ޑިމޮކްރެޓްސްގެ ވަގުތީ ރައީސް ފިރުޝާން--
ޑިމޮކްރެޓްސްގެ ވަގުތީ ރައީސް ފިރުޝާން--
މި ސަރުކާރު ވައްޓާލާނެކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވުމުން ޑިމޮކްޜެޓްސްއިން އެމްޑީޕީއަށް ހޫނު ރައްދެއް ދީފި އެވެ.

ރޭ އެމްޑީޕީން ބޭއްވި ޖަލްސާގައި ޝާހިދު ވިދާޅުވީ ރީތިކޮށް ފަރިކޮށް މި ސަރުކާރު ބަލިކޮށްލާނެ ކަމަށެވެ. އަދި އެކަމަށް އެމްޑީޕީން މިހާރު އޮތީ ވިއްދާފައި ކަމަށާއި ވިއްދި ވިއްދީނުން މި ސަރުކާރު ވައްޓާލާނެ ކަމަށެވެެ.

ޝާހިދުގެ ވާހަކައާއި ގުޅިގެން ޑިމޮކްރެޓްސްގެ ސެކެޓްރީ ޖެނެރަލް އަލީ ރައްޒާން އެކްސްގައި ވިދާޅުވީ އެމްޑީޕީގެ ފުރަތަމަ ސަރުކާރު ބަޣާވާތަކުން ވައްޓާލީ ޝާހިދު ކަމަށެވެ.

އަދި މި ފަހަރު ޝާހިދު ނުކުމެ އެ ހުންނެވީ އެމަނިކުފާނާ ދިމާއަށް ބާޣީއެކޭ ނުކިޔޭނެ މިންވަރަށް މުޅި އެމްޑީޕީގައި ބަޣާވާތުގެ ހުތުރު ނަން އެޅުވުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.

ރައްޒާންގެ ޕޯސްޓް ޑިމޮކްރެޓްސްގެ ވަގުތީ ރައީސް ހުސެއިން ފިރުޝާންވެސް ވަނީ ރީޕޯސްޓް ކުރައްވައިފަ އެވެ.

ދެހާސް ބާރަވަނަ އަހަރު އެމްޑީޕީގެ ފުރަތަމަ ރައީސް މުހައްމަދު ނަޝީދު އިސްތިއުފާ ދެއްވިއިރު ޝާހިދު ހުންނެވީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުގަ އެވެ. އޭރު އޭނާއަކީ ޑީއާރުޕީގެ މެންބަރެކެވެ. އެމްޑީޕީގެ ވެރިކަން ވެއްޓުނީ ބަޣާވާތަކުން ކަމަށް އެމްޑީޕީން ތުހުމަތުކުރެއެވެ.

ރައީސް ނަޝީދު އިސްތިއުފާ ދެއްވުމުން ރައީސްކަމުގެ މަގާމާ ޑރ. މުހައްމަދު ވަހީދު ހަވާލުވެވަޑައިގެން ހުވާކުރެއްވުމުން ގާނޫނީ ހުވާގެ ލިޔުމުގައި ޝާހިދު ސޮއިވެސް ކުރެއްވިއެވެ. އަދި އެކަން ވަރަށް އަވަސް އަރުވާލައިގެން ކުރެއްވުމުގައި އިސްކޮށް ތިއްބެވި ބޭފުޅުންގެ ތެރޭގައި ޝާހިދު ހިމެނޭ ކަމަށް ވެސް އޭރު އެމްޑީޕީން ތުހުމަތު ކޮށްފައި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން