އައްޑޫ ސިޓީ މަރަދޫއަށް އުފަން މުހައްމަދު މަހުޒޫމް (މަހޭ ކޯޗް) އަކީ ފުޓްބޯޅައިގެ ދުނިޔޭގައި އައްޑޫ ސިޓީ އިތުރުން މުޅި ދިވެހި ރާއްޖެވެސް ފަޚުރުވެރިވާނެ ކޯޗެކެވެ.

ވަރަށް ކުޑައިރުއްސުރެން ފުޓުބޯޅައަށް ލޯބި އުފެދުނު މަހޭ ވަނީ ދިވެހި ފުޓުބޯޅައަށް ގިނަ އަހަރުތަކެއް ވަންދެން ފާހަގަ ކޮށްލެވޭ ޚިދުމަތްތަކެއް ކޮށްދީފައެވެ. މިހާރު ދިރިއުޅުން އިނގިރޭސިވިލާތަށް ބަދަލުކޮށްފައިވާ މަހޭ އަކީ މަތީ ތައުލީމަށް އިނގިރޭސިވިލާތުގައިވެސް ފުޓުބޯޅަ އަދި ފުޓްސެލްގެ މަސައްކަތް ކުރަމުންދާ ކޯޗެކެވެ.

މަހޭ ވަނީ އައިލެންޑް ފުޓްބޯލް ކްލަބް (އައިއެފްސީ) ގައި ކުޅެ، އޭގެފަހުން ނިއުރޭޑިއެންޓްގައި ދުވަސްތަކެއް ހޭދަކޮށްފައެވެ. އަދި ދެވަނަ ޑިވިޝަނާއި ތިންވަނަ ޑިވިޝަންގައި ބީޖީ ސްޕޯޓްސްގައިވެސް ގިނަ ދުވަސްތަކެއްވަނީ މަހޭވަނީ ކުޅެފައެވެ. މީގެ އިތުރުން 2006، 2007 އަދި 2009 ވަނަ އަހަރުގައި ނެޝަނަލް ފުޓްސެލް ޓީމުގައިވެސް މަހޭވަނީ ކުޅެފައެވެ.

ނަމަވެސް ކެރިއަރު ފަށައިގަތް ދުވަސްވަރު، ޒުވާން އުމުރުގައި ޒަވާޖީ ހަޔާތެއް ފެށުމުން ފުޓްބޯޅައިން މާބޮޑު އާމްދަނީއެއް ނުލިބޭތީ މަހޭ އަށް އޭރު ޖެހުނީ ފުޓުބޯޅަ ކުޅުން މެދުކަނޑާލާށެވެ. ނަމަވެސް އެދުވަސްވަރު އެ ދާއިރާއިން ކިޔަވަން ފެށި ކަމަށް މަހޭ ވަނީ ބުނެފައެވެ. އެއާއެކު މަހޭ ވަނީ އުފަން ރަށް، އައްޑޫ ސިޓީ މަރަދޫގައި ބާއްވާ ގޯދިއްޔާ މުބާރާތުގައި ކުޅެމުންއައިސް، އެއަށްފަހު ފަހުން ކުޅުނު ގޯދިއްޔާ ފުޓްސަލް މުބާރާތުގައި ޒިލޯން ޓީމުގެ ކޯޗެއްގެ ގޮތުގައި މަސައްކަތް ކޮށް، އެޓީމަށް ތަށިކާމިޔާބު ކޮށްދީފައެވެ.

ރާއްޖޭގެ ފާހަގަ ކޮށްލެވޭ ފުޓްބޯޅަ ކޯޗުންނާ އެކުވެސް މަސައްކަތް ކޮށްފައިވާ މަހޭކޯޗްވަނީ ފަހުން ޒަވާޖީ ހަޔާތެއް ފަށައި ދިރިއުޅުން އިނގިރޭސިވިލާތަށް ބަދަލުކޮށްފައެވެ. ޔޫއެފާ ލައިސަންސް އަށް ކިޔަވަން ފެށުނީ އެހިސާބުންނެވެ.

ކޯޗް މަހޭ ބުނިގޮތުގައި ޔޫއެފާ ލައިސަންސް އަށް ކިޔަވަމުންދާތާ މިހާރު ފަސްއަހަރު ވެދާނެއެވެ. އަދި ކިޔަވަމުންދާއިރު އޭނާ މިހާރު މަސައްކަތް ކުރަމުންގެންދަނީ އޭނާ ދިރިއުޅޭ ސިޓީ ދެވަނައަށް އެންމެ ބޮޑު ޔޫތް ޑިވެލޮޕްމަންޓް އެކަޑަމީގައެވެ.

”ޔޫއެފާ ސީ ލައިންސް މިހާރު ވަނީ ލިބިފައި. މިހާރު މިދަނީ ޔޫކޭގައި ދިރިއުޅޭ ސިޓީގެ ކްލަބެއްގައި ރަޖިސްޓަރ ވެގެން ކޯޗެއްގެ ގޮތުގައި މަސައްކަތް ކުރަމުން. މަސައްކަތް މި ކުރަނީ އިނގިރޭސިވިލާތުގެ ދެވަނަ އަށް އެންމެ ބޮޑު އެކަޑަމީ، ޔޫތް ޑިވެލޮޕްމަންޓް އެކަޑަމީގައި.“ ރާއްޖެއިން ބޭރުގައި ފުޓްބޯޅަ ކުރިއެރުވުމަށް ކުރަމުންގެންދާ މަސައްކަތްތައް ހިއްސާ ކުރަމުން މަހޭ ކިޔައިދިނެވެ.



{2023 ވަނަ އަހަރު ބޭއްވި އަންޑަރ 11 ލީގުގެ ޗެމްޕިއަންކަން މަހޭގެ ޓީމަށް}

ރާއްޖޭގައި ފުޓްބޯޅަ ދަސްކޮށްދިނުމުގައި ކުރާ މަސައްކަތާއި އިނގިރޭސިވިލާތުގައި މި މަސައްކަތް ކުރާ ގޮތާވެސް ވަރަށް ތަފާތު ކަމަށް މަހޭ ވަނީ ބުނެފައެވެ. އެގޮތުން މަހޭ ބުނީ ރާއްޖޭގައި ގަވައިދުތަކާއި ޕޮލިސީތައް ހުންނަ ގޮތާއި ޔޫކޭގައި މިކަންކަން އޮންނަ ގޮތާއި ވަރަށް ތަފާތު ކަމަށެވެ.

”ދިވެހިންގެ ތެރޭގައި ބެލެނިވެރިންގެ ބައިވެރިވުން މިކަމުގައި އޮންނަ މިންވަރު ވަރަށް ދަށް. އެގޮތުން ދިވެހި ބެލެނިވެރިން ފުޓްބޯޅަ ފަރިތަކުރުމަށް ކުދިން ގެންދަނީ ސްކޫލަށް ކުދިން ލާ އުސޫލުން އެކަޑަމީ އަށް ގޮސް ގޭޓް ކައިރިޔަށް ކުއްޖާ ލާފަ ދަނީ. މިހެން ހެދުމުން ކޯޗު ވަނީ ކުޅުންތެރިޔާގެ ބެލެނިވެރިޔާއަށް.“ މަހޭ ބުނީ ބެލިނިވެރިންނަށް ކުއްޖާގެ ޑިވެލޮޕްމަންޓު ނޭނގޭ ކަމަށާއި ކުއްޖާއަށް ޕްރެކްޓިސް އަށް ގޮސް ކުރާ ކަމެއްވެސް ނޭނގޭ ކަމަށެވެ.

ރާއްޖެއިން ބޭރުގައި ގިނަ ކުދިންނަށް މި ކުޅިވަރު ދަސްކޮށްދޭން އެންމެ ކޯޗެއް ނުހުންނަ ކަމަށާއި އެއީ ލިބިގެންދާ ވަރަށްބޮޑު ފަސޭހައެއް ކަމަށް މަހޭ ވަނީ ބުނެފައެވެ. ނަމަވެސް ރާއްޖޭގައި މިކަން އޮންނަނީ މުޅިން ތަފާތުކޮށްކަން ފާހަގަ ކުރަމުން މަހޭ ބުނީ ބައެއް އެކަޑަމީތަކުގައި 20 އަށްވުރެ ގިނަ ކުދިންވެސް އެންމެ ކޯޗަކު ބަލަން ޖެހުމުން ކުދިންނަށް ދޭންޖެހޭ ސަމާލުކަން ފުރިހަމައަށް ނުދެވޭ ކަމަށެވެ.



މީސްމީޑިޔާގެ އެކި ޕްލެޓްފޯމުތައް މެދުވެރިކޮށް މަހޭ ދަނީ ދިވެހި ކޯޗުންނާއި ކުޅުންތެރިންނަށް އަދި ބެލެނިވެރިންނަށްވެސް ފުޓްބޯޅައާއި ގުޅޭ ގިނަ މައުލޫމާތުތަކެއް ދެމުންނެވެ. އަދި ފުޓްބޯޅައާއި ގުޅޭގޮތުން ސުވާލެއް އޮތްނަމަ ފޭސްބުކް މެދުވެރިކޮށް މަހޭއަށް ސުވާލު ކުރުމުން އެ ސުވާލަކަށް ވީވަރަކުން ޖަވާބު ދެމުންގެންދާނެ ކަމަށްވެސް މަހޭ ވަނީ ބުނެފައެވެ.

ދާދިފަހުން މަހޭ އައްޑޫއަށް ކުރި ދަތުރުގައި އޭނާ ވަނީ އައްޑޫގައި ހިންގާ ފުޓްބޯޅަ އެކަޑަމީތަކަށް ޒިޔާރަތްކޮށް ފުޓްބޯޅައާއި ގުޅޭގޮތުން ހާއްސަ ސެޝަންތަކެއްވެސް ނަގާދީފައެވެ. އަދި އައްޑޫގެ ސްކޫލްތަކުން އެދިގެންވެސް ގިނަ ސްކޫލްތަކަށް ޒިޔާރަތްކޮށް މަހޭގެ ސެސަޝްތައް ކުރިޔަށް ގެންގޮސްފައިވާކަމަށް އޭނާ ބުންޏެވެ.

އައްޑޫގެ އިތުރުން ރާއްޖޭގެ އެހެން ހިސާބުތަކުންވެސް މަހޭއަށް ފުޓްބޯޅަ އާއި ގުޅޭގޮތުން ސެޝަންތައް ނަގައިދިނުމަށް ރިކުއެސްޓް ލިބެމުންދާކަމަށް އޭނާ ވަނީ ބުނެފައެވެ. އައްޑޫއަށް ޗުއްޓީއަށް ކުރި ދަތުރު ނިންމާލުމަށް ފަހު މަހޭ އެނބުރި ޔޫކޭ އަށް ގޮސްފައިވާއިރު މަހޭ ބުނީ އަދިވެސް ރާއްޖެ އަންނާނެ ކަމަށާއި ކުރިޔާލާ އެކަން ފޭސްބުކް މެދުވެރިކޮށް އަންގާނެ ކަމަށެވެ. އަދި ދެން އަންނަ ފަހަރަކު ޕްލޭންތައް ހަދައި ވީހާވެސް ގިނަ ސްކޫލްތަކަށް އަދި ރާއްޖޭގެ އެކި ހިސާބުތަކަށް ގޮސް މި ދާއިރާއާއި ގުޅޭގޮތުން ސެސަޝްންތައް ނެގުމަށް ވިސްނާފައިވާ ކަމަށެވެ.

ގައުމުން ބޭރުގައި ހުރެގެންވެސް ގައުމަށް އެހީތެރިވުމަށް މަހޭ ކުރަމުންދާ މަސައްކަތް އަދި އެއްވެސް ބަޔަކު ފާހަގަ ނުކުރާކަން ފާހަގަ ކުރެވެއެވެ. އަދި މިއަދާ ހަމައަށްވެސް ރާއްޖޭގެ އެއްވެސް ނޫހެއްގައިވެސް އަދި ކުޅިވަރު ހަބަރެއްގައިވެސް މަހޭގެ މި ބުރަ އަދި މުހިންމު މަސައްކަތުގެ ވާހަކަ ގެނެސްދީފައި ނުވާކަން ހިތާމައާއެކު ފާހަގަ ކުރެވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން