ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން އަބްދުލް ޤައްޔޫމް
ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން އަބްދުލް ޤައްޔޫމް
ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް އުފެއްދެވި ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރްޕީ) ގެ ދަރަނީގެ މައްސަލައިގައި އެމަނިކުފާނު ޒިންމާ ކުރުވަން އުޅޭތީ، ރައީސް މައުމޫންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ މިއަދުގެ އަޑުއެހުން ފަސްކޮށްފިއެވެ.

ދަރަނީގެ މި މައްސަލައަކީ ޑީއާރްޕީން އެމްޓީސީސީއަށް 1.1 މިލިއަން ރުފިޔާ ދައްކަންޖެހޭ މައްސަލައެވެ.

އެގޮތުން ޑީއާރުޕީން އެމްޓީސީސީއަށް ދޭންޖެހޭ ފައިސާ ނުދައްކާ އޮއްވައި އެޕާޓީ އުވާލުމުން އެމްޓީސީސީން ދައުވާކުރީ ޕާޓީގެ އޭރުގެ ރައީސްގެ ހައިސިއްޔަތުން ރައީސް މައުމޫން އެ ދަރަންޏަށް ޒިންމާ ކުރުވުމަށެވެ. ނަމަވެސް ސިވިލް ކޯޓުން ނިންމާފައި ވަނީ އެކަމުގައި ރައީސް މައުމޫން ޒިންމާ ނުކުރުވޭނެ ކަމަށެވެ.

އަދި ދަށުކޯޓުގެ ނިންމުން އެމްޓީސީސީން ހައިކޯޓްގައި އިސްތިއުނާފު ކުރުމުން އެކަމަށް އޮތް މުއްދަތު ހަމަވެފައިވާކަމަށް ބުނެ އެ މައްސަލަ ކުރިޔަށް ނުގެންދެވޭނެ ކަމަށް ކަނޑައަޅައި ދިނުމަށް ރައީސް މައުމޫންގެ ފަރާތްޕުޅުން ހައިކޯޓުގައި އެދުނެވެ. އެހެންނަމަވެސް ހައިކޯޓުން ވަނީ އެ މައްސަލަ ކުރިޔަށް ގެންދެވޭނެކަމަށް ކަނޑައަޅާފައެވެ.

އެހެންކަމުން ރައީސް މައުމޫންގެ ފަރާތްޕުޅުން ވަނީ މިދިޔަ އަހަރުގެ އޭޕްރީލްމަހު އެ މައްސަލަ ސުޕްރީމްކޯޓަށް ހުށައަޅާފައެވެ. އެހެންނަމަވެސް މި މައްސަލައިގެ އަޑުއެހުމެއް މިއަދު ހެނދުނަށް ތާވަލު ކުރުމަށްފަހު ވަނީ ކެންސަލް ކޮށްފައެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިއަދުގެ އަޑުއެހުން ކެންސަލްކުރީ އެމްޓީސީސީން އިތުރު ވަގުތަށް އެދިފައިވާތީ އެވެ.

ސުޕްރީމް ކޯޓުގައި މި މައްސަލަ ބައްލަވަނީ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރާއި ފަނޑިޔާރު އާއިޝާ ޝުޖޫން މުހައްމަދާއި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން