ތިނަދޫގައި ޢިމާރާތް ކޮށްފައިވާ ހައުސިންގ ޔުނިޓްތައް
ތިނަދޫގައި ޢިމާރާތް ކޮށްފައިވާ ހައުސިންގ ޔުނިޓްތައް
ހައުސިން މިނިސްޓްރީގެ ހުއްދަ ހޯދާފައި ނުވާތީ ތިނަދޫ ކައުންސިލުން 200 ހައުސިންގ ޔުނިޓަށް ކުރިމަތިލާން ކުރި އިއުލާން ބާތިލުކުރަން ހައުސިން މިނިސްޓްރީން އެކައުންސިލަށް އަންގައިިފިއެވެ.

ޢިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން މިއަދު ތިނަދޫ ސިޓީގެ މޭޔަރު ސައުދު އަލީއަށް ފޮނުއްވި ސިޓީއެއްގައި ބުނެފައިވަނީ ސަރުކާރުން ޢިމާރާތްކުރާ ހައުސިންގ ޔުނިޓްތައް ޢިމާރާތްކުރުމާއި އެތަންތަން އެކިފަރާތްތަކަށް ދޫކުރުމުގެ މަސައްކަތް ކުރުމާއި ވިލަރެސްކުރުމުގެ މަސައްކަތަކީ އެމިނިސްޓްރީގެ މެންޑޭޓުގައި ހިމެނޭ ކަމެއް ކަމަށެވެ.

އެގޮތުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޢިމާރާތްކުރެވޭ ހައުސިންގް ޔުނިޓްތައް ހަވާލުކުރަމުން ދަނީ އެމިނިސްޓްރީން އެންޑޯޒްކޮށް ހުއްދަދެވޭ އުސޫލަކާއި އެއްގޮތަށް ކަމަށް ސިޓީގައި ވެއެވެ. ނަމަވެސް ތިނަދޫގައި އިމާރާތްކުރަމުންދާ 200 ހައުސިންގ ޔުނިޓަށް ކުރިމަތިލުމަށް ހުޅުވާލާފައިވާކަން މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި އެއީ މިނިސްޓްރީގެ ހުައްދަނެތި ކުރި އިއުލާނެއް ކަމަށް ސިޓީގައި ވެއެވެ.

ހަމައެއާއެކު ތިނަދޫގައި 200 ހައުސިންގ ޔުނިޓް ޢިމާރާތް ކުރަމުންދަނީ އެމިނިސްޓްރީގެ ބެލުމުގެ ދަށުން ކަމަށާއި މި ޔުނިޓްތައް ދޫކުރުމަށް އިއުލާނުކުރުމުގެ ކުރިން ހައުސިން ޔުނިޓްތައް ދެވޭނެ އުސޫލު ފައިނަލް ކުރުމާއި އެޕްލިކޭޝަންގެ މަރުހަލާ ކުރިޔަށް ގެންދަންވާނީ އެމިނިސްޓްރީގެ އިރުޝާދުގެ ދަށުން ކަމަށްވެސް މިނިސްޓްރީގެ ސިޓީގައި ވަނީ ބުނެފައެވެ.

“ވީމާ އެ އިޢުލާން ބާތިލު ކުރުމަށް އަންގަމެވެ. އަދި ތިނަދޫ ސިޓީގައި އިމާރާތް ކުރަމުންދާ 200 ހައުސިން ޔުނިޓް ލިބޭ ފަރާތްތައް ހޯދުމަށް އިޢުލާން ކުރުމަށް ބޭނުންވާ އުސޫލު އެންޑޯޒް ކުރުމަށް މި މިނިސްޓްރީއަށް ފޮނުވުމަށް ދަންނަވަމެވެ. އަދި މިނިސްޓްރީގެ އިރުޝާދުގެ ދަށުން ހައުސިން ޔުނިޓްތައް ހަވާލު ކުރުމާގުޅޭ މަސައްކަތް ކުރިއަށް ގެންދިއުމަށް އެދެމެވެ.” ހައުސިން މިނިސްޓްރީން މިއަދު ތިނަދޫ ސިޓީ ކައުންސިލަށް ފޮނުވި ސިޓީގައިވެއެވެ.

ހައުސިން މިނިސްޓްރީން މިފަދަ ސިޓީއެއް ތިނަދޫ ސިޓީ ކައުންސިލަށް ފޮނުވާފައިވާއިރު ތިނަދޫ ސިޓީ ކައުންސިލުން 200 ހައުސިންގ ޔުނިޓަށް ކުރިމަތިލާން ފުރުސަތު ހުޅުވާލީ މިދިޔަ މަހުގެ 29ގައެވެ.

ތިނަދޫ ސިޓީ ކައުންސިލުން ކޮށްފައިވާ އިއުލާނުގައި ވަނީ އެ ސިޓީގައި ސަރުކާރުން އިމާރާތްކުރަމުންދާ 200 ހައުސިން ޔުނިޓަށް އެދި ޕޯޓަލް މެދުވެރިކޮށް ހުށަހެޅުމުގެ ފުރުސަތު މިދިޔަ ބުދަ ދުވަހުގެ 13:00ން ފެށިގެން 30 އޭޕްރިލް 2025ވާ ބުދަ ދުވަހުގެ 14:00ގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން