ދިވެހި ފުލުހުން
ދިވެހި ފުލުހުން
ކަސްޓަމްސް އޮފިސަރުންތަކެއްގެ މަނީލޯންޑަރިން އާއި ޚިޔާނާތާއި ރިޝްވަތުގެ މައްސަލައެއް ބަލަމުން ދާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.

ފުލުހުން މިކަން ހާމަކޮށްފައިވާއިރު ކަސްޓަމްސް އޮފިސަރުންތަކަކަށް ތުހުމަތުކުރެވޭ 400 މިލިއަން ރުފިޔާގެ ޚިޔާނާތުގެ އަޑުތަކެއް ފެންމަތިވެ އެޚަބަރު ރާއްޖޭގެ އޮންލައިން މީޑީއާތަކުގައި މިއަދު ވަނީ ރިޕޯޓް ކޮށްފައެވެ.

އެގޮތުން މީޑިއާތަކުގައި މިއަދު ރިޕޯޓް ކޮށްފައިވަނީ ނާޖާއިޒު ގޮތުގައި ފައިސާ ހޯދައި، 400 މިލިއަނެއްހައި ރުފިޔާ އެކައުންޓުތަކުގައި ދައުރުކުރި ކަސްޓަމްސްގެ 20 އޮފިސަރެއްގެ މައްސަލަ ދަޢުލަތުގެ ކަމާބެހޭ އިދާރާތަކުން މިހާރު ތަހުޤީޤު ކުރަމުންދާ ކަމަށެވެ.

މި ޚަބަރާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވެފައިވަނީ މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ މުވައްޒަފުންތަކަކަށް ތުހުމަތު ކުރެވޭ މަނީ ލޯންޑަރިންގ، ޚިޔާނާތް އަދި ރިޝްވަތުގެ މައްސަލައެއް ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.

އަދި އެ މައްސަލައިގެ ތަހުޤީޤު، 2024 އޯގަސްޓް 19 ވަނަ ދުވަހު ފަށާފައި ވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދީފައިވެއެވެ.

ކަސްޓަމްސް އޮފިސަރުންތަކަކަށް ތުހުމަތުކުރެވޭ ސީރިއަސް މައްސަލަތަކެއް ފުލުހުން ތަހުޤީޤު ކުރަމުންދާތާ ފަސް މަސް ވެފައިވާއިރު މި މައްސަލާގައި ތުހުމަތު ކުރެވޭ ބައެއް އޮފިސަރުން މިހާރު ދަނީ ކަސްޓަމްސްގެ ޚިދުމަތުން ރިޓަޔަރ ކުރަމުންނެވެ. މި މައްސަލައާ ގުޅިގެން މީހަކު ހައްޔަރު ކޮށްފައިވާކަން ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ކަސްޓަމްސްގެ އޮފިސަރުންނަށް ތުހުމަތުކުރެވޭ ޚިޔާނާތުގެ މައްސަލަ ފެންމަތިކުރި މީޑިއާތަކުން މިއަދު ބުނެފައިވަނީ ޑިއުޓީ އޮޅުވާލައިގެންނާއި ކަސްޓަމްސުން ދޭ އެހެނިހެން ހިދުމަތްތަކުގެ ތެރެއިން އެ އޮފިސަރުން ނާޖާއިޒް ގޮތުގައި ހޯދި ފައިސާގެ މައްސަލަ ދިވެހި ފުލުހުންގެ އިތުރުން ރައްޔިތުންގެ މަޖިލީހުން ވެސް ބަލަމުންދާ ކަމަށެވެ.

ހަމައެއާއެކު ބައެއް އޮފިސަރުންގެ ފޯނާއި އިލެކްޓްރޯނިކް ވަސީލަތްތައް ފުލުހުން ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކޮށްފައިވާ ކަމަށްވެސް އެ މީޑިއާތަކުގައި ވަނީ ރިޕޯޓް ކޮށްފައެވެ.

ކަސްޓަމްސް އޮފިސަރުންތަކެއްގެ މައްޗަށް ތުހުމަތުކުރެވޭ 400 މިލިއަން ރުފިޔާގެ ޚިޔާނާތުގެ އަޑުތަކެއް މީޑިއާގެ ސަމާލުކަމަށް އައިސްފައިވާއިރު ދާޚިލީ ސަލާމަތާ ފަންނިއްޔާތާބެހޭ ވުޒާރާގެ ދަށުން ހިންގާ ހުރިހާ މުއައްސަސާއެއްގެ ޔުނީފޯމު އެޅި ކޮންމެ މީހަކީ ނަޒާހަތްތެރިކަމާއެކު ޚިދުމަތްދޭ މީހެއްކަން ކަށަވަރު ކުރައްވާނެކަމަށް ވަޒީރު ޢަލީ އިޙްސާން ވަނީ ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން