ސްޓެލްކޯގެ މުވައްޒަފުން ވަޒީފާގައި- ގޫގުލް އިމޭޖެސް
ސްޓެލްކޯގެ މުވައްޒަފުން ވަޒީފާގައި- ގޫގުލް އިމޭޖެސް
ކަރަންޓު ބިލްގެ ރީޑިން ނެގުމުގެ މަސައްކަތް ރޯދަ މަސް ފެށުމުގެ ކުރިން ނިންމުމަށްޓަކައި ސްޓެލްކޯގެ އިސްވެރިން ހިމެނޭހެން 350 މުވައްޒަފުން މާދަމާ ނިކުމެ މާލެ ސަރަހައްދުގައި ރީޑިން ނެގުމަށް ހަމަޖެހިފައިވާ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސްޓެލްކޯގެ ޖެނެރަލް މެނޭޖަރ މުހައްމަދު ސަލީމް ވިދާޅުވީ މާދަމާ ނަގާ ރީޑިން ހިމަނައިގެން ތައްޔާރުކުރާ ބިލްތައް ދެއްކުމަށް 30 ދުވަހުގެ މުއްދަތެއް ދޭނެ ކަމަށެވެ.

ސްޓެލްކޯއިން ބުނީ މުޅި މާލެ ސަރަހައްދުގެ ރީޑިންގ ނެގުމަށް އާންމު ގޮތެއްގައި 12 ވަރަކަށް ދުވަސް ހޭދަވާ ކަމަށާއި، އެހެންވެ، ސްޓެލްކޯއިން މިހާރު މަސައްކަތް ކުރަމުންދަނީ 1 ދުވަސްތެރޭގައި މާލެ ސަރަހައްދުގައި ރީޑިން ނަގައި ނިންމަން ކަމަށެވެ.

އަދި ރޯދަމަހުގެ ބިލް ތައްޔާރު ކުރުމަށްޓަކައިވެސް ރޯދައިގެ ފަހު ދުވަހު ރީޑިންގ ނަގައި ނިންމާނެ ކަމަށް ސްޓެލްކޯއިން ބުނެފައި ވެއެވެ.

އަދި މިފަހަރު ބިލް ތައްޔާރު ކުރުމަށް ނިންމާފައި ވަނީ މާދަމާ އާއި ރޯދަ މަހުގެ ފަހު ދުވަހު ރީޑިން ނެގުމަށްފަހު މުޅި މަހަށް ވަކި ހާއްސަ ބިލެއްގެ ގޮތުގައި ކަަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ.

ސަލީމް ވިދާޅުވީ މިގޮތަށް ހަދަން ނިންމި މައިގަނޑު ސަބަބަކީ މިދިޔަ އަހަރު ބިލްކޮށްފައި ހުރި ގޮތުން ދެ ބިލުންވެސް ޑިސްކައުންޓު ދޭން ޖެހުމުން ކަމަށެވެ. އެހެންވެ، އެކަން ހައްލު ކުރުމަށް މިފަހަރު ނިންމާފައި ވަނީ އެއް މަހައް ބިލް ކުރާ ގޮތަށް ކަމަށް ސަލީމް ވިދާޅުވިއެވެ.

މާދަމާ ކަރަންޓު ބިލަށް ރީޑިންގ ނަގަން ފަށާއިރު ރައްޔިތުން މިކަމަށް ފުރިހަމަ އެއްބާރުލުން ދިނުމަށް ސްޓެލްކޯއިން ވަނީ އެދިފައެވެ. އެގޮތުން ގޭގައި ގިނަވަގުތު ނޫޅޭނަމަ، އުޅޭނެ ވަގުތު ސްޓެލްކޯއަށް އަންގާލުމުން އެ ވަގުތަކާ ދިމާކޮށް ރީޑިންގް ނަގަން މުވައްޒަފުން ދާނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

ކަރަންޓު ބިލުން ޑިސްކައުންޓު ދިނުމުގައި މިދިޔަ އެއް އަހަރުގެ ކަރަންޓު ބޭނުންކޮށްފައިވާ މިންވަރަށް ބަލާނެ ކަމަށާއި، އަދި ޑިސްކައުންޓް ދޭނީ އިތުރުވާ އަދަދަށް ކަމަށްވެސް ސްޓެލްކޯއިން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން