ކޯވިޑް 19 އަށް މިއަދު ޕޮޒިޓިވްވި ދެމީހުންނާއެކު ރާއްޖެއިން ބަލި ޖެހިފައިވާ މީހުންގެ އަދަދު ހަތަރަކަށް އަރައިފިއެވެ.

އެޗްޕީއޭ އިން ރޭ ކުރި ޓްވީޓެއްގައި ބުނީ މިފަހަރު ޕޮޒިޓިވްވި ދެމީހުންނަކީ ބަތަލާ ރިޒޯޓުން ޝައްކު ކުރެވިގެން ޓެސްޓް ކުރި ތިން މީހުންގެ ތެރެއިން ދެމީހުން ކަމަށެވެ. މިފަހަރު ޕޮޒިޓިވް ދެމީހުންނަކީވެސް ދެ ބިދޭސީން ކަމުގައި އެޗްޕީއޭއިން ބުނި ނަމަވެސް މިދެމީހުންނަނީ އެރަށުގައި މަސައްކަތް ކުރާ ދެމީހުން ކަމެއް ނުވަތަ ފަތުރުވެރިން ކަމެއް ހާމައެއް ނުކުރެއެވެ.

ކޯވިޑް 19 އަށް ރާއްޖެއިން ދެމީހުން ޕޮޒިޓިވް ވި ކުރެއްދޫ ރިޒޯޓުގައި 93 މީހަކު އެކަހެރި ކޮށްފައިވާ ކަމަށް ރޭ ހެލްތު މިނިސްޓަރ އަމީން ވިދާޅުވިއެވެ. އަދި ޕޮޒިޓިވް ވި ދެމީހުންނާ އެކި ގޮތް ގޮތުން ގުޅިފައިވާ 173 މީހަކު ފާހަގަކުރެވިފައިވާކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ކޮރޯނާވައިރަސްއާއި ގުޅިގެން ބަނގްލަދޭޝްގެ މަސައްކަތްތެރިން ގެނައުން ވެސް މިހާރުވަނީ މަނާކޮށްފައެވެ. އަދި ރާއްޖެއަށް އެނބުރި އަންނަން ދިޔަ މީހުންވެސް 14 ދުވަސް ފަހުން ނޫނީ ނާދެވޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ.

ކޯވިޑް 19 އަށް ޕޮޒިޓިވް ބަޔަކު ރާއްޖެއިން ފެނުމުން ރައްޔިތުންގެ ހާސްކަންވަނީ އިތުރުވެފައެވެ. ނަމަވެސް ކޮރޯނާވައިރަސްއަކީ ސާފުތާހިރުކަމަށް ސަމާލުކަން ދިނުމުން ވަރަށް ފަސޭހައިން ރައްކާތެރިވެވޭ ވައިރަހެކެވެ. އެގޮތުން ސައިބޯނި ލައިގެން ގިނަގިނައިން އަތް ދޮވުން ނުވަތަ އަތް ދޮންނަ ސެނިޓައިޒަރ އެއް ބޭނުން ކޮށްގެން އަވަސް އަވަހަށް އަތް ދޮވެ ސާފު ކުރުމުން ކޯވިޑް 19 ޖައްސާ ވައިރަހުން ރައްކާތެރިވެވެއެވެ. ކަރުތެރެ ހިކުނަ ނުދީ ފެންބުއިމާއި މީހުން ގިނައިން ގޮސް އުޅޭ ތަންތަނަށް ނުދިއުމާއި ރޯގާ ޖެހި ކެއްސާ ކިނބިހި އަޅާނަމަ އަނގަމަތި ރަނގަޅަށް ނިވާ ކުރުމަށް ސަމާލުވުމަށް ސިއްހީ މާހިރުން ލަފާދެއެވެ.

މި ބަލި އާންމުކޮށް ފެތުރެނީ ބަލި ޖެހިފައި ހުންނަ މީހަކު ކެއްސާ ކިނބިހި އެޅުމުން ބުރައިގެންދާ ކުޅު ތިއްކާއެކު ބަލީގެ ވައިރަސް ކައިރީގައި ހުންނަ މީހާގެ ގަޔަށް އަރައިގެން ނުވަތަ ހަރުތަނެއްގައި ވައިރަސް ހަރުކާފައި ހުއްޓާ އެހެން މީހަކަށް އެފަދަ ތަނެއްގައި އަތްލެވިގެން އެއަތުން އަނގަ، ނޭފަތް ނުވަތަ ލޮލުގައި އަތްލެވުމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން