މިއަދު ރާއްޖޭގެ ސިޔާސީ މަސްރަހުގައި އެންމެ އަޑުގަދަކޮށް ދެކެވެނީ ސްޕްރީމް ކޯޓުގެ ބެންޗަށް ބަދަލު ގެނައުން ގޯސް ވާހަކައެވެ. ބެންޗަށް ބަދަލުގެނައުން މިއަދު ގޯސްވަނީ އަދުލު އިންސާފުގެ ތެރެއަށް ސަރުކާރުން ވަނުން ގޯސް ކަމަށް މިއަދު ގަބޫލުކުރެވޭތީއެވެ. ނޫނީ ޖުޑިޝަރީގެ ތެރެއަށް ރައްޔިތުންގެ މަޖިލީހުން ވަނުމަކީ މުޅިން ގޯސް ކަމެއްގެ ގޮތުގައި މިއަދު ގަބޫލުކުރެވޭތީއެވެ. އަމުދުން ސްޕްރީން ކޯޓުގައި ވަކި މައްސަލައެއް އޮއްވާ އެކަން ކުރަން އުޅޭތީވެ އަދި މާ ގޯސް ކަމަށް އެވެރިންނަށް ގަބޫލުކުރެވުނީއެވެ.

ނަމަވެސް ސްޕްރީމް ކޯޓުގެ ބެންޗުގެ ވާހަކައާއި އެކޯޓު އޮންނަން ޖެހޭނެ ގޮތާއި އެކޯޓަށް ފަނޑިއާރުން ލާނެ ގޮތާއި އެމީހުން ކަންތައް ކުރާން ޖެހޭނެ ގޮތް އެބުނާ ގާނޫނު އަސާސީގައި ވެސް އަދި ގާނޫނުގައި ވެސް ލިޔުނީ މަޖިލީހުންނެވެ. ހަމަ އެބީދައިން ގާނޫނު އަސާސީއާއި ގާނޫނުތައް ލިޔެ ފާސްކޮށްފައި ވަނީކީ ސިލް ޖަހާ ނުހުޅުވޭ ގޮތަށް ނޫނީ އޭގައި ލިޔެފައި އޮތް އެއްޗެއް ބަދަލު ނުކުރެވޭ ގޮތަކަށް ނޫނެވެ. އަދި އެކަން އެގޮތަށް ނުކުރެވޭނެއެކޭ އެއްވެސް ގާނޫނަކު ވެސް އަދި ގާނޫނު އަސާސީއަކުވެސް ނެތެވެ. އެހެންވީމާ ގާނޫނު އަސާސީ ވުޖޫދުވެ އެއަށް އަމަލު ކުރާން ފެށިފަހުން އެ ގާނޫނު އަސާސީގެ ދަށުން އައި ހުރިހާ ވެރިކަމެއްގައިވެސް ގާނޫނުތަކަށް ބަދަލު ގެނައެވެ. ގާނޫނު އަސާސީއަށް ވެސް ބަދަލުތައް ވަނީ ގެނައްސައެވެ.

މިދެންނެވި ގާނޫނު އަސާސީއާއި ގާނޫނު ތަކަށް ބަދަލު ގެނަސް އިސްލާހުތައް ގެނަސްގެން ބޮޑެތި އިންތިޚާބުތައް ފަސްކޮށް އަވަސްކޮށް އަދި އެކި މަޖިލިސްތަކާއި ކައުންސިލްތަކުގެ ދައުރު ދަމާ ދިގުކޮށް ކުރުކޮށް ވެސް ވަނީ ހަދާފައެވެ. އަދި މިއަދު އެވެރިންނަށް ހަމަ އެއްގޮތަކަށް ކަމު ނުގޮސްގެން އެއުޅޭ ސްޕްރީމް ކޯޓުގެ ބެންޗު ވެސް ދަމާ ދިގުކޮށް ކުރުކޮށް ހަދާފައިވާ ކަމީ ގަބޫލުކުރަންޖެހޭ ހަގީގަތެކެވެ. މިހާރު އަމަލު ކުރަމުންދާ ގާނޫނު އަސާސީގެ ދަށުން ފުރަތަމަ ވެރިކަން ކުރި އެމްޑީޕީ ސަރުކާރުގައި ވެސް ސްޕްރީމް ކޯޓުގެ ބެންޗު ދަމާ ދިގުކޮށް ކުރުކޮށް ހަދާން މަސައްކަތް ކުރިއެވެ. އެކަމަކު އޭރު ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީގެ ބާރު ނެތުމުން އެކަން ނުވީއެވެ. ދެން ޖެހިގެން އައި ރައީސް ޔާމީންގެ ނޫނީ ޕީޕީއެމް ސަރުކާރުގައި ވެސް ސްޕްރީމް ކޯޓުގެ ބެންޗު ކުރުކޮށް ކުޑަކޮށް ހެދިއެވެ. އަދި އެންމެ ފަހުން އެކަން ކޮށްފައި ވަނީ ވެސް ނިމި ދިޔަ އެމްޑީޕީގެ ސަރުކާރުންނެވެ.

އެކަން ތިމަންނާމެން ކުރީ މިވެނި އެވެނި ނިޔަތެއްގައި ކަމުގައި މިއަދު އަޑު ހަރުކޮށް ބުނި ނަމަވެސް އެމްޑީޕީގެ ސަރުކާރުން ސްޕްރީމް ކޯޓުގެ ބެންޗު ދަމާ ދިގުކުރީ ނުވަތަ ސްޕްރީމް ކޯޓުގެ ބެންޗު ހަތް ފަނޑިޔާރުންނަށް އިތުރުކުރީ އެމީހުން ބޭނުންވާ މަގުސަދުތަކެއް ހާސިލު ކުރުމަށް އެމީހުން ބޭނުންވާ ބަޔަކު އެ ބެންޗަށް އެރުވުމަށެވެ. އަދި އެހިސާބުން ނިންމާލީކީ ނޫނެވެ. ޖުޑީޝަރީގެ މައި އިދާރާ ނުވަތަ ޖުޑިޝަލް ސާވިސް ކޮމިޝަން، ޖޭއެސްސީގެ ބެންޗުގައި ވެސް އަތުރާލީ ސީދާ ރަތްލާޖެހި މެންބަރުންނެވެ. އެ ބެންޗުގައި ނަގާ ކިޔަން ތިބީ ރައީސް ނަޝީދާއި ނަޝީދުގެ ގާނޫނީ ޓީމެވެ. ސްޕްރީން ކޯޓުގެ ބެންޗު ދަމާ ދިގުކޮށް އެބެންޗަށް ޔަގީންވާ ކުޅުންތެރިންލައިގެން ކުޅުނު ވަރުގަދަ މެޗުތަކާއި އެމެޗުތަކުގެ ނަތީޖާ އެހެރީ މިއަދުވެސް ސްކޯ ބޯޑުތަކުން ފެންނާށެވެ. ރައީސް ޔާމީނާއި އެމަނިކުފާނުގެ ވަކީލުން ސިފަ ކުރައްވާ ގޮތުގައި ޖޭއެސްސީން ރެފްރީން ދަނޑަށް އަރުވާފައި ތިބީ ކަރުގާ ވާ ޖަހާފައެވެ. ހަމަ ފާޑަކަށް އުޅެލިޔަސް، ރަތް ކީއްކުރަން، ރީނދޫ ކާޑެއް ޖީބުން ނަގާފާނެހެން ހީވިޔަސް އެ ރެފްރީއަކު ދަނޑުން ބާލާ ގެއަށް ފޮނުވާލާ އޭނާގެ ތަހުގީގު ހިންގަން ފަށައެވެ. އެވެރިން ގަޔާވާ ކޯޗުންނަށް ފީފާގެ ލައިސަންސާއި ތަޖުރިބާ ނެތަސް ޑަބަލް ޕްރަމޯޝަންދީ ބޮޑެތި އިނާޔަތްތަކާއި ހަދިޔާތައް ދެނީއެވެ.

ނިމިދިޔަ އެމްޑީޕީގެ ސަރުކާރުގައި ނުކުރާ ކަމެއް އަދި މިސަރުކާރަކުން ނުކުރެއެވެ. ސްޕްރީމް ކޯޓުގެ ބެންޗު ބަދަލު ކުރުމަކީ ގޯހެއް ނަމަ އެމްޑީޕީއަކުން ވެސް އެކަމެއް ނުކުރާނެއެވެ. އަދި މިއަދު ޕީއެންސީއަކުން ވެސް އެކަމެއް ނުކުރާނެއެވެ. އަދި ސްޕްރީމް ކޯޓާއި އަދި އެހެނިހެން ކޯޓުތަކަށް ގާނޫނުގެ ތެރެއިން ބަދަލު ގެނައުމަކީ ނުކުރެވޭނެ ކަމެއް ވެސް އަދި ބަޔަކު ނުކުރާ އާކަމެއް ވެސް ނޫނެވެ. މިކަމުގައި އޮތީ އެކަން ކުރާ މަގުސަދާއި ނިޔަތެވެ. މި ރާއްޖޭގައި ހުރިހާ ކަމެއް އިސްލާހުކުރަން ޖެހޭ ކަމަށް ގަބޫލުކުރާ ގޮތަށް އެ އިސްލާހު ހަމަ ރަނގަޅު ގޮތުގައި ސްޕްރީމް ކޯޓަށް ވެސް އަދި ޖުޑިޝަރީއަށް ވެސް އަންނަން ޖެހެއެވެ.

މިހާރު ވެރިކަމުގައި ތިބި ބަޔަކު ނުވަތަ މަޖިލީހުގައި ތިބި ބަޔަކު ގޯސްކޮށް ކަމެއް ކުރާނަމަ އެކަމުގެ ބަދަލު ދޭނީ ރައްޔިތުން އިންތިޚާބު ތަކުންނެވެ. ދެން ސްޕްރީމް ކޯޓޭ، ކޯޓުގެ ބެންޗު ބަދަލު ކުރަނިއްޔޭ، ނުފޫޒޭ ކިޔައިގެން ސިޔާސީ މީހުން ދައްކާ ވާހަކަ ތަކަކީ ހަމަ ހުސް ސިޔާސީ ވާހަކަތަކެވެ. ރައްޔިތުން ގަބޫލުކުރާނީ އިންސާފާއި ހަމަހަމަ ކަމެވެ. ނަތީޖާ ނެރުމެވެ. ތަރައްގީއެވެ. ޖީބަށް ވަންނަ ފައިސާއެވެ. ލިބޭ އާމްދަނީއެވެ. ދިރިއުޅުމުގެ ފަސޭހަ ކަމެވެ. ޚިދުމަތުގެ ކޮލިޓީއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން