ހީނާ ވަލީދު
ހީނާ ވަލީދު
ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ހިންގާނެ އިމާރާތެއް ހޯދަން އަނެއްކާވެސް އިއުލާންކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީއިން މިއަދު ކުރި އިއުލާނުގައި ބުނެފައިވަނީ ފަސް އަހަރުގެ މުއްދަތަށް އެންސްޕާގެ އޮފީސް ހިންގާނެ އިމާރާތެއް ހޯދަން ބޭނުންވާ ކަމަށެވެ. އަދި އެކަމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ. އެ މިނިސްޓްރީން ބުނީ އެކަމަށް ޝަރުތުހަމަވާ ފަރާތެއް ކަނޑައަޅާނީ ނެޝަނަލް ކޮމްޕެޓިޓިވް ބިޑިންގް (އެންސީބީ) ގެ ދަށުން ކަމަށެވެ.

އެގޮތުން ބީލަމުގައި ބެރިވެރިވުމަށް 500 ރުފިޔާގެ ނޮން ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަން ޖެހޭއިރު، މާދަމައިން ފެށިގެން ފެބްރުއަރީ 12 ވަނަ ދުވަހާ ހަމައަށް ފައިސާ ބަލައިގަންނާނެ ކަމަށް އެ މިނިސްޓްރީން ބުނެފައިވެއެވެ.

އަދި މިކަމާ ގުޅޭ ލިޔެކިޔުންތައް މާދަމައިން ފެށިގެން މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑު ކުރެވޭނެ ކަމަށާއި، ބީލަން ހުށަހަޅަން ޖެހެނީ ބީލަން ޕޯޓަލް މެދުވެރިކޮށް ކަމަށްވެސް ބުނެފައިވެއެވެ.

މި ޕްރޮޖެކްޓަށް ބީލަން ހުށަހަޅަން ޖެހޭނީ ފެބްރުއަރީ 16 ވަނަ ދުވަހު މެންދުރު 01:00 ގެ ކުރިންނެވެ. އަދި ބިޑު ހުޅުވާނީ ފެބްރުއަރީ 17 ގެ މެންދުރު 1 ޖަހާއިރު އެވެ.

މި ޕްރޮޖެކްޓްގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 252،000ރ. ހުށަހަޅަން ޖެހެއެވެ. އަދި އޭގެ މުއްދަތަކަށް މިނިސްޓްރީން ކަނޑައަޅާފައިވަނީ ބިޑު ހުޅުވާ ދުވަހުން ފެށިގެން 148 ދުވަހެވެ.

އެންސްޕާއިން ވަނީ މިދިޔަ އަހަރު ޖޫން މަހުވެސް އޮފީސް އިމާރާތެއް ހޯދުމަށް އިއުލާން ކޮށްފައެވެ. އޭރު އެންސްޕާ ހިންގަން ތިން ފްލޯ ކުއްޔަށް ނެގީ އެމްއެމްޓީވީ ހިންގާ މޯލްޑިވްސް މީޑިއާ ހައުސް އިންނެވެ.

ނަމަވެސް ސޯޝަލް މީޑިއާގައި ކުރެވުނު ތުހުމަތުތަކެއްގެ ސަބަބުން މައްސަލަ ހޫނުވެފައިވާތީ މޯލްޑިވްސް މީޑިއާ ހައުސް އާއެކު ވެފައިވާ އެއްބަސްވުން އުވާލަން އެންސްޕާއިން ނިންމިއެވެ. މިހާރު އެންސްޕާ ހިންގަމުން އަންނަނީ "މޫކައި ސުއިޓްސް" ގައެވެ.

އެކަމަކު އެ އިމާރާތް ވަރަށް ބޮޑަށް ބާވެ، މަރާމާތު ކުރަން ޖެހޭތީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެތަނުން ނުކުންނަން ޖެހޭ ކަމަށް އެންސްޕާ އިން މީގެ ކުރިން ބުނެފައި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން