެން އުޅެނީ އެއި ރައްޔަތުންނާ ސަރުކަރު ޖައްސަން އުޅޭ ބައެއް ޕޕ ކުދިން އެއީ ފިތުނަހަދާބައިގަނޑެއް



ޓްރެންޑިން