ކްލޯއީ ކާޑޭޝިއަން- ގޫގުލް އިމޭޖެސް
ކްލޯއީ ކާޑޭޝިއަން- ގޫގުލް އިމޭޖެސް
މަޝްހޫރު ރިއަލިޓީ ޓީވީ ތަރި ކްލޯއީ ކާޑޭޝިއަން ދާދި ފަހުން ދިން އިންޓަވިއުއެއްގައި އޭނާގެ ނަފްސާނީ ދުޅަހެޔޮކަމަށް ނަގަމުން އައި ތެރަޕީ ނެގުން ހުއްޓާލި ސަބަބު ހާމަ ކޮށްފިއެވެ.

ބަސުލް އަށް ދިން އިންޓަވިއުއެއްގައި ކްލޯއީ ބުނެފައިވަނީ މީހަކު އޭނާގެ އިތުބާރު ގެއްލުވާލައިފިނަމަ އެކަމުގެ އަސަރު ވަރަށް ބޮޑަށް ކުރާ ކަމަށާއި، ތެރަޕީއަށް ނުގޮސް ހުއްޓާލީ އޭނާގެ ކުރީގެ ތެރަޕިސްޓު މިފަދަ ކަމެއް ކޮށްގެން ކަމަށެވެ. އެގޮތުން ކްލޯއީ ބުނެފައިވަނީ އޭނާގެ ތެރަޕިސްޓު ވަނީ ސެޝަން އެއްގައި ދެކެވުނު ބައެއް ޕްރައިވެޓު ވާހަކަތައް މީޑިޔާ އަކާ ހިއްސާ ކޮށްފައި ކަމަށެވެ.

އަދި އެވާހަކަތައް މީޑިޔާގެ މީހުންނާ ހިއްސާ ކުރީ ތެރަޕިސްޓުކަން އޭނާއަށް ޔަގީންވީ އޭނާ އިތުރު އެއްވެސް މީހެއް ގާތު އެވާހަކަތައް ހިއްސާ ކޮށްފައި ނުވާތީ ކަމަށްވެސް ކްލޯއީ ވަނީ ބުނެފައެވެ. އަދި މިކަމުގެ ސަބަބުން ތެރަޕިސްޓުގެ މައްޗަށް އޮތް އިތުބާރު ގެއްލި ތެރަޕީ ނެގުން ހުއްޓާލީ ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

އަދި އެއަށް ފަހު އަހަރުތަކެއް ވަންދެން ތެރަޕީ އަށް ނުގޮސް ހުރި ކަމަށާއި، ތެރަޕީއަށް ދެވަނަ ފުރުސަތެއް ދޭން ނިންމީ ކިމް ކާޑޭޝިއަން ހިތްވަރު ދިނުމުން ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ. އަދި މިހާރުގެ ތެރަޕިސްޓަށް ތައުރީފު ކުރަމުން އޭނާ ބުނެފައިވަނީ މިއީ އޭނާގެ ހަޔާތުގެ އެންމެ އުފާވެރި ދުވަސްތައް ކަމަށާއި އެކަމުގެ ކްރެޑިޓު ދަނީ މިހާރުގެ ތެރަޕިސްޓަށް ކަމަށެވެ.

40 އަހަރުގެ ކްލޯއީ ކާޑޭޝިއަން މަޝްހޫރުވެފައިވަނީ ކާޑޭޝިއަން އާއިލާއާ ބެހޭ ގޮތުން އުފެއްދި ޓީވީ ސީރީސް އެއް ކަމަށްވާ "ކީޕިން އަޕް ވިތު ދަ ކާޑޭޝިއަންސް" އިންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން