ސްޓޭޓް ޓްރޭޑިންގ ކޮންޕެނީ ލިމިޓެޑް (އެސްޓީއޯ)ގެ 2024 ވަނަ އަހަރުގެ ތިންވަނަ ކުއާޓަރގެ ޖުމްލަ އާމްދަނީގެ ގޮތުގައި 3.6 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އެ ކުއާޓާރ ގެ ރިޕޯޓުން ހާމަވެއްޖެއެވެ.

ތިންވަނަ ކުއާޓަރަށް 3.6 ބިލިއަން ރުފިޔާ ލިބިފައިވާއިރު މިއީ މީގެ ކުރީ ކުއާޓަރާއި އަޅާ ބަލައިއިރު ތިނެއް އިންސައްތައިގެ ކުރިއެރުމެކެވެ. އެސްޓީއޯގެ ޖުމްލަ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ކުންފުނިން ކުރަމުންގެންދާ ވިޔަފާރި ރަނގަޅު ވެފައިވުމެވެ.

އާމްދަނީ އިތުރުވުމާއެކު އެ ކުންފުނީގެ ޖުމްލަ ފައިދާގެ ގޮތުގައި ވަނީ 592 މިލިއަން ރުފިޔާ ލިބިފައެވެ. މިއީ މީގެ ކުރީ ކުއާޓާރ އާއި އަޅާ ބަލައިއިރު 15 އިންސައްތައިގެ ކުރިއެރުމެކެވެ.

ކުންފުނީގެ ޕްރޮވިޝަންސް އިތުރުވުމާއިއެކު ކުންފުނީގެ ހަރަދު އިތުރުވިއެވެ. ނަމަވެސް އެ ކުންފުނީގެ ޖުމްލަ ފައިދާ އިތުރުވެ މިކުއާޓަރގެ ހިންގުމުގެ ފައިދާގެ ގޮތުގައި ވަނީ 251 މިލިއަން ރުފިޔާ ލިބިފައެވެ. މިއީ މީގެ ކުރީ ކުއާޓަރއާއި އަޅާ ބަލައި 23 އިންސައްތައިގެ ކުރިއެރުމެކެވެ.

ޓެކުހަށް ކެނޑުމުގެ ކުރިން މިކުއާޓަރގެ ސާފު ފައިދާއަކީ 198 މިލިއަން ރުފިޔާ ކަމަށް އެސްޓީއޯއިން ބުނެއެވެ. އަދި މިއީ މީގެ ކުރީ ކުއާޓަރއާއި އަޅާބަލައިއިރު 12 އިންސައްތައިގެ ކުރިއެރުމެކެވެ. އަދި ޓެކުހަށް ކެނޑުމަށްފަހު، މި ކުއާޓަރގެ ސާފުފައިދާގެ ގޮތުގައި އެސްޓީއޯ އަށް ވަނީ 156 މިލިއަން ރުފިޔާ ލިބިފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން