ޕީޕީއެމްގެ ލީޑަރުކަން މީގެކުރިން ކުރެއްވި ރައީސް މައުމޫނާއި ރައީސް ޔާމީން
ޕީޕީއެމްގެ ލީޑަރުކަން މީގެކުރިން ކުރެއްވި ރައީސް މައުމޫނާއި ރައީސް ޔާމީން
ޕީޕީއެމް އުވާލައި އެކަން އިލެކްޝަންސް ކޮމިޝަނުން މިއަދު އިޢުލާނުކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނީ ސިޔާސީ ޕާޓީގެ ޤާނޫނުގެ 30 ވަނަ މާއްދާގެ (ހ)ގެ 2 ވަނަ ނަންބަރުގައިވާ ގޮތުގެ މަތިން ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީ.ޕީ.އެމް) އުވާލުމަށް އެ ޕާޓީގެ ސެނެޓުން ނިންމައި، ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަކޮށް އެކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށެވެ.

އެހެންކަމުން މިއަދުން ފެށިގެން ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީ.ޕީ.އެމް) އުވާލައި އެ ޕާޓީ ސިޔާސީ ޕާޓީގެ ދަފްތަރުން އުނިކުރުމަށް އެކޮމިޝަނުން ވަނީ ނިންމާފައެވެ.

އީސީން އެންމެފަހުން ޢާއްމުކުރި މަޢުލޫމާތުތައް ދައްކާގޮތުން ޕީޕީއެމްގެ ދަފްތަރުގައި ތިބީ 12174 މެންބަރުންނެވެ.



ސިޔާސީ ޕާޓީތަކުގެ ދަފްތަރުން ޕީޕީއެމް އުވާލާފައިވާއިރު ޕީޕީއެމްގެ ސެނެޓުގެ އަޣުލަބިއްޔަތުން އެ ޕާޓީ އުވާލަން ފާސްކުރީ މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ ދެވަނަ ދުވަހު އެވެ.

ޕީޕީއެމަކީ ދިވެހިރައްޔިތުންގެ ޕާޓީ، ޑީއާރުޕީގެ ތެރޭގައި އުފެދުނު ޚިޔާލުތަފާތުވުންތަކުގެ ތެރެއިން، ކުރީގެ ރައީސް މައުމޫން އަބްދުއްޤައްޔޫމާއި އެމަނިކުފާނުގެ ސަޕޯޓަރުން ޑީއާރުޕީން ވަކިވެގެން އުފެއްދި ޕާޓީ އެވެ. ޕީޕީއެމް ރަޖިސްޓްރީކުރީ 27 އޮކްޓޯބަރު 2011 ގައެވެ.

ޕީޕީއެމުން ވަނީ 2013 ގެ ރިޔާސީ އިންތިޚާބުގައި ވާދަކޮށް އެ އިންތިޚާބު ކާމިޔާބު ކޮށްފައެވެ. 2013ގެ ރިޔާސީ އިންތިޚާބުގައި ޕީޕީއެމްގެ ޓިކެޓްގައި ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވީ ކުރީގެ ރައީސް ޔާމީން އަބްދުލްޤައްޔޫމެވެ.

ނަމަވެސް ރައީސް ޔާމީނުގެ ވެރިކަމުގައި ރައީސް މައުމޫނާ ދެމެދު އުފެދުނު ޚިޔާލު ތަފާތުވުންތަކުގެ ތެރެއިން ރައީސް މައުމޫން ޕީޕީއެމުން ބޭރުކުރިއެވެ. އަދި ޕީޕީއެމް ރައީސް މައުމޫންގެ އަތްޕުޅުން އަތުލެއްވުމަށް ކޯޓަށް މައްސަލަ ހުށައެޅުއްވުމަށްފަހު ބެކަޕް ޕާޓީއެއްގެ ގޮތުގައި 31 ޖެނުއަރީ 2019 ގައި ޕީއެންސީ އުފެއްދެވިއެވެ.

އެހެން ނަމަވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީންއާ ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ހިޔާލު ތަފާތުވެ ރައީސް ޔާމީން ވަނީ ޕީޕީއެމުން ވަކިވެވަޑައިގެން އެހެން ޕާޓީއެއް އުފައްދަވައިފަ އެވެ. އަދި އޭގެ ފަހުން ޕީޕީއެމްގެ ހަރަކާތްތައް ނުހިންގާ އޮތުމަށް ފަހު ޕީޕީއެމް އުވާލަން އެޕާޓީގެ ސެނެޓުން ނިންމީ އެވެ.

ޕީޕީއެމް އުވާލުމަށް އީސީން ނިންމައި އެކަން އިޢުލާނު ކޮށްފައިވާއިރު ރައީސް މައުމޫން އެންމެ ފުރަތަމަ އުފެއްދެވި ޑީއާރުޕީ އާއި އެމަނިކުފާނު އެންމެ ފަހުން އުފެއްދެވި އެމްއާރުއެމް ވެސް މިހާރު ވަނީ އުވާލާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން