މަރްޔަމް ނަހްދާ ވަޙީދު   27 އޮކްޓޯބަރު 2024 - 5:39
ސިނގިރޭޓު އަދި ވޭޕަކީ ހަށިގަނޑަށް ގެއްލުން ހުރި މާއްދާތަކެއް- ގޫގުލް އިމޭޖެސް
ސިނގިރޭޓު އަދި ވޭޕަކީ ހަށިގަނޑަށް ގެއްލުން ހުރި މާއްދާތަކެއް- ގޫގުލް އިމޭޖެސް
ޒަމާން ބަދަލުވެ އަޅުގަނޑުމެން ކުރިއަށްވުރެ ބޮޑަށް ބޭރު ގައުމުތަކާ ގުޅި ލާމެހިފައިވާއިރު، ބޭރު ގައުމުތަކުގެ މީހުންގެ ގޮތްތަކާއި އުސޫލުތައް ނަކަލު ކުރުމަކީ ދިވެހިން ވަރަށް ފޯރީގައި ކުރަމުން އަންނަ ކަމެކެވެ. އެގޮތުން ބަލާއިރު، ދުންފަތުގެ އިސްތިއުމާލު ކުރާ މީހުން މުޖްތަމައުގައި ގިނަވެ، ޒަމާނީ ވަސީލަތްތައް ބޭނުން ކޮށްގެން މިކަންތައް ކުރަމުންދާ މީހުންވެސް ދަނީ ދުވަހުން ދުވަހަށް އިތުރުވަމުންނެވެ. އަޅުގަނޑުމެންގެ ކާބަފައިންގެ ގޮތްތައް ދޫކޮށް މޮޅު ގޮތްތައް ހޯދުމަށްޓަކައި މިހާރު ގިނަ މީހުން ސިނގިރޭޓާއި ބިޑީގެ ބަދަލުގައި ބޭނުން ކޮށް އުޅޭ އެކައްޗަކީ ވޭޕު ނުވަތަ އީ-ސިނގިރޭޓެވެ. އޭގެއިތުރުން ކުރިން ބޭނުންކުރި ގުޑުގުޑާ ތަރައްގީވެ ޝީޝާއަށް ބަދަލުވިއިރު ދުވަހަކު ބިޑިއެއް، ސިގިރޭޓެއް ނުބޯ ޒުވާނުންވެސް މިއަދު ޝީޝާގެ ނޮޅީގައި އަނގަޖަހާނުލާ ދޫކޮށެއް ނުލައެވެ. އެވެސް އެކުދިންނަށް ވަރަށް ކޫލް ސަޅިއެއްޗެކެވެ.

އީ ސިނގިރޭޓުގެ ތަފާތު އެކި ވައްތަތުތައް އަޅުގަނޑުމެންގެ ތެރޭގަައި މިހާރު އާންމުވެފައިވާއިރު އޭގެ ތެރޭގައި ޝީޝާ އާއި ތަފާތު އެކި ފްލޭވާތަކުގެ ވޭޕު ފަދަ ތަކެތި ހިމެނެއެވެ. ވޭޕަކީ އޭގައި ދުންފަތް އެކުލެވޭ އެއްޗަކަށް ނުވީނަމަވެސް މި ބޭނުން ކުރުމަކީވެސް ސިނގިރޭޓު ބުއިމުން ލިބޭ ބައެއް ކަހަލަ އަރާމުތައް ލިބޭ އެއްޗެއް ކަމަށް ވެއެވެ. ވޭޕާއި ޝީޝާ ފަދަ އެއްޗެހި ދުން އެރުވުމަށް ބޭނުން ކުރާއިރު، މިއީ ވެސް ސިނގިރޭޓު ފަދައިން މީހުން ފަސޭހަކަމާއެކި ދެވިހިފާ އާލާތްތަކެކެވެ.

ވޭޕު ކުރުން މުޖްތަމައުގައި އޮބި ނޯންނަ ވަރަށް މިހާރު އާންމު ވެފައިވާއިރު، މި ބޭނުން ކުރާ ކުޑަ ކުދިންގެ އަދަދުވެސް އިންތިހާއަށް ވަނީ ގިނަ ވެފައެވެ. މުޖްތަމައުން މިއަދު ފެންނަ އެންމެ ނޭދެވޭ އެއް ކަމަކީ ދަރިން މައިންބަފައިންގެ ކުރިމަތީގައި މި ބޭނުން ކުރަމުންދާތަނާއި، ބައެއް ކުދިން ސްކޫލުތަކުގައިވެސް އެއްވެސް ޖެހިލުމެއްނެތި މިކަން ކުރަމުންދާތަނެވެ. ގިނަ މީހުން ވޭޕު ބޭނުން ކުރަނީ މިއީ ސިނގިރޭޓުގެ ބަދަލުގައި ބޭނުން ކުރެވިދާނެ ފައިދާހުރި އެއްޗެއް ކަމަށް ދެކޭތީއެވެ. ނަމަވެސް މިއީ ހަމަ ހަށިގަނޑަށް ގެއްލުންހުރި، އިންސާނާ ހަލާކުގެ ތެރެއަށް ވައްޓާލާ އެއްޗެއް ކަމަށް ބުނުމަކީ ދޮގަކަށް ނުވާނެއެވެ.

ނަމަވެސް މިތާގައި މިހާރު ގިނަ ބަޔަކު އުފައްދާ ސުވާލަކީ ވޭޕް މަނާކޮށްފައި ސިނގިރޭޓް އަގު ބޮޑުކުރުމަކީ މިކަމަށް އޮތް ހައްލަކަށް ވެދާނެކަމާއިމެދު އުފައްދާ ސުވާލެވެ. ޑްރަގް އެތެރެކުރުމާ ބޭނުން ކުރުމަކީ އަދަބު ލިބޭ ބޮޑު ކުށެކެވެ. އެކަމަކު ރާއްޖޭގައި އުމުރުން އެންމެ ނުވަ އަހަރުގައި ޑްރަގް ބޭނުން ކުރަންފަށާކަން މިއީ ހަގީގަތެވެ. ވޭޕް ނޫނަސް ސްކޫލްތަކުގައި ވެސް ޑްރަގާއި ސިގިރެޓް ވެސް ބޮއެވެ. މި ސުވާލު އުފައްދަނީ ވޭޕް މަނާ ކުރުމުން ސިނގިރެޓަށް އެނބުރޭ ކުދިންނާއި ޒުވާނުން ގިނަވެއްޖެއްޔާ ފިޔަވަޅުގެ ނަތީޖާ އެނބުރިދާނެތީއެވެ. އެހެންވެއްޖެނަމަ ސިނގިރޭޓާއި ދުންފަތުގެ ބާވަތްތަކަށް އޮތް ޑިމާންޑް ބޮޑުވެ އެވިއްކާމީހުންގެ ވިޔަފާރި ފުޅާވެ މަހުޖަނުންނަށް ވުމަކީ ޔަގީނުންވެސް ނުވެނުދާނެ ކަމެކެވެ.

އެއްޗެއް އަގުބޮޑުކޮށްގެން ރާއްޖޭގައި އެއްޗެއް ބޭނުން ކުރާ މިންވަރު މަދުކުރެވިދާނެ ކަމަށް ހީކުރުމަކީ ނުވަތަ ބެލުމަކީ އެހާ ފައްސި ކަމެއް ނޫނެވެ. އެފަދަ ދިރާސާއެއްވެސް ކުރެވިފައެއް ނެތެވެ. އަގުބޮޑު ކުރުމާއެކު މިހާރު ހެދިފައި ހުރި ގާނޫނުތަކާއި ގަވާއިދުތައް އަދިވެސް ހަރުކަށިކޮށް ތަންފީޒު ކޮށްގެން ނަތީޖާ ފައްސިވުމުގެ ފުރުސަތު މާބަޑުވާނެ ކަމަށް ގަބޫލުކުރާމީހުންވެސް މަދެއް ނޫނެވެ.

ސިނގިރޭޓު އަދި ވޭޕަށް މީހުން އެޑިކްޓު ވަނީ ކީއްވެ؟

ސިނގިރޭޓު އަދި ވޭޕަކީވެސް ނިކޮޓީން ބޭނުން ކޮށްގެން އުފައްދާފައިވާ ތަކެތި ކަމަށް ވީއިރު، ނިކޮޓިން އަކީ މީހުން އެއަށް ދެވިހިފާފަދަ ޑްރަގެކެވެ. ނޭޝަނަލް އިންސްޓިޓިއުޓު އޮފް ޑްރަގް އެބިއުސް (އެންއައިޑީއޭ) އިން ބުނާ ގޮތުގައި ކޮންމެ އަހަރަކުވެސް ސިނގިރޭޓު އަދި ވޭޕު ބޭނުން ކުރާ ފަރާތްތަކުގެ ތެރެއިން ދެބައިކުޅަ އެއްބައި މީހުން އެކަން ހުއްޓާލަން މަސައްކަތް ކުރެއެވެ. ނަމަވެސް މިކަން ކާމިޔާބު ކުރެވެނީ އޭގެތެރެއިން ހަ އިންސައްތަ މީހުންނަށެވެ.

މިތަކެތި އުފެއްދުމުގައި ނިކޮޓީން ބޭނުން ކުރިނަމަވެސް، އެ ބޭނުން ކުރާ ނިކޮޓީން ގައި ކޮންމެވެސް ވަރެއްގެ ތަފާތެއް ވެއެވެ. ސިނގިރޭޓު އުފެއްދުމަށް ބޭނުން ކުރާ ނިކޮޓިން އަކީ ޓޮބެކޯ ގަހުން ލިބޭ އެއްޗަކަށްވީއިރު، ވޭޕު އުފެއްދުމުގައި ބޭނުން ކުރަނީ ސިންތެޓިކު (ލެބު ތަކުގައި އުފައްދާފައިވާ) ނިކޮޓިން އެވެ. ނިކޮޓިން އަކީ ވަރަށް މީހާ ދެވިހިފާ އެއްޗަކަށް ވުމުގެ ސަބަބުން ކޮންމެ ގޮތަކަށް މި އުފެއްދި ކަމުގައި ވީނަމަވެސް، މި އަޅާފައި ހުންނަ އެއްޗެއް ބޭނުން ކުރާނަމަ އެއަށް މީހާ ދެވިހިފާނެއެވެ.

ސިނގިރޭޓު އަދި ވޭޕު ބޭނުން ކުރުމުން ސިއްހަތަށް ކުރާ އަސަރު:

ސިނގިރޭޓަކީ އޭގައި ދުންފަތާއި ސިއްހަތަށް ގެއްލުންހުރި އެތައް މާއްދާތަކެއް އެކުލެވޭ އެއްޗަކަށްވީއިރު، މިއީ ވަރަށް ފަސޭހަކަމާއެކި ދެވިހިފާ އެއްޗެއް ވެސްމެއެވެ. ސިނގިރޭޓު ބޯ މީހުންނަށް ދިމާވާ ސިއްހީ މައްސަލަތަކުގެ ސަބަބުން ކޮންމެ އަހަރެއްގެ މައްޗަށް އެތައް ބަޔަކު ދަނީ މަރުވަމުންނެވެ. މިއީ 7000 އަށްވުރެ ގިނަ ކެމިކަލް އެކުލެވޭ އެއްޗަކަށްވީއިރު، އޭގެ ތެރޭގައި 70 އަށްވުރެ ގިނަ މާއްދާއިން ކެންސަރު ބަލި ޖެހުމަށް މަގުފަހިވެއެވެ.

ސިނގިރޭޓު ދުމުގެ ސަބަބުން އެ ބޯމީހާގެ އިތުރުން ކައިރީގައި ވަށަައިގެންވާ މީހުންނަށްވެސް އޭގެ ނުރައްކާވެއެވެ. ސެކަންޑު ހޭންޑު ސްމޯކު (ވައިގެ ތެރެއަށް ދޫކޮށްލެވޭ ސިނގިރޭޓު ދުން) ގެ ސަބަބުން ސިނގިރޭޓު ނުބޯ މީހުންނަށް އަސަރުކޮށް ކޮންމެ އަހަރެއްގެ މައްޗަށް 50000 އަށްވުރެ ގިނަ މީހުން މަރުވާ ކަމަށް ދިރާސާތަކުން ދައްކައެވެ.

ތިރީގައި މި ހިމަނާލަނީ ސިނގިރޭޓު ބުއިމުގެ ސަބަބުން ދިމާވާ ބައެއް ސިއްހީ މައްސަލަތަކެވެ.



⁃ ބްރޮންކައިޓިސް: މިއީ ފުއްޕާމޭގައި ހުންނަ ބްރޮންކައިއޮލްތައް ދުޅަވުމުގެ ސަބަބުން ދިމާވާ ހާލަތެކެވެ. މި ބަލި ޖެހިފައިވާ މީހާ ވަރަށް ބޮޑަށް ކެއްސާއިރު، މި ބަލީގެ އެންމެ ފުރަތަމަ އަލާމާތްތަކުގެ ތެރޭގައި ނޭވާލާ ނިޒާމަށް ޖެހޭ އިންފެކްޝަންތައް ހިމެނެއެވެ. މި ބަލި ޖެހިފައިވާ މީހާގެ ކިބައިން ފެންނަ ބައެއް އަލާމާތްތަކުގެ ތެރޭގައި ކެއްސާއިރު ދަވަ ބޭރުވުމާއި، ނޭވާ ކުރުވުމާއި މޭމައްޗަށް ތަދުވުން ހިމެނެއެވެ.

⁃ ހިތުގެ ބަލިތައް: ސިނގިރޭޓު ދުން އެތެރެހައްޓަށް ދިއުމުގެ ސަބަބުން ލޭނާރު (ކޮރޯނަރީ އާޓަރީ) ތަކުގައި ޕްލޭގު އުފެދި އޭގެ ސަބަބުން ލޭދައުރުވުމުގެ ނިޒާމަށް ބަދަލު އާދެއެެވެ. އަދި ހިތަށް ބޭނުންވާ ވަރަށް ލޭ ފޯރުކޮށް ނުދެވުމުގެ ސަބަބުން ހާޓް އެޓޭކު ފަދަ ހާލަތްތައް މެދުވެރިވެއެވެ.

⁃ އެންފަސީމާ: މިއީ ފުއްޕާމޭގައި ހުންނަ އެލްވިއޮލައިތައް ހަލާކުވުމުގެ ސަބަބުން ދިމާވާ މައްސަލައެކެެވެ. އަދި މިކަމުގެ ސަބަބުން ލޭގެ ތެރެއަށް އޮކްސިޖަން ފޯރުވާވަރު މަދުވެ، އޭގެ ސަބަބުން މީހާއަށްނޭވާލާން އުނދަގޫވެއެވެ.

⁃ ދަރިން ލިބުމުގެ މައްސަލަ: ސިނގިރޭޓު ބުއިމުގެ ސަބަބުން ފިރިހެނުންގެ ދަރިފަނީގެ ޑީއެންއޭ އަށް ބަދަލުތަކެއް އައިސް އޭގެ ސަބަބުން ދަރިފަނީގެ ކޮލިޓީ ދައްވެއެވެ. އަދި ސިނގިރޭޓު ބުއިމުން އަންހެނުންގެ މައްސަރު ކަންތަކަށް ބުރޫ އަރައި، ސައިކަލް ތައް ކުޑަވެ އެނޯއޮވިއުލޭޝަން އިތުރުވެއެވެ. އަދި މިކަމުގެ ސަބަބުން ދަރިން ހޯދުމަށް އުނދަގޫވެއެވެ.



⁃ ސްޓްރޯކު: ސިނގިރޭޓު ބުއިމުގެ ސަބަބުން ލޭގެ ޕްރެޝަރު އިތުރުވެ، ލޭގައި އޮކްސިޖެން ހުންނަ ވަރު ދައްކޮށްދެއެވެ. އަދި އޭގެ ސަބަބުން ސްޓްރޯކު ޖެހުމަށް މެދުވެރިވެއެވެ.



⁃ ދިފާއީ ނިޒާމު ބަލިކަށިވުން: ސިނގިރޭޓު ދުމުގެ ސަބަބުން ހަށިގަނޑުގައި ހުންނަ ނިއުޓްރޮފީލްތަކުގެ މަސައްކަތަށް ބުރޫ އަރައި އޭގެ ސަބަބުން ބަލިތަކާ ދެކޮޅަށް ހަނގުރާމަ ކުރުމަށް ދަތިތަކެއް ކުރިމަތިވެއެވެ.

ވޭޕަކީ ސިނގިރޭޓުގެ ބަދަލުގައި ބޭނުން ކުރެވިދާނެ ފައިދާހުރި އެއްޗެއް ކަމުގައި ބައެއް މީހުން ދެކޭ ކަމުގައި ވީނަމަވެސް، މި ބޭނުން ކުރުމުންވެސް ހަށިގަނޑަށް ވަރަށް ގިނަ ގެއްލުން ލިބެއެވެ. ސާޖަން ޖެނެރަލްސް ވެބްސައިޓުގައި ބުނާ ގޮތުގައި ވޭޕުން އާވި ( ވޯޓާ ވޭޕާ) ބޭރު ނުވިކަމުގައި ވީނަމަވެސް، އެ ތައްޔާރު ކުރުމުގައި ބޭނުން ކުރާ ކެމިކަލްތަކާއި، ފްލެވެނޮއިޑުތަކަކީ ހަށިގަނޑަށް ވަރަށް ގެއްލުން ހުރި މާއްދާތަކެކެވެ.

މި ބޭނުން ކުރުމުން ދިމާވާ ދިގުދެމިގެންދާ ސިއްހީ މައްސަލަތައް ހޯދުމަށް ދިރާސާވެރިން ދަނީ ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ. އެގޮތުން ބަލާއިރު އެންމެ ފަހުގެ ހޯދުންތަކުން އެނގޭ ގޮތުގައި ވޭޕު އުފެއްދުމުގައި ކެންސަރު ބަލި ޖެހުމަށް މެދުވެރިވާ މާއްދާތަކެއް ހިމެނިފައިވާތީ މިއީ ކެންސަރު ބައްޔަށް މަގުފަހި ކޮށްދޭ އެއްޗެކެވެ. އަދި މި ތައްޔާރު ކުރުމުގައި ތަފާތު އެކިކަހަލަ ދަގަނޑުގެ ބާވަތްތައް އެކުލެވިފައިވާތީ މި ބޭނުން ކުރުމުން ފުއްޕާމެއަށްވެސް ވަރަށް ގެއްލުންވެއެވެ. އަދި މީގެ އިތުރުން މިއީ ދިފާއީ ނިޒާމުވެސް ވަރަށް ބޮޑަށް ބަލިކަށިކޮށްލާ އެއްޗެއްކަމަށް ފަހުގެ ހޯދުންތަކުން އެނގެއެވެ.

ތިރީގައި މި ހިމަނާލަނީ ވޭޕް ބޭނުން ކުރުމުން ކުރު މުއްދަތަކަށް ދިމާވާ ބައެއް މައްސަލަތަކެވެ.

⁃ އެންޒައިޓީ އަދި ޑިޕްރެޝަން: ވޭޕަކީ ނިކޮޓީން ހިމެނޭ އެއްޗަކަށްވުމުން، ވޭޕް ބޭނުން ކުރާނަމަ ހަށިގަނޑުގައި ހަކަތަ ހުންނަ މިންވަރު ބަދަލުވެ، މީހާގެ އުޅުމަށާއި މޫޑަށް ބޮޑެތި ބަދަލުތަކެއް އާދެއެވެ. އަދި އޭގެ ސަބަބުން އެންޒައިޓީ އާއި ޑިޕްރެޝަން ފަދަ މައްސަލަތައް ކުރިމަތިވެއެވެ.

⁃ ސަމާލުކަން ދެވޭ މިންވަރު ކުޑަވުން: ވޭޕު ބޭނުން ކުރުމުން ޖަޒުބާތުތަކަށް ބަދަލު އައިސް އޭގެ ސަބަބުން ކަންކަމަށް ސަމާލުކަން ދެވޭ މިންވަތު ކުޑަވެއެވެ.

ދުންފަތުގެ އިސްތައުމާލު ކުރުމަކީ ނުރައްކަލެއްކަން އެންމެންނަށްވެސް އެނގެއެވެ. އެތަކެތި ވިއްކާ ފަރާތްތަކުންވެސް އެ އިސްތިހާރު ކުރާއިރު އޭގެ ނުރައްކާ ހާމަކުރެއެވެ. ނަމަވެސް މިހާރު މި ފެންނަނީ ދުންފަތުގެ ބަދަލުގައި ޒަމާނަށް ފެތޭ ވޭޕު ބޭނުން ކުރާ މީހުން މުޖްތަމައުގައި ގިނަ ވާތަނެވެ. ކުދި ބޮޑު އެންމެން ވޭޕް ކުރުމަށް ދެވި ހިފާފައިވާ ތަނެވެ.

ވޭޕްގެ އެކި ފްލޭވަރު ވިއްކަން ހުންނަ އިރު އެއިން ދުވާ މީރު ވަހުން އެންމެނަށްވެސް ހީވާނީ ދުންފަތުގެ ބަދަލުގައި ބޭނުން ކުރުން އެންމެ ރަނގަޅު އެއްޗަކީ ވޭޕު ކަމަށެވެ. ނުވަތަ ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލުމަށް އޮތް މަގަކީ ވޭޕު ބޭނުންކުރުން ކަމަށެވެ. މިހެން ހީ ނުވާންވީ ސަބަބެއްވެސް ނެތެވެ. މި ވިއްކާ ބައެއް މީހުން މީތި އިސްތިހާރުކޮށްފައި ހުންނަނީ، ސިނގިރޭޓާ ދުރުވާން އޮތް "އަލްޓަނޭޓިވް" ނުވަތަ ބަދަލެއްގެ ގޮތުގައެވެ. ނަމަވެސް ސިނގިރޭޓުން ދުވާ ނުބައި ވަސް ނުދުވިއެއް ކަމަކު، ވޭޕަކީވެސް ސިނގިރޭޓެކޭ އެއްފަދައިން ސިއްޙަތަށް ގެއްލުންހުރި އެއްޗެއް ކަމަށް ދިރާސާތަކުން ވަނީ ދައްކައިފައެވެ.

އެގޮތުން ބަލާއިރު އެމެރިކަން ކޮލެޖު އޮފް ކާޑިއޮލޮޖީ އިން ކުރި ދިރާސާއަކުން އެނގޭ ގޮތުގައި ވޭޕް ބޯ މީހުންގެ ހިތް ފެއިލް ވުމުގެ ފުރުސަތު، އެ ނުބޯ މީހުންނަށްވުރެ 20 އިންސައްތަ މަތީގައި އުޅެއެވެ. މިއީ އަޅުގަނޑުމެން އެންމެންވެސް ވިސްނާލަން ޖެހޭ އިންޒާރެކެވެ. ހާއްސަކޮށް ޒުވާނުން މިކަމާމެދު ފުންކޮށް ވިސްނާލަން ޖެހެއެވެ. ރަނގަޅު ސިއްޙަތުގައި ތިބޭ ޒުވާނުން ކުއްލިއަކަށް މަރުވާ ވާހަކަ އިވޭ މިންވަރު އިތުރުވެފައިވާ އިރު، އެއީ ކީއްވެގެން ވާ ކަމެއްތޯ ބަލަން އެކަމާމެދު ފުންކޮށް ވިސްނަން އެބަ ޖެހެއެވެ. ޕެސިވް ސްމޯކިން އަށް ނަޒަރު ހިންގާލަން އެބަ ޖެހެއެވެ.

މީހުން އެއްވެ އުޅޭ ތަންތާގައި ވޭޕު ކުރުން އާންމު ވެފައިވާއިރު މިކަން މިހެން ކުރާ ކުޑަކުދިންވެސް މި މުޖްތަމައުގައި އިންތިހާއަށް ގިނައެވެ. އެކުދިން މި އާދަ ގެންގުޅެނީ އެއީ "ކޫލް" ކަމެއް ކަމުގައި ދެކޭތީއެވެ. ނަމަވެސް މިކަމަށް ބެލެނިވެރިން އިތުރަށް ސަމާލުވާން މިވަނީ ޖެހިފައެވެ. ވޭޕަކީ އޭގެ ޒާތުގައި އިންތިހާއަށް ނުރައްކާ އެއްޗަކަށް ވާއިރު، އޭގެ މައްޗަށް ވޭޕްގެ ފްލޭވާތަކުގެ ތެރޭގައި މަސްތުވާ ފްލޭވާވެސް މިހާރު ވިއްކަމުންދާކަމަށް ވަރަށް ގިނަ ރިޕޯޓު ތަކުގައި ވެއެވެ. އެގޮތުން ރާއްޖެ އަށް އެތެރެކޮށްގެން އެންމެ ގަދަ އަށް ވިއްކަމުން ދަނީ ކެނަބިޑިއޯލް (ސީބީޑީ) އާއި ޓެޓްރަހައިޑްރޯ ކެނަބިނޯލް (ޓީއެޗްސީ) ގެ ވޭޕް ފްލޭވާ ކަން ވަނީ ހާމަވެފައެވެ. 

މަސްތުވާ ވޭޕް ފްލޭވާ ރާއްޖޭގައި ވިއްކުން މިއީ ބަޔަކު މީހުން ޓެލެގްރާމް ޗެނަލްތައް މެދުވެރިކޮށް ފުޅާ ދާއިރާއެއްގައި ކުރަމުންދާ ވިޔަފާރިއެކެވެ. މިކަމުގެ ޝިކާރައަކަށްވާ ކުޑަކުދިން ދަނީ ދުވަހުން ދުވަހަށް އިތުރު ވަމުންނެވެ. ކޫލް ވުމުގެ ބޭނުމުގައި އަޅާ އެންމެ ފިޔަވަޅެއްގެ ސަބަބުން އެކުދިންގެ މުޅި މުސްތަގުބަލު މިދަނީ ބަނަ ވެގެންނެވެ.

ވޭޕުގެ ނުރައްކާ ބޮޑު ކަމުން މިދިޔަ އަހަރު ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) އިން ވަނީ އީ-ސިނގިރޭޓު ނުވަތަ ވޭޕަކީ ދުންފަތް ފަދަ ނުރައްކާތެރި އެއްޗެއް ކަމުގައި ދެކި، އެ ބޭން ނުވަތަ މަނާ ކުރުމަށް މުޅި ދުނިޔެއަށް ގޮވާލާފައެވެ. އެގޮތުން ދުނިޔޭގެ ކުރިއަރާފައިވާ ބައެއް ގައުމުތަކުން ވަނީ ވޭޕް ބޭނުން ކުރުން މަނާވެސް ކޮށްފައެވެ. އޭގެ ތެރޭގައި ބްރެޒިލް، އިންޑިއާ، އިރާން އަދި ތައިލެންޑު ހިމެނެއެވެ. ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ގައުމުތަކުގެ ތެރެއިން އެމެރިކާ އަދި ޗައިނާއިން ވޭޕު ބޭނުން ކުރުމުގެ ހުއްދަ ދީފައިވީނަމަވެސް، އެކަން ކުރަން ވަކި ހައްދުތަކެއް ކަނޑައަޅާފައިވާ ކަމަށް ޑަބްލިއުއެޗްއޯގެ ރިޕޯޓެއްގައި ވެއެވެ. ރާއްޖެއިންވެސް މިހާރު ވަނީ އަންނަ މަހު 15 އިން ފެށިގެން ވޭޕު ބޭނުން ކުރުމާއި ވޭޕުގެ ވިޔަފާރިކުރުން މަނާކޮށްފައެވެ.

ވޭޕު މަނާ ކުރަން ދިވެހި ސަރުކާރުން ނިންމި ނިންމުމާއެކުވެސް މިއަށް ދެވިހިފާފައި ތިބި މީހުން މި މުޖްތަމައުގައި ގިނަ ވަރު ފާހަގަ ވެގެން ގޮއްސިއެވެ. އެތައް ބަޔަކު މި ނިންމުމާ ދެކޮޅަށް އަޑު އުފުލަމުން ދާއިރު، މީސް މީޑިއާގައި ރައީސްގެ މި ނިންމުމަށް އެއްޗެހި ކިޔާ މީހުންވެސް މަދެއް ނޫނެވެ. އޭގެ ތެރޭގައި ކުޑަ ކުދިންނާއި، އަންހެނުންނާއި ޒުވާނުންވެސް ހިމެނެއެވެ. ސިނގިރޭޓު މާނާ ނުކޮށް ވޭޕު މަނާ ކުރަންވީ ސަބަބާމެދު ސުވާލު އުފައްދާ މީހުންވެސް މަދެއް ނޫނެވެ. މިއިންވެސް ވޭޕަށް ދެވިހިފާފައިވާ މީހުން މުޖްތަމައުގައި އިންތިހާއަށް ގިނަ ކަން އެނގިގެން ދެއެވެ.

ވަގުތީ އުފާ ހޯދުމުގެ ބޭނުމުގައި ކަމުގައި ވީނަމަވެސް، ނުވަތަ "ކޫލް" ވުމުގެ ނިޔަތުގައި ނަމަވެސް، ދުންފަތުގެ އިސްތިއުމާލު ކުރުމުންނާއި ވޭޕުން އަރުވާ ދުމާހެދި ފަހުން ހިތާމަ ކުރަން ޖެހިދާނެއެވެ. އެ ބޭރުވާ ދުމުން މުޅި މުޖްތަމައުގެ އެންމެނަށް އަސަރު ކުރާއިރު، އެކަމާމެދު ފުންކޮށް ވިސްނާލަން ޖެހެއެވެ. ސަރުކާރާއި ގާނޫނު ހަދާ ފަރާތްތަކާ ދެކޮޅަށް އަޑުއުފުލުމުގެ ބަދަލުގައި ދުންފަތާއި ވޭޕުގެ ނުރައްކަލާމެދު ހޭލުންތެރިވާން ޖެހެއެވެ. ދުންފަތުންނާއި ވޭޕުން ބޭރު ކުރާ ދުމުގެ ސަބަބުން އަޅުގަނޑުމެން ދިރިއުޅޭ މާހައުލުގެ ވައި ނުސާފުވާއިރު މިކަމާމެދު ފުންކޮށް ވިސްނައި ފަރުދީ ޒިންމާ އަދާކުރަން ޖެހެއެވެ. ވޭޕާއި ދުންފަތުގެ އަވައިގައި ޖެހިގެން ޖީލެއް ހަލާކުވަމުންދާއިރު، އެންމެން ހޭލުންތެރިވެތިބެ މިކަން ހުއްޓުވަން ޖެހެއެވެ.

މަސްދަރު: ސްޓޮޕްސްވިތުމީ.ކޮމް، ހެލްތުލައިން، ޔޫއައިއެޗްސީ.އޯއާރްޖީ، ޑަބްލިއުއެޗްއޯ



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން