މަރްޔަމް ނަހްދާ ވަޙީދު   3 ފެބްރުއަރީ 2025 - 20:4
ޖުމްހުރީ ޕާޓީގެ ރައީސް ގާސިމް އިބްރާހިމް- ގޫގުލް އިމޭޖެސް
ޖުމްހުރީ ޕާޓީގެ ރައީސް ގާސިމް އިބްރާހިމް- ގޫގުލް އިމޭޖެސް
ރާއްޖޭގެ ތަރައްގީއަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ، ރާއްޖޭގެ ސިޔާސީ އިސްލާހީ ހަރަކާތުގެ އިސް މޭސްތިރިއެއްގެ ގޮތުގައި ހިމެނޭ، މަޝްހޫރު ވިޔަފާރިވެރިޔާ، އަދި ޖުމްހޫރީ ޕާޓީގެ ރައީސް ގާސިމް އިބްރާހިމްގެ ހަޔާތުގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ބަޔޮގްރަފީ މިމަހު ނެރޭނެ ކަމަށް ވިލާ ކުންފުނިން ބުނެފިއެވެ.

ވިލާ ފައުންޑޭޝަނުން ބުނެފައިވަނީ މި ބައޮގްރަފީ ނެރުމަށް ހަމަޖެހިފައިވަނީ މިމަހުގެ 10 ގައި ކަމަށެވެ.

މި ބައޮގްރަފީގައި ފޮޓޯ ސަފްހާތަކާއެކު ސަތޭކައަށްވުރެ ގިނަ ސަފްހާ ހިމެނޭއިރު، މި ބައޮގްރަފީ ލިޔެފައިވަނީ ބައޮގްރަފީ ލިޔުމުގެ ދާއިރާއިން ކުރިއަރަމުން އަންނަ ލިޔުންތެރިޔާ މުހައްމަދު ޖަމީލެވެ. މި ފޮތް ޗާޕު ކޮށްފައިވަނީ ހާޑު ކަވަރުގައެވެ.

މި ބައޮގްރަފީގައި ގާސިމްގެ ހަޔާތުގައި ކުރިމަތިވެވަޑައިގެންނެވި މައިގަނޑު ހުރިހާ ކަމަކަށް އަލިއަޅުވާފައިވާ ކަމަށް ވިލާ ކުންފުނިން ވަނީ ބުނެފައެވެ. އޭގެ ތެރޭގައި ގާސިމްގެ ކާމިޔާބީތަކާއި، ނާކާމިޔާބުތަކާއި، ގައުމަށް ކޮށްދެއްވި ހިދުމަތްތަކާއި، ވިޔަފާރިއާއި، އިޖްތިމާއީ ރޯލާއި، އާއިލީ ދިރިއުޅުމާއި، ސިޔާސީގޮތުން މިގައުމަށް އައިސްފައިވާ ބޮޑު ބަދަލުތަކުގައި ގާސިމް ތަޖުރިބާ ކުރެއްވި ކަންތައްތައް ހިމެނެއެވެ.

ބައޮގްރަފީގައި މި ހުރިހާ ކަމެއްވެސް އެއްވެސް ފޮރުވުމެއްނެތި ވަރަށް ތަފްސީލުކޮށް ގެނެސްފައިވާ ކަމަށް ވިލާ ކުންފުނިން ބުނެފައި ވެއެވެ.

މި ބައޮގްރަފީ ނެރުމުގެ ހަފްލާ އޮންނާނީ މިމަހުގެ 10 ވަނަ ދުވަހުގެރޭ ވިލާ ކޮލެޖުގައެވެ. މި ހަފްލާގައި ބައޮގްރަފީގެ އޯޑިއޯ ފޮތާއި، ބައޮގްރަފީ ހިމެނޭ ވެބްސައިޓު އިފްތިތާހު ކުރުންވެސް އޮންނާނެއެވެ.

އަދި ބައޮގްރަފީ ނެރުމާއެކު ގާސިމްގެ ހަޔާތް ކުރު ގޮތަކަށް ދައްކައިދޭ ފޮޓޯ މައުރަޒެއް ވިލާ ކޮލެޖުގައި ހުޅުވޭނެ ކަމަށްވެސް އެ ކުންފުނިން ބުނެފައި ވެއެވެ.

މި ފޮޓޯ މައުރަޒު އާންމުންނަށް ހުޅުވިފައި ހުންނާނީ ފެބްރުއަރީ 11 ވަނަ ދުވަހުގެ ހެނދުނު 09:00 އިން ރޭގަނޑު 10:30 އާއި ހަމައަށެވެ. އަދި މި މައުރަޒަށް ޒިޔާރަތް ކުރާ ކޮންމެ ފަރާތަކަށްވެސް ބައޮގްރަފީގެ ކޮޕީއެއް ހިލޭ ލިބޭނެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން