ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) ގެ ހިދުމަތްތައް މާލެއަތޮޅު ހިންމަފުށީގައި ރަސްމީކޮށް ފަށައިފިއެވެ.

ހިންމަފުށީގައި މި ހިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ.

ވެމްކޯ އިން ހިންމަފުށީގައި މިހިދުމަތް ދޭން ފެށިގެން ދިއުމާ ގުޅިގެން އެ ކޯޕަރޭޝަނުން ބުނީ ހިދުމަތްތައް ފެށިގެން އަންނާނީ ގޭބިސީތަކުން އުފައްދާ ދުވަހު ކުނި ނަގައިގެން ކަމަށެވެ. އަދި ވެމްކޯގެ ވެބްސައިޓް މެދުވެރިކޮށް އެރަށުގެ ގޭބިސީތަކުން ކުނި ނެގުމުގެ ހިދުމަތަށް ރަޖިސްޓްރީ ކުރެވޭނެ ކަމަށް އެ ކޯޕަރޭޝަނުން ވަނީ ބުނެފައެވެ.

ވެމްކޯ އިން ބުނީ ކުރިއަށް އޮތް ދުވަސްތަކުގައި ބަރުކުނީގެ ބާވަތްތައް އުކާލުމަށް ދޭ ޚިދުމަތް ކަމަށްވާ ކެޕްސް އަދި ކެޕްސް ލައިޓްގެ ޚިދުމަތްވެސް އެރަށުގައި ފެށިގެންދާނެ ކަމަށެވެ.

ވެމްކޯގެ ހިދުމަތް އެރަށުގައި ފެށުމަށް ބޭނުންވާ ވެހިކަލްތަކާއި އެހެނިގެން މުހިންމު ވަސީލަތްތައް ފާއިތުވި ދުވަސްތަކުގައި އެރަށަށް ވަނީ ގެންގޮސްފައެވެ. އަދި މިއަދު ހިދުމަތް ރަސްމީކޮށް ފެށިނަމަވެސް އަމަލީ ގޮތުން މަސައްކަތްތައް ފެށިގެންދާނީ ކުރިޔަށް އޮތް ދިހަ ވަރަކަށް ދުވަހުގެ ތެރޭގައި ކަމަށް ވެމްކޯއިން ބުނެއެވެ.

މިއީ ރައީސުލްޖުމުހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ ވެރިކަމުގައި ވެމްކޯގެ ހިދުމަތް ފެށިގެން ދިޔަ ހަ ވަނަ ރަށެވެ. އެގޮތުން ވެމްކޯއިން މިއަހަރުގެ ތެރޭގައި ވަނީ ތިނަދޫ ސިޓީ, ކުޅުއްދުއްފުށީ ސިޓީ, މާލެއަތޮޅު މާފުށި, ހައްދުންމަތީ ގަން, އަދި ފޮނަދޫގައި ވެމްކޯގެ ހިދުމަތް ފަށާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން