އިބްރާހިމް އިސްމާއިލް(އިބުރާ)-
އިބްރާހިމް އިސްމާއިލް(އިބުރާ)-
ފްރާންސްގެ އާއިލާ ރާއްޖޭގައި ތިބެން ހުއްދަ ނުކުރެވޭނެ ކަމަށް އެމްޑީޕީގެ ފުރަތަމަ ރައީސް، އިބްރާހީމް އިސްމާޢީލް (އިބުރާ) ވިދާޅުވެއްޖެއެވެ.

ހަ މީހުންގެ އެ އާއިލާ ވިސާ ނެތި ރާއްޖޭގައި ދިރިއުޅެމުންދާތާ 12 އަހަރު ވެފައިވާ އިރު ފޮރިން މިނިސްޓްރީއާ ގުޅިގެން އެ މީހުން ފޮނުވާލުމަށް ލިޔެކިޔުންތައް ހޯދުމުގެ މަސައްކަތް އިމިގްރޭޝަނުން ވަނީ ފަށައިފަ އެވެ.

އެހެން ނަމަވެސް ބައެއް ދިވެހީން ދަނީ އެ މީހުން ފޮނުވާނުލުމަށް ގޮވާލަމުން ނެވެ. ނަމަވެސް ބައެއް ދިވެހީން ބުނީ ފްރާންސްގެ އާއިލާ ފޮނުވާނުލާ ނަމަ ނުގަވައިދުން ގިނަ ދުވަހު އުޅޭ ބަނގުލަދޭޝް މީހުންވެސް ފޮނުވާލައިގެން ނުވާނެ ކަމަށެވެ.

އެ މައްސަލައާ ގުޅޭ ގޮތުން އިބުރާ ފޭސްބުކްގައި މިއަދު ވިދާޅުވީ ރާއްޖެއަށް އެއްވެސް ބިދޭސީއަކު އައިސް އުޅެވޭނެ ގޮތް ގާނޫނުގައި އޮތީ ބަޔާންކޮށްފައި ކަމަށެވެ. އެހެންވެ އެ ނޫން ގޮތަކަށް ކޮންމެ ސަބަބަކާ ހުރެ ވެސް ރާއްޖެއައިސް ތިބުން އެއްވެސް މީހަކަށް ހުއްދައެއް ނުކުރެވޭނެ ކަމަށެވެ.

"ފަރަންސޭސި ވިލާތުގެ ރައްޔިތަކު، އެ ގައުމަށް އެނބުރި ދިއުމުން ހައްޔަރު ކުރާނީ އެ ޤައުމުގެ ގާނޫނުގައި ބަޔާންކުރާ ކުށެއްކޮށްފައި އޮތީމާ. އެ ޤައުމަކީ ސިޔާސީ ބޭނުންތަކަށް، ނުވަތަ ހިޔާލެއް ފާޅުކޮށްގެން، ނުވަތަ ވަކި ދީނަކަށް އުޅޭތީ މީހުން ހައްޔަރުކޮށް އަދަބުދޭ ގައުމެއް ނޫން." އިބުރާ ބިދާޅުވި އެވެ.

އިބުރާ އިތުރަށް ވިދާޅުވީ ރާއްޖެއަކީ އަދި "ރެފިއުޖީ" އިން ގެނައުމުގެ ޤާނޫނީ ހަމައެއް ކަނޑައެޅިފައި އޮތް ތަނެއް ނޫން ކަމަށެވެ.

"އިންސާނިއްޔަތަށްޓަކައި މިރާއްޖެއަށް ރެފިއުޖީން ގެންނަން ދިވެހީންނަށް ފެންނަނަމަ، އެކަމަށް ގާނޫނު ހަދަންވީ. އޭގެ ކުރިއަކު އެކަމެއް ނުކުރެވޭނެ." އިބުރާ ވިދާޅުވި އެވެ.

ރާއްޖޭގައި އުޅެމުންދާ ފްރާންސްގެ އާއިލާއަކީ އިސްލާމް ވެގެން އުޅޭ އާއިލާ އެކެވެ. އެ އާއިލާގެ ކުދިންގެ މަންމަ މޫނު ބުރުގާ އަޅައިގެން އުޅޭ އިރު، ފްރާންސްގައި މޫނު ބުރުގާ އެޅުން މަނަލެވެ.

އެ އާއިިލާގެ ދެ ކުއްޖަކު އުފަންވީވެސް ރާއްޖޭގަ އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން