ޑރ. ޝަހީމުގެ ގަލަމުން: ނަބީކަލޭގެފާނުގެ ޙަޔާތްޕުޅުން
ޑރ. ޝަހީމުގެ ގަލަމުން: ނަބީކަލޭގެފާނުގެ ޙަޔާތްޕުޅުން
05 ވަނަ ބައި

.................

އިސްރާއާއި މިޢުރާޖުގެ މަތިވެރި ދަތުރުފުޅު

އިސްރާއާއި މިޢުރާޖުގެ ދަތުރުފުޅަކީ އިންސާނުންގެ ބުއްދިއާއި ފިކުރު ޙައިރާންކޮލި އާދައާޚިލާފު މުޢުޖިޒާތެކެވެ. ޤުދުރަތްތެރިކަމުގެ މަތިވެރި ނިޝާނެކެވެ. ޤުރައިޝުންގެ ސިނކުޑިތައް އަންތަރީސް ކޮށްލި ބޮޑުވެގެންވާ މުޢުޖިޒާތެކެވެ. މުސްލިމުންނަށް ކުރިމަތިވި އިމްތިޙާނެކެވެ. ތެދުވެރި މުސްލިމުން އެމަތިވެރި މުޢުޖިޒާތް ގަބޫލުކުރިއެވެ. ނަބީބޭކަލުންނަށް މާތް الله ދެއްވާ މަތިވެރި މުޢުޖިޒާތްތަކަކީ ބުއްދިއަށް ގަބޫލުކުރާން ދަތި ނަމަވެސް މަތިވެރިވެގެންވާ ޙަޤީޤަތްތަކެކެވެ. މުޢުޖިޒާތްތަކުގެ ޙަޤީޤީ ޠަބީޢަތަކީ އެއީއެވެ.

އިސްރާއާއި މިޢުރާޖުގެ މަތިވެރި މުޢުޖިޒާތް ކީރިތި ރަސޫލާﷺއަށް الله ދެއްވީ އެކަލޭގެފާނުގެ ޙަޔާތްޕުޅުގެ ވަރަށް އުނދަގޫ ދުވަސްވަރެއްގައި އެކަލޭގެފާނުގެ ހިތްޕުޅަށް ތަސައްލީއެއްގެ ގޮތުގައެވެ. އުފާވެރި ކަމެއްގެ ގޮތުގައެވެ. އެކަލޭގެފާނުގެ އެންމެހައި ހިތާމަތަކަށް ނިމުމެއްގެ ގޮތުގައެވެ. އަބޫޠާލިބުގެފާނާއި ޚަދީޖަތުގެފާނު އަވަހާރަވުމާއި ޠާއިފުގެ ދަތުރުފުޅުން ލިބިވަޑައިގަތް ހިތާމަފުޅުތަކުގެ ސަބަބުން ކީރިތި ރަސޫލާﷺ އަށް ނުހަނު ގިނަ ގޮންޖެހުންތަކާ ކުރިމަތިލައްވާންޖެހިވަޑައިގަތެވެ.

އެ ޙާލަތުގައި އެކަލޭގެފާނުގެ ހިތްޕުޅުގައިވާ އީމާންކަން އިތުރަށް ކަށަވަރުކުރައްވައި اللهގެ މަތިވެރި މުޢުޖިޒާތް އެކަލޭގެފާނަށް ދެއްވާން الله އިރާދަކުރެއްވިއެވެ. މިޙާދިސާ ހިނގައިފައިވަނީ މަދީނާގެ ހިޖުރައިގެ ކުރިންނެވެ. އެއީ ނަބަވީ ދަޢުވަތުން ދިހަ އަހަރު ފާއިތުވުމަށް ފަހުގައެވެ.

އިސްރާއާއި މިޢުރާޖުގެ ދަތުރުފުޅަކީ އާދައާ ޚިލާފު އެތައް ޙަޤީޤަތްތަކެއް ހާމަވި ދަތުރުކެވެ. اللهގެ ކުޅަދުންވަންތަކަމުގެ އެތައް ހެކިތަކެއް الله ދެއްކެވި ދަތުރެކެވެ. އިސްރާއަކީ މައްކާގެ އަލްމަސްޖިދުލްޙަރާމުން އަލްޤުދުސްގެ އަލްއަޤުޞާ މިސްކިތަށް ކުރެއްވި ދަތުރުފުޅެވެ. މިޢުރާޖަކީ އަލްއަޤުޞާ މިސްކިތުން މަތިވެރިވެގެންވާ އުޑުތަކަށް ކުރެއްވި ދަތުރުފުޅެވެ.

މައްކާއިން ބައިތުލްމަޤުދިސަށް

އިސްރާގެ ދަތުރުފުޅުގެ ވާހަކަ ކީރިތި ޤުރުއާނުގައި ޞަރީޙަ ޢިބާރާތުން ކަނޑައެޅި ބަޔާންވެގެންވެއެވެ. މިޢުރާޖުގެ ވާހަކައަށް ކީރިތި ޤުރުއާނުގެ އައްނަޖުމު ސޫރަތުގައި އިޝާރާތްކުރައްވައިފައިވެއެވެ. އަލްއިސްރާ ސޫރަތުގެ އެއްވަނަ އާޔަތުގައި މާތް الله ވަޙީކުރައްވައިފައިވާ ބަސްފުޅުގެ މާނައިގައި ވެއެވެ. "އެކަލާނގެ ހުސް طاهـر ވަންތަކަމާއެވެ! އެކަލާނގެއީ، المسجد الحرام ން، المسجد الأقصى އަށް އެކަލާނގެ އަޅާ، ރޭގަނޑުން ބައެއްގައި ގެންދެވި ރަސްކަލާނގެއެވެ. އެއީ އެތާނގެ ވަށައިގެން، ތިމަންރަސްކަލާނގެ بركات ލެއްވި ތަނެވެ. (އެއީ) ތިމަންރަސްކަލާނގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިން ބައެއް، އެކަލޭގެފާނަށް ދެއްކެވުމަށްޓަކައެވެ. ހަމަކަށަވަރުން، އެކަލާނގެއީ، މޮޅަށް އައްސަވައިވޮޑިގެންވާ، މޮޅަށް ބައްލަވައިވޮޑިގެންވާ ރަސްކަލާނގެއެވެ.

ބައިތުލްމަޤުދިސުން އުޑުތަކަށް

އައްނަޖުމު ސޫރަތުގެ ދިހަ ވަނަ އާޔަތުން އަށާރަ ވަނަ އާޔަތުގެ ނިޔަލަށް الله ބަޔާންކުރައްވާފައިވެއެވެ. "އެކަލޭގެފާނު ދެކެވަޑައިގެންނެވި ކަންތަކާމެދު (އެކަލޭގެފާނުންގެ) ހިތްޕުޅު إنكارއެއް ނުކުރައްވަތެވެ. އެކަލޭގެފާނު ދެކެވަޑައިގަންނަވާ ކަންތަކާމެދު، ތިޔަބައިމީހުން އެކަލޭގެފާނާ ޖަދަލުކުރަނީހެއްޔެވެ؟ ހަމަކަށަވަރުން، އެކަލޭގެފާނު (އެބަހީ: محمد ގެފާނު) އެހެން ފަހަރަކު ވެސް އެ ملائكةއާ ދެކެވަޑައިގަތްކަން ކަށަވަރެވެ. سدرة المنتهى ގެ ކައިރިންނެވެ. އެތާނގެ ކައިރީގައި جنة المأوى ވެއެވެ. (އެއީ مؤمنތަކުންގެ ފުރާނަތަކުގެ مركزއެވެ.) سدرة المنتهى ފޮރުވައިލި (ފުރިހަމަ) ކަމެއް އައިސް ފޮރުވައިލި ހިނދުގައެވެ. އެކަލޭގެފާނުގެ ލޯފުޅު އެކި ފަރާތްފަރާތަކަށް ނުދެއެވެ. އަދި ދެކެވަޑައިގަތުމަށް ކަނޑައަޅުއްވައިފައިވާ ތަން ފަހަނަޅައި ވެސް ނުމެދޭމެއެވެ. ހަމަކަށަވަރުން، އެކަލޭގެފާނުގެ ވެރި ރަސްކަލާނގެ ކުޅަދުންވަންތަކަމުގެ ބޮޑެތި ހެކިތައް، އެކަލޭގެފާނު ދެކެވަޑައިގަތްކަން ކަށަވަރެވެ.

އިސްވެ ބަޔާންވެ ދިޔަ އާޔަތްތަކުން ދޭހަކޮށްދެނީ މިދަތުރުފުޅުގެ މަތިވެރި މަޤުޞަދަކީ اللهގެ ކުޅަދުންވަންތަކަމުގެ ހެކިތައް އިތުރު ރަސޫލާﷺ އަށް ދެއްކެވުންކަމެވެ. އިސްރާގެ ދަތުރުފުޅު ފެށިފައިވަނީ މައްކާއިންނެވެ. ރޭގަނޑެއްގެ ވަގުތުގައެވެ. ބައެއް ރިވާޔަތްތައް ބުނާ ގޮތުން އިސްރާގެ ދަތުރު ފެށިފައިވަނީ އުންމު ހާނީގެ ގެކޮޅުގައި އަވަހާރަފުޅު ލައްޕަވައިފައިވަނިކޮށް ތެދުވެ ވަޑައިގެން މަލާއިކަތުންނާ އެކު ގެންނެވި ބުރާޤުގައެވެ. އެއީ އާދަޔާ ޚިލާފު ބާރު މިނެއްގައި ދަތުރުކުރާ ސަވާރީއެކެވެ. ލޮލުގެ ފެނުން ހުއްޓޭ ހިސާބުގައި ފިޔަވަޅު އަޅައި ދަތުރުކުރާ ސަވާރީއެއްކަމުގައި މުފައްސިރުން ބަޔާންކޮށްފައިވެއެވެ. އަނެއް ބައި ރިވާޔަތްތަކުގައި ބަޔާންވެގެންވާ ގޮތުން އިސްރާގެ ދަތުރުފުޅު ފެށިފައިވަނީ ސީދާ އަލްމަސްޖިދުލްޙަރާމުންނެވެ. އަލްމަސްޖިދުލްޙަރާމަކީ މުޅި މައްކާ ކަމުގައި ވެސް ބައެއް މުފައްސިރުން ބަޔާންކުރައްވައިފައިވެއެވެ.

މި ކަމުގައި ޢިލްމުވެރީންގެ މެދުގައި ބަހުސްކުރެވިފައިވެއެވެ. އެއީ އިސްރާޢާއި މިޢުރާޖުގެ ދަތުރަކީ ހަމަ އެކަނި ރޫޙާއިގެން ކުރެއްވި ދަތުރެއްތޯ ނުވަތަ އެއީ ރޫޙާއި (ފުރާނަ) އާއި ހަށިގަޑާ އެކު ކުރެއްވި ދަތުރެއްތޯ ނުވަތަ ނޫންތޯ އާމެދު ބަހުސްކުރައްވައިފައިވެއެވެ. މި ކަމުގައި ގިނަ ޢިލްމުވެރީން ބުރަވެލައްވަނީ އެއީ ހަށިގަނޑާއި ފުރާނައާއެކު ކުރެއްވި ދަތުރުފުޅެއްކަމުގައެވެ. އަދި އެއީ ހުވަފެނެއް ނޫންކަމުގައި ވެސް ޢިލްމުވެރިން ބަޔާންކުރައްވައިފައިވެއެވެ.

ނަބީބޭކަލުންގެ އިމާމު

އިސްރާއާއި މިޢުރާޖުގެ ދަތުރުފުޅުގައި ކީރިތި ރަސޫލާﷺ ވަނީ އަލްއަޤުޞާ މިސްކިތުގައި އެންމެހައި ނަބީބޭކަލުންނާއެކު އިމާމުވެ ނަމާދުކުރައްވައިފައެވެ. އެބޭކަލުން އެކަލޭގެފާނަށް ހެޔޮ ދުޢާއާއި ތަހުނިޔާތައް ދެންނެވިކަމުގައި ބަޔާންވެގެންވެއެވެ. اللهގެ މަތިވެރި ކުޅަދުންވަންތަކަމެވެ. އެކަލާނގެއީ މަރުއްވައި ދިރުއްވާ ރަސްކަލާނގެއެވެ.

އަލްއަޤުޞާ މިސްކިތުގައި ނަބީބޭކަލުންނާ އެކު ވަގުތު ހޭދަކުރެއްވުމަށް ފަހު އިތުރުއެކަލޭގެފާނު ޖިބުރީލްގެފާނުގެ އަރިހުގައި މިޢުރާޖުގެ ދަތުރުފުޅު ފެށްޓެވިއެވެ. މިޢުރާޖުގެ ދަތުރުފުޅުގައި މަތިވެރި ވެގެންވާ އުޑުތަކަށް ދަތުރުފުޅުކުރެއްވިއެވެ. އެކި އުޑުތަކުން އެކި ނަބިއްޔުން އިތުރުއެކަލޭގެފާނަށް މަރުޙަބާ ވިދާޅުވިއެވެ. މި ކަމުގެ ތަފުސީލްތައް ތަފުސީރު ފޮތްތަކާއި ޙަދީޘް ފޮތްތަކުގައި ބަޔާންވެފައި އެބަހުއްޓެވެ.

ކާއިނާތު ނިމޭ ހިސާބަށް އިތުރުއެކަލޭގެފާނު ވަޑައިގަތެވެ. އެ ތަނުގައި ވަނީ ސިދުރަތުލްމުންތަހާއެވެ. އަދި އެ ތަނުގެ ކައިރީގައި "މައުވާ"އޭ ކިޔުނު ސުވަރުގެ ވެއެވެ. އެއަށް ފަހު اللهގެ މަތިވެރި ދަރުބާރަށް ވަޑައިގަތެވެ. އަދި އެ މަޤާމުގައި އެކަލޭގެފާނަށް ބަސްފުޅު ވަޙީކުރައްވައި ނަމާދު ފަރުޟުކުރެއްވުނެވެ. އެންމެ ފުރަތަމަ ފަރުޟުކުރެއްވީ ފަންސާސް ނަމާދެވެ. އެއަށް ފަހު އެނބުރި ވަޑައިގަތް މަގުމަތީގައި ސަލާމްލެއްވި މޫސާގެފާނާ ބައްދަލުވެވަޑައިގެން އެކަލޭގެފާނުގެ އެދިވަޑައިގަތުމުގެ މަތީން އަލުން އެނބުރި ވަޑައިގެން ނަމާދުތައް ލުއިކޮށްދެއްވުން އެދިވަޑައިގެން الله ގެ ހަޟްރަތުގައި ދެންނެވިއެވެ.

މި ގޮތުން މި ދެންނެވުން ތަކުރާރުކުރެއްވުމުގެ ސަބަބުން ފަންސާސް ނަމާދު ފަސް ނަމާދަށް ބަދަލުކޮށްދެއްވިއެވެ. ނަމަވެސް ސަވާބަށް އުނިކަމެއް ނާންނަ ގޮތުގައެވެ. އެއީ އުންމަތަށް ލުޔެއްގެ ގޮތުގައެވެ. މިޢުރާޖުގެ ރޭގައި ކީރިތި ރަސޫލާﷺ ޖިބްރީލުގެފާނުގެ އަސްލު ޞޫރައިގައި ދެކެވަޑައިގަތެވެ. އެކަލޭގެފާނުގެ ހަ ސަތޭކަ ފިޔަފުޅު ވާކަމަށް ވާރިދުވެފައިވެއެވެ.

ފިޠުރަތު ޚިޔާރު ކުރެއްވުން

އިސްރާއާއި މިޢުރާޖުގެ ރޭގައި އެކަލޭގެފާނަށް ކިރާއި ރާ އެރުވުނެވެ. އެކަލޭގެފާނު އިޚުތިޔާރުކުރެއްވީ ކިރެވެ. އެހިނދު ބުނެވުނެވެ. ތިޔަ އިޚުތިޔާރު ކުރެއްވީ ފިޠުރަތެވެ. ކަލޭގެފާނު ރާ އިޚުތިޔާރުކުރެއްވި ނަމަ ކަލޭގެފާނުގެ އުންމަތް ހަލާކުވެ ދިޔައީހެވެ. އަދި އެ ރޭގައި ނަރަކައާއި ސުވަރުގޭގެ ކަންކަން އިތުރު އެކަލޭގެފާނަށް މާތް الله ދެއްކެވިއެވެ.

ސުވަރުގެއާއި ނަރަކަ

ސުވަރުގޭގެ ނިޢުމަތްތަކާއި އެކި ކަންކަމަށް ނަރަކައިގައި ދެވޭ ޢަޒާބު ދެކެވަޑައިގަތެވެ. އަދި ނަރަކައާއި ސުވަރުގޭގެ ކަންކަމާ ޙަވާލުކުރެވިގެންވާ މަލާއިކަތުން ވެސް ދެކެވަޑައިގަތެވެ. މީސްތަކުންގެ އަބުރާ ބެހި ޣީބަ ބުނެ ހަދާ މީހުންނާއި ޒިނޭ ކުރާ މީހުންނަށް ހުރި ޢަޒާބު ވެސް ދެކެވަޑައިގަތެވެ. އަދި އެކި އެކި ހެޔޮ ޢަމަލުތަކަށް ހުރި ޘަވާބު ވެސް ދެކެވަޑައިގަތެވެ. މި ފަދަ އެތައް މުޢުޖިޒާތެއް އެދަތުރުގައި މާތް الله ވަނީ އެކަލާނގެ ރަސޫލާ ﷺ އަށް ދައްކަވައިފައެވެ.

އެނބުރި ވަޑައިގަތުން

އިސްރާއާއި މިޢުރާޖުގެ ދަތުރު ނިންމަވައި ހަމަ އެރޭގައި އިތުރުއެކަލޭގެފާނު މައްކާއަށް އެނބުރި ވަޑައިގަތެވެ. އަދި މި ދަތުރުގެ ވާހަކަ މައްކާގެ އަހުލުވެރީންނަށް ބަޔާންކޮށްދެއްވުމުން ޤުރައިޝުން އެ ކަމަށް އިންކާރުކޮށް މަލާމާތްކޮށް ހަދައި ފުރައްސާރަކުރުން ގިނަކުރިއެވެ. ނަމަވެސް އިސްރާގެ ދަތުރުފުޅުގެ މަގުމަތީން ޝާމްކަރައަށް ދަތުރުކުރި ޤާފިލާއެއް ކީރިތި ރަސޫލާﷺ ދެކެވަޑައިގަތެވެ. މި ދަތުރުފުޅުގެ ވާހަކައިގެ ހެއްކެއްގެ ގޮތުން އެ ޤާފިލާގެ ވާހަކަ ބަޔާންކުރެއްވިއެވެ. އަދި ޤުރައިޝުން ސުވާލުކުރުމުން ބައިތުލްމަޤުދިސް ހުންނަ ގޮތް ވެސް ވިދާޅުވެދެއްވިއެވެ.

އެތައް ދުވަހެއްގެ ރާސްތާއެއް އެންމެ ރެއަކުން ކަނޑައްތުކުރައްވައި އެނބުރި ވަޑައިގަތްކަމީ ޙަޤީޤީގަތުގައި ވެސް މަތިވެރި މުޢުޖިޒާތެކެވެ. މީގެ ސަބަބުން ޤުރައިޝުންގެ ސިކުނޑިތަކަށް ޙައިރާންކަން ގެނެސްދިނެވެ. ނަމަވެސް އެމީހުންގެ އަނިޔާވެރިކަމުގެ ސަބަބުން އެ މީހުން މި ޙަޤީޤަތްތަކެއް ޤަބޫލެއް ނުކުރިއެވެ. މި ދަތުރުފުޅުގެ ވާހަކަ އެންމެ ފުރަތަމަ ގަބޫލުފުޅުކުރެއްވީ އަބޫބަކުރުގެފާނެވެ. އެ ދުވަހުން ފެށިގެން އެކަލޭގެފާނުގެ ލަޤަބަކީ އައްޞިއްދީޤެވެ.

އިބުރަތްތެރި ފިލާވަޅުތައް

- އިސްރާގެ ދަތުރުފުޅަކީ މައްކާއާއި އަލްޤުދުސް ގުޅުވައިލަދިން ޢިބުރަތްތެރި ދަތުރުފުޅެކެވެ. އަލްޤުދުސަކީ އިސްލާމީ ތަރިކައެއްކަމާއި އަލްމަސްޖިދުލްޙަރާމާއި އަލްއަޤުޞާ މިސްކިތަކީ ދުވަހަކު ވެސް ވަކި ވެގެން ނުދާނެ ދެ ތަންކަމުގައި ހާމަވެއެވެ.

- އަލްއަޤުޞާ މިސްކިތުގެ ވަށައިގެންވާ ތަންތަނަކީ ބަރަކާތްތެރި ތަންތަންކަމުގައި ހާމަވެއެވެ.

- ނަމާދަކީ މުއުމިނުންގެ މިޢުރާޖުކަމާއި ނަމާދުގެ މަތިވެރިކަމާއި ނަމާދު ފަރުޟު ކުރެއްވުނު މަތިވެރި މަޤާމަކީ اللهގެ މަތިވެރި ދަރުބާރުކަން ހާމަވެއެވެ. ނަމާދަކީ އިސްލާމްދީނުގެ އެންމެ މަތިވެރި އަޅުކަމެވެ. އެއީ ދީނުގެ ތަނބެވެ.

- ސުވަރުގެއާއި ނަރަކައަކީ ޙަޤީގަތެއްކަމާއި އެތަނުގައި ކުޅަދުންވަންތަކަމުގެ މަތިވެރި ހެކިތަކެއް ވާކަން ހާމަވެއެވެ.

- އިސްރާއާއި މިޢުރާޖުގެ ދަތުރުފުޅުން މުއުމިނުންގެ ހިތްތަކަށް ޔަޤީންކަން ލިބެއެވެ. الله ވޮޑިގެންވާކަމުގެ މަތިވެރި އެތައް ހެކިތަކެއް ހާމަވެއެވެ.

އިސްރާއާއި މިޢުރާޖުގެ ވާހަކައަކީ ވަރަށް ތަފުޞީލްކޮށް ތަފުސީރު ފޮތްތަކާއި ޙަދީޘްފޮތްތަކާއި ސީރަތު ފޮތްތަކުގައި ބަޔާންވެފައިވާ ވާހަކައެވެ.

އިސްތިރާތީޖީ ނަޒަރަކުން ޙަބަޝާގެ ހިޖުރަ

އިސްލާމީ ދަޢުވަތުގެ މަގަކީ ފަސޭހަ މަގެއް ނޫނެވެ. އެއީ އެ މަގުގައި އެތައް އިމްތިޙާނަކާއި ކުރިމަތިމަތިލާންޖެހޭނެ މަގެކެވެ. އެތައް ޤުރުބާނީއެއް ވާންޖެހޭނެ މަގެކެވެ. ނަބީބޭކަލުންނާއި ރަސޫލުބޭކަލުންވަނީ މިހުރިހާ ކަމެއް ތަޙައްމަލުކުރައްވައިފައެވެ. ގަބޫލުކުރާންޖެހޭނެ ޙަޤީޤަތަކީ އާޚިރުގައި ނަޞްރު ލިބޭނީ ޙައްޤަށްކަމަށެވެ. ރަސޫލާﷺ ޙަޔާތްޕުޅުން މި ފަދަ އެތައް ޢިބްރަތްތެރި ދަރުސްތަކެއް އަޅުގަނޑުމެންނަށް ލިބިދެއެވެ.

ކީރިތި ރަސޫލާﷺ ދަޢުވަތުގެ މަސައްކަތްޕުޅު ހުއްޓުމެއްނެތި ގޮންޖެހުންތައް ގިރާކުރައްވައި ވަރުގަދަކަމާއެކު ކުރިއަށް ގެންދެވިއެވެ. اللهގެ އެއްކައުވަންތަކަމުގެ އަޤީދާގެ މައްޗަށް ދާރުލްއަރުޤަމްގައި އަޞްޙާބުބޭކަލުން ތަރުބިޔަތުކުރައްވައި އުނގަންނަވައިދެއްވަމުން ގެންދެވިއެވެ. ސިއްރިޔާތުގައެވެ. ދަޢުވަތުގެ ސިއްރީ މަރުޙަލާއަށް ފަހު ޖަހުރީ ދަޢުވަތުގެ މަރުޙަލާ ފެށުމުން ގިނަ އަދަދެއްގެ ބަޔަކު އިސްލާމްދީނަށް ވަންނަމުން ދިޔައެވެ.

މި ކަމަކީ ޤުރައިޝުންގެ ބޮޑުންނަށް ތަޙައްމުލުކުރާން އެހައި ފަސޭހަ ކަމަކަށް ނުވިއެވެ. އިސްލާމްދީނަށް ވަން ގިނަ ބަޔަކަށް މުޝްރިކުން އިންތިހާއަށް ޢުޤޫބާތްދެމުން ގެންދިޔައެވެ. ދަތިކުރުމުގެ ފިޔަވަޅުތައް އަޅަމުން ގެންދިޔައެވެ. މި ކަމުގެ ސަބަބުން މައްކާގެ ތެރޭގައި އޮތް މުސްލިމުންގެ މަދު މީސްކޮޅު އެއްކޮށް ނެތިވެގެން ގޮސް އިސްލާމީ ދަޢުވަތު ހުއްޓި ބިންމަތީން އިސްލާމްދީން ފޮހެވިގެން ހިގައިދާނެކަމާ މެދު ބިރު ހީވާންފެށިއެވެ.

މި ހާލަތުގައި ކީރިތި ރަސޫލާ މުޙައްމަދުﷺ ވަރުގަދަ ރޭވުންތަކެއް އެކުލަވައިލެއްވިއެވެ. އެއީ މައްކާގައި ކުރިއަށްދާ އިސްލާމީ ދަޢުވަތުގެ ޙަރަކާތްތައް ހުއްޓި މައްކާގައިވާ މުސްލިމުންގެ މަދު މީސްކޮޅު ނެތިވެ ހިނގައްޖެ ނަމަ، ދަޢުވަތު ފަތުރާނެ އެހެން މަރުކަޒެއް ޤާއިމުކުރުމުގެ އިސްތިރާތީޖީ ރޭވުމެވެ. މިހާރުގެ ޢިބާރާތަކުން ދަންނަވަނީ ނަމަ "ޕްލޭން-ބީ"އެކެވެ. މި ގޮތުން ޙަބުޝްކަރައަށް ގޮސް އެ ތަނުން ސިޔާސީ ޙިމާޔަތް ހޯދަވާން މުސްލިމުންނަށް އަންގަވައިފިއެވެ.

ޙަބުޝްކަރަ އިޚުތިޔާރުކުރެއްވުމުގެ ސަބަބު

މުސްލިމުން ސިޔާސީ ޙިމާޔަތް ހޯދައި ހިޖުރަކުރާން ޙަބުޝްކަރަ އިޚުތިޔާރުކުރުމުގައި ވަރަށް ގިނަ ސަބަބުތައް ހުށްޓެވެ. އެއީ އެއްވެސް ޙާލެއްގައި ސިޔާސީ ނުވަތަ އިޤުތިޞާދީ މަސްލަޙަތު ހިމެނޭ ކަމެއްނޫނެވެ. އެ ކަމުގެ ހުރިހާ ވެސް މަޤުޞަދަކީ އިސްލާމީ ދަޢުވަތުގެ ޙަރާކަތް ޙިމާޔަތްކުރުމެވެ. އަދި މިނިވަންކަން މަތީގައި اللهއަށް އަޅުކަންކުރުމާއި ޝިރުކުގެ ޢަމަލުތަކާ ދުރުވުމެވެ. ޙަބަޝާއިން ޙިމާޔަތް ހޯދުމުގެ ސަބަބުތަކުގެ ތެރޭގައި އަންނަނިވި ސަބަބުތައް ހިމެނެއެވެ.

1- ޙަބަޝާގައި އޮތީ އަދުލުވެތި ރަސްކަމަކަށް ވެފައި އެއީ ޢީސާއީ ދީނުގެ މީހުންކަމުގައި ވުމާއި މުސްލިމުންނާ ސަމާވީ ޢަޤީދާގެ ގޮތުން އެންމެ ފަރިތަ ބަޔަކަށް އެމީހުން ވުން.

2- މައްކާގައިވާ މުސްލިމުންގެ މަދު މީސްކޮޅު ނެތިވެ ހިގައްޖެ ނަމަ އިސްލާމީ ދަޢުވަތު ފަތުރާނެ އެހެން މަރުކަޒެއްގެ ގޮތުން ޙަބަޝާ ބޭނުންކުރުން.

3- ޙަބަޝާގައި އޮތީ ރަސްކަމަކަށް ވެފައި، ޢަރަބިކަރައިގައި އޮތީ ޤަބީލާ ނިޒާމަކަށް ވެފައި މި ދެނިޒާމުގެ އަހުލުވެރީންގެ މެދުގައި ދެކޮޅުވެރިކަން އޮތުމުން، އެއްބަޔަކާ މައްސަލަ ޖެހިގެން އަނެއް ބައެއްގެ ގާތަށް އަންނަ ބަޔަކަށް އެޒަމާނުގައި ވެސް ސިޔާސީ ޙިމާޔަތް ދިނުމުގެ ސަގާފަތް އޮތުން.

4- ޙަބަޝާއަކީ ކަނޑު ހުރަސްކޮށް ދެވޭ ތަނަކަށް ވެފައި އެތަނަކީ ޤުރައިޝުންގެ ބާރު ނުފޯރާ ތަނަކަށް ވުން.

5- މިނިވަންކަން މަތީ އަޅުކަންކުރުމުގެ ފުރުޞުތު ހޯދުން.

މި ފަދަ ގިނަ ސަބަބުތަކެއް ޙަބަޝާ އިޚުތިޔާރުކުރުމުގައިވާ ކަމަށް ސީރަތުގެ ޢިލްމުވެރީން ބަޔާންކުރައްވާފައިވެއެވެ.

މުސްލިމުން ދެ ފަހަރެއްގެ މަތީން ޙަބަޝާއަށް ހިޖުރަކުރިއެވެ. ފުރަތަމަ ހިޖުރަކުރީ ނަބަވީ ސަނަތުން ފަސްވަނަ އަހަރުގައެވެ. އެއިރު ހިޖުރަކުރީ އެގާރަ ފިރިހެނުންނާއި ހަތަރު އަންހެނުން ކަމުގައި ވެއެވެ. އެ މީހުންގެ ވެރިއަކަށް ހުންނެވީ ޢުޘްމާން ބުނު މަޡްޢޫނެވެ. އެބަމީހުން ޙަބަޝާގައި ވަނިކޮށް މައްކާގެ އަހުލުވެރީން އިސްލާމްވެއްޖެ ކަމަށް ޚަބަރު ލިބުމާ ގުޅިގެން އެ ކަމުގެ މައްޗަށް އުފާކޮށް އެނބުރި މައްކާއަށް ދިޔައެވެ. ނަމަވެސް މައްކާގެ އަހުލުވެރީންނާ ބެހޭ ގޮތުން ލިބުނު ޚަބަރަކީ ދޮގު ޚަބަރަކަށްވިއެވެ. އެއަށް ފަހު ދެވަނަ ފަހަރަށް ޙަބަޝާއަށް ހިޖުރަކުރިއެވެ.

ދެވަނަ ހިޖުރައިގައި އަށްޑިހައަށް ވުރެ ގިނަ މީހުން ބައިވެރިވެފައިވެއެވެ. އޭގެ ތެރޭގައި އުންމު ސަލަމާއާއި ކީރިތި ރަސޫލާﷺގެ ދަރިކަނބަލުން ރުޤައްޔާ ހިމެނި ވަޑައިގަތެވެ. އަދި ރުޤައްޔާގެ ފިރިކަލުން ޢުޘްމާން ބުނު ޢައްފާނާއި ޖަޢުފަރު ބުނު ޢަބީ ޠާލިބު ފަދަ ޤުރައިޝުންގެ ތެރެއިން އިސްލާމްދީން ގަބޫލުކުރި ގިނަ އަދަދެއްގެ ޢިއްޒަތްތެރިންނާއި އެ ބޭފުޅުންގެ ޢާއިލާތައް ހިމެނިވަޑައިގަތެވެ.

މި ވަފުދުގެ އަމީރަކަށް ހުންނެވީ ޖަޢުފަރު ބުނު އަބީޠާލިބެވެ. ޙަބަޝާގެ ޙިމާޔަތް ލިބިގަތުމަށް ޓަކައި މުސްލިމުން މައްކާއިން ނިކުތީ އެކިއެކި ގުރޫޕުގުރޫޕަށެވެ. ޙަބަޝާއަށް މުސްލިމުން ދިޔަ ޚަބަރު ލިބުމުން އެމީހުން އަނބުރައި މައްކާއަށް ގެނައުމަށް ޤުރައިޝުން މަސައްކަތް ފެށިއެވެ. ޙަބަޝާއަށް ދަތުރުކުރީ ކަނޑުމަގުންނެވެ.

ޤުރައިޝުންގެ ސަފީރު ޙަބަޝާގައި

މުސްލިމުން ޙަބަޝާއަށް ޙިމާޔަތް ހޯދާން ދިޔަ ޚަބަރު ލިބިގެން އެބައިމީހުން އަނބުރައި މައްކާއަށް ގެނައުމަށް ޓަކައި ވާހަކަދައްކާން ސަފީރެއްގެ ގޮތުގައި ޢަމްރު ބުނުލްޢާއްޞު ފޮނުވުނެވެ. އޭނާއަކީ ވަރަށް ވިސްނުންތޫނު އަދި ޤުރައިޝުންގެ ތެރޭގައި ޙަސަބާއި ނަސަބުގެ ގޮތުން އަރައިހުނެވި ބޭކަލެކެވެ.

ޢަމްރު ބުނުލްޢާއްޞް ޙަބަޝާއަށް ވަޑައިގެން ނަޖާޝީގެ ދަރުބާރުގައި މުސްލިމުންނާ ދެކޮޅަށް ޝަކުވާކުރެއްވިއެވެ. އަދި މުސްލިމުންނަކީ މައްކާގެ ތެރޭގައި އެއްބައިވަންތަކަން ނަގައިލި ބައެއްކަމަށާއި އިލާހުންތަކަށް ބަދުބަސް ބުނެ ރަށުތެރޭގައި ހަމަޖެހުމާއި ޞުލްޙަވެރިކަން ނަގައިލި ބައެއްކަމަށާއި އެމީހުން އަނބުރައި މައްކާއާ ޙަވާލުކުރެއްވުމަށް ރަސްގެފާނުގެ އަރިހުގައި ޢަމްރު ދެންނެވިއެވެ. އެ ހިނދު މުސްލިމުންގެ ފަރާތުން އެ ދަރުބާރުގައި ބަސް އިއްވެވީ ކީރިތި ރަސޫލާﷺ ގެ ބޮޑު ބޭބޭފުޅު އަބޫޠާލިބުގެ ދަރިކަލުން ޖަޢުފަރު ބުން ޢަބީ ޠާލިބެވެ.

ޖަޢުފަރުގެފާނުގެ ދިފާޢު

ޖަޢުފަރު ޢަމްރުގެ ބަހަށް ރައްދުދެއްވިއެވެ. އަދި ބުދަށް އަޅުކަންކުރާ ޙާލުގައި ވަނިކޮށް ނަބިއްޔަކު ފޮނުއްވައި، ހިދާޔަތުގެ މަގު މާތްالله ދެއްކެވިކަމާއި އެކަލޭގެފާނު ގޮވައިލައްވަނީ اللهގެ މަގަށާއި ރިވެތި އަޚުލާޤަށްކަމަށާއި މި މަގުން ގޮސް އިސްލާމްދީން ގޮވައިލާ ކަންކަމުގެ ވާހަކަ ޖަޢުފަރު ރަސްގެފާނަށް ދެންނެވިއެވެ.

އެހިނދު ޢަމްރު، ރަސްގެފާނަށް ދެންނެވީ މުސްލިމުން ޢީސާގެފާނާއި މަރިޔަމްގެފާނާ މެދު ބަދު ބަސް ރައްދުކުރާކަމުގެ ތުހުމަތެވެ. މި ކަމާ ގުޅިގެން ރަސްގެފާނު ޖަޢުފަރާއި ސުވާލު ކުރެއްވިއެވެ. ޖަޢުފަރު އޭގެ ޖަވާބުގައި ޢީސާގެފާނާއި އެކަލޭގެފާނުގެ ޠާހިރު މަންމާފުޅާ ބެހޭ ގޮތުން ކީރިތި ޤުރުއާނުގެ މަރްޔަމް ސޫރަތުގައިވާ މޫރިތި މާތް އާޔަތްތައް ކިޔަވައިވިދާޅުވިއެވެ.

އެ އާޔަތްތައް ކިޔަވައި ވިދާޅުވަމުން ދިޔައިރު ނަޖާޝީގެ ލޯފުޅުން ކަރުނަފޮދު އޮހޮރެމުން ދިޔައެވެ. އަދި ނަޖާޝީގެ ދަރުބާރުގައި ތިއްބެވި ޢީސާގެފާނުގެ ދީނުގެ ދަންނަބޭކަލުންގެ ލޯފުޅުތަކުން ވެސް ކަރުނަފޮދު އޮހޮރިގެން ދިޔައެވެ. ޖަޢުފަރު ކީރިތި ޤުރުއާނުގެ އާޔަތްތައް ކިޔަވައި ވިދާޅުވެ ނިމުމުން ރަސްގެފާނު ނަޖާޝީ ތެދުވެ ވަޑައިގެން ބިންމަތީގައި ރޮނގެއް ދަންމަވައި ވިދާޅުވީ ތިމަންމެންގެ ދީނުގައިވާ ކަންކަމާއި ކަލޭމެންގެ ދީނުގައި ތިޔަވާ ކަންކަމަކީ އެއް މަޞްދަރަކުން އައިސްފައިވާ ކަންތައްތަކެއްކަން ކަށަވަރެވެ.

އަދި ޤުރައިޝުންގެ ސަފީރު ޢަމްރާ މުޚާބުކުރައްވައި ނަޖާޝީ ވިދާޅުވިއެވެ. "އޭ ޢަމްރެވެ! މަނިކުފާނު ގެނެސް ދެއްވި ހަދިޔާއެއް އަހަރެން ބޭނުމެއް ނޫނެވެ. އެ ހަދިޔާތަކާއެކު މަނިކުފާނު އެނބުރި ވަޑައިގަންނަވާށެވެ. އެމީހުން މަނިކުފާނާ ޙަވާލެއްނުކުރެވޭނެއެވެ."

މިހެން ވިދާޅުވެ މުސްލިމުންނަށް ޙިމާޔަތާއި އަމާންކަން ދެއްވައި، އެ ރަށުގައި އެ މީހުންނަށް ބަދުބަސް ބުނާ ކޮންމެ މީހަކު ޖޫރިމަނާކުރައްވާނެކަމަށް ނިންމަވައި އެ ކަމަށް އަމުރުކުރައްވައިފިއެވެ. އެއަށް ފަހު މުސްލިމުން ޙަބަޝާގައި އުޅެމުން ދިޔައީ އަމާންކަމާއެކުގައެވެ. މިނިވަންކަންމަތީގައި އަޅުކަންކޮށް الله އެއްކައުވަންތަކުރުމުގެ ފުރުޞަތު ފުރިހަމައަށް ލިބުނެވެ.

މުސްލިމުން އެނބުރި އިސްލާމުންގެ ހިޔާވަހިކަމަށް ދިޔައީ މަދީނާގައި އިސްލާމީ ދައުލަތް ޤާއިމުވެ ބާރު ލިބުމަށް ފަހުގައެވެ. ސަބަބަކީ ޙަބަޝާއަކީ ދެވަނަ ތަދުބީރުކަމުން އެ މަރުކަޒު ހުސްކުރާން އިސްތިރާތީޖީ ގޮތުން ރޭވިފައިވަނީ މުސްލިމުންނަށް ބާރެއް ލިބޭ ދުވަހަކުން ކަމުގައިވާތީއެވެ. ޙަބަޝާގައި ތިބި މުސްލިމުން މަދީނާއަށް ދިޔައީ މަދީނާގައި އިސްލާމީ ދައުލަތް ޤާއިމުކުރެވުމަށް ފަހު ޙުދައިބިއްޔާގެ ޞުލްޙައިގެ ފަހުންނެވެ. އެއީ ދެން މުސްލިމުން ބަލި ނުކުރެވޭނޭކަން ޔަޤީންކުރެވުމުންނެވެ.

ޢިބުރަތްތެރި ފިލާވަޅުތައް

- ޙަބަޝާގެ ހިޖުރައިން ލިބޭ އެންމެ އަގުހުރި ފިލާވަޅަކީ ދުރާލައި ކަންކަން ރޭވުމުގެ ފިލާވަޅެވެ.

- ބޮޑެތި ކަންކަމުގައި އަބަދުވެސް ދެވަނަ ތަދުބީރެއް (ޕްލޭނެއް) އޮންނާން ޖެހޭނޭކަން ވެސް މި ހާދިސާއިން ދަސްކޮށްދެއެވެ.

- ޙަބަޝާއަށް ކުރެވުނު ދެ ހިޖުރައިގައި ވެސް އަންހެނުންގެ ބައިވެރިވުން އޮތްކަން ހާމަވެއެވެ.

- ޢަދުލުވެރިކަމާއި އަމާންކަން އޮވެއްޖެ، އިސްލާމްދީނާ ޢަދާވާތްތެރި ނޫން، ކޮންމެ ތާކުން ޙިމާޔަތް ހޯދުމަކީ ޖާއިޒު ކަމެއްކަން ހާމަވެއެވެ.

...............................................

* ޝަހީމުގެ ގަލަމުން ކޮލަމުގައި މިގެނެސްދެނީ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ލިޔުއްވައި، އިސްލާމިކް އޮގަނައިޒޭޝަން ފޯ ކަލްޗަރ އެންޑް ސިވިލައިޒޭޝަން (އައިއޯސީސީ) އިން ނެރެފައިވާ "ނަބީކަލޭގެފާނުގެ ޙަޔާތްޕުޅުން"މިފޮތުގެ ބައިތަކެވެ. ސިލްސިލާކޮށް ކޮންމެ ދުވަހަކު ގެނެސްދިނުމަށް ހަޖެހިފައިވާ މިކޮލަމުގައި ޑރ. ޝަހީމް ލިޔުއްވާފައިވާ ފޮތްތައް އެއްވެސް އުނި އިތުރެއް ނުގެނެސް އަޞްލާއެއްގޮތަށް ގެނެސްދެވޭނެއެވެ.

ނޯޓް:

ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދަކީ 1977 މާރިޗު 28 ވަނަ ދުވަހު ހުވަދު އަތޮޅު އުތުރުބުރީ މާމެންދޫގައި އުފަންވެވަޑައިގަތް ދިވެހި ދަންނަބޭކަލެކެވެ.

އެ މަނިކުފާނު ވަނީ ޕާކިސްތާނުގެ ލާހޫރުގައި ހުންނަ ޖާމިޢަތުލް އަޝްރަފިއްޔާއިން ކީރިތި ޤުރްއާން ހިތު ދަސްކުރައްވާފައެވެ. އޭގެ ފަހުން، އިމާމު އަބޫ ޙަނީފާ ހަޔަރ އިންސްޓިޓިއުޓް ފޯ ޓީޗަރސްގައި ޢަރަބި އިސްލާމީ ތަޢުލީމުގެ ދާއިރާއިން ޑިޕްލޮމާ ހާސިލުކުރެއްވިއެވެ. އިތުރަށް ޢަރަބި ބަހުގެ ޢިލްމު އުނގެނިވަޑައިގަތުމަށް މިޞްރުގެ އަލްއަޒުހަރު ޔުނިވަރސިޓީގެ ދަށުގައިވާ މަޢުހަދުއް ދިރާސާތިލްޚާޞާގައި ކިޔަވާ ވިދާޅުވިއެވެ.

ޑރ. ޝަހީމްގެ މަތީ ތަޢުލީމުގެ ދަތުރު ފެށިގެން ދިޔައީ ސަޢޫދީ ޢަރަބިއްޔާގެ މަދީނާގެ އިސްލާމީ ޔުނިވަރސިޓީން ފިޤުހާއި އުޞޫލުލްފިޤުހުގެ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލުކުރެއްވުމާ އެކުގައެވެ. އޭގެ ފަހުން، މެލޭޝިޔާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީން މާސްޓަރސް އޮފް އިސްލާމިކް ރިވީލްޑް ނޮލެޖް އެންޑް ހިއުމަން ސައިންސަސް (ފިޤުހު އެންޑް އުޞޫލުލްފިޤުހު) ހާސިލުކުރެއްވިއެވެ.

އެންމެ ފަހުން، ހަމަ އެ ޔުނިވަރސިޓީން ޑޮކްޓަރ އޮފް ފިލޯސަފީ އިން އިސްލާމިކް ރިވީލްޑް ނޮލެޖް އެންޑް ހިއުމަން ސައިންސަސް (ފިޤުހު އެންޑް އުޞޫލުލްފިޤުހު) ގެ ދަށުން ޕީއެޗްޑީ ސަނަދު ހާސިލުކުރައްވައި، އިސްލާމީ ޝަރީޢާގެ ދާއިރާއިން މަތީ ފެންވަރުގެ ތަޢުލީމު ފުރިހަމަކުރެއްވިއެވެ.

ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުގެ ފަންނީ މަސައްކަތުގެ ދާއިރާގައި، އެމަނިކުފާނު ވަނީ ޤައުމީ އަދި ބައިނަލްއަޤްވާމީ ފެންވަރުގައި ޝަރަފުވެރި މަޤާމުތަކެއް އަދާކުރައްވާފައެވެ. މީގެ ތެރޭގައި ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުގެ މުޝްރިފް މުސާޢިދުކަމާއި، ވިލާ ކޮލެޖުގެ ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯގެ ޑީންކަން ހިމެނެއެވެ. އަދި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ސްޓޭޓް މިނިސްޓަރުކަމާއި، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރުކަމުގެ މަޤާމާއި ޗާންސެލާރުކަމުގެ މަޤާމުވެސް އަދާކުރައްވާފައިވެއެވެ.

ބައިނަލްއަޤްވާމީ ފެންވަރުގައި، ޑރ. ޝަހީމް ވަނީ އިސްލާމީ އެއްބާރުލުމުގެ ޖަމްޢިއްޔާ (އޯއައިސީ) ގެ ސެކްރެޓަރީ ޖެނެރަލްގެ އެޑްވައިޒަރުކަމާއި، އޯއައިސީގެ ވޮއިސް އޮފް ވިސްޑަމް ސެންޓަރުގެ އިންޗާޖުކަން ވެސް ކުރައްވާފައެވެ. ޑރ. ޝަހީމް، މިވަގުތު ހުންނެވީ ދިވެހިރާއްޖޭގެ އިސްލާމީ ކަންތައްތަކާބެހޭ ވަޒީރުގެ މަޤާމުގައެވެ. މީގެ އިތުރުން، އެމަނިކުފާނަކީ ރާބިޠަތުލް ޢާލަމިލް އިސްލާމީ (މުސްލިމް ވޯލްޑް ލީގު) ގެ އެންމެ މަތީ މަޖިލިސް (ސުޕްރީމް ކައުންސިލް) ގެ މެންބަރެއް ވެސް މެއެވެ.

ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދަކީ ދީނީ އެކިއެކި މަޢުޟޫޢުތަކަށް ތަފާތު އެކި ފޮތްފޮތް ލިޔުއްވާފައިވާ ޢިލްމުވެރި ޚިދުމަތްތެރި މުޞައްނިފެކެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން