ދިފާޢީ ވަޒީރު އަލްއުސްތާޒު މާރިޔާ ދީދީ
ދިފާޢީ ވަޒީރު އަލްއުސްތާޒު މާރިޔާ ދީދީ
ބޭންކްތަކުން ކަސްޓަމަރުންނަށް ޚިދުމަތް ދިނުމުގައި އިޖުތިމާޢީ ގައިދުރުކަމަށް ނުބަލައި މީހުން ތޮއްޖެހޭ ގޮތަށް ކަންކަން އިންތިޒާމު ކޮށްފައިވާތީ ޑިފެންސް މިނިސްޓަރ އަލްއުސްތާޒާ މާރިޔާ އަޙްމަދު ދީދީ ފާޑުވިދާޅުވެއްޖެވެ.

ކޯވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކުން އެންމެ ބޮޑު އިސްކަމެއް ދޭ އެއް ކަމަކީ އިޖުތިމާއީ ގައިދުރުކަން ނުވަތަ އެކަކު އަނެކަކާއި ގައިގޯޅި ނުވެ އެއް މީޓަރަށް ވުރެ ދުރުގައި ތިބުމަށެވެ. އަދި ޒަރޫރީ ބޭނުމެއްގައި ނޫނީ ގެއިން ބޭރަށް ނުނުކުރުމަށް އަންގައި މިކަން ފަރިތަ ކުރުމުގެ ގޮތުން މާލެ ސަރަހައްދުގައި ތިން ގަޑިއިރަށް ކާފިއު ހިންގައި ތިން މީހުންނަށް ވުރެ ގިނަ މީހުން މަގުމައްޗަށް އެއްވެ ނޫޅުމަށް ވެސް ވަނީ އަންގާފައެވެ. އެއްވެސް ފަރުވާއެއް އަދި ހޯދިފައި ނުވާ މި ބަލި ކޮންޓްރޯލް ކުރުމަށް އަޅަން އޮތް އެންމެ ރަނގަޅު އަދި މޮޅު ފިޔަވަޅަކީ އާންމު ސާފުތާހިރުކަމާއި އިޖުތިމާޢީ ގައިދުރު ކަމުގެ ސިޔާސަތަށް އަމަލު ކުރުމެވެ.

ކޯވިޑް-19 އާއި ގުޅިގެން ބޭންކް ތަކުގެ ޚިދުމަތްތައް ވެސް ދުވަސްކޮޅަކަށް މެދު ކަނޑާލުމަށް ފަހު އަލުން ޚިދުމަތްދޭން ފެށިއިރު އެތަންތަން ތޮއްޖެހިފައި އޮންނަ މައްސަލަ ފާހަގަކުރެވެމުންދާތީ އެކަން ފާހަގަ ކުރައްވައ މިނިސްޓަރ މާރިޔާ މިއަދު ކުރަށްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ، ސަރުކާރު އޮފީސްތައް ބަންދު ކުރުމަށްފަހު އާންމުންނަށް ދަތި ނުވާގޮތަށް ޚިދުމަތް ދެވޭނެ ގޮތްތައް ސަރުކާރުން ހަމަޖައްސާފައިވާ ކަމަށެވެ. އަދި ސްކޫލްތައް ބަންދު ކުރުމަށްފަހު ކިޔެވުން މެދު ނުކެނޑި ކުރިއަށްދާނެ ގޮތްވެސް ކަމާބެހޭ ފަރާތްތަކުން އިންތިޒާމު ކޮށްފައިވާ ކަމަށެވެ. ކޯވިޑް-19 ގެ ރޯގާބަލިމަޑުކަމާއި ގުޅިގެން ޖަމާޢަތުގައި ނަމާދު ކުރުން މެދުކަނޑާލުމަށްފަހު އެކަމަށް އޮތް ހައްލުވެސް އިސްލާމިކް މިނިސްޓްރީން އާންމު ރައްޔިތުންނަށް ކިޔައިދީ އަންގައިދީފައިވާކަންވެސް އެކަމަނާ ފާހަގަ ކުރައްވާފައިވެއެވެ.

އެހެންކަމުން ބޭންކް ތަކުންވެސް ޚިދުމަތް ދިނުމުގައި މީހުން ތޮއްނުޖެހޭ ގޮތަށް، އިޖުތިމާޢީ ގައިދުރުކަމުގެ ސިޔާސަތާ އެއްގޮތަށް ޚިދުމަތް ދެވޭނެ ގޮތް އިންތިޒާމު ކުރުމުގެ މުހިންމުކަން އެކަމަނާގެ ޓްވީޓްގައި ފާހަގަ ކުރައްވާފައި ވެއެވެ.

ކޯވިޑް-19 އާއި ގުޅިގެން ބޭންކް ތަކުގެ ޚިދުމަތްދޭ ދުވަސް ތަކާއި ގަޑިތައް މަދުކޮށް ޚިދުމަތް ދޭން ފެށިފަހުން ބޭންކްތައް ތޮއްޖެހި ކޯވިޑް-19 ގެ ބިރުވެރި ކަމުގެ މަތީން ހަނދާން ނެތި، ސަރުކާރުން އަމަލުކުރަން އަންގާފައިވާ އިޖުތިމާޢީ ގައިދުރު ކަމުގެ ސިޔާސަތު އެތަންތާގައި އެއްގޮތަކަށްވެސް ނުގެން ގުޅޭކަން ގިނަ ބަޔަކު ދަނީ ފާހަގަ ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން