އެޓާރނީ ޖެނެރަލް އަހުމަދު އުޝާމް، ފޮޓޯ: ގޫގުލް
އެޓާރނީ ޖެނެރަލް އަހުމަދު އުޝާމް، ފޮޓޯ: ގޫގުލް
ސުޕްރީމް ކޯޓުގެ ހުރުމަތް ކެނޑޭފަދަ ކަމެއް ކުރައްވާފައި ނުވާނެ ކަމަށް އެޓާރނީ ޖެނެރަލް އަލްއުސްތާޛް އަހުމަދު އުޝާމު ވިދާޅުވެއްްޖެއެވެ.

އުޝާމު މިހެން ވިދާޅުވެފައިވަނީ ސުޕްރީމް ކޯޓުގެ ހުރުމަތް ކަނޑާލި ކަމަށް ބުނެ އޭނާގެ މައްޗަށް ފިޔަވަޅު އަޅައިދޭން އެދި ސުޕްރީމް ކޯޓަށް މިއަދު މައްސަލައެއް ހުށަހަޅާފައި ވަނިކޮށެވެ.

މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅުއްވާފައިވަނީ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަދި ގާނޫނީ ވަކީލް އަލީ ހުސެއިނެވެ. އެ މައްސަލަ އޭނާ ހުށަހެޅުއްވީ ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލްކުރަން އޭނާ ހުށަހަޅުއްވާފައިވާ ދުސްތޫރީ މައްސަލާގައި ކޯޓުން އަންގާފައިވާ މުއްދަތުގައި އޭޖީ އޮފީހުން ޖަވާބުދާރީ ވެފައި ނުވާ ކަމަށް ބުނެއެވެ.

މިކަމާ ގުޅުވައިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އުޝާމް ވިދާޅުވީ އެ މައްސަލާގައި ސުޕްރީމް ކޯޓުން ދީފައިވަނީ ރަސްމީ 10 ދުވަހުގެ މުއްދަތު ކަމަށާއި، އެ މުއްދަތުގެ ތެރޭގައި އޭޖީ އޮފީހުން ކުރަން ޖެހޭ ކަންކަން ހުންނާނީ ކޮށްފައި ކަމަށެވެ. އުޝާމް ވިދާޅުވީ އެ މުއްދަތު ހަމަވީ ފެބްރުއަރީ 28 ވަނަ ދުވަހަށް ނޫން ކަމަށާއި، ރަސްމީ ދުވަސްތައް ގުނާގޮތް ކިޔައިނުދިނަސް އެކަން އަލީ ހުސައިނަށް އެނގޭނެކަމަށް ދެކިވަޑައިގަންނަވާ ކަމުގައި އޭޖީ ވިދާޅުވިއެވެ.

އަދި ކޮންމެ ސަބަބަކާހުރެ އެ މައްސަލަ ހުށަހެޅި ކަމުގައި ވީނަމަވެސް، އެހާ ބޮޑަށް ދޮގުހަދައި އޮޅުވާލުމުން އެ މައްސަލަ ހުށަހެޅި ފަރާތުގެ ނިޔަތް ވަރަށް ރަނގަޅަށް ސާފުވާ ކަމަށްވެސް އުޝާމްގެ ޕޯސްޓުގައި ވަނީ ފާހަގަ ކުރައްވާފައެވެ.

އަދި މި ރަމަޟާން މަހު ދޮގު ވާހަކަތައް ފަތުރައި ފިތުނަ ފަސާދަ އުފެއްދުމަށް މަސައްކަތް ކުރުމުގެ ބަދަލުގައި ކޮންމެވެސް ހެޔޮ އަމަލެއް ކުރުމުގައި ޝާމިލް ވުމަށް އުޝާމް ވަނީ އަލީ ހުސައިނަށް ނަސޭހަތްތެރި ވެފައެވެ.



ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑިއާ ގުޅޭ އިސްލާހު ބާތިލްކުރަން ހުށަހެޅި މައްސަލާގެ ދައުވާއަށް ޖަވާބުދާރީވުމަށް އެޓާރނީ ޖެނެރަލްގެ އޮފީހަށް 10 ދުވަހުގެ މުއްދަތެއް ސުޕްރިމް ކޯޓުން ދިނެވެ.

ނަމަވެސް، އެ މުއްދަތު ހަމަވިއިރު އެޓާރނީ ޖެނެރަލްގެ ފަރާތުން ކޯޓަށް ޖަވާބެއް ހުށަހަޅާފައިނުވާ ކަމަށާއި، އަދި އެ މުއްދަތު އިތުރު ކުރަން ވެސް އެއްވެސް ހުށަހެޅުމެއް ހުށަހަޅާފައިނުވާ ކަމަށް ކޯޓުން މައުލޫމާތު ދީފައިވާ ކަމަށް އަލީ ހުސެއިން ވަނީ ވިދާޅުވެފައެވެ.

ކޯޓުން ފޮނުވާ އަމުރުތަކަށް ކިޔަމަން ނުވުމަކީ ކޯޓުގެ ހުރުމަތް ކެނޑޭ ކަމަކަށްވާތީ، މިކަމުގައި އޭޖީ އުޝާމްގެ މައްޗަށް ފިޔަވަޅު އަޅައި، އެ މައްސަލާގައި ޖަވާބު ހުށަހެޅުމަށް އޭޖީ އޮފީހަށް އަންގައި ދިނުމަށް އެދި މިއަދު އަލީ ހުސެއިން ވަނީ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނަށް ސިޓީއެއް ފޮނުއްވާފައެވެ.

20 ވަނަ ރައްޔިތުންގެ މަޖިލީހަށް ހޮވިވަޑައިނުގަތް ހިސާބުން ޢަލީ ހުސައިން ގެންދަވަނީ ވަރަށް ބޮޑަށް ސަރުކާރާ ދެކޮޅަށް އަޑުއުފުލައި ފާޑުވިދާޅުވެ ހަރަކާތްތައް ހިންގަވަމުންކަން ފާހަގަކުރެވެއެވެ. އެގޮތުން މަޖިލީހުގެ މެންބަރުންގެ ގޮނޑިގެއްލޭ އިސްލާހުގެ މައްސަލަވެސް ކޯޓަށް ހުށައެޅުއްވީ އޭނާއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން