ޣައްޒާގެ އައްނުޞައިރާތު ކޭމްޕަށް އިސްރާއީލު ސިފައިން ދިން ހަމަލާގައި ޝަހީދުވި ބައެއް މީހުންގެ މައްޗަށް ކަށުނަމާދު ކުރަނީ. (ފޮޓޯ: އޭޕީ)
ޣައްޒާގެ އައްނުޞައިރާތު ކޭމްޕަށް އިސްރާއީލު ސިފައިން ދިން ހަމަލާގައި ޝަހީދުވި ބައެއް މީހުންގެ މައްޗަށް ކަށުނަމާދު ކުރަނީ. (ފޮޓޯ: އޭޕީ)
ޣައްޒާގެ އައްނުޞައިރާތު ކޭމްޕަށް އިސްރާއީލު ސިފައިން ދިން ހަމަލާއާއި ހިންގި ޤަތުލުއާއްމު ދިވެހި ސަރުކާރުން އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރިކޮށް ބަޔާނެއް ނެރެފިއެވެ.

ދިވެހި ސަރުކާރުން ނެރުނު ބަޔާނުގައި ބައިނަލްއަޤްވާމީ ޤާނޫނުތަކާއި ބައިނަލްއަޤްވާމީ އިންސާނިއްޔަތާބެހޭ ޤާނޫނުތަކާ ޚިލާފަށް، އާންމުންނަށް އަމާޒުކޮށް އިސްރާއީލުންދޭ ހަމަލާތަކުގެ ސަބަބުން ޣައްޒާގެ އިންސާނީ ހާލަތު ބަޔާންވެސް ނުކުރެވޭފަދަ މިންވަރަކަށް ގޯސްވެފައިވާކަން ފާހަގަކޮށް، މިފަދަ އަމަލުތައް ހުއްޓުވުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢިން އަވަސް، އަދި ހަރުދަނާ ފިޔަވަޅުތަކެއް އަޅަންޖެހޭކަމަށް ގޮވާލާފައިވެއެވެ.

މީގެއިތުރުން، "އިސްރާއީލުގެ ހަރުކަށި ހަމަލާތައް ހުއްޓުވުމަށާއި ހަމަނުޖެހުންތައް ނައްތާލައި، ކުށެއް ނެތް އާންމުން ހިމާޔަތްކޮށް، މެދުއިރުމަތީ ސަރަޙައްދުގައި ދެމެހެއްޓެނިވި ޞުލްޙަ ޤާއިމުކުރުމަށް އަޅަންޖެހޭ އަވަސް ފިޔަވަޅުތައް އެޅުމަށް ދިވެހި ސަރުކާރުން ބައިނަލްއަޤްވާމީ މުޖުތަމަޢަށް ގޮވާލާ ގޮވާލުން ތަކުރާރުކުރާ" ކަމަށްވެސް ބަޔާންކޮށްފައިވެއެވެ.

ރިޕޯޓުތައް ބުނާގޮތުން އިސްރާއީލުން ދިން މި ހަމަލާ އަމާޒުކޮށްފައިވަނީ އައްނުޞައިރާތު ކޭމްޕް ސަރަހައްދުގައި ހުރި ޕޯސްޓް އޮފީހަކަށެވެ. އަދި މިހަމަލާގައި 30 އަށް ވުރެ ގިނަ މީހުން ޝަހީދުވެފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ. މިހަމަލާގައި ގިނަ އަދަދެއްގެ ކުޑަކުދިންނާއި އަންހެނުން ވެސް ޝަހީދުވެފައިވެއެވެ.

ފަލަސްތީނުގެ ހެލްތު މިނިސްޓްރީގެ އަދާހަމައިން ދައްކާގޮތުގައި، މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ފެށި މި ހަމަލާތަކުގައި މިހާތަނަށް 44،800 އަށްވުރެއް ގިނަ މީހުން ވަނީ އިސްރާއީލުގެ ހަމަލާތަކުން ޝަހީދުވެފައެވެ. އަދި މިހަމަލާތަކުގައި 105،400 އަށް ވުރެ ގިނަ މީހުންނަށް ވަނީ އެކި ވަރުގެ ޒަޚަމްތައް ލިބިފައެވެ.

ހުއްޓުމެއްނެތިް އިސްރާއީލުން ދެމުންދާ ލާއިންސާނީ ހަމަލާތަކުން، ފަލަސްޠީނުގެ ރައްޔިތުން ޢަދުލުއިންސާފު ހޯދުމަށާއި މިނިވަން ދައުލަތެއް ޤާއިމުކުރުމަށް ކުރަމުންދާ މިންނެތް މަސައްކަތުގައި ފަލަސްޠީނުގެ ރައްޔިތުންނާއެކު ދިވެހިރާއްޖެއިން އަބަދުވެސް ދެމިއޮންނާނޭކަމަށް ދިވެހި ސަރުކާރުން އާންމު ކުރި ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން