އާރްޓީއެލް ގެ ނަމުގައި ސްކޭމް ހިންގަމުންދާ ޕޭޖު، ފޮޓޯ: ފޭސްބުކް
އާރްޓީއެލް ގެ ނަމުގައި ސްކޭމް ހިންގަމުންދާ ޕޭޖު، ފޮޓޯ: ފޭސްބުކް
އާރްޓީއެލްގެ ނަމުގައި ސޯޝަލް މީޑިއާގައި ސްކޭމްތަކެއް ހިންގަމުންދާތީ އެކަމަށް ސަމާލުވުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން އިލްތިމާސް ކޮށްފިއެވެ.

އެމްޓީސީސީން ބުނީ ސޯޝަލް މީޑިއާގެ ޒަރިއްޔާއިން އެކި ފަރާތްތަކުގެ ނަމުގައި ސްކޭމް ހިންގުން އާންމު ވެފައިވާއިރު، އާރްޓީއެލްގެ ނަމުގައިވެސް ސްކޭމްތަކެއް ހިންގަމުންދާކަން އެ ކުންފުނީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.

އެގޮތުން "މޯލްޑިވްސް ޕަބްލިކް ޓްރާންސްޕޯޓު" ގެ ނަމުގައި ހިންގަމުންދާ ފޭސްބުކް ޕޭޖަކުން އާރްޓީއެލް މެދުވެރިކޮށް ތިން މަސް ވަންދެން ހިލޭ ދަތުރުކުރުމަށް މަގުފަހިކޮށްދޭނެ ކަމަށް ބުނާ "ސްމާޓު ކާޑެއް" ވިއްކުމުގެ މަސައްކަތް ކުރަމުން ދާ ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.

ނަމަވެސް މި ޕޭޖުން ހިންގަމުންދާ ހަރަކާތްތަކަކީ އެމްޓީސީސީއާއި، ރާއްޖެ ޓްރާންސްޕޯޓު ލިންކާ އެއްވެސް ގުޅުމެއް ނެތް ހަރަކާތްތަކެއް ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.

އެމްޓީސީސީން ބުނީ އެ ކުންފުނިން ހިދުމަތެއް ނުވަތަ ޕްރޮޑަކްޓެއް ތައާރަފް ކުރާނަމަ އެކަމެއް ރަސްމީކޮށް ފެށުމުގެ ކުރިން ކުންފުނީގެ އޮފިޝަލް ސޯޝަލް މީޑިއާ އަދި އެހެނިހެން މީޑިއާ ޗެނަލްތަކުންވެސް ހިއްސާ ކުރާނެ ކަމަށެވެ.

މިފަދަ ސްކޭމްތައް އާންމުވެފައިވާއިރު، އެމްޓީސީސީ އަދި އާރްޓީއެލްގެ ނަމުގައި އެއްވެސް ފަރާތަކުން ފޮނުވާ ލިންކުތަކަށް ސަމާލުވުމަށް އެ ކުންފުނިން ވަނީ ގޮވާލާފައެވެ. އަދި އެފަދަ ފަރާތްތަކާއެކު އެއްވެސް ކަހަލަ ފައިސާގެ މުއާމަލާތެއް ނުކުރުމަށްވެސް އެ ކުންފުނިން ވަނީ ނަސޭހަތްތެރި ވެފައެވެ.

މީގެ އިތުރުން މިފަދަ ސްކޭމްތަކުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ނޭދެވޭ އަސަރުކުރާނެ ކަމަށް ގަބޫލު ކުރެވޭތީ، އެމްޓީސީސީން ވަނީ އެ ކުންފުނީގެ ނަހަމަ ބޭނުން މިގޮތުގައި ހިފައި، ސްކޭމް ހިންގަމުންދާ ފަރާތްތައް ހަރުކަށި އިބާރާތުން ކުއްވެރި ކޮށްފައެވެ.

އަދި "މޯލްޑިވްސް ޕަބްލިކް ޓްރާންސްޕޯޓު" ގެ ނަމުގައި ފޭސްބުކްގައި ހިންގަމުންދާ ޕޭޖު ރިޕޯޓު ކޮށް، އެ ޕޭޖުން ހިންގާ އެއްވެސް ހަރަކާތެއްގައި ބައިވެރި ނުވުމަށާއި، އެ ޕޭޖުން ފޮނުވާފައިވާ އެއްވެސް ލިންކެއް ބޭނުން ނުކުރުމަށްވެސް އެމްޓީސީސީން ވަނީ އިލްތިމާސް ކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން