މާލެއިން ފެށިގެން ތިލަފުއްޓާ ހަމައަށް ކަރަންޓުދޭން 150 މެގަވޯޓުގެ އިންޖީނުގެއެއް އަޅަން ނިންމައިފި އެވެ.

އެ މަސައްކަތް ފެށުމުގެ ގޮތުން ސްޓެލްކޯއިން މިއަދު ވަނީ ޗައިނާގެ ކުންފުންޏެއް ކަމަށްވާ ޓީބީއީއޭ ގްރޫޕާ އެކު އެމްއޯޔޫއެއްގައި ސޮއިވެސްކޮށްފަ އެވެ.

އެ އެއްބަސްވުމާ ގުޅޭ ގޮތުން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ މިއަދު ވިދާޅުވީ މިއީ ރާއްޖޭގެ ހަކަތައިގެ އިންފްރާސްޓްރަކްޗާ އިތުރަށް ވަރުގަދަކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ.

އަދި އެ އެއްބަސްވުމުގެ ދަށުން މާލޭ ސަަރަހައްދަށް ބޭނުންވާ ވަރަށް ހައި ކެޕޭސިޓީ ޓްރާންސްމިޝަން ލައިނެއް އަޅާނެ ކަމަށާއި އަދި އެ ލައިނުން މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅާލާނެ ކަމަށް ފަހުމީ ވިދާޅުވިއެވެ.

އަދި އަލަށް އަޅާ އިންޖީނުގެއާއެކު ކަރަންޓް އުފެއްދޭ ކެޕޭސިޓީ އިތުރުކުރެވި ބޭނުންވާ ވަރަށް ކަރަންޓް މެދުނުކެނޑި ފޯރުކޮށްދެވޭނެ ކަމަށް ވެސް އެމްޑީ ވިދާޅުވި އެވެ.

އާ އިންޖީނުގެ ހަދާނީ ތިލަފުށީގައި ކަމަށް ވެސް ސްޓެލްކޯއިން ބުނެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން