ފުވައްމުލަކު ހިރިހަމާދި ކަލޭގެފާނު، އެއް ދަތުރެއްގައި އޮޑިން މާލެ ދުރުވަމުން ދިއްގަރު ކައިރީގައި މަޑުކުރައްވައި، އެއްގަމަށް ފޭބެންނެވިއެވެ. އެކަލޭގެފާނު ވިއްކުމަށް ގެންނެވި އާރޮސްތަކުގައި ހުރީ ކުޑަކޮށް ފަނި އަޅައި ފީވެފައެވެ. މިސަބަބާހުރެ އެރަށުގެ މީހުން އެ އާރޮސްތައް ގަންނާކަށް ބޭނުމެއްނުވިއެވެ. އާރޮހަކީ ކަށިކެޔޮ ނުވަތަ ބަނބުކެޔޮ ނުވަތަ އަލައިގައި ހިލާ ފޮނި ކާއެއްޗެކެވެ. ބަންދުކޮށްފައި ހުންނާނީ ހިކި ކެޔޮފަތުގައެވެ.

ދެން ހިރިހަމާދި ކަލޭގެފާނު މިކަމާ ފިކުރުކުރައްވާފައި އޮޑިއަށް އެރުއްވިއެވެ. އަދި ބޮޑު ތަގަރިއަކަށް އާރޮސްތައް އަޅުއްވައި، ދޮޅަހަކަށް ކާށީގެ ހުނި ގާނުއްވައި، އެޔާއި އާރޮސްތަކާ އެއްކޮށް މޮޑުއްވިއެވެ. އޭގެފަހުން އެ ތަކެތި ރުނބައަކަށް އަޅުއްވައި، މަތި ބަންނަވާފައި އޮޑީގައި ބެހެއްޓެވިއެވެ. ދެން އަނެއްކާވެސް އެރަށަށް ފޭބެންނެވިއެވެ. އަދި އެރަށު މީހުންގެ ކުރިމަތީގައި އޮޑި މާލެ ދާން ފުރަން ތައްޔާރުވާހެން ހީވާ ގޮތަށް ވާހަކަދައްކަވައި ހެއްދެވިއެވެ.

އެރަށުގެ މީހުން: "ދެން ހަމަ ރަނގަޅު އާރޮހެއް ބޮނޑިއެއް އެއްޗެއް ނެތީތޯ؟"

ހިރިހަމާދި ކަލޭގެފާނު: "ރާއްޖެތެރޭގެ އެކި ރަށްރަށުގައި ވިޔަފާރިކުރަމުން އައިސް މިރަށަށް މިއާދެވުނީ ހުރިހާ އެއްޗެއް ހުސްވީ ފަހުން. އެހެންކަމުން، ދެން ތިކަހަލަ އެއްޗެއް ނެތް. މިހާރު ހުރީ އަހަރުމެން އޮޑީގެ އިސްމީހުން އޮޑިމަތީގައި ކެއުމަށްޓަކައި ރަށުން ތައްޔާރުކޮށްގެން ގެނައި ބަންދަލްމުޚްތާރު ރުނބައެއް. އެޔެއް ނުއެއް ވިއްކޭނެތާ!"

އެމީހުން: "ތިޔައީ އަޅުގަނޑުމެން ދުވަހަކުވެސް ނުދެކޭ، އަދި އަޑުވެސް ނާހާ އެއްޗެއް. އެ ރުނބާ އަޅުގަނޑުމެންނަށް ދައްކަވާލައްވަންވާނެ. އަޅުގަނޑުމެން ބޮއްކުރައެއްގައި އޮޑިދޮށަށް ވެސް ހިނގައިދާނަން."

ހިރިހަމާދި ކަލޭގެފާނު: "އެހެންކަމަށްވާނަމަ، އޮޑިދޮށަށް ދޭ. ލަސްނުކުރާތި. މިހާރު ދެން ފުރަން ވެސް ލަސްވެއްޖެ. އޮޑިއަށް އަރައި ބަނޑޭރި އަހަންމަދު ގާތު ބުނެލީމަ އެ ރުނބާ ދައްކަފާނެ."

ދެން އެބައިމީހުން ބޮއްކުރައެއްގައި އޮޑިދޮށަށް ގޮސް، އޮޑިޔަށް އަރައި މި ވާހަކަ ދައްކަން ފެށުމުން، އޮޑީގެ މީހަކު އެ ބުނާ ރުނބައެއް ދެއްކިއެވެ. ދެން އެ މީހުން އެ ރުނބާ ހިފައިގެން އެއްގަމަށް ގޮސް މޮހައިލައިގެން ރަހަ ބެލިއިރު، އެ ވީ ވަރަށް މީރު އެއްޗަކަށެވެ. ދެން އެމީހުން އޭގެ އަގާއި މެދު ހިރިހަމާދި ކަލޭގެފާނާ ސުވާލުކުރިއެވެ.

ހިރިހަމާދި ކަލޭގެފާނު: "ތިއީ އަހަރުމެން ވިއްކުމަށް ގެނައި އެއްޗެއް ނޫން. އެހެންވީމާ، އަގެއް ކަނޑައެޅުމަކީ ދަތިކަމެއް. ނަމަވެސް، ކަލޭމެން ގަންނަން ބޭނުމިއްޔާ، ބައި ލާއްސެއްވަރު ގުޅައަކަށް މަހެއް ދެނިކޮށް އެންމެ ރަނގަޅު."

ގިނައިރެއް ނުވަނީސް ރުނބާ ހުސްވެ، އެއްބަސްވެފައިވާ މިންވަރަށް އެބައިމީހުން މަސް ގެނެސްދީފިއެވެ.

ދެން ހިރިހަމާދި ކަލޭގެފާނު އެމީހުން ގެނައި މަހާއި ހުސްވި ރުނބާ ހިފައިގެން އޮޑިއަށް އަރުއްވައިފިއެވެ. އަދި އޮޑީގެ ފަޅުވެރިންނާ މުޚާޠަބުކޮށް ބުނުއްވި: "ކުދިންނޭ! ބަންދަލްމުޚުތާރު ހަދާލަނިކޮށް ފީވެފައި ހުރި އާރޮސްތަކެއް ވެސް ރަނގަޅު އަގެއްގައި ވިއްކާލެވިދާނެ. ވިޔަފާރީގައި ކާމިޔާބު ނުވެވެނީ ކުރާނެ ނުކުރާނެ ކަމެއް ނޭނގޭ މީހުންނަށް. ތިކުދިން ވެސް ބޭބެ ކައިރިން ދަސްކުރޭ!"

ފުވައްމުލަކު ހިރިހަމާދި ކަލޭގެފާނު ކަހަލަ ބަންދަލްމުޚްތާރު ހަދައިގެން ވިއްކާ މީހުން މިޒަމާނުގައި ވަރަށް ގިނައެވެ. ބައެއް ފަހަރު އެއީ ސަރުކާރުތަކުން ވެސް ގެންގުޅޭ އުކުޅެކެވެ. ރައްޔިތުންނަށް ވާ، ވައުދުތައް ގިނަ ފަހަރަށް ފުއްދަނީ ބަންދަލްމުޚްތާރަށް ހަދާފައެވެ.

މައުލޫމާތު ނެގީ: ދަރަވަންދޫގޭ ޙުސައިން ދީދީ (ފަޟީލަތުއްޝައިޚް ޙުސައިން ޞަލާޙުއްދީން) ލިޔުއްވާފައިވާ ދިވެހީންގެ ވާހަކަ ފޮތުން



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން