ރާއްޖޭގައި ހާލުގައި ޖެހިފައިތިބި އިންޑިއާގެ ލޭބަރުންތަކެއް އިންޑިއާ ސަރުކާރުގެ އެހީއަށް އެދިއްޖެ އެވެ.

އިންޑިއާގެ ލޭބަރުންތަކެއް ވީޑިއޯ މެސެޖެއް ހިއްސާކޮށް ބުނީ 40 އިންޑިއާ މީހުން ރަނާޓުސް ކިޔާ ކުންފުންޏެއްގައި މަސައްކަތް ކުރުމަށް ރާއްޖެއައީ މީގެ ފަސް މަސް ދުވަސް ކުރިން ކަމަށެވެ.

އަދި އެ މީހުން ރާއްޖެ އައިއިރު މަހަކު 25 ހާހާއި 30 ހާހާއި ދެމެދުގެ އަދަދެއްގެ އިންޑިއާ ރުޕީސްއަށް ވާވަރަށް މުސާރަ ލިބޭނެ ކަމަށް ބުނި ކަމަށް އެމީހުން ބުނެފައި ވެއެވެ.

އެހެން ނަމަވެސް އެ މީހުންނަށް މުސާރަ ދިނީ އެންމެ މަހަކު ކަމަށާއި އަދި އޭގެ ފަހުން ދެ މަހު ދިނީ މުސާރައިގެ ދެބައިކުޅަ އެއްބައި ކަމަށް އެމީހުން ބުނެފައި ވެއެވެ.

އެ މެސެޖަށް އިންޑިއާގެ އެކްސްޓާނަލް އެފެއާޒްގެ މިނިސްޓްރީގެ ދަށުން ހިންގާ ޕްރޮޓެކްޓާ އޮފް އެމިގްރެންޓްސް އިން ވަނީ ޖަވާބު ވެސް ދީފަ އެވެ. އެގޮތުން އެ މައްސަލަ ހަައްލުކުރަން ރާއްޖޭގެ އިދާރާތަކާ ވާހަކަ ދައްކަމުންދާ ކަމަށް ވެސް ބުނެފައި ވެއެވެ.

ބިދޭސީން ރާއްޖެއަށް މަސައްކަތް ކުރުވަން ގެނެސް މުސާރަ ނުދިނުމުގެ މައްސަލަތައް މީގެ ކުރިން ވެސް ފެންމަތިވެފަ އެވެ. އެފަދަ މައްސަލަތަކުގައި އެކަށީގެންވާ ފިޔަވަޅުތައް ސަރުކާރުގެ އިދާރާތަކުން ނާޅާކަމަށް ބުނެ މީގެކުރިން ވެސް ފާޑުކިޔުންތައް އަމާޒުވެފައި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން