ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ފެރީގެ ހިދުމަތް މުޅި ރާއްޖެ އަށް ފުޅާކުރުމަށް އިތުރު 56 އުޅަނދު ބޭނުން ވާނެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

އާރްޓީއެލް ފެރީގެ ހިދުމަތް އަންނަ އަހަރު މުޅި ރާއްޖެއަށް ފުޅާކުރަން ސަރުކާރުން އަމާޒު ހިފާފައިވާކަން އެމްޓީސީސީން ވަނީ ހާމަކޮށްފައެވެ. އެގޮތުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސަޢުދީ އެމްއެމް ޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އާރުޓީއެލް ފެރީގެ ޚިދުމަތް ރާއްޖޭގެ ހުރިހާ އަތޮޅަކަށް އަންނަ އަހަރު ފުޅާކުރުމަކީ ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވާފައިވާ ކަމެއް ކަމަށެވެ.

އަހުމަދު ސަޢުދީ ވިދާޅުވީ އާރްޓީއެލްގެ ހިދުމަތަށް މިހާރު ބަނދެފައިހުރި އުޅަނދުތަކުގެ އަގަށް ބަލާ އިރު 56 އުޅަނދަށް ގާތްގަނޑަކަށް 508 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށެވެ.

އެމްޓީސީސީން އަންނަނީ ރާއްޖޭގެ ނުވަ އަތޮޅެއްގައި މިހާރުވެސް އާރުޓީއެލް ފެރީގެ ޚިދުމަތް ދެމުންނެވެ. އެ ކުންފުނިން މި ހިދުމަތް ފެށީ 2022 ގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވެރިކަމުގައެވެ. މި ސަރުކާރު އައި ފަހުން އާރްޓީއެލްގެ ހިދުމަތް އެންމެ ފަހުން ފެށި އަތޮޅަކީ ނ. އަތޮޅެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވާ ގޮތުގައި އަންނަ އަހަރުގެ ނިޔަލަށް މި ހިދުމަތް މުޅި ރާއްޖޭގައި ދޭން އަމާޒު ހިފާފައިވާ އިރު، ވަރަށް އަވަހަށް އދ. އަތޮޅުގައި ހިދުމަތް ފަށާނެ ކަމަށް އެމްޓީސީސީން ބުނެއެވެ.

އެމްޓީސީސީން އަންނަނީ ރާއްޖޭގެ އާބާދީ ބޮޑެތި ހިސާބުތަކުގައި ބަހުގެ ހިދުމަތް ވެސް ދެމުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން