މުޙައްމަދު ނާޖިޙު   28 ފެބްރުއަރީ 2025 - 13:7
(މިއީ 1976 ވަނަ އަހަރުގެ ސެޕްޓެންބަރު މަހު ނިކުތް "އަމާޒު" ގެ 50 ވަނަ އަދަދު ގައި އަލްއުސްތާޛް އަލްމަރްޙޫމް މުޙައްމަދު ޖަމީލް ދީދީ ލިޔުއްވާފައިވާ މަޒުމޫނެކެވެ.)

ރޯދަމަހާ ގުޅޭގޮތުން ހިތަށް ގެނެވޭތޯ މިފަހަރު މިއުޅެނީ، ވަކި ބާވަތެއްގެ ހަނދާންތަކެކެވެ. އެމަހުގެ ތެރޭގައި ހިގާފައިވާ إسلامي تاريخ އާ ގުޅޭ ކަންތައްތަކެއްގެ ހަނދާނެއް ނޫނެވެ. މުޅީން އެހެން ވައްތަރެއްގެ އެހެން ބާވަތެއްގެ ހަނދާންތަކެކެވެ.

އަޅުގަޑުމެންގެ ކަންފަތްތަކުގައި ވަރަށް ގިނަފަހަރު ޖެހިފައި އޮންނަ އަޑެއްވެއެވެ. "ރޯދަމަހާރޯއްޖާ" އޭ ބުނާބަހުގެ އަޑެވެ. އެއަޑު އިވޭއިރަށް އަޅުގަޑު ހިތަށްއަރައެވެ. މިބުނަނީ ކީކޭ ބާވައެވެ؟ އަޅުގަޑުމެން އާދަވެގެން ރޯއްޖޭ ކިޔަނީ ކެއިންބުއިމަށެވެ. ގިނައިން މަސް ބާނައިފިނަމަ އެއީ ރޯދި بركات އެވެ. نتيجة އެއްގެ ގޮތުން އޮންނާނީ ބަޑުން ލޯ އަޑު ކިޔަން ދެން ކެއިމެވެ. އެކަން އެހެން އޮތުމާއެކު، ރޯދަމަހަކީ ގިނަ ވަގުތުތައް ނުކައިނުބޮއި ހުންނަ ދުވަސްވަރެކެވެ. ދެން ކޮން ރޯއްޖެއްބާވައެވެ. މިސުއާލު ހިތަށް ވަންނާން ފެށިތާ މާގިނަ ދުވަސްތަކެއް ނުވެއެވެ. އެހެން ކިޔޭ ގޮތް ދަސްވެއްޖެއެވެ. އެދުރުންގެ ކިބައިން އެގިދަސްވެއްޖެއެވެ.

އިންސާނާއަކީ އިންސާނާއެވެ. އެންމެ ފުރަތަަމަ ވެސް އަދި އެންމެ ފަހުން ވެސް އެއީ އިންސާނާއެވެ. އިންސާނާ އުފެދިގެން އައިއިރު، އިންސާނާއާއި އެކު، އިންސާނާގެ ކިބައިގައި އުފެދި ހިގަމުން އަންނަ ގޮތްތަކަކާއި ސިފަތަކެއް ހުރެއެވެ. ތިމާއަށް ނުލިބިފައި އޮންނަ ކަމަކާއި އެއްޗަކަށް ދަހިވެތިވެ އެދުންވެރިވުމަކީ އޭގެތެރެއިން އެންމެ ކުލަގަދަކޮށް ހުންނަ ގޮތެކެވެ. ސިފައެކެވެ. އަބަދުވެސް އިންސާނާއަށް އެންމެ ބޭނުން ކަމަކީ ނުލިބި އޮންނަ ކަންކަމެވެ. ތަކެއްޗެވެ. ކަޅުމީހަކު ނަމަ އެންމެ ބޭނުން ކަމަކީ، ދޮންވާށެވެ. ދޮންމީހުން ބޭނުމީ ކަޅުވާށެވެ. އަވިގަދަ ތަންތަނަށް ގޮސް އަވީލެވިގެން އެތިބެނީ އެބޭނުމުގައި ކަމަށް ބުނާތީ އަހަމެވެ. ކޮންމެއަކަސް ރޯދަމަހުގެ ގިނަ ވަގުތު ނުކައިނުބޮއި ތިބޭންޖެހޭތީ އެންމެ ބޭނުން ކަމަކަށްވެފައި އޮންނަނީ ރޯދައަށް ތިބެގެން ނުކުރެވޭ ކަންތަކެވެ. ކެއިމާއި ބުއިމެވެ. ދުފުމާއި ދުންބުއިމެވެ. އަދި އެނޫންވެސް ކަންތަކެވެ. އެހެންކަމުން، އެކަންތައްތައް ނުކޮށް ތިބޭ ވަގުތުތަކުގައި ގެއްލިގެންދާ އުފާތައް އެތައް ގުނައަކަށް އިތުރުކޮށްގެން ލިބިގަތުމުގެ އެދުން އެއީ ރޯދަމަހުގެ އެންމެ އިސް ކަންތަކެވެ. އެކަމަށްޓަކައި ތައްޔާރުވުމުގެ ކުލަތައް ރޯދައަށް ހަދުބެލުމުގެ މާކުރީއްސުރެން ފެންނާން ފަށައެވެ. ރޯދަ މަހުގެ "ކޮށާރު" ތިޔާގިކުރުމަށްޓަކައި، އެކިބާވަތުގެ ތަކެތި އެއްކުރާން ފެށިދެއެވެ. ފިޔާ ލޮނުމެދު، އިގުރުމިރުސް ފަދަ ތަކެއްޗާއި އެނޫނަސް ވަރަށް ގިނަ ތަކެތި ހޯދާން ފެށިދެއެވެ. ރޯދަ މަހުގެ ކޮށާރުގެ ތިޔާގެކަން ކުޑަވުމަކީ ވަރަށް ނުރައްކައުތެރި ކަމެކެވެ. ބައެއް ފަހަރަށް ތިމާގެ ގޭތެރޭގެ ދިރިއުޅުމުގެ ނަގިލި ކަހައިލައެވެ. ބައެއް ފަހަރަށް ކެނބު ކަޑައިގެންދެއެވެ. އެފަދަ ނުރައްކައުތެރި ކަމާއި ކުރިމަތިލާހިތް ނެތްނަމަ، އޮތީ، ދަރައިގެންވެސް ކޮށާރުތެރެ ތިޔާގެކުރުމެވެ. އާދޭހެވެ! ރޯދަމަހާރޯއްޖާއެވެ. ވަކިނުކުރެވޭނެ ދެކަންތަކެވެ. އެހެންކަމުން ރޯދި بركات އިތުރުވާ ގޮތް ނަހަދައި ރޯދަ ހިފަނީ ކިހިނަކުންތޯއެވެ! އެހެންކަމުން ރޯދަމަހޭ ބުނާއިރަށް ފުރަތަަމަ ހަނދާންވަނީ މީރު ކާބޯތަކެއްޗެވެ. އެކި މީހުންނަށް އެކި އެއްޗިއްސެވެ. ކަށިކޭލު ފަންޏާއި މަސްފަތަފޮޅިއެވެ. ރިހާކުރު ބޯކިބަލާއި ފޭރު ފަންޏެވެ. ކޮންމެ މީހަކަށްވެސް، އެމީހެއްގެ މީރު އޮންނާނެ ނޫންތޯއެވެ!

އާދެ! ދެން އެހެން ބާވަތެއްގެ ހަނދާނެކެވެ. އަންބަލަމުގެ ހަނދާނެވެ. މިހެން ދެންނެވުމާއިއެކު އެއީ ކޮން އެއްޗެއްކަން تعارف ކޮށްދޭން ޖެހެއެވެ. އެއީ، ވެލިފުންޏެވެ. ވަރަށް ރީތިކޮށް ޒީނަތްތެރިކޮށް ކުރެހުން އަޅައި ހަދާފައި ހުންނަ ވެލިފުންޏެކެވެ. ހިޔަރަކާތުގެ ކަންތަކުން ނިމި ރޯދައަށް ހަނދުބަލާން ކައިރިވުމާއިއެކު، އަވަށްއަވަށުގެ ޒުވާނުންގެ ތެރޭގައި އެކަމުގެ خيال އުފެދި، خيال ފައުޅުކޮށް އުޅޭންފަށައެވެ. ވަރަށް ގަދަ ފޯރީއާއިއެކު ކަމަށް ތައްޔާރުވުމުގެ حركات ތައް ހިގާންފަށައެވެ. މާލޭގެ ރަށުތެރެއިން އަތިރިމައްޗަށް ނިކުންނާން ހުންނަ ވަރަށް ގިނަ މަގުމަގުގައި، އަންބަލަންލައެވެ. ބައެއް ގޭގޭދޮށުގައިވެސް އަންބަލަން ލާކަމަށް އިވެއެވެ. މިއިން ކޮންމެ އަންބަލަމަކީ، ކުޅިވަރާއި، ފޫހިފިލުވުމުގައި، ރޭގަޑުގެ ވަގުތުތައް ހޭދަކުރުމުގެ مركز އެކެވެ.



އަންބަލަން ހުންނަނީ، ވަރަށް ރީތިކޮށް އޮމާންކޮށްފައެވެ. ބަރަފޯސް ލައި، މަދޮޅުފަތް ލައި، ރީތި ސިފަސިފައަށް ހަދައިފައެވެ. މިކަމުގައި ވެސް ވާދައޮވެއެވެ. އަންބަލަން ކުރަހަނީ، މާމެލާމެލީންނެވެ. އެދުވަސްވަރު މާލެއިން ލިބޭންހުންނަ ކަހަލަ މާމެލާމެލީންނެވެ. މެދުގައި ކެއުގަހެއް ނުވަތަ ފެންފޯއްރުކެއް ޖަހައެވެ. މިމަސައްކަތްކުރާ خاصّ ފާޑުވެރި ހުނަރުވެރިން ތިބެއެވެ. شعبان މަހުގެ އޮނަތިރީސްވަނަ ދުވަހު އިރުއޮއްސޭންވާ އިރަށް އަންބަލަން ހުންނާނީ ތައްޔާރުވެފައެވެ. އެތަނެއްގެ أهل ވެރީން އެތަނަކަށް حاضر ވެތިބެއެވެ. ފޮނިބުއިންތައް ތައްޔާރުވެފައި ހުރެއެވެ. އިރުއޮއްސުމަށްފަހު، އެންމެން ތިބޭނީ ބަޑު ހިންދައިގެންނެވެ. ހަނދު ފެނޭތޯ ބަލަބަލައެވެ. ހަނދު ބަޑީގެ އަޑަށް ކަނުލައިގެންނެވެ. އެހެން ތިއްބާ، ހަނދު ފެނި ބަޑިޖެހުމާއިއެކު، ބަޑީގެ އަޑަށް ހަޅޭލައިގެންފައި އަތްތިލަބަޑިއަކާއިއެކު އަންބަލަން ރޫޅައިލައެވެ. އޭރު އަންބަލަން ވަށައިގެން އޮންނާނީ ވަކަރު އަޅައިފައެވެ. އަންބަލަން ރޫޅިގެންދާއިރު، އެތާ ފެތުރިފައި އޮންނަނީ ފަސްގަޑެވެ. ހިފުމުގެ مسرح އެވެ. ދެން އެއަށްފަހު ކޮންމެ ރެއަކުވެސް، ތަރާވީހުން ފޭބީއްސުރެން، ދަންބެރު ޖަހަންދެން ވަރަށް ފޯރީއާއިއެކު ހިފުން އޮވެއެވެ. އެއް އަންބަލަމުން އަނެއް އަންބަލަމަށް ހިފަމުން ބުރުޖަހާ مشهور بطل ން ތިބެއެވެ. އެއިން މީހަކު "ވަތަކުތޯ" ޖަހައިލުމަކީ ވަރަށް އުދަގޫ ކަމެކެވެ. ތެދުތެދަށް ބުނަނީނަމަ، ރޯދަ މަހުގެ އަންބަލަންތަކަކީ، ކުޅިވަރުގެ مركز ތަކެކެވެ. ވަރަށް ގިނަބައަކު ފޫހިފިލުވާން ރޭގަޑަށް ގޮސްތިބޭ ތަނެކެވެ. އެއްބައަކު ހިފުމުގައި ބައިވެރިވާން ދާއިރު އެނެއްބައަކު ކުޅިބަލާން ހިތްވަރުދޭން ތިބެއެވެ. ފަނިރުބާތަކާ، ބިލެތް މަލާފަތްތައް ހުންނާނީ އައިސްއައިހެވެ.



ދަންބެރު ޖެހުމާއިއެކު، އެރެއެއްގެ ހިފުން ނިމުނީއެވެ. ދެން އެމީހެއްގެ ގެއަށް އެމީހަކު ހާރުކާން ހިގައިދާނެއެވެ. ގިނަމީހުން ހާރުކައިއުޅެނީ ދަންބެރު ޖެހީމައެވެ. އެއީ، އެގާރަ ޖަހާއިރު، ގަޑުވަރުތެރެއިން، نوبت خانة އިން ޖަހާ ބެރެކެވެ. ވަރަށް މަދު ބައަކު، ނައްކާރަ ޖަހާންދެން ހާރު ފަސްކުރެއެވެ. އެއީ سنّة އަށް عمل ކުރާ މީހުންނެވެ. ނައްކާރައަކީ، ދޭއް ޖަހާއިރު ޖަހާ ބެރެކެވެ. ލަފާކުރެވޭ ގޮތުގައި، މިބަސް ނެގިފައި ވަނީ نقّارة މިބަހުންނެވެ. ދިވެހިކޮށް، ނައްކާރައަށް ވެފައިވަނީއެވެ.

އާދައިގެ ގޮތުގައި ހެނދުނު ނިދައިތެދުވާނީ ވަރަށް ލަހުންނެވެ. ދުވާލުގެ ފޫހިފިލުވުމަކަށް އޮންނަ ކަމަކީ، އަތިރިމަތީގެ މައިޒާނެވެ. އަތިރިމަތީގައި ވަރަށް ބޮޑަތި ހިޔާގަސްތައް ހުރެއެވެ. އެގަސްގަހުގެ ހިޔަލުގައި މައިޒާން ހަދާފައި ހުރެއެވެ. އުދޯލި އެލުވާފައި ހުރެއެވެ. އެތަންތާގައި ތިބޭއިރު އެއްބައަކު ރާޒުވާ ކަހަލަ ކުޅިވަރުތައް ކުޅެއެވެ. ކޮންމެވެސް މީހަކު ވާހަކައެއް ކިޔައެވެ. ގިނަމީހުން އަހާހިތްވަނީ، ވާހައި "ބަރަހަނާ" ކަންބޮޑު ވާހަކައެވެ. ހަވީރު ހިޔާޖެހެންދެން މައިޒާންތަކުގައި ތިބެފައި ދަނީ ގެއަށެވެ. ގެއަށް ގޮސް ނަލަހެދިގެން އެވީ ހަވީރު ފިންޏަށް ނިކުންނާށެވެ. އެއްބައަކު ބޮޑުބުމަރު ޖަހައެވެ. އަނެއްބައަކު ސަފުސާންލައެވެ. ސަފުސާންލުމަކީ، ލޯ އޮނެއްގެ ތެރެއަށް ފުށްގުޅައެއް ލައިފައި، ކާޅަށް ނުވަތަ ބޮނޑަށް އަމާޒުކޮށްފައި ދުއްވައިލުމެވެ. އޮނުގެ އެއްކޮޅުގައި އަގަޖަހައި ބާރަށް ފުމެލައި ދުއްވާލަނީއެވެ. މިކަމަށް ވަރަށް ކުޅަދާނަ މީހުން ތިބެއެވެ.



ހަވީރު ފިންޏަށް މީހުން މަގުމަތީ ހިގާއިރަށް ގޭގޭގައި ތިބޭ އަންހެނުން ކެއްކުމުގެ ކަންތައް ނިންމައި ފެންވަރައި ނަލަހެދިގެން ކޮންމެ ގޮތަކުން ވެސް ފާރުމައްޗަށް ފުޅަށް މައްޗަށް ދޮރޯށި ދޮށަށް ފުޅަލި ދޮށަށް ނިކުންނާނެއެވެ.



ރޯދަމަހުގެ ދުވަސްތަކާއި ރޭތައް އެހައި ކުލަގަދަ ގޮތެއްގައި ފާއިތުވަމުން ދާއިރު، އަދި، އެހެން ބާވަތެއްގެ ކަންތައްތަކެއް ހިގަމުންދެއެވެ. މިސްކިތްމިސްކިތުގައި ތަރާވީސް ކުރުމެވެ. ރޯދައަށް ހަނދު ބެލީއްސުރެން ހުކުރު ދުވަހާއި ހޯމަ ދުވަހު ހަވީރު، رسمي ގޮތުގައި وعظ އިއްވެވުން އޮވެއެވެ. ހުކުރު ދުވަހު އެކަންތައް އޮންނަނީ، ކިޔެވެނި ބޭކަލުންގެ އަށީގައެވެ. ހޯމަ ދުވަހު ބޭރު ބޮޑުއަށީގައެވެ. ކިޔެވެނި ބޭކަލުންގެ އަށްޓަކީ ގަޑުވަރުތެރޭގައި ހުރި އަށްޓެކެވެ. ބޭރު ބޮޑުއަށްޓަކީ، ގުޅަކުޅޭ ފަސްގަޑުގައި، މިހާރު ސިފައިންގެއާދިމާ އަނެއްފަރާތުގައި ހުރި އަށްޓެކެވެ. ކިޔެވެނި ބޭކަލުންގެ އަށީގައި އޮންނަ ދުވަހު އެތަނަށް، ކީރިތި މަހާރަދުން رسمي ގޮތުގައި ނިކުމެވަޑައިގަނެއެވެ. خاصّ ދާންމަތިކޮޅެއް ހުރެއެވެ. وعظ އައްސަވާން އިންނަވަނީ އެތާގައެވެ. وعظ ވިދާޅުވާ ބޭފުޅަކު ވެސް އެދުވަހު ވަޑައިގަންނަވަނީ رسمي ހެދުންކޮޅުގައެވެ. ފޭލިކޮޅު، ނިހާލިކޮޅު، ރުމާކޮޅު މިހެދުންކޮޅުގައެވެ. ހޯމަ ދުވަހު އާދައިގެ ހެދުންކޮޅުގައެވެ. وعظ ވިދާޅުވަނީ، ފަޑިޔާރު މަނިކުފާނެވެ. ނުވަތަ ބަންޑާރަނާއިބު މަނިކުފާނެވެ. ނުވަތަ ކޮންމެވެސް نائب ބޭކަލެކެވެ. وعظ އަޑުއަހާން ހަތަރު އަވަށުން ވަރަށް ގިނަ عدد އެއްގެ ބައަކު އެއްވެފައި އޮވެއެވެ. އަދި، މީގެ އިތުރަށް ކޮންމެ ދުވަހަކު، ކިޔެވެނި ބޭކަލުންގެ އަށީގައި قرآن ކިޔެވުން އޮވެއެވެ. ދުވާލު ހަތަރުދަމު ކިޔެވުން އޮވެއެވެ. ކިޔަވަނީ ދިވެހި ދިގުރާގަށެވެ. ކިޔަވާ ބަޔަކީ، ދެ މިސްކިތު ކިޔެވެނީންނެވެ.



މިކަންތައް ފެށެނީ رجب މަހު ފުރަތަަމަ ދުވަހުއެވެ. އެކަންތަކަށް ކިޔަނީ، ތިންމަހުރޯދަ ކިޔެވުމެވެ. رجب މަހު ފުރަތަަމަ ކިޔަވާން ފެށުމަށް ފޮތް ބަހައްޓަވަނީ خطيب ބޭކަލެކެވެ. ފޮތް ބެހެއްޓުމަކީ، ކިއަވާން ފަށައިގަތުމެވެ. މިކިޔެވުން ރޯދަމަސް ހުސްވާންދެން އޮވެއެވެ. ނަމަވެސް، މުލަރޯދަ ދުވަހު، އަލުން ފޮތްކޮޅު ނަގައި ބަހައްޓަނީއެވެ. އެއީ ختم ކޮށްފައި އަލުން ފެށުމެވެ. އެކަންވެސް ކުރައްވަނީ، خطيب ބޭކަލެކެވެ. އަދި، މިބާވަތުގެ އެއްކަމެއް މީގެ އިތުރަށް އޮވެއެވެ. އެއީ، رمضان މަހު 27 ވިލޭރޭ، ދަރުމަވަންތަ ރަސްގެފާނު މިސްކިތުގައި ފޮތްފޮށްޓެއް ކިޔެވުމެވެ. މިކަންތަކަށް ކިޔާނަމަކީ، ހަތާވީސް ކިޔެވުމެވެ. މިކަހަލަ ފޮތްފޮށި ކިޔެވުމުގައި އޮންނަ އާދައަކީ، إمام އަކަށް އިންނަ ބޭފުޅެއް ކިޔަވާވިދާޅުވާ ފޮތް ނިމުމުން ފޮތްފޮށި ނިމުނީއެވެ.

މިފަދަ ގޮތެއްގައި ރޯދަމަހުގެ ދުވަސްތަކާއި ރޭތައް ރޯއްޖާއި އެކުވެގެން دور ވަމުން ގޮސް ވިހިވަނަ ދުވަހަކީ އަދި މާބޮޑު ދުވަހެކެވެ. ކޯއްޓޭ ނަގާ ދުވަހެވެ. އެދުވަހު ހަތަރު އަވަށު އެންމެން ނިކުމެ އެތަންމިތާގައި ކޯއްޓޭތަކެއް ނަގައެވެ. ބޮޑު ކޯއްޓޭ ހުންނަނީ މާފަންނުގައެވެ. ހެންވޭރުގައިވެސް އެވަރު ނޫނަސް ބޮޑު ކޯއްޓޭއެއް ހުރެއެވެ. ކޯއްޓޭއޭ ކިޔަނީ، ވަރަށް ބޮޑު ދިދަދަޑިއެކެވެ. ހަތަރު އަވަށު އެންމެން މަސައްކަތު ނިކުތަސް އެކަމާ އުޅެނީ، އެކަމުގެ ވައްޓަފާޅި ދަންނަ ފާޑުވެރިންނެވެ. ދެން ތިބި މީހުން ފަޅުފިލުވާން، ކުޅިބަލާން ތިބެނީއެވެ. ކޯއްޓޭ ކޮޅަށް ނަގަންވީމާ، އެންމެންވެގެން ވަލުގައި ހިފައެވެ. މީހުން ބުނެއުޅެނީ، އެއީ، މައްކާ ހިތްޕެވި ދުވަސް ފާހަގަކުރުމުގެ ގޮތުން ކުރާކަމެއްކަމުގައެވެ. ވިހިވަނަ ދުވަހުން ފެށިގެން ހުކުރު ހޯމަ ދުވަސް ދުވަހަށް ކޯއްޓޭގައި ދިދަހުރެއެވެ. ކޮންމެ ހިތިދުވަހަކުވެސް ދިދަހުރެއެވެ. عيد ތެރޭގައި ކޮންމެ ދުވަހަކު ދިދަ ހުރެއެވެ.

ފަހު ދިހައެއް އެޅުމުން ހިތިތަކަށް ފެށުނީއެވެ. ކޮންމެ އޮނަހިރި ރެއަކީ ހިތިވިލޭރެއެކެވެ. ހެންވޭރު ބޮޑުހިއްޗާއި ކުޑަހިއްޗެވެ. މާފަންނު ބޮޑުހިއްޗާއި ކުޑަހިއްޗެވެ.

ހިތީގެ އެއްކަމަކަށް އޮންނަނީ، ޒިޔާރަތްދޮށަށް ދިއުމެވެ. ހެންވޭރު ބޮޑުހިތި ދުވަހު ލޮނުޒިޔާރަތެވެ. މާފަންނު ބޮޑުހިތި ދުވަހު އަލިރަސްގެފާނު ޒިޔާރަތެވެ. ހެންވޭރު ކުޑަހިތި ދުވަހު މެދުޒިޔާރަތެވެ. މާފަންނު ކުޑަހިތި ދުވަހު فقيه سليمان ޒިޔާރަތެވެ. އެޒިޔާރަތްތައްދޮށަށް ގޮސް فاتحة ކިޔަވާން ހިތިދުވަހު ހެނދުނު ކޮލިލައެވެ. އަސުރު ނަމާދަށްފަހު ހިތީކިޔެވުން އޮވެއެވެ. އެއީ، ޒިޔާރަތްދޮށުގައި ފޮތްފޮށި ކިޔެވުމެވެ. ރަދުން ޒިޔާރަތްދޮށަށް ވަޑައިގަންނަވަނީ ހިތިދުވަހުގެރޭއެވެ. (ހިތިވިލޭރެއެވެ.) އެހެންކަމުން ކުޅިވަރުގެ ބައި އޮންނަނީ ހިތިވިލޭރޭ ރޭގަޑަށެވެ. ހިއްޗަށް ވަޑައިގަންނަވާ މަގު އެއްކޮޅުން އަނެއްކޮޅަށް ދިއްލައި އަލިކޮށް ޒީނަތް ކުރެވެއެވެ. ބޮޑު ދެހިތީގައި ހިތިގެއެއް ތައްޔާރުވެއެވެ. ޒިޔާރަތްދޮށަށް ދާން އޮންނަ މަގާއި، ހިތިގެއަށް ދާން އޮންނަ މަގު ރީތިކުރެވެއެވެ.



ރަދުން ނިކުމެވަޑައިގަންނަވާނީ ނުވައެއްޖަހާއިރުއެވެ. ނިކުމެވަޑައިގަތުމާއެކު ބަޑިޖަހައެވެ. ކޮންމެ ކޯއްޓޭއަކާ ހަމައިން ބަޑިޖެހުން އޮވެއެވެ. ފުރިހަމަ عِزَّت ގައި ބެރުދުންމާރި ތާޅަފިއްޔާއިއެކު، ފުރަތަމަ ވަޑައިގަންނަވަނީ ޒިޔާރަތްދޮށަށެވެ. އެތަނަށް فاتحة ވިދާޅުވުމަށްފަހު، ހިތިގެއަށެވެ. އެތަނަށް ވަޑައިގެން ފަރީއްކޮޅުގެ ކަންތައް ނިމުމަށްފަހު ހެދުންކޮޅު ބަދަލުކުރައްވައިގެން ނިކުމެވަޑައިގަތުމުން ބަޑިޖަހައެވެ. ދެން އޮންނާނީ، ބޮޑުނާބަ ޖެއްސެވުމެވެ. ހިތިވިލޭރޭ، އިރުއޮއްސޭ އިރު ނާބައެއް ނުޖަހައެވެ. ހިތިގެދޮށުގައި ބޮޑުނާބަ ޖައްސަވަނީއެވެ. ވަރަށް އިހުގައި ބޮޑުނާބައިގެ ފުނަޖައްސަވަނީ ރަދުންގެ އަތްޕުޅުންނޭ ބުނެތެވެ. ނާބަޖެހުމަށްފަހު ހަވާއެރުވުން އޮވެއެވެ. އެކަންތައް ނިމުމަށްފަހު، ރަދުން ގަޑުވަރަށް ވަޑައިގަތުމުން ހިތިވިލޭރޭގެ ކުޅިވަރު ނިމުނީއެވެ. އެންމެ އުޖާލާ ވަގުތުކޮޅަކީ، ހިތިގެއަށް ވަޑައިގަތުމާއި، ހިތިގެއިން ގަޑުވަރަށް ވަޑައިގަތުމާއި ދެމެދު އޮންނަ ވަގުތުކޮޅެވެ. ނަލަހެދިގެން މަގުމަތީ ހިގުމާއި "ބިލެތްމީރުކޮށްލާން" ގޭގެއަށް ވަދެއުޅުމާއި، ފަޓާސްޖެހުން، އަލިނަރުއެޅުންފަދަ ކަންތައް ކުރުމާއި މިފަދަ ކަންތަކުން މުޅި ރަށުތެރެ އޮންނަނީ ފަޅުފިލާފައެވެ. އަދި، ހިތީބޯޓޭ ކިޔާ އެއްޗެއް ހަދައެވެ. އޭގެ ވާހަކަ ކުރުކޮށް ދަންނަވާނަމަ އެއީ، މިޔުޒިކަލް ލޮރީ ކަހަލަ އެއްޗެކެވެ. ތަފާތު ސިފައެއްގައި އޮތަސް އެއީ ދާދި އެއް ކަމެކެވެ.

ކޮންމެއަކަސް އޭރުގެ ރޯދަމަހަކީވެސް އެގޮތަށް ވަރަށް ފަޅުފިލާ، ވަރަށް ކުލަގަދަ ގޮތެއްގައި ފާހަގަވެވޭ ދުވަސްވަރެކެވެ. އެންމެ ބޮޑު ކަމަކަށް އޮންނަނީ ރޯއްޖެވެ. ރޯދަމަހާރޯއްޖާ ނޫންތޯއެވެ!



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން