ތިނަދޫ ސިޓީ ކައުންސިލްގެ އިދާރާ
ތިނަދޫ ސިޓީ ކައުންސިލްގެ އިދާރާ
ތިނަދޫއަށް ދީފައިވާ ސިޓީގެ ދަރަޖަ ބާތިލުކުރަން ހައިކޯޓަށް ހުށަހެޅި މައްސަލަ އެކޯޓުން ބޭރުކޮށްލައިފިއެވެ.

ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދިނީ ނިމިގެން ދިޔަ ރިޔާސީ އިންްތިޚާބުގެ ކެމްޕޭންގެ ދުވަސްވަރު 30 އޮގަސްޓް 2023 ގައި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙުގެ ވެރިކަމުގައެވެ. އަދި ތިނަދޫއަށް ދީފައިވާ ސިޓީއެއްގެ ދަރަޖަ ބާތިލުކުރަން ހައިކޯޓަށް މައްސަލަ ހުށަހެޅުއްވީ އެންވަޔަރަމަންޓް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު މުޙައްމަދު ރާޣިބެވެ.

ރައީސް އޮފީހަށް ރައްދުވާ ގޮތަށް މި މައްސަލަ ހައިކޯޓަށް ހުށައަޅާފައިވަނީ މިދިޔަ ނޮވެމްބަރު މަހުގެ 21 ގައެވެ.

މި މައްސަލަ ހައިކޯޓަށް ބަލަނުގަތުމަށް ނިންމަވާފައިވަނީ ހައި ކޯޓުގެ ރަޖިސްޓްރާ މަރިޔަމް ހޫރުޝީދާ އެވެ. އެގޮތުން ރަޖިސްޓްރާގެ ނިންމެވުމުގައި ވަނީ ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދީފައިވަނީ ޤާނޫނާ ޚިލާފަށްކަން މައްސަލާގައި ހުށައެޅި ލިޔުންތަކުން ބުނެދެވިފައި ނުވާކަމަށެެވެ.

ހަމައެއާއެކު ރާޣިބް ހުށަހެޅުއްވި މައްސަލައިގެ ސީޣާ އާއި ދައުވާ ބިނާކުރާ ސަބަބުތަކަށް ބަލާއިރު، ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދިނުމަށް ކުރީގެ ރައީސް ޞާލިޙް ނެރުއްވި ގަރާރަކީ، ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ މަސްދަރެއް، ނުވަތަ ފާސްކޮށްފައިވާ ގާނޫނަކުން އެކުލަވާލާފައިވާ މަސްދަރެއްކަން ބުނެދީފައި ނުވާ ކަމަށް ހައިކޯޓުގެ ނިންމުމުގައިވެއެވެ.

އޭގެއިތުރުން ހައި ކޯޓަށް ދުސްތޫރީ މައްސަލަ ބެލުމަށް ލިބިފައިވާ އިޚްތިޞާސަކީ ސުޕްރީމް ކޯޓަށް ބަލައިގަންނަ މައްސަަލަތައް ފިޔަވައި، ގާނޫނެއް ނުވަތަ ގާނޫނެއްްގެ ބައެއް، ގާނޫނު އަސާސީއާ ތަޢާރުޒުވާ ކަމަށް ބަޔާންކޮށް ހުށަހަޅާ މައްސަަލަތައްކަން ހައިކޯޓުން ފާހަގަ ކޮށްފައިވެއެވެ. އަދި ގާނޫނަކުން ބާރު ލިބިގެން ހަދާފައިވާ ގަވައިދެއް ނުވަތަ އެ ގަވައިދެއްގެ ބައެއް، ގާނޫނުއަސާސީއާ ނުވަތަ، ގާނޫނަކާ ތަޢާރުޒުވާނަމަ އެފަދަ މައްސަލައެއް ހައިކޯޓާށް ބެލިދާނެ ކަމަށް އެ ކޯޓުން ވަނީ ބުނެފައެވެ.

އެހެންކަމުން ރާޣިބު ހުށައެޅުއްވި މައްސަލައަކީ ހައިކޯޓަށް ބެލުމުގެ އިޚްތިޞާސް ލިބިފައިވާ މައްސަލައެއް ކަމަށް ނުބެލެވޭތީ މައްސަލަ ބަލައިނުގަންނަން ނިންމީ ކަމަށް ރަޖިސްޓްރާގެ ނިންމުމުގައިވެއެވެ. ނަމަވެސް ރަޖިސްޓްރާގެ ނިންމުން މުރާޖާކުރަން ފަނޑިޔާރުންގެ މަޖިލީހަށް ހުށައެޅުމުގެ ފުރުސަތު ރާޣިބަށް އޮންނާނެއެވެ.

ތިނަދޫއަށް ދީފައިވާ ސިޓީގެ ދަރަޖަ ބާތިލު ކުރުމަށް ރާޣިބު ހުށަހެޅުއްވި މައްސަލާގައި ބުނެފައިވަނީ ތިނަދޫގެ އާބާދީގައި 10،000 މީހުން ހަމަވާ ކަމަށް ދައްކާފައިވަނީ ސައްހަ ނޫން ލިޔެކިޔުންތަކުގެ މައްޗަށް ބިނާކޮށް ކަމަށެވެ. އެގޮތުން ކައުންސިލްގެ ދަފްތަރުގައި މަރުވެފައިވާ 115 މީހަކު ހިމަނާފައިވާ ކަމަށާއި ތަކުރާރުވާ އައިޑީ ކާޑުތައް ގިނަކަމަށް މައްސަލާގައިވެއެވެ.

އަދި 17 ނޮވެމްބަރުގެ ނިޔަލަށް ތިނަދޫގެ އާބާދީއަކީ 7،924 މީހުން ކަމަށް ޑީއެންއާރުގެ ރަޖިސްޓްރީން ދައްކާ ކަމަށްވެސް ރާޣިބް ހުށައެޅުއްވި މައްސަލާގައި ވަނީ ބުނެފައެވެ.

ރާޣިބް ހައިކޯޓަށް ހުށައެޅުއްވި މައްސަލާގައި ތިނަދޫގައި 10000 މީހުން ހަމަނުވާކަމަށް ބުނެފައިވީ ނަމަވެސް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިދާރީ ދާއިރާތައް ކަނޑައެޅުމަށް އެކުލަވާލި ރިޕޯޓުގައިވާ ގޮތުން ތިނަދޫގެ ރަޖިސްޓްރީ އާބާދީއަކީ 10،150 އެވެ.

ތިނަދޫ ކައުންސިލްގެ އިދާރާ އަކީ "ތިނަދޫ ސިޓީ ކައުންސިލްގެ އިދާރާ"ގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހަމަޖެއްސެވީ މިއަހަރުގެ މާރޗް މަހުގެ 26 ވަނަ ދުވަހު އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން