މުހުތާޒު މުހުސިން، ފޮޓޯ: ގޫގުލް
މުހުތާޒު މުހުސިން، ފޮޓޯ: ގޫގުލް
ޤާނޫނުގައި ބުނާ ގޮތުން ނަމަ ފަނޑިޔާރުން ޖަވާބުދާރީ ވާން ޖެހޭނީ ގަދަރުވެރިކަމާއެކު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ކަމަށް ކުރީގެ ޕްރޮސިކިއުޓާރ ޖެނެރަލް އަލްއުސްތާޛް މުހުތާޒު މުހުސިން ވިދާޅުވެއްޖެއެވެ.

ސިންގަޕޫރުގައި ހުންނަ ދިވެހިރާއްޖޭގެ ހައި ކޮމިޝަންގެ ޑެޕިއުޓީ ހައި ކޮމިޝަނާރ މުހުތާޒު މިހެން ވިދާޅުވެފައި މިވަނީ ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ސަސްޕެންޑު ކުރި މައްސަލާގައި، އޭގެ ތެރެއިން ބައެއް ފަރާތްތަކުން ސަރުކާރުން ޝަރުޢީ ދާއިރާއަށް ނުފޫޒު ފޯރުވަން އުޅޭ ކަމަށް ބުނެ ބަޔާންތަކެއް ނެރެމުންދާތީއެވެ.

ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި މުހުތާޒު ވިދާޅުވީ ފަނޑިޔާރުގޭގެ މަގާމުތަކުގައި ތިބެ، ސިޔާސީ ގޮތުން ބަޔާންތައް ނެރެ ރައްދު ދިނުމަކީ އޭގެ ސަބަބުން ރައްޔިތުންގެ ހިތުގައި ފަނޑިޔާރުގެއާ ދޭތެރޭ އޮންނަ ގަދަރާއި ކަރާމާތް ކެނޑިގެންދާ ކަމެއް ކަމަށެވެ.

މީގެ އިތުރުން މުހުތާޒު ވިދާޅުވީ މިފަދަ އަމަލުތަކުގެ ސަބަބުން ފަނޑިޔާރުގެއާމެދު ރައްޔިތުންގެ ހިތްތަކުގައި ނުތަނަވަސްވުންވެސް އުފެދިގެން ދާނެކަމަށެވެ.



ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ތެރޭގައި ހިމެނޭ ފަނޑިޔާރު އަޒްމިރަލްދާ އާއި ފަނޑިޔާރު މަހާޒު އަލީ ޒާހިރާއި، ފަނޑިޔާރު ހުސްނުއްސުއޫދު ސަސްޕެންޑުކުރުމާއި ގުޅިގެން ސިޢޫދާއި އަޒްމިރަލްދާ ވަނީ ބަޔާން ނެރެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނީ މި ތިން ފަނޑިޔާރުން ސަސްޕެންޑުކުރީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަމުންދާ ޖިނާއީ މައްސަލައަކާ ގުޅިގެން ކަމަށެވެ.

މިކަމާ ގުޅިގެން ފަނޑިޔާރު އަޒްމިރަލްދާގެ ގާނޫނީ ވަކީލް އިބްރާހިމް ޝަމީލް މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އަޒްމިރަލްދާގެ މައްޗަށް ކުރެވޭ ތުހުމަތުތަކަކީ އެއްވެސް އަސްލެއް އަދި އަސާސެއް ނެތި، ފަނޑިޔާރުންގެ މަސައްކަތަށް ނުފޫޒު ފޯރުވުމަށް އުފައްދާފައިވާ ހާލަތެއް ކަމަށެވެ.

ފަނޑިޔާރު އަޒްމިރަލްދާއާއެކު ސަސްޕެންޑު ކުރި ފަނޑިޔާރުންގެ ތެރެއިން ހުސްނުއްސުޢޫދު މިހާރު ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވާފައިވާއިރު، އޭނާ އިސްތިއުފާ ދެއްވީ ޖޭއެސްސީގައި ބޮޑެތި މައްސަލަތަކެއް ތާވަލު ކުރުމުންނެވެ.

އިސްތިއުފާގެ ސިޓީގައި ހުސްނުއްސުޢޫދު ވިދާޅުވީ ސަރުކާރުން ގާނޫނު އަސާސީ އާ ހިލާފަށް ރާއްޖޭގެ އަދުލު އިންސާފުގެ ނިޒާމަށް ނުފޫޒު ފޯރުވަމުންދާ ކަމަށެވެ. އަދި ފަނޑިޔާރުކަމުން ވަކިވީ އެކަމާ އިހުތިޖާޖު ކުރުމުގެ ގޮތުން ކަމަށްވެސް ވިދާޅުވެފައި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން