މިހާރު ޢަމަލު ކުރަމުންދާ ޤާނޫނު އަސާސީ ޑްރާފްޓްކުރި ކޮމިޓީގެ މުޤައްރިރު އިބްރާހީމް އިސްމާޢީލް (އިބްރާ)
މިހާރު ޢަމަލު ކުރަމުންދާ ޤާނޫނު އަސާސީ ޑްރާފްޓްކުރި ކޮމިޓީގެ މުޤައްރިރު އިބްރާހީމް އިސްމާޢީލް (އިބްރާ)
ސުޕްރީމް ކޯޓުގެ ކަންކަމަކީ ސިޔާސީ ކަމެއްނޫން ކަމަށާއި ޝަރުޢީ ދާއިރާގެ މިނިވަންކަމުގެ ދިފާޢުގައި ތެދުވާނެ ކަމަށް މިހާރު ޢަމަލު ކުރަމުންދާ ޤާނޫނު އަސާސީ ޑްރާފްޓްކުރި ކޮމިޓީގެ މުޤައްރިރު އިބްރާހީމް އިސްމާޢީލް (އިބްރާ) ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ފުރަތަމަ ރައީސްގެ މަޤާމުވެސް އަދާކުރެއްވި އިބްރާހީމް އިސްމާޢީލް (އިބްރާ) މިހެން ވިދާޅުވެފައިވާއިރު ސުޕްރީމް ކޯޓުގައި ތިއްބަވާ ފަނޑިޔާރުންގެ އަދަދު ހަތަކުން، ފަހަކަށް މަދު ކުރުމަށް، ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރަކު ރައްޔިތުންގެ މަޖިލީހަށް ވަނީ ބިލެއް ހުށަހަޅުއްވާފައެވެ.

އެކަމާ ގުޅިގެން އިބްރާހިމް އިސްމާޢީލް (އިބްރާ) ވިދާޅުވީ ރާއްޖޭގެ ސިޔާސީ މަސްރަހުގައި ހިނގާ ކަންތައްތަކަށް މިހާރު މާބޮޑު ޝައުޤުވެރިކަމެއް ނެތް ކަމަށެވެ. އެހެން ނަމަވެސް ސުޕްރީމް ކޯޓުގެ ކަންކަމަކީ ސިޔާސީ ކަންކަން ނޫންކަން އިބްރާ ފާހަގަކުރެއްވިއެވެ.

ހަމައެއާއެކު ޤާނޫނުއަސާސީ އާއި ޝަރުޢީ ނިޒާމުގެ ކަންކަން ސިޔާސީ ހަތިޔާރެއްގެ ގޮތުގައި ބޭނުން ކޮށްގެން ނުވާނެ ކަމަށް އިބްރާ ވިދާޅުވިއެވެ. ވަކީން ޚާއްޞަކޮށް ޤާނޫނުއަސާސީ ޙިމާޔަތްކޮށް ރައްޔިތުންގެ ރައްކައުތެރިކަން ކަށަވަރު ކޮށްދޭ ސުޕްރީމް ކޯޓާއި ކުޅެގެން ނުވާނެ ކަމަށް އިބްރާ ވިދާޅުވެފައިވެއެވެ.

“ޕީ.އެން.ސީގެ މަޖިލިސް މެންބަރުންނަށް ބުނެލަން އޮތްވާހަކައެއް އެބައޮތެވެ. އަހަރެމެން މިހެން މަޑުން ގޭގައި ތިއްބަ ދޭށެވެ.” އިބްރާ ވިދާޅުވިއެވެ.

އޭގެ އިތުރުން އިބްރާ ވިދާޅުވީ ޖުޑިޝަރީގައި ރަނގަޅު ކުރަންޖެހޭ ކިތަންމެ ކަމެއް އެބަހުރި ކަމަށެވެ. އެހެން ނަމަވެސް ޤާނޫނު އަސާސީ ބަދަލުކޮށްގެން ސުޕްރީމް ކޯޓާއި ކުޅޭނަމަ ޖުޑިޝަރީގެ މިނިވަންކަމުގެ ދިފާއުގައި ތެދުވާނެ ކަމަށް ވިދާޅުވެ އެކަން އެގޮތަށް ނުކުރުމަށް އިބްރާ ވަނީ ޕީއެންސީ އަށް ގޮވާލާފައެވެ.

“ޖުޑިޝަރީގެ އަނިޔާ މަށަށްވުރެބޮޑަށް ލިބުނު، އަދި ލިބޭ އެހެން މީހަކުވެސް ހުރެދާނެހެނެއް ހިއެއް ނުވެއެވެ. އެކަމަކުވެސް، ޖުޑިޝަރީގެ މިނިވަންކަމުގެ ދިފާޢުގައި ތެދުވާނަމެވެ.” އިބްރާ ވިދާޅުވިއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރަން ސަރުކާރަށް ނިސްބަތްވާ މެންބަރަކު މަޖިލީހަށް ހުށައަޅުއްވާފައިވަނީ އެ ކޯޓުގެ ދެ ފަނޑިޔާރެއް ސުޕްރީމް ކޯޓުން ވަކިކުރުމުގެ މައްސަލަ ސަރުކާރުން އިސްވެ މަޖިލީހަށް ހުށަހަޅަން ތައްޔާރުވަމުންދާ ކަމުގެ އަޑު ގަދަވެފައިވާ ވަގުތެއްގައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން