ބޮލީވުޑްގެ މަޝްހޫރު ފިލްމީތަރި ޝިލްޕާ ޝެޓީ ކުންދަރާ ރާއްޖެ އައުމުން ފަތުރުވެރިކަމާ ބެހޭ ވަޒީރު އިބްރާހިމް ފައިސަލް މަރުހަބާ ކިޔައިފިއެވެ.

މީގެ ކުރިންވެސް އެތައް ފަހަރެއްގެ މަތިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ޝިލްޕާ ޝެޓީ މިފަހަރު ރާއްޖެއަށް އައީ އޭނާގެ އާއިލާއާއެކު ޗުއްޓީ ހޭދަކޮށްލުމަށެވެ. އޭނާއަކީ ދިވެހިރާއްޖެ ދެކެ ވަރަށް ލޯބިވާ އިންޑިޔާގެ ފިލްމީ ތަރިއެއްކަން ފާހަގަ ކުރެވެއެވެ.

މިފަހަރު ޝިލްޕާ ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށް މަޑުކުރަން ހަމަޖެހިފައިވަނީ ޖުމެއިރާ އޮޅަހަލި އައިލެންޑުގައެވެ.

ޝިލްޕާ އަކީ ރާއްޖެއަށް އަންނަ އިންޑިޔާގެ ފިލްމީތަރިންގެ ތެރެއިން ފާހަގަ ކޮށްލެވޭ ފަންނާނެކެވެ. ދާދި ފަހުން ރައީސް ޑރ. މުހައްމަދު މުޢިއްޒު އިންޑިޔާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި ވެސް ޝިލްޕާ ޝެޓީއާ ވަނީ ބައްދަލުކުރައްވައިފައެވެ. އެފަހަރު ޝިލްޕާ ވަނީ ރާއްޖޭގެ ރީތިކަމަށް ތަޢުރީފުކޮށް އިންޓަވިއުއެއްވެސް ދީފަ އެވެ.

ރައީސްގެ އެ ދަތުރުފުޅުގައި ފަތުރުވެރިކަމާ ބެހޭ ވަޒީރުވެސް ބައިވެރިވެވަޑައިގަތެވެ. އެެހެންކަމުން މިނިސްޓަރ ފައިސަލް ވެސް ވަނީ ޝިލްޕާ ޝެޓީއާ ބައްދަލުކުރައްވައި ރާއްޖެ އިޝްތިހާރުކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން