02 ވަނަބައި
ނަބީކަލޭގެފާނުގެ ނަބަވީ ޝަޚުޞިއްޔަތު
މާތް ނަބިއްޔާ މުޙައްމަދުﷺ އެއީ މުޙައްމަދު ބުނު ޢަބްދުالله ބުނު އަބްދުލްމުއްޠަލިބު ބުނު ޙާޝިމް ބުނު ޢަބްދު މަނާފެވެ. ސަލާމްލެއްވި އިބްރާހީމްގެފާނުގެ ދަރިކަލުން ސަލާމްލެއްވި އިސްމާޢީލްގެފާނުގެ ދަރިކޮޅުގެ ޤުރައިޝު ވަންހައިގެ އެންމެ ޝަރަފުވެރި ޚާންދާނެވެ. ޢަރަބިކަރައިގެ ޝާނާއި ޝައުކަތާއި ޒަޢާމަތުގެ މައި ކިއްލާއެވެ. ގެފުޅުގެ ޚިދުމަތްތެރީންނެވެ. މައްކާގެ އަޝްރާފުންނެވެ. ޒަމްޒަމް ފެންވަޅުގެ ބެލެހެއްޓުންތެރީންނެވެ.
ޙައްޖާޖީންނަށް ފެންދިނުމާއި ކާންދިނުމާއި މެހުމާނުންނަށް ކަމޭހިތުމާއި ނިކަމެތީނަށް އަޅައިލުމާއި މުޞީބާތްޖެހިފައިވާ މީހުންނަށް އެހީތެރިވުމުގެ ރިވެތި އަޚްލާޤެއް އޮތް ޚާންދާނެކެވެ. ފާރިސްކަރައާއި ރޫމްކަރައާއި ޙަބުޝްކަރައިގެ އަހުލުވެރީންގެ މެދުގައި މަޝްހޫރުވެފައިވާ ޢާއިލާއެކެވެ.
ޢާލަމްތަކަށް ރަޙުމަތެއްކަމުގައި ފޮނުއްވޭ ބޭކަލަކު ވާނީ ހަމަ ކަށަވަރުން ވެސް ވަރަށް މަތިވެރި ޝަޚުޞިއްޔަތަކަށެވެ. ޙަސަބާއި ނަސަބުގެ ގޮތުންނާއި އަޚުލާޤީގޮތުން ނުހަނު މަތިވެރި ސިފަފުޅުތަކެއް ލިބިވަޑައިގެންފައިވާ ބޭކަލަކަށެވެ. މުޙައްމަދުﷺ ވަރުގަދަ ޝަޚްޞިއްޔަތަކަށް ވެވަޑައިގަތުމަށް މެދުވެރިވި އިންސާނީ އަދި އިޖުތިމާޢީ ބައެއް ސަބަބުތަކާއި އެކަލޭގެފާނުގެ ތުއްޕުޅުއިރުގެ ބައެއް ހަނދާންތަކުގެ މައްޗަށް މި ބައިގައި އަލިއަޅުވައިލާން ގަސްތުކުރަމެވެ.
ބައްޕާފުގެ ވަކިވެދިޔުން
މުޙައްމަދުﷺގެ މަންމާފުޅަކީ އާމިނަތު ބިންތު ވަހަބެވެ. ބައްޕާފުޅަކީ ޢަބްދުالله ބުނު ޢަބްދުލްމުއްޠަލިބެވެ. އިތުރުއެކަލޭގެފާނުގެ ތުއްޕުޅު އިރުގެ ހަނދާންތަކުގެ ތެރެއަށް އަޅުގަނޑުމެން ދާއިރު، އެންމެ ފުރަތަމަ ވެސް ލިބޭނެ ޚަބަރަކީ މުޙައްމަދުﷺ ދުނިޔޭގެ އަލިކަން ދެކެވަޑައިގަތުމުގެ ދުވަސްތަކެއް ކުރީން އެކަލޭގެފާނަށާއި މަންމާފުޅަށް ކުރިމަތިވެވަޑައިގަތް އެންމެ ހިތާމަވެރި ހާދިސާގެ ވާހަކައެވެ. އެއީ އާމިނަތުގެފާނު މުޙައްމަދުގެފާނަށް އާލާސްވެ އިންނަވަނިކޮށް އަބްދުاللهގެފާނު އަވަހާރަވިކަމުގެ ވާހަކައެވެ.
ކުއްޖަކު ދުނިޔެއަށް އައުމުގެ މަގުމަތީގައި ވަނިކޮށް އެ ކުއްޖެއްގެ ބައްޕަ ދުނިޔެ ދޫކުރުމަކީ އެ ކުއްޖާއާއި އެ ކުއްޖާގެ މަންމައަށް ލިބޭނޭ ކިހާ ބޮޑު ނިކަމެތި ކަމަކަށްވާނެތޯއެވެ! މުޙައްމަދުގެފާނު ތުއްޕުޅު އިރު ކުރިމަތިލައްވާން ޖެހިވަޑައިގަތީ ކޮންފަދަ ބޮޑު ހިތާމައަކާތޯއެވެ! އެކަލޭގެފާނުގެ ލޮބުވެތި ބައްޕާފުޅު ދެކެވަޑައިގަތުމުގެ ނަސީބު އެކަލޭގެފާނަށް ލިބިވަޑައެއް ނުގަތެވެ. ބައްޕާފުޅުގެ ހިނިތުންވެވަޑައިގަތުން ފެނިވަޑައިގަތުމުގެ ފުރުޞަތެއް ވެސް ލިބިވަޑައެއް ނުގަތެވެ.
ހިތާމަވެރި ދަތުރުފުޅު
މައްމާފުޅުގެ ނުހަނު މަތިވެރި ލޯތްބާއި އޯގާތެރިކަމުގެ ބަގީޗާގެ ތެރޭގައި ބޮޑުފުޅުވެވަޑައިގަންވަމުން ގޮސް އުމުރުފުޅުން ހަ އަހަރުފުޅުގައި އެކަލޭގެފާނުގެ މަންމާފުޅާއި މަންމާފުޅުގެ ޚާދިމާއެއްގެ ގޮތުން މަސައްކަތްކުރެއްވި އުންމު އައިމަންގެ އަރިހުގައި މަދީނާގައި ދިރިއުޅުއްވާ މައްމާފުޅުގެ ޢާއިލާގެ މެންބަރުންނަށް ޒިޔާރަތްކުރައްވާން ދަރުތުރުފުޅެއް ކުރެއްވިއެވެ.
މި ދަތުރުފުޅު ވެގެން ދިޔައީ އަނެއްކާ ވެސް އާދަޔާ ޚިލާފު ހިތާމަވެރި ޞަފުޙާއެއް ހުޅުވުނު ދަތުރުފުޅަކަށެވެ. މި ދަތުރުފުޅު ނިންމަވައިލެއްވުމަށް ފަހު މައްކާއަށް ވަޑައިގަތް މަގުމަތީގައި އިތުރުއެކަލޭގެފާނުގެ ލޮބުވެތި މަންމާފުޅު އާމިނަތުގެފާނު މި ފަނާވަނިވި ދުނިޔެ ދޫކުރެއްވިއެވެ. ކޮން ފަދަ ބޮޑު ހިތާމަވެރިކަމެއްތޯއެވެ!
އެ މާތް ތުއްޕުޅު ދަރިކަލުން މުޙައްމަދު ދުނިޔެއަށް ވަޑައިގަތުމުގެ ކުރީން ބައްޕާފުޅު އަވަހާރަވީއެވެ. އަދި މަންމައެއްގެ ލޯތްބަށް އެންމެ ބޮޑަށް ބޭނުންފުޅުވި ދުވަހު މައްމާފުޅު ދުނިޔެ ދޫކުރެއްވީއެވެ. ދަތުރެއްގެ މަތީގައެވެ. މި ހިތާމަވެރި ޙާލަތާއެކު އިތުރުއެކަލޭގެފާނު އެނބުރި މައްކާއަށް ވަޑައިގަތީ މަންމާފުޅުގެ ޚާދިމާ އުންމު އައިމަންގެ އަރިހުގައެވެ.
ޢަބްދުލްމުއްޠަލިބުފާނުގެ ޢަޒުމް
ޤުރައިޝް ވަންހައިގެ އެންމެ ޝަރަފުވެރި ޤަދަރުވެރި ޢާއިލާގެ ތެރެއިން އުފަންވެވަޑައިގަތް މި ތުއްޕުޅު ދަރިކަލުންނާ މެދު ކަންކަން ވަމުންދާ ގޮތުން اللهގެ މަތިވެރި ތަދުބީރެއް އެ ކަންކަމުގެ ފަހަތުގައި އޮވެދާނެކަމަށް ކާފާފުޅު ޢަބްދުލްމުއްޠަލިބުގެފާނަށް ވިސްނިވަޑައިގަތެވެ. ތުއްޕުޅު ކާފަ ދަރިކަލުން މުޙައްމަދު ނިކަމެތިވެގެންދިޔަ ނުދެއްވާނެކަމަށް ޢަޒުމް ކަނޑައަޅުއްވައި އަބްދުލްމުއްޠަލިބުގެފާނުގެ ކަފާލަތުގެ ދަށަށް ގެންދެވިއެވެ. އަދި އަބްދުލްމުއްޠަލިބުގެފާނުގެ އަމިއްލަފުޅު ދަރިދަރިކަލުންނަށް ވުރެ، ތުއްޕުޅު މުޙައްމަދުގެފާނު ދެކެ ލޯބިފުޅުވެވަޑައިގަތެއެވެ.
ކާފަ ދަރިކަލުން ފެނިވަޑައިގަންވާ ކޮންމެ ހިނދެއްގައި މޫނުފުޅުން ފެނިވަޑައިގަންނަވާ އުޖާލާކަމުން ޢަބްދުލްމުއްޠަލިބުގެފާނުގެ ހިތްޕުޅަށް އުފާވެރިކަމާއި ތަނަވަސްކަން ވަދެއެވެ. މި ދަރިކަލުންނަށް އާދަޔާ ޚިލާފު ޝަރަފަކާއި ޢިއްޒަތެއް މާތް الله މިންވަރު ކުރައްވަފާނޭކަމުގެ އިޙުސާސްތައް ކުރެވެމުން ދިޔައެވެ. މާގިނަ ދުވަސް ތަކެއް ނުވަނީސް ޢަބްދުލްމުއްޠަލިބުގެފާނު ވެސް ދުނިޔެ ދޫކުރައްވައިފިއެވެ.
އަބޫ ޠާލިބުގެފާނުގެ ހިޔާވަހިކަންލިބުން
ދެން އެ ތުއްޕުޅު މުޙައްމަދުގެފާނުގެ އެކަލޭގެފާނުގެ ބޮޑުބޭބޭފުޅު އަބޫޠާލިބުގެފާނުގެ ކަފާލަތުގެ ދަށަށް ގެންދެވިއެވެ. އަބޫޠާލިބުގެފާނުގެ ހިތްޕުޅުގައި މުޙައްމަދުގެފާނާ މެދު ނުހަނު މަތިވެރި މަޤާމެއް ދެވިފައިވެއެވެ. ބައްޕާފުޅާއި މައްމާފުޅާއި ކާފާފުޅު ވެސް ދުނިޔެ ދޫކުރައްވައިފައި ޔަތީމު ޙާލުކޮޅުގައިވާ ތުއްޕުޅު މުޙައްމަދުގެފާނަށް ޓަކައި އަބޫޠާލިބުގެފާނުގެ ހުރިހާ ކަމެއް ޤުރުބާންކުރައްވަމުން ގެންދެވިއެވެ. ބޮޑު ބޭބޭފުޅު އަބޫޠާލިބުގެފާނުގެ އަރިހުން ދިރިއުޅުމުގެ ކަންކަން ދަސްކޮށްދެއްވައި ބޮޑުބޭބޭފުގެ އޯގާތެރިކަމުގެ ހިޔާވަހިކަމުގެ ދަށުގައި މުޙައްމަދުގެފާނު ދުވަސްތައް ހޭދަކުރައްވަމުން ގެންދެވިމެއެވެ.
މުޙައްމަދުގެފާނުގެ ޝަޚުޞިއްޔަތު ހަރުދަނާ ޝަޚްޞިއްޔަތެއްގެ ގޮތުގައި ތަރުބިޔަތުވެވަޑައިގަތުމުގެ ފަހަތުގައި ޙިކުމަތުން ފުރިގެންވާ ސިއްރުތަކެއް ވެއެވެ. މީގެ އެންމެ ފުރަތަމަ ސިއްރަކީ اللهގެ މަތިވެރި ރަޙުމަތެވެ. މުޙައްމަދުގެފާނަކީ ފަހު ޒަމާނުގެ ނަބިއްޔާއަށް ވެވަޑައިގަތުމަކީ އަޒަލުގައި ތަޤުދީރުކުރެއްވިގެންވާ ކަމެއްކަމަށްވާތީ، އެކަލޭގެފާނު ތަރުބިޔަތުވެވަޑައިގަތީ اللهގެ މަތިވެރި އޯގާވަންތަކަމުގެ ދަށުންނެވެ.
މި ވާހަކަތައް އައްޟުޙާ ސޫރަތުގައި الله ބަޔާންކުރައްވާފައިވެއެވެ. އެއްވެސް ޙާލަތެއްގައި الله އެކަލޭގެފާނު ދެކެ ކޯފާވެވޮޑި ނުގަންނަވާނެކަމަށާއި ނިކަމެތި ޙާލުކޮޅުގައި ވަނިކޮށް ތަނަވަސްކަން ދެއްވި ކަމަށާއި އަދި އިސްލާމްދީނުގެ މަތިވެރި ހިދާޔަތުގެ ނިޢުމަތް އެކަލޭގެފާނަށް ދެއްވެވިކަމާއި ދުނިޔެއަށް ވުރެ އާޚިރަތުގައި އެކަލޭގެފާނަށް ހުރި ނިޢުމަތްތަކުގެ ބޮޑުކަން ބަޔާންކުރައްވައިފައިވެއެވެ. އަދި ޔަތީމު ކުދީންނަށް ހެޔޮކޮށް ހިއްތެވުމަށާއި ބޭނުންޖެހިފައިވާ މީހުންނަށް އަޅައިލެއްވުމަށް އެކަލޭގެފާނަށް އެ ސޫރަތުގައި މާތްالله ވަޞިއްޔަތްކުރައްވައިފައިވެއެވެ.
ނަބީކަލޭގެފާނުގެ ނަބަވީ ޝަޚުޞިއްޔަތުގެ ސިފަތައް
މުޙައްމަދުގެފާނުގެ ނަބަވީ ޝަޚްޞިއްޔަތު މަކާރިމުލްއަޚުލާޤާއި ޤިޔާދީ ސިފަތަކުގެ މައްޗަށް ޒީނަތްތެރިވުމުގައި އިޖުތިމާޢީ އަދި އިންސާނީ ގިނަ ސަބަބުތަކެއްވެއެވެ. އެއިގެ ތެރޭގައި:
1- ޔަތީމު ޙާލުކޮޅުގައި ބޮޑުފުޅުވެ ވަޑައިގަތުން: ޔަތީމު ޙާލުކޮޅުގައި ބޮޑުފުޅުވެވަޑައިގަތުމުގެ ސަބަބުން އިންސާނީ އޯގާތެރިކަމުގެ މަތިވެރި ޝުޢޫރުތައް އެކަލޭގެފާނުގެ ހިތްޕުޅުގައި ޤަރާރުވިއެވެ. އެފަދަ ކުދީންގެ އިޙުސާސްތައް ހުންނާނެ ގޮތް ދަސްފުޅުކުރެއްވުނެވެ. އެ ފަދަ ކުދީންނަށް އަޅައިލުމުގެ މުހިންމުކަން ދަސްފުޅުކުރެއްވިއެވެ. އޯގާތެރިކަމުގެ އިންސާނީ އެންމެހައި އިޙުސާސްތަކެއް ދެނެވަޑައިގަތެވެ.
2- ޝަރަފްވެރި ޢާއިލާއަށް ނިސްބަތްވުން: ޢާންމު ގޮތެއްގައި ޝަރަފުވެރި ޢާއިލާތަކުގެ ތެރޭގައި އަބުރުވެރިކަމާއި ރިވެތި އަޚުލާޤު އޮވެއެވެ. ޤުރައިޝު ވަންހައިގެ ޢާއިލާގެ ތެރޭގައި އުޅުއްވައި ބޮޑުފުޅުވެޑައިގަތުމުގެ ސަބަބުން ރިވެތި ގިނަގުނަ ސިފަފުޅުތަކެއް ދަސްފުޅުކުރެއްވިއެވެ.
3- ޒަޢީމުންގެ އަރިހުގައި ބޮޑުފުޅުވުން: ކާފާފުޅާއި ބޮޑުބޭބޭފުޅުގެ އަރިހުގައި ބޮޑުފުޅުވެވަޑައިގަތުމުގެ ސަބަބުން ވަރަށް ގިނަ ޤިޔާދީ ސިފަތަކުގެ މައްޗަށް ތަރުބިޔަތުވެވަޑައިގަތެވެ. ޢަބްދުލްމުއްޠަލިބުގެފާނާއި އަބޫޠާލިބުގެފާނަކީ ޤުރައިޝުންގެ ދެ ޒަޢީމުންކަމުން އެ ދެ ބޭކަލުންގެ އަރިހުގައި މުޙަންމަދުގެފާނު ވަގުތު ހޭދަކުރެއްވި އިރު، ޒަޢާމަތެއްގެ ގިނަ ކަންކަން ފެނިވަޑައިގެންފައިވާނެއެވެ. ވެރީންގެ ފެންވަރުގައި މީހުންނަށް އިސްތިޤުބާލު ކުރައްވާ ގޮތާއި މީހުންނާ މުޢާމަލާތު ކުރައްވާ ގޮތްތައް ދަސްފުޅުކުރެއްވިއެވެ.
4- ރަށްފުށުގެ ގުޅުންތައް: ކިރުމައިކަމަނާ ޙަލީމަތުގެފާނާއި އެކަމަނާގެ ޢާއިލާއާއެކު މުޙައްމަދުގެފާނު ތުއްޕުޅު އިރުގެ ދުވަސްތައް ހޭދަކުރެއްވުމުގެ ސަބަބުން އުފެދުނު ގުޅުމަކީ ރަށްފުށު ޙާލަތާއި މީހުންގެ އާދަކާދަތައް ދަސްފުޅުކުރައްވާން ލިބިވަޑައިގަތް ފުރުޞަތެކެވެ. ކީރިތި ރަސޫލާﷺ މުޅި ޙަޔާތްޕުޅުގައި ވެސް އެ ޢާއިލާއާ ވަރަށް ގާތް ހެޔޮ ގުޅުމެއް ބާއްވަވައިފައިވެއެވެ.
5- ދިރިއުޅުއްވުމަށް ޓަކައި މަސައްކަތްޕުޅުކުރެއްވުން: ބޮޑު ބޭބޭފުޅުގެ ކަފާލަތުގެ ދަށުގައި ހުންނެވި ނަމަވެސް ބޮޑުބޭބޭފުޅަށް ވެސް އެހީތެރިވެވަޑައިގަތުމުގެ ގޮތުންނާއި އަމިއްލަފުޅު ކަންކަން އަމިއްލަފުޅަށް ކުރައްވާން ބޭނުންފުޅުވާ ޚަރަދުތައް ހޯއްދެވުމުގެ ގޮތުން މަސައްޕުޅުކުރެއްވިއެވެ. މި ގޮތުން ބަކަރި ހުއިހެއްޕެވުމާއި ވިޔަފާރީގެ މުޢާމަލާތްތަކުގައި އުޖޫރައަށް މަސައްކަތް ކޮށްދެއްވުމުމުގައި އުޅުއްވިއެވެ. ބަކަރި ހުއިހެއްޕުމަކީ މީހާގެ ޝަޚުޞިއްޔަތުގައި ކެއްތެރިކަން އުފެދޭ ކަމެކެވެ. އަދި ހީވާގިކަމާއި މުރާލިކަން އުފެދޭ ކަމެއް ވެސް މެއެވެ. އެ ޒަމާނުގައި ދިރިއުޅުމަށް ޓަކައި އެ މުޖުތަމަޢުގައި ކުރެވުނު އެއްމެ މުހިންމު އެއް މަސައްކަތަކީ އެއީއެވެ. އަދި ވިޔަފާރި ޤާފިލާތަކާއެކު ދަތުރުފުޅުކުރެއްވިއެވެ. މީގެ ސަބަބުން މީސްތަކުންނާ މުޢާމަލާތުކުރައްވާނެ ގޮތްތައް ދަސްފުޅުކުރެއްވުނެވެ. އެކި މީސްމީހުންގެ ތަފާތުތަކާއި ޠަބީޢީ ޙާލަތްތައް ދެނެވަޑައިގެންނެވުނެވެ. މުޙައްމަދުގެފާނުގެ ތެދުވެރިކަމުން މީސްތަކުންގެ ހިތްތަކުގައި އެކަލޭގެފާނާމެދު އިތުރު މަޤުބޫލުކަމެއް އުފެދުނެވެ.
އިސްވެ ބަޔާންކުރެވުނު ކަންކަމުގެ ސަބަބުން މުޙައްމަދުގެފާނުގެ ޝަޚުޞިއްޔަތުގައި ވަރަށް ހަރުދަނާ ސިފަތަކެއް އުފެދުނެވެ. އަދި އެންމެ ޒުވާން ޢުމުރުފުޅުން ފެށިގެން މައްކާގެ ރައްޔިތުންގެ ހިތްތަކުގައި އެކަލޭގެފާނަށް ޚާއްޞަ ލޯތްބަކާއި އިޙުތިރާމެއް އުފެދިފައި އޮތެވެ. އެއީ އެކަލޭގެފާނުގެ ޢަޒުމްފުޅު ވަރުގަދަކަމުންނާއި ރިވެތި އަޚުލާޤުގެ ފުރިހަމަކަމުންނާއި ތެދުވެރިކަމުގެ ސަބަބުންނެވެ.
............................
* ޝަހީމުގެ ގަލަމުން ކޮލަމުގައި މިގެނެސްދެނީ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ލިޔުއްވައި، އިސްލާމިކް އޮގަނައިޒޭޝަން ފޯ ކަލްޗަރ އެންޑް ސިވިލައިޒޭޝަން (އައިއޯސީސީ) އިން ނެރެފައިވާ "ނަބީކަލޭގެފާނުގެ ޙަޔާތްޕުޅުން"މިފޮތުގެ ބައިތަކެވެ. ސިލްސިލާކޮށް ކޮންމެ ދުވަހަކު ގެނެސްދިނުމަށް ހަޖެހިފައިވާ މިކޮލަމުގައި ޑރ. ޝަހީމް ލިޔުއްވާފައިވާ ފޮތްތައް އެއްވެސް އުނި އިތުރެއް ނުގެނެސް އަޞްލާއެއްގޮތަށް ގެނެސްދެވޭނެއެވެ.
ނޯޓް:
ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދަކީ 1977 މާރިޗު 28 ވަނަ ދުވަހު ހުވަދު އަތޮޅު އުތުރުބުރީ މާމެންދޫގައި އުފަންވެވަޑައިގަތް ދިވެހި ދަންނަބޭކަލެކެވެ.
އެ މަނިކުފާނު ވަނީ ޕާކިސްތާނުގެ ލާހޫރުގައި ހުންނަ ޖާމިޢަތުލް އަޝްރަފިއްޔާއިން ކީރިތި ޤުރްއާން ހިތު ދަސްކުރައްވާފައެވެ. އޭގެ ފަހުން، އިމާމު އަބޫ ޙަނީފާ ހަޔަރ އިންސްޓިޓިއުޓް ފޯ ޓީޗަރސްގައި ޢަރަބި އިސްލާމީ ތަޢުލީމުގެ ދާއިރާއިން ޑިޕްލޮމާ ހާސިލުކުރެއްވިއެވެ. އިތުރަށް ޢަރަބި ބަހުގެ ޢިލްމު އުނގެނިވަޑައިގަތުމަށް މިޞްރުގެ އަލްއަޒުހަރު ޔުނިވަރސިޓީގެ ދަށުގައިވާ މަޢުހަދުއް ދިރާސާތިލްޚާޞާގައި ކިޔަވާ ވިދާޅުވިއެވެ.
ޑރ. ޝަހީމްގެ މަތީ ތަޢުލީމުގެ ދަތުރު ފެށިގެން ދިޔައީ ސަޢޫދީ ޢަރަބިއްޔާގެ މަދީނާގެ އިސްލާމީ ޔުނިވަރސިޓީން ފިޤުހާއި އުޞޫލުލްފިޤުހުގެ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލުކުރެއްވުމާ އެކުގައެވެ. އޭގެ ފަހުން، މެލޭޝިޔާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީން މާސްޓަރސް އޮފް އިސްލާމިކް ރިވީލްޑް ނޮލެޖް އެންޑް ހިއުމަން ސައިންސަސް (ފިޤުހު އެންޑް އުޞޫލުލްފިޤުހު) ހާސިލުކުރެއްވިއެވެ.
އެންމެ ފަހުން، ހަމަ އެ ޔުނިވަރސިޓީން ޑޮކްޓަރ އޮފް ފިލޯސަފީ އިން އިސްލާމިކް ރިވީލްޑް ނޮލެޖް އެންޑް ހިއުމަން ސައިންސަސް (ފިޤުހު އެންޑް އުޞޫލުލްފިޤުހު) ގެ ދަށުން ޕީއެޗްޑީ ސަނަދު ހާސިލުކުރައްވައި، އިސްލާމީ ޝަރީޢާގެ ދާއިރާއިން މަތީ ފެންވަރުގެ ތަޢުލީމު ފުރިހަމަކުރެއްވިއެވެ.
ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުގެ ފަންނީ މަސައްކަތުގެ ދާއިރާގައި، އެމަނިކުފާނު ވަނީ ޤައުމީ އަދި ބައިނަލްއަޤްވާމީ ފެންވަރުގައި ޝަރަފުވެރި މަޤާމުތަކެއް އަދާކުރައްވާފައެވެ. މީގެ ތެރޭގައި ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުގެ މުޝްރިފް މުސާޢިދުކަމާއި، ވިލާ ކޮލެޖުގެ ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯގެ ޑީންކަން ހިމެނެއެވެ. އަދި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ސްޓޭޓް މިނިސްޓަރުކަމާއި، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރުކަމުގެ މަޤާމާއި ޗާންސެލާރުކަމުގެ މަޤާމުވެސް އަދާކުރައްވާފައިވެއެވެ.
ބައިނަލްއަޤްވާމީ ފެންވަރުގައި، ޑރ. ޝަހީމް ވަނީ އިސްލާމީ އެއްބާރުލުމުގެ ޖަމްޢިއްޔާ (އޯއައިސީ) ގެ ސެކްރެޓަރީ ޖެނެރަލްގެ އެޑްވައިޒަރުކަމާއި، އޯއައިސީގެ ވޮއިސް އޮފް ވިސްޑަމް ސެންޓަރުގެ އިންޗާޖުކަން ވެސް ކުރައްވާފައެވެ. ޑރ. ޝަހީމް، މިވަގުތު ހުންނެވީ ދިވެހިރާއްޖޭގެ އިސްލާމީ ކަންތައްތަކާބެހޭ ވަޒީރުގެ މަޤާމުގައެވެ. މީގެ އިތުރުން، އެމަނިކުފާނަކީ ރާބިޠަތުލް ޢާލަމިލް އިސްލާމީ (މުސްލިމް ވޯލްޑް ލީގު) ގެ އެންމެ މަތީ މަޖިލިސް (ސުޕްރީމް ކައުންސިލް) ގެ މެންބަރެއް ވެސް މެއެވެ.
ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދަކީ ދީނީ އެކިއެކި މަޢުޟޫޢުތަކަށް ތަފާތު އެކި ފޮތްފޮތް ލިޔުއްވާފައިވާ ޢިލްމުވެރި ޚިދުމަތްތެރި މުޞައްނިފެކެވެ.

ކިޔުންތެރިންގެ ހިޔާލު