ސޮއިކުރުުމުގެ ރަސްމިއްޔާތުގެ ތެރެއިން
ސޮއިކުރުުމުގެ ރަސްމިއްޔާތުގެ ތެރެއިން
ސިންގަޕޫރު ކުންފުންޏަކުން އިހަވަންދިއްޕޮޅަށް 100 މިލިއަން ޑޮލަރުގެ އިންވެސްޓުމެންޓު ގެނައުމުގެ ފްރޭމްވޯކް އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މި ފްރޭމްވޯކް އެއްބަސްވުމުގައި ސޮއި ކޮށްފައިވާއިރު ދިވެހިރާއްޖޭގެ އިގުތިސާދު ސިންދަފާތުކޮށް ފަތުރުވެރިކަމުގެ މައްޗަށް އިގުތިސާދު ބަރޯސާވެފައި އޮތް އޮތުން ކުޑަކުރުމަކީ ރައީސް ޑރ. މުޢިއްޒުގެ ތަޞައްވުރެކެވެ.

އެގޮތުން މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ އެންޑް ފްރީ ޒޯން ޕްރޮޖެކްޓުގެ ދަށުން އިހަވަންދިއްޕޮޅުގައި ތަރައްގީކުރާ ބަނދަރާއި އެ ބަނދަރާ ގުޅިފައިވާ އެހެނިހެން ހިދުމަތްތައް ގާއިމުކުރުމަށް ސިންގަޕޫރުގެ ކެޕިޓަލް އޭޝިޔާ އިންވެސްޓްމެންޓާއި އެސްޓީއޯ އާއި ދެމެދުގައި ފްރޭމްވޯކް އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ މިއަދުއެވެ.

މިއަދު ކުރިއަށްދިޔަ ސޮއި ކުރުމުގެ ރަސްމިއްޔާތުގައި ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަންގެ އެމްޑީ ޝިމާދު އަހްމަދު މިއަދު ވިދާޅުވީ މި ފްރޭމްވޯކް އެއްބަސްވުމުގެ ދަށުން ކުރެވޭ މަސައްކަތްތަކަށްފަހު ދެފަރާތުން ކުރިއަށް އޮތް ހައެއްކަ މަސް ތެރޭގައި ދާއިމީ އެއްބަސްވުމެއް ގާއިމުކުރެވޭނެ ކަމަށެވެ.

އަދި މަސައްކަތުގެ އެއްބަސްވުމުގެ ދަށުން 100 މިލިއަން ޑޮލަރުގެ އިންވެސްޓުމެންޓު އިހަވަންދިއްޕޮޅަށް ގެނައުމަށް އެ ފަންޑުން އެއްބަސްވެފައިވާ ކަމަށް ޝިމާދު ވިދާޅުވިއެވެ. އެގޮތުން މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭގައި ބަނދަރުތަކާއި އިތުރު އިންފްރަސްޓްރަކްޗާއާއި ޓޫރިޒަމްގެ ވަސީލަތްތައްވެސް ތަރައްގީ ކުރެވިގެންދާނެ ކަމަށް ޝިމާދު ވަނީ ވިދާޅުވެފައެވެ.



އަދި ސިންގަޕޫރުގެ މިފަންޑަކީ މީގެކުރިންވެސް ރާއްޖޭގައި އިންވެސްޓުކޮށްފައިވާ ފަންޑެއް ކަމަށާއި އިހަވަންދިއްޕޮޅު މަޝްރޫއާ ގުޅިގެން ފީޒިބިލިޓީ ސްޓަޑީ ހެދުމާއި، އެ ނޫންވެސް މުހިއްމު ދިރާސާތައް ހެދުމަށް އެ ފަންޑުން ހަރަދުކުރާނެ ކަމަށްވެސް ޝިމާދު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ސިންގަޕޫރު ކުންފުނީގެ ޗީފް ކޮމާޝަލް އޮފިސަރ ޖޯޖް ޓަން ވަނީ މި މަޝްރޫއުގެ ތެރެއިން ރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކޮށް ޒަމާނީ ދެމެހެއްޓެނިވި ވަސީލަތްތައް ގާއިމުކުރުމުގެ މުހިއްމުކަން ފާހަގަ ކުރަށްވާފައެވެ. އަދި މިއީ ރާއްޖޭގެ ތަރައްގީ އިތުރު މަރުހަލާއަކަށް ގެންގޮސް، ބައިނަލްއަގުވާމީ ކަނޑު ދަތުރުފަތުރުގައި ރާއްޖޭގެ ދައުރު އިތުރަށް ފުޅާވާނެ ކަމެއްކަން އޭނާ ފާހަގަ ކުރެއްވިއެވެ.

މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ އެންޑް ފްރީ ޒޯން ޕްރޮޖެކްޓުގެ ދަށުން މޯލްޑިވްސް އިންޑަސްޓްރިއަލް ފްރީޒޯން ކުންފުނީގެ ފަރާތުން މިއަދު ފްރޭމްވޯކް އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަދި އެސްޓީއޯގެ އެމްޑީ ޝިމާދު އަހްމަދެވެ. އަދި ކެޕިޓަލް އިންވެސްޓުމެންޓު ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗީފް ކޮމާޝަލް އޮފިސަރ ޖޯޖް ޓަން އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން