ރާއްޖޭގައި މުދަލު ޒަކާތް ދައްކާ މީހުން ނިސްބަތުން މަދު ކަމުން އެކަމާ ގުޅޭ ދިރާސާއެއް އަންނަ އަހަރު ހަދަން ޒަކާތު ހައުސް އިން ނިންމައިފި އެވެ.

ޒަކާތު ހައުސްގެ ޑިރެކްޓަރ ޖެނެރަލް އިއްޒައްދީން އަދުނާން ދައުލަތުގެ މީޑިއާ އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ފިތުރު ޒަކާތް ދައްކާ މީހުން އިތުރު ނަމަވެސް މުދަލު ޒަކާތް ދައްކާ މީހުންގެ އަދަދު ދަށް ކަމަށެވެ. ނަމަވެސް މުދަލު ޒަކާތް ނުދައްކާ ސީދާ ސަބަބުތައް އަދި މިހާތަނަށް ދެނެގަނެވިފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ޢިއްޒައްދީން ވިދާޅުވީ މުދަލު ޒަކާތް ނުދައްކާ ސަބަބު ދެނެގަތުމަށް އަންނަ އަހަރު ދިރާސާއެއް ކުރާނެ ކަމަށެވެ. އަދި މިހާތަނަށް ޒަކާތު ހައުސްއިން ހިންގި އެކި ހަރަކާތްތަކުގެ ތެރެއިން މުދަލު ޒަކާތް ދައްކާ މީހުންގެ އަދަދު މަދު ބައެއް ސަބަބުތައް ދެނެގަނެވިފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އެގޮތުން އެކަމުގެ ހޭލުންތެރިކަން ކުޑަވުމަކީ މުހިއްމު ސަބަބެއް ކަމަށް ޢިއްޒައްދީން ވިދާޅުވި އެވެ.

ބައެއް މީހުން މުދަލުގެ ޒަކާތް ނުދައްކަނީ އަތުގައި ހުންނަ މުދާ މަދުވާނެ ކަމަށް ދެކޭތީ ކަމަށް ޢިއްޒައްދީން ވިދާޅުވިއެވެ. ނަމަވެސް މިހާތަނަށް މުސްލިމު ޤައުމުތަކުގައި ހަދާފައިވާ ދިރާސާތަކުންވެސް މުދަލުގެ ޒަކާތް ދައްކާ ފަރާތްތަކުގެ މުދަލުގައި ބަރަކާތްލައްވައި މުދާ އިތުރުވަމުންދާކަން ސާބިތުވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޢިއްޒައްދީން ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ޒަކާތު ހައުސްގެ ފަރާތުން ޒަކާތުގެ އެކި ކަންކަމަށް އާންމުން ހޭލުންތެރިކުރުމުގެ ގިނަ ޕްރޮގްރާމުތައް ކުރިއަށް ގެންދާނެ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން