ޑޮންޓަރަކު ބަލިމީހަކަށޤ ފަރުވާ ދެނީ - ގޫގުލް އިމޭޖެސް
ޑޮންޓަރަކު ބަލިމީހަކަށޤ ފަރުވާ ދެނީ - ގޫގުލް އިމޭޖެސް
ޑޮކްޓަރީކަމުގެ އެއްވެސް ސަނަދެއް ނެތި އިންޑިއާގެ އަވަށެއްގައި ކްލިނިކެއް ހިންގަމުންދިޔަ ޒުވާނަަކު ހައްޔަރު ކޮށްފިއެވެ.

ދައްތަތުރަޔާ ސަދާޝީވް ޕަވާރު ނަމަކަށް ކިޔާ މި ޒުވާނާ ކްލިނިކު ހުޅުވައިގެން ހިންގަމުން ދިޔައީ އިންޑިއާގެ މަހަރަޝްތުރާގެ އަވަށެއް ކަމަށްވާ ޕަންދަރުޕޫރުގައެވެ. އޭނާ ތައުލީމު ހާސިލް ކޮށްފައިވަނީ ގްރޭޑު 10 ގެ ނިޔަލަށެވެ. އޭނާ ގަވާއިދާ ހިލާފަށް ކްލިނިކެއް ހިންގާކަން ކަމާ ބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނެސްފައިވަނީ އެ ކްލިނިކު ހުންނަ އިމާރާތުގައި ކުއްޔަށް އުޅެމުންދިޔަ ބައެކެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި މި ޒުވާނާ ވަނީ އެއްވެސް ކަހަލަ މެޑިކަލް ލައިސެންސެއް ނުވަތަ ޓްރެއިނިން އަކާ ނުލާ ތިން އަހަރު ވަންދެން އެ އަވަށުގައި ކްލިނިކު ހިންގާފައެވެ. އަދި ފާއިތުވި ތިން އަހަރުތެރޭގައި އޭނާގެ ކްލިނިކަށް ދުވާލެއްގެ މައްޗަށް 70-80 ބަލިމީހުން ޒިޔާރަތް ކޮށްފައިވާ ކަމަށްވެސް ރިޕޯޓުގައި ވެއެވެ.

މި ކްލިނިކުން ތަފާތު އެކިކަހަލަ ސީރިއަސް ބަލިތައް ހުންނަ މީހުން ފަރުވާ ހޯދާފައި ވާކަމަށް ރިޕޯޓުތައް ބުނެއެވެ. އޭގެ ތެރޭގައި ހިތުގެ ބަލި ހުންނަ މީހުންނާއި ހަކުރު ބަލި ފަދަ ބަލިތައް ހުންނަ މީހުން ހިމެނެއެވެ. އަދި މި ކްލިނިކުން ފަރުވާ ހޯދާ ކޮންމެ މީހަކަށް 500 ރުޕީސް ޗާޖު ކުރާ ކަމަށްވެސް ރިޕޯޓުގައި ވެއެވެ.

މިހާރު މި ކްލިނިކު ބަންދުކޮށް، ފުލުހުން މިކަން އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ރިޕޯޓުގައި ވެއެވެ. އަދި އެ ސަރަހައްދުގައި މިފަދަ އިތުރު އެއްވެސް ކްލިނިކެއް ހުރިތޯ ބެލުމުގެ މަސައްކަތްވެސް ފުލުހުން ކުރަމުންދާ ކަމަށް ރިޕޯޓުގައި ވެއެވެ.

ކްލިނިކް ބަންދު ކުރިއިރު، އެ ޒުވާނާ އަކީ ޑޮކްޓަރެއް ކަމަށް ގަބޫލު ކޮށް އެތައް ބަޔަކު ވަނީ އޭނާގެ ކްލިނިކުން ފަރުވާ ހޯދާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން