ފްލެޓުލިސްޓާ ގުޅޭގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
ފްލެޓުލިސްޓާ ގުޅޭގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
އެމްޑީޕީން އާންމު ކުރި "ގެދޮރުވެރިޔާ" ފްލެޓުލިސްޓު މި ސަރުކާރުން ރިވިއު ކުރުމަށްފަހު، ކުރިން ނެރުނު ލިސްޓުގައި ނުހިމެނޭ 577 މީހަކަށް ފްލެޓު ދީފައިވާ ކަމަށް އެ ޕާޓީން ބުނެފިއެވެ.

މި ސަރުކާރުން އެމްޑީޕީން ނެރުނު ފްލެޓް ލިސްޓު ރިވިއުކުރުމުން ޝަރުތު ހަމަވެގެން ފްލެޓް ލިބެނީ 1802 މީހުންނަށެވެ. އޭގެ ތެރެއިން ތިން ކޮޓަރީގެ ފްލެޓް 1423 މީހުންނަށް ލިބޭއިރު ދެ ކޮޓަރީގެ ފްލެޓް ލިބެނީ 397 މީހުންނަށެވެ.

މި ލިސްޓާ ގުޅޭ ގޮތުން އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން އެ ޕާޓީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހީމް ވަހީދު (އިބުރޭ) ވިދާޅުވެފައިވަނީ ކުރީ ސަރުކާރުން 4،000 ފުލެޓު ލިބޭ ކަމަށް ކަނޑައަޅައިފައިވާ ފޯމުތަކުގެ ބޭރުން މި ސަރުކާރުން 577 މީހެއްގެ މައުލޫމާތު އަލުން ބަލައި ފުލެޓު ދޭން ކަނޑައެޅި ކަމަށެވެ.

މީގެ ތެރެއިން 56 މީހެއްގެ މާކުހާ ކުޅެ ޕޮއިންޓުތައް އިތުރު ކޮށްފައިވާކަން ފާހަގަ ކުރެވުނު ކަމަށްވެސް އިބުރޭ ވިދާޅުވިއެވެ. އަދި ފޯމުތައް ރިވިއު ކުރުމުގެ ނަމުގައި މީހުންގެ ޕޮއިންޓުތަކަށް ބަދަލު ގެނެސްފައިވާއިރު، އެކަން ކޮށްފައިވަނީ ކޮން އުސޫލެއްގެ ދަށުން ކަމެއްވެސް އެނގެން ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކުރީ ސަރުކާރުގައި ފުލެޓާއި ގޯތި ދިނުމަށް އެކުލަވާލި ކޮމިޓީގައި އިސްކޮށް ހުންނެވި، ހައުސިން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވީ މުރާޖައާ ކުރުމަށްފަހު ނެރުނު ލިސްޓުގައި ވަރަށް ގިނަ މައްސަލަތަކެއް އެބަހުރި ކަމަށެވެ.

އަދި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕެއިނު ވައުދުގައި “ގެދޮރުވެރިޔާ ސްކީމް” ގެ ދަށުން ފްލެޓުތައް ދޫކޮށްފައިވާ ގޮތަކަށް ދޭނަމޭ ވިދާޅުވިނަމަވެސް، އެކަމާ ހިލާފުވެ އެތައް ބައެއްގެ ހައްގުތައް ނިގުޅައިގެންފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ނަމަވެސް މިސަރުކާރުން މުރާޖާކުރި ލިސްޓު އިޢުލާނު ކުރި ދުވަހު ހައުސިންގ މިނިސްޓަރު މުއްޠަލިބު ވިދާޅުވީ މުރާޖަޢާ ކުރީ އެމްޑީޕީ ސަރުކާރުން 4000 ފްލެޓް ލިބޭނެ ކަމަށް ކަނޑައެޅި ލިސްޓުގައި ހިމެނޭ މީހުންގެ ފޯމުތައް ކަމަށެވެ. އެހެން އެއްވެސް އިތުރު ފޯމެއް މިފަހަރު މުރާޖަޢާކޮށްފައި ނުވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިސަރުކާރުން މުރާޖަޢާ ކުރި ލިސްޓު ވަނީ ޢާންމުވެސް ކޮށްފައެވެ.

ސަރުކާރުން ވަނީ މި މާޗު މަހުގެ ނިޔަލަށް ފްލެޓު ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައެވެ. އެގޮތުން ފްލެޓު ލިސްޓާމެދު ޝަކުވާ ހުށަހެޅުމުގައި ސާބިތުވާވަރުގެ ހެއްކެއް ދެއްކިއްޖެނަމަ އެކަން ވެރިފައިކޮށް ދިރާސާ ކުރާނެކަމަށާއި، އެހެންކަމުން ލިސްޓަށް ބަދަލުތަކެއް އަތުވެދާނެ ކަމަަށްވެސް ސަރުކާރުން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން