މިނިސްޓަރ އޮފް އިސްލާމިކް އެފެއާސް ޑރ. މުހައްމަދު ޝަހީމް
މިނިސްޓަރ އޮފް އިސްލާމިކް އެފެއާސް ޑރ. މުހައްމަދު ޝަހީމް
މާތް ﷲ ހަނދުމަކޮށް ދުޢާކުރުމަކީ އެކަލާނގެ އެންމެ ލޯބިވެވޮޑިގަންނަވާ ސިފަ ކަމުގައި މިނިސްޓަރ އޮފް އިސްލާމިކް އެފެއާސް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

މި ރަމަޟާން މަހަށް ހާއްސަކޮށް ޕީއެންސީން ފެށި ސިލްސިލާ ދަރުސް ޕްރޮގްރާމްގެ ފުރަތަމަ ޕްރޮގްރާމްގައި ދަރުސް ދެއްވަމުން މިނިސްޓަރ ވަނީ މި މައްސަރުގައި ކީރިތި ޤުރުއާން ކިޔެވުމުގެ މުހިންމުކަމާއި ދުއާކުރުމުގެ މާތްކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.

އެގޮތުން މިނިސްޓަރ ވިދާޅުވީ އިންސާނާގެ ހިތަކީ އެއް ހާލަތުން އަނެއް ހާލަތަށް ފަސޭހައިން ޝުޢޫރުތައް ބަދަލުކޮށްލާ އެއްޗެއްކަމަށެވެ. އަދި މާތް ﷲއަށް ކިޔަމަންވެގަތުމާއި، މާތް ﷲ ލޯބިވޮޑިގެންވާ ގޮތުގައި އިންސާނާގެ ހިތް ލެއްވުމަށް އެދި އަބަދުވެސް ދުއާކުރުންމަތީ ދެމިތިބެންޖެހޭކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

މިނިސްޓަރ ވިދާޅުވީ މާތްﷲ ހަނދުމަކޮށް ދުއާކުރުމަކީ ވަރަށް މުހިންމު އަޅުކަމެއްކަމަށާއި، ދުއާކުރުންމަތީ ދެމިތިބުމުން ކެތްތެރިކަމުގެ ރިވެތި ފިލާވަޅު ލިބޭނެ ކަމަށެވެ.

އަދި މުސީބާތްތަކުން ކޮންމެ މުއުމިނަކުވެސް ސަލާމަތްކުރައްވަނީ ދުއާގެ ސަބަބުން ކަމަށާއި، އިހްލާސްތެރިކަމާއެކު ކުރާ ކޮންމެ ދުއާއެއްވެސް އިޖާބަ ކުރައްވާނެ ކަމަށް ޑރ. ޝަހީމް ވިދާޅުވިއެވެ.

"މައިން ބަފައިން ދަރިންނަށްކުރާ ދުއާ އަދި ދަރިން މައިންބަފައިންނަށް ކުރާ ދުއާ، އިޚްލާސްތެރިކަމާއެކު ކޮށްފިނަމަ އިޖާބަ ނުކުރައްވައި ނުދާނެ" ޑރ. ޝަހީމް ވިދާޅުވިއެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ އެންމެ މާތް ދުއާއަކީ އެންމެ މަތީ ދަރަޖައަށް ނުވަތަ ޖަންނަތުލް ފިރުދައުސްއަށް އެދި ކުރާ ދުއާކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން