1446 ވަނަ އަހަރުގެ ރަމަޟާން މަހުގައި އައްޑޫ ސިޓީގައި އިހުޔާ ޕްރޮގްރާމް ކުރިޔަށްގެންދަން އައްޑޫގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީން ނިންމައިފިއެވެ.

އިހުޔާ ޕްރޮގްރާމް ކުރިއަށް ގެންދަން ނިންމައި އެ ޕްރޮގްރާމުގެ ތާވަލު މިހާރު ވަނީ އާންމުކޮށްފަ އެވެ. "ދަރުމަ ފޯރަމް" ގެ ނަމުގައި ކުރިއަށް ގެންދާ މި ޕްރޮގްރާމުގައި ޖުމްލަ ފަސް ފޯރަމް ބާއްވާނެ އެވެ.

މި ފޯރާމްތަކާ ގުޅޭގޮތުން މައުލޫމާތު ދެމުން އަންހެނުންގެ ކޮމިޓީން ބުނީ ކޮންމެ ފޯރަމެއްގައި ވެސް ބައިވެރިވާ ފަރާތްތަކުގެ މެދުގައި ގުރުއަތު ނަގައި ހޮވޭ ފަރާތްތަކަށް ހާއްސަ އިނާމުތަކެއް ދޭން ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން މިފަހަރުގެ ފޯރަމްތަކުން އެންމެ ބޮޑު އިނާމަކަށް ގުރުއަތުން ހޮވޭ ދެ ފަރާތަކަށް އުމްރާ ދަތުރު ލިބޭނެ ކަމަށް އެ ކޮމިޓީން ބުންޏެވެ.

މި ޕްރޮގްރާމްގެ މެއިން ސްޕޮންސަރުންނަކީ ދިރާގު، ދަތުރުން އަދި މަލަޑިވާ ބީޗް އެންޑް ސްޕާއެވެ. އަދި ކޯރ ސްޕޮންސަރުންނަކީ ބެންކް އޮފް މޯލްޑިވްސް އާއި އީހަބް އެވެ. އަދި މީޑިޔާ ޕާޓްނަރެއްގެ ގޮތުން މަސައްކަތް ކުރާނީ ’ވަގުތުން ލައިވް‘ ކަމަށް އަންހެނުންގެ ކޮމިޓީން ބުންޏެވެ.

މި ފޯރަމްތަކުގެ ތެރެއިން ލިބޭ ބޮޑު އިނާމަކީ ދަ ޓްރެވެލާ އިން ދޭ އުމްރާ ދަތުރެވެ. މި އިނާމު ލިބޭނީ އައްޑޫ ހައި ސްކޫލުގައި ބާއްވާ ފޯރަމްގައެވެ. އަދި ހުޅުދޫގައި ބާއްވާ ފޯރަމުން ގުރުން ހޮވޭ ފަރާތަކަށްވެސް އުމްރާ ދަތުރެއް ވަނީ ކަނޑައަޅާފައެވެ. ހުޅުމީދޫ ފޯރަމަށް ސްޕޮންސާ ދެއްވީ ހުޅުމީދޫގެ އެމްޕީ ޝާޑެވެ.

ގުޅިފައިވާ ތިން ރަށުން އެއްވަނަ އިނާމު މަލަޑިވާ ބީޗުން ކަނޑައަޅާފައިވާއިރު ކޮންމެ ފޯރަމެއްގައިވެސް ބޭންކް އޮފް މޯލްޑްވިސް އިން 13 ފަރާތަކަށް ގިފްޓް ކާޑު ދޭނެއެވެ.

އަދި ދިރާގުން ކޮންމެ ރެއަކުވެސް ދިހަ ފަރާތަކަށް ފަސް ޖީބީގެ ޑޭޓާ ދޭން ނިންމާފައިވާއިރު އިސްލާމިކް ބޭންކުން ވަނީ ކޮންމެ ފޯރަމެއްގައި ފަސް ފަރާތަކަށް ފައިސާގެ އިނާމު ދޭން ނިންމާފައެވެ.

މި ހަރަކާތަށް ސްޕޮންސަރ ދެއްވި އިތުރު ފަރާތްތަކަކީ ދޮންނާ ޑްރޭޑާސް، ވަން ޑިގްރީ، ފައިން ޑިއު، އަކުވަ ވެންޗަރ، ޝޮޕް އެންޑް ގޯ، އަދި އަމިއްލަ ފަރުދުންގެ ގޮތުގައި ސްޕޮންސަރ ދެއްވީ އައްޑޫ ސިޓީގެ މޭޔަރ އަލީ ނިޒާރު، ކައުންސިލަރުން، އަމިއްލަ ވިޔަފާރިވެރިންނެވެ.

މި ފޯރަމްތައް ބާއްވަން ހަމަޖެހިފައި ވަނީ އައްޑޫގެ ސްކޫލްތަކުގަ އެވެ. އޭގެ ތެރޭގައި ހިމެނެނީ ހިތަދޫ ސްކޫލް، މަރަދޫ އިރުޝާދިއްޔާ ސްކޫލް، ފޭދޫ ސްކޫލް، ހުޅުމީދޫގައި ހުންނަ ސ. އަތޮޅު މަދަރުސާ އަދި ހިތަދޫގައި ހުންނަ އައްޑޫ ހައި ސްކޫލެވެ.

އިހްޔާ ފޯރަމްތަކުގެ ތެރެއިން އެންމެ ފުރަތަމަ ފޯރަމް ބޭއްވުމަށް ހަމަޖެހިފައިވަނީ މިރޭ، 5 މާޗު 2025 ވަނަ ދުވަހުގެ ރޭ 21:30 ގައި ހިތަދޫ ސްކޫލްގައެވެ.

ދެވަނަ ފޯރަމް ބޭއްވުމަށް ހަމަޖެހިފައި ވަނީ 06 މާޗުގައި މަރަދޫ އިރުޝާދިއްޔާ ސްކޫލުގައެވެ. އަދި ތިންވަނަ ފޯރަމް ބޭއްވުމަށް ހަމަޖެހިފައިވަނީ 07 މާޗުގައި ފޭދޫ ސްކޫލުގައިއެވެ. އަދި 08 މާޗުގައި ސ.އަތޮޅު މަދުރާސާގައި މި ފޯރަމް ބޭއްވުމަށްފަހު 10 މާޗުގައި މި ޕްރޮގްރާމުގެ އެންމެ ފަހު ފޯރަމް އައްޑޫ ހައި ސްކޫލުގައި ބާއްވާގޮތަށް ވަނީ ނިންމާފައެވެ.

ފާއިތުވި އަހަރުވެސް މިފަދަ ޕްރޮގްރާމެއް އައްޑޫގައި ބާއްވާފައިވާއިރު އެ ޕްރޮގްރާމަށްވެސް ވަރަށް ބޮޑު ތަރުހީބެއް ލިބުނުކަން ފާހަގަ ކުރެވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން