ހުޅުމާލޭގައި އިމާރާތްކޮށްފައިވާ ފްލެޓުތައް
ހުޅުމާލޭގައި އިމާރާތްކޮށްފައިވާ ފްލެޓުތައް
ފްލެޓު ލިސްޓާމެދު ޝަކުވާ ހުށަހެޅުމުގައި ސާބިތުވާވަރުގެ ހެއްކެއް ދެއްކިއްޖެނަމަ އެކަން ވެރިފައިކޮށް ދިރާސާ ކުރާނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެފިއެވެ.

ދައުލަތުގެ މީޑިއާއަށް ދިން އިންޓަވިއުއެއްގައި ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އިބްރާހިމް ނާޒިމް ވިދާޅުވީ އެންމެ ފަހުން އާންމު ކުރި ފްލެޓު ލިސްޓަށް ބަދަލު އަންނާނެކަން ނުވަތަ ނޫންކަން އަދި މި މަރުހަލާގައި ހާމަކުރެވެން ނެތް ކަމަށެވެ. ނަމަވެސް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މި ލިސްޓާ މެދު ހުރި ހިތްހަމަނުޖެހުންތައް ފާޅު ކުރުމުގެ ފުރުސަތު ދިނުމުގެ ގޮތުން ކަމަށް ނާޒިމް ވިދާޅުވިއެވެ.

"ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ދިނުމަކީ ސަރުކާރުން ނިންމި ނިންމުމާމެދު ހިތްހަމަނުޖެހޭނަމަ، އެކަމަށް ޗެލެންޖު ކުރުމަށް ފްލެޓަށް އެދި ހުށަހަޅުއްވާފައިވާ ފަރާތްތަކަށް ލިބިގެންދިޔަ ފުރުސަތެއް." ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ ޝަކުވާ ހުށަހެޅުމުގައި މިނިސްޓްރީއަށް ޗެލެންޖުކޮށް، ސާބިތު ކުރެވޭފަދަ ހެކިތަކާއެކު ހުށަހަޅައިފިނަމަ އެ މައްސަލަތައް ދިރާސާކޮށް ބަލައި، ވެރިފައި ކުރާނެ ކަމަށެވެ. އެގޮތުން އެ ހުށަހެޅޭ ޝަކުވާތައް ވީ އެންމެ ތަފްސީލުކޮށް ބަލަމުން ގެންދާނެ ކަމަށް ނާޒިމް ވިދާޅުވިއެވެ.

އަދި ހުށަހެޅޭ ޝަކުވާތައް ދިރާސާކުރުމުން، ލިސްޓަށް ބަދަލުތަކެއް އަތުވެދާނެ ކަމަަށްވެސް ނާޒިމް ވަނީ ވިދާޅުވެފައެވެ.

ގެދޮރުވެރިޔާ ސްކީމްގެ 4000 ފްލެޓު ލިބޭކަމަށް މިދިޔަ ސަރުކާރުން ކަނޑައެޅި މީހުންގެ ލިސްޓް މުރާޖައާ ކުރުމަށްފަހު ޝަރުތު ހަމަވާ މީހުންގެ ލިސްޓް މިސަރުކާރުން އިއުލާންކުރީ މިދިޔަ މަހުގެ 27 ވަނަ ދުވަހުއެވެ. މިލިސްޓަށް ޝަކުވާ ހުށައެޅުމުގެ ފުރުސަތު ހުޅުވާލީ މިދިޔަ ހޮނިހިރު ދުވަހުއެވެ. ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މި މަހުގެ ނިޔަލަށްވަނީ ހުޅުވާލާފައެވެ.

އަލުން ނެރުނު ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލުމާއެކު ގިނަ އަދަދެއްގެ މީހުން ވަނީ ޝަކުވާ ހުށަހަޅާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން