ކޮޅުނބާއި އިންޑިއާގެ ކޮޗިންގައި ޤައުމަށް ނާދެވި ތާށިވެފައި ތިބި ދިވެހީން ގެނައުމަށް މޯލްޑިވިއަންގެ ތިން ފްލައިޓް ބާއްވަން ނިންމައިފިއެވެ.

މޯލްޑިވިއަނުން ކުރި ޓްވީޓެއްގައި ބުނެފައިވަނީ ކޯވިޑް-19 އާއި ގުޅިގެން އިންޑިއާއާއި ލަންކާ ލޮކްޑައުންކޮށް ކާފިއު ހިންގާފައިވާތީ އެދެޤައުމުގައި ތާށިވެ ނާދެވިފައި ތިބި ދިވެހީން ގެނައުމަށް މިހިނގާ އެޕްރީލް މަހުގެ ފަސް ވަނަ ދުވަހު ކޮޅުނބަށް ދެ ފްލައިޓް ބާއްވާނެ ކަމަށެވެ. އަދި ޖެހިގެން އަންނަ ހަވަނަ ދުވަހު އިންޑިއާގެ ކޮޗިންއަށްވެސް އެފަދަ ފްލައިޓެއް ބާއްވަން ނިންމާފައިވާ ކަމަށް މޯލްޑިވިއަނުން ބުނެފައި ވެއެވެ.



މި ފްލައިޓްތަކުން ރާއްޖެ އަންނަން ބޭނުންވާ މީހުން މޯލްޑިވިއަންގެ ވައިބަރ ނަންބަރަށް ޕާސްޕޯޓްގެ ތަފުސީލާއެކު މައުލޫމާތު ހިއްސާ ކުރުމަށް އެކުންފުނިން އެދިފައި ވެއެވެ.

ޤައުމީ އެއަރލައިން، މޯލްޑިވިއަނުން މިމަހުގެ ފަސް ވަނަ ދުވަހު ކޮޅުނބުން މާލެއަށް ދަތުރުކުރަން ހަމަޖެހިފައިވާ ފުރަތަމަ ފްލައިޓް ކޮޅުނބުން ފުރަން ހަމަޖެހިފައިވަނީ އެދުވަހުގެ ހަވީރު 6:40 ގައެވެ. ހަމަ އެދުވަހު ކޮޅުނބުން މާލެއަށް ބާއްވާ ދެވަނަ ފްލައިޓް ކޮޅުނބުން ފުރުމަށް ހަމަޖެހިފައިވަނީ ހަވީރު 6:55 ގައެވެ.

އެޕްރީލް ހަވަނަ ދުވަހު އިންޑިއާގެ ކޮޗިނުން މާލެއަށް ބާއްވާ ފްލައިޓް ކޮޗިނުން ފުރުމަށް ހަމަޖެހިފައިވަނީ އެދުވަހުގެ އިރުއޮއްސި 7:00 ގައެވެ.

މިކަމާގުޅިގެން ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ކުރައްވާފައިވާ ޓްވީޓެއްގައި، އެދެ ސިޓީގައި ތާށިވެފައި ތިބި ދިވެހީން ގެނައުމަށް މޯލްޑިވިއަނުން ފްލައިޓް ތަކެއް ބާއްވައިދީ އެހީތެރިކަން ފޯރުކޮށްދޭތީ މޯޑިވިއަނަށް ޝުކުރު އަދާ ކުރައްވަމުން ވިދާޅުވެފައިވަނީ މިކަމުގައި އެހީތެރިކަން ފޯރުވެން އޮތް ހުރިހާ ކަމެއްގައި ދިވެހި ޚާރިޖިއްޔާއިން އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން