ބޮލީވުޑްގެ އަސްލު 'ސިންގަމް' އަކީ ކާޖޯލް ކަމަށާއި، އޭނާގެ ފިރިމީހާ އަޖޭ ދޭވްގަން ނުން ކަމަށް ކާޖޯލް ބުނެފިއެވެ.

ކާޖޯލް މިހެން ބުނެފައިވަނީ އޭނާ ލީޑް ރޯލުން ފެނިގެންދާ ހިންދީ ފިލްމު ދޯ ޕައްތީގެ ޓްރެއިލަރ ލޯންޗު ކުރުމަށް އިއްޔެ ބޭއްވި ހާއްސަ ހަފްލާއެއްގައި ވާހަކަދައްކަމުންނެވެ. އޭނާ މިހެން ބުނީ އެފިލްމުގައި އޭނާ ކުޅެފައިވާ ފުލުސް އޮފިސަރެއްގެ ރޯލަށް ނިސްބަތް ކޮށެވެ.

"މީގެ ކުރިން ވެސް އަހަރެން މިހެން ބުނިން، އެކި ސްޓޭޖް މަތީވެސް އަހަރެން ބުނިން، އަސްލު ސިންގަމް އަކީ އަހަރެން،" ކާޖޯލް ބުންޏެވެ.

ކާޖޯލް އިތުރަށް ބުނީ އޭނާ ކުޅުނު ރޯލަށް އަޖޭގެ އެއްވެސް ލަފައެއްވެސް ހޯދާފައި ނުވާނެކަމަށެވެ.

ހިންދީ ފިލްމު ދޯ ޕައްތީގައި ކާޖޯލް ގެ ރޯލާ ބެހޭގޮތުން ވާހަކަ ދައްކަމުން އޭނާ ބުނީ ފުލުސް ޔުނީފޯމު ލައިގެން އެކްޓު ކުރާއިރު ބުނެދޭން ނޭނގޭ ފަދަ އިހުސާސްތަކެއް ކުރެވުނު ކަމަށާއި، އަދި ޔުނީފޯމާއެކު ހުންނަ ވަގުތުތަކުގައި ހާއްސަ ޝަހުސިއްޔަތެއްގެ ވެރިޔަކުކަން އިހުސާސްވިކަމަށެވެ. އެގޮތުން އެޔުނީފޯމުގައި އެކްޓު ކުރި ކޮންމެ ޝޮޓެއްގައިވެސް ހާއްސަ ކަމެއް އެކުލެވޭކަމަށް ކާޖޯލް ބުންޏެވެ.

މީގެ އިތުރުން މިކަހަލަ ރޯލެއް ކުޅެން ލިބުމުން އުފާވި ކަމަށާއި، ދެން ވެސް މިކަހަލަ ރޯލެއް ކުޅެން ލިބިއްޖެނަމަ އުފަލުން ބަލައިގަންނާނެކަމަށް ކާޖޯލް ބުނެފައިވެއެވެ.

ކާޖޯލް ލީޑް ރޯލުން ފެނިގެންދާ ހިންދީ ފިލްމު ދޯ ޕައްތީ ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ މިމަހުގެ 25 ވަނަ ދުވަހު ނެޓްފްލިކްސް އަށެވެ. މިފިލްމުގައި ކާޖޯލްގެ އިތުރުން ދެން ފެނިގެން ދާނީ ކްރިތީ ސެނޮން އަދި ޝަހީރް ޝެއިޚް އެވެ. މި ފިލްމަކީ ކްރިތީ ޕްރޮޑިއުސް ކުރާ ފުރަތަމަ ފިލްމު ކަން ވެސް ފާހަގަކޮށްލެވެއެވެ.

ހިންދީ ފިލްމު ދޯ ޕައްތީގައި ކާޖޯލް ފުލުސް އޮފިސަރެއްގެ ރޯލުން ފެނިގެން ދާއިރު، އޭނާގެ ފިރިމީހާ އަޖޭ ދޭވްގަން އަކީ މަޝްހޫރު ފިލްމު އުފެއްދުންތެރިޔާ ރޯހިތު ޝެއްޓީގެ ކޮޕް ޔުނިވަރސް ފިލްމު ތަކުގައި ސިންގަމް ގެ ކެރެކްޓަރގައި ފުލުހެއްގެ ރޯލުން އެތައް ބަޔަކުގެ ލޯބި ލިބިފައިވާ ފިލްމީ ތަރިއެކެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން