އަލްވަދާޢު ވިދާޅުވުމުގެ ދަތުރުފުޅު
ތޭވީސް އަހަރުގެ މުއްދަތު ފާއިތުވެގެން ދިޔައީއެވެ. އިސްލާމީ ރިސާލަތުގެ މަތިވެރި ނޫރު، ޢަރަބިކަރައާއި ދުނިޔޭގެ ކަންކޮޅުތަކަށް ވަނީ ފެތުރިފައެވެ. ގިނިކަންޏާ ފެއްޓެވި މަތިވެރި ތައުޙީދުގެ ދަޢުވަތު ވަނީ ފެތުރިފައެވެ. ބަލިނުކުރެވޭނޭ ފަދަ ވަރުގަދަ ދައުލަތަކާއި އަސްކަރީ ބާރެއްވަނީ ތައުސީސްކުރެވިއެވެ. ޢަޤީދާގެ މައްޗަށް އުފަންކުރެވުނު ޙަޟާރަތުގެ ތަނބުތައް ވަރުގަދަ ވެފައިވެއެވެ. ޢިލްމީ ފިކުރާއި ޢުމްރާނީ ކުރިއެރުމުގެ ބިންގާތައް އުންމަތުގައި ޤާއިމުކުރެއްވިއެވެ. ބައިބައިވެފައި އޮތް މުޖުތަމަޢު އެއްބައިވަންތަވެ، އިޖުތިމާޢީ އަޚުލާޤިއްޔާތުގެ ވަރުގަދަ އިންޤިލާބެއް ވަނީ އައިސްފައެވެ.
ލެއާއި އަބުރާއި މުދާ ޙިމާޔަތްކުރެއްވުން
މުޙައްމަދުﷺގެ ނަބަވީ އިޞްލާޙީ ޙަރަކާތުގެ ތޭވީސް އަހަރުގެ މުއްދަތުގެ ތެރޭގައި، ކުރީން ޙައްޖުގެ ފަރުޟު އަދާކުރައްވައިފައިނުވެއެވެ. އެކަލޭގެފާނު ޤުރުބާންވެވަޑައިގަތީ އިސްލާމްދީނުގެ ހިދާޔަތުގެ ދަންމަރު އިންސާނިއްޔަތަށް ފެތުރުއްވުމުގައެވެ. މަދީނާއަށް ހިޖުރަކުރެއްވިތާ ދިހަވަނައަށްވީ އަހަރު، އިތުރުއެކަލޭގެފާނު ފަރުޟު ޙައްޖުގެ އަޅުކަން އަދާކުރައްވާން ގަސްތުކުރައްވައި އެ ކަން އިޢުލާނުކުރެއްވިއެވެ.
މި އުފާވެރި ޚަބަރު މަދީނާއާއި ވަށައިގެންވާ ސަރުޙައްދުތަކަށް ފެތުރިގެން ދިއުމުން އިތުރުއެކަލޭގެފާނުގެ އަރިހުގައި ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރާން އެތައް ހާސް ބަޔަކު ޝައުޤުވެރިވިއެވެ. މި ގޮތުން އެކި ސަރަޙައްދުތަކުން މަދީނާއަށް މީސްތަކުން ޖަމަޢަވާން ފެއްޓިއެވެ. ކޮންފަދަ މަތިވެރި ނަސީބެއްތޯއެވެ! އެންމެ މާތް މަތިވެރި ނަބިއްޔާގެ އަރިހުގައި ތަލްބިޔާ ކިޔައި އެކަލޭގެފާނުގެ އަރިހުގައި ތަވާފުކޮށް، އެކަލޭގެފާނާއެކު ޙައްޖުގެ އަޅުކަން އަދާކުރުމުގެ ނަސީބު ލިބުމަކީ އާދައިގެ ކަމެއްނޫނެވެ.
ޖާބިރުގެފާނުގެ އަރިހުން ރިވާވެގެން ވެއެވެ. މަދީނާއަށް ވަޑައިގެން ނުވަ އަހަރުވީ އިރު ވެސް އިތުރުއެކަލޭގެފާނު ޙައްޖުގެ އަޅުކަން އަދައެއްނުކުރައްވައެވެ. ނަމަވެސް ދިހަވަނަ އަހަރުގައި ޙައްޖުގެ އަޅުކަން އަދާކުރައްވާން ވަޑައިގަންނަވާން ގަސްތުކުރެއްވި ހިނދު، އެތައް ބަޔަކު ބޭނުންވީ އެކަލޭގެފާނުގެ އަރިހުގައި އެ ބަރަކާތްތެރި ދަތުރުގައި ބައިވެރިވެ، އެކަލޭގެފާނު އެ އަޅުކަން އަދާކުރައްވާ ގޮތަށް އަދާކުރުމަށެވެ. ދެން ފަހެ، ތިމަން ބޭކަލުން އެންމެން އެކަލޭގެފާނުގެ އަރިހުގައި ނިކުތީއެވެ.
މުރައްރިޚުން ބަޔާންކޮށްފައިވާ ގޮތުން އިތުރުއެކަލޭގެފާނު ޙައްޖުގެ އަޅުކަން އަދާކުރެއްވުމަށް ޓަކައި މުސްލިމުންނާއެކު މަދީނާއިން ނިކުމެވަޑައިގަތީ ހިޖުރައިން ދިހަވަނަ އަހަރު ޛުލްޤަޢިދާ މަހު ފަންސަވީސްވީ ހޮނިހިރު ދުވަހުގައެވެ. ލައްކައަކަށް ވުރެ ގިނަ މުސްލިމުންނާއެކު އެކަލޭގެފާނު ތަލްބިޔާގައި މައްކާއަށް ވަދެޑައިގަތީ ހައިބަތުން ފުރިގެންވާ މަތިވެރި ޤާފިލާގައެވެ.
އެންމެ ފުރަތަމަ އިސްލާމްވީ ބޭކަލުންނާއި މާތް މުހާޖިރުންނާއި މަތިވެރި އަންޞާރުންނާއި މުސްލިމުންގެ ލަޝްކަރުތަކުގެ ކޮމާންޑަރުންނާއި ޢަރަބީންގެ ޤަބީލާތަކުގެ ޒަޢީމުންގެ ގިނަ ބަޔަކު އިތުރުއެކަލޭގެފާނުގެ ކަނާތްޕުޅު ފަރާތާއި ވާތްޕުޅު ފަރާތާއި ފަހަތްޕުޅުގައި ޢިހުރާމްގައި ތިއްބެވިއެވެ. އިތުރުއެކަލޭގެފާނަކީ އެ މީހުން ފަދަ ބޭކަލެކެވެ. އެއީ ރަސްކަލެއްނޫނެވެ. ނަބިއްޔެކެވެ. اللهގެ އަޅެކެވެ. ޞާލިޙު ބޭކަލެކެވެ.
ޙައްޖަތުލްވަދާޢު ކިއުނީ ކީއްވެ؟
ކީރިތި ރަސޫލާﷺ އަދާކުރެއްވި ޙައްޖަށް، ޙައްޖަތުލްވަދާޢު ކިއުނީ އެއީ އެކަލޭގެފާނު އުންމަތަށް އަލްވަދާޢުވިދާޅުވި މޭރުމަކުން ޢަރަފާތުގައި ޚުޠުބާވިދާޅުވި ޙައްޖު ކަމަށްވުމާއި އަދި އެކަލޭގެފާނުގެ ހަމަ އެކަނި ޙައްޖުކަމަށް ވުމުންކަމުގައި ޢިލްމުވެރީން ވިދާޅުވެފައިވެއެވެ. ޙައްޖަތުލްވަދާޢުގެ ޚާއްޞަ ވެގެންވަނީ އެއީ އެންމެ މާތް ޙައްޖަށްވުމެވެ. އެއީ އިސްލާމީ އުންމަތުގެ އަހުލުވެރީން މާތް ނަބިއްޔާﷺގެ އަމީރުކަމުގެ ދަށުގައި ކުރި ޙައްޖެވެ.
މުސްލިމުންގެ އަދަދު
ޢިލްމުވެރީން ބަޔާންކުރައްވައިފައިވާ ގޮތުގައި ޙައްޖަތުލްވަދާޢުގައި އެއް ލައްކަ ސާޅީސް ހާސް މުސްލިމުން އިތުރުއެކަލޭގެފާނުގެ އަރިހުގައި ޙައްޖުކުރެއްވިއެވެ. އެއިގެ ތެރޭގައި ކުރީން ދެންނެވި ފަދައިން މުހާޖިރުންނާއި އަންޞާރުންގެ ތެރެއިން ގިނަ ޢަދަދެއްގެ ބޭކަލުންނާއި ޢަރަބި ޤަބީލާތަކާއި ޤުރައިޝުންގެ ތެރެއިން އިސްލާމްވީ އެތައް ބަޔަކާއި އެތައް އަންހެން ބޭކަނބަލުން ވެސް ހިމެނެއެވެ. އެކަލޭގެފާނު ގިނި ކަންޏާ ފެއްޓެވި ރިސާލަތުގެ ދަޢުވަތު اللهގެ ރަޙުމަތުން ފުރިހަމަ ކުރައްވައި އަލްވަދާޢު އެ ވިދާޅުވީ ތައުޙީދުގެ ދިދަ މި ބިންމަތީގައި އުފުއްލަވާނެ އެތައް ލީޑަރުންނަކާއި އެތައް ޢާލިމުންނެއް ތަރުބިޔަތުކުރައްވައިފައެވެ.
ދީން ފުރިހަމަވުން
ޙައްޖަތުލްވަދާޢު ޚުޠުބާގެ ފަހުން، މާތްالله އަލްމާއިދާ ސޫރަތުގެ ތިންވަނަ އާޔަތް ބާވައިލެއްވިއެވެ. އެ އާޔަތުގެ މާނައިގައިވެއެވެ. "މިއަދު ތިމަން ރަސްކަލާނގެ ތިޔަބައިމީހުންގެ ދީން ފުރިހަމަކުރައްވައިފީމުއެވެ. އަދި ތިޔަބައިމީހުންގެ މައްޗަށް ތިމަން ރަސްކަލާނގެ ނިޢުމަތްތައް ފުރިހަމަކުރައްވައި، އިސްލާމްދީނަކީ ތިޔަބައިމީހުންގެ ދީންކަމުގައި ރުހިވޮޑިގެންފީމުއެވެ." މި އާޔަތް ބާވައިލެއްވުމުން އެއްބަޔަކު އުފާކުރިއެވެ. އެއީ ދީން ފުރިހަމަކުރައްވައި ނިޢުމަތްތައް ފުރިހަމަކުރެއްވިކަމުގެ މައްޗަށެވެ. އަނެއްބަޔަކު، ހިތާމަ ކުރިއެވެ.
ހިތާމަ ކުރި މީހުން ހިތާމަކުރީ، އެ އާޔަތުން ދޭހަކޮށްދޭ ސިއްރު ޙިކުމަތާމެދުއެވެ. އެހެނީ ދީން ފުރިހަމަ ކުރައްވައި ނިންމެވުމުން ދޭހަކޮށްދެނީ މާތް ނަބިއްޔާގެ އަޖަލު ކުޑަތަންވެއްޖެކަމެވެ. އިތުރުއެކަލޭގެފާނު މި އުންމަތާ ވަކިވެވަޑައިގަންނަވާ ވަގުތު ޖެހިއްޖެކަމެވެ. އެއީ އަޞްޙާބު ބޭކަލުންނާއި އުންމަތަށް ތަޙަމަލްކުރާން ދަތިވި ކަމެއްކަން ކަށަވަރެވެ.
ޙައްޖަތުލްވަދާޢުގެ އަސަރުގަދަ ޚުޠުބާ
ކީރިތި ރަސޫލާﷺ ޢަރަފާތުގައި ދެއްވި ޚުޠުބާ ފެއްޓެވީ ވަރަށް އަސަރު ގަދަ ޢިބާރާތަކުންނެވެ. އެއީ އެހައި ގިނަ ޢަދަދެއްގެ މުސްލިމުންނާއެކު އެއް ތަނަކުން، އެއަށް ފަހު ބައްދަލު ނުވެދާނެކަމުގެ އިޝާރާތް ދެއްވަމުންނެވެ. އެކަލޭގެފާނު ސުވަރުގެ ވަޑައިގަންނަވާ ވަގުތު އަތުވެއްޖެކަމުގެ އިޝާރާތް ދެއްވަމުންނެވެ. ޢަރަފާތުގައި ޖަބަލުއްރަޙުމާގައި ހުއްޓިވަޑައިގެން އިވެވި ޚުޠުބާއަކީ ވަދާޢީ ޚުޠުބާއެވެ. މި ފޮތުގައި މި ބަޔާންކުރަނީ ޚުޠުބާގެ އަސާސީ މުހިންމު ބައިތަކެވެ. ވަދާޢީ ޚުޠުބާ ފަށްޓަވަމުން ވިދާޅުވިއެވެ. "އޭ މާތް اللهގެ އަޅުތަކުންނޭވެ! الله އަށް ތަޤުވާވެރިވުމަށް ތިޔަބައިމީހުންނަށް ވަޞިއްޔަތްކުރަމެވެ. އެކަލާނގެ އަށް ކިޔަމަންތެރިވުމަށް ބާރުއަޅުއްވަމެވެ. މީސްތަކުންނޭވެ! ތިމަންކަލޭގެފާނު މި ވިދާޅުވާ އެއްޗެއް ކަނުލައި އަޑުއަހާށެވެ! މި އަހަރަށް ފަހު މި މަޤާމުގައި ތިޔަބައިމީހުންނާ ތިމަންކަލޭގެފާނު ބައްދަލު ނުވެދާނެއެވެ." ހިތްތައް ފަޅައިގެން ކުދިކުދި ވެގެންދާ ފަދަ ޢިބާރާތެކެވެ. އަމިއްލަ ފުރާނައާއި އަނބިދަރީންނަށް ވުރެ އިތުރުއެކަލޭގެފާނު ދެކެ ލޯބިވާ އަޞްޙާބު ބޭކަލުންނަށް ތަޙައްމަލުކުރާން ދަތިވި ޢިބާރާތްތަކެވެ. އެ ބޭކަލުންގެ ލޯތަކުން ކަރުނަ އޮހޮރިގެން ދިޔައެވެ. އިތުރު އެކަލޭފާނު ޚުޠުބާ ކުރިއަށް ގެންދަވަމުން ޙަދީޘްކުރެއްވިއެވެ.
ލެއާއި އަބުރާއި މުދާ ޙިމާޔަތްކުރެއްވުން
އޭ މީސްތަކުންނޭވެ! ހަމަކަށަވަރުން ތިޔަބައިމީހުންގެ ލެއާއި މުދަލާއި އަބުރު ވަނީ الله އާއި ބައްދަލުވެއްޖައުމަށް ދާންދެން އެއްބަޔަކު އަނެއްބައެއްގެ މައްޗަށް ޙަރާމްވެގެންނެވެ. އެއީ މި ދުވަސް (ޙައްޖު ދުވަސް) އާއި މި މަހާއި (ޙައްޖު މަސް) މި ރަށް (މައްކާ) ޙުރުމަތްތެރި ކުރެއްވި ފަދައިންނެވެ. އެއްވެސް މީހަކާ އަމާނާތެއް ޙަވާލު ކުރެވިފައިވާ ނަމަ އެ އަމާނާތް އޭގެ ވެރި ފަރާތާ ޙަވާލު ކުރުން ހުއްޓެވެ. ދަންނާށެވެ! ތިމަން ކަލޭގެފާނު މި ބަސްފުޅު ފޯރުކޮށް ނުދެއްވަމު ހެއްޔެވެ؟ އޭ ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޮ! މި ކަމުގެ މައްޗަށް ހެކިވޮޑިގަންނަވާނދޭވެ!
ރިބާ ޙަރާމް ކުރެއްވުން
އޭ މީސްތަކުންނޭވެ! ޖާހިލިއްޔަ ޒަމާނުގައި ކުރަމުންދިޔަ އެންމެހައި ރިބަވީ މުޢާމަލާތްތައް ބާޠިލުވެގެންވެއެވެ. ތިޔަބައިމީހުންގެ މުދަލުގެ ރައުސްމާލު ވަނީ ތިޔަބައިމީހުންނަށެވެ. އަނިޔާވެރިވުމާއި އަނިޔާ ލިބިގަތުމެއް ނެތް ގޮތުގައެވެ. ތިމަންކަލޭގެފާނު އެންމެ ފުރަތަމަ ބާޠިލުކުރާ ރިބާއަކީ ބޮޑު ބޭބެ ޢައްބާސް ބިން ޢަބްދުލްމުއްޠަލިބު ގެ ރިބަވީ މުޢާމަލާތެވެ. އެ ކަންކަން ބާޠިލްވެގެންވެއެވެ. ތިމަންކަލޭގެފާނު މި ބަސްފުޅު ފޯރުކޮށް ނުދެއްވަމު ހެއްޔެވެ؟ އޭ ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޮ! މި ކަމުގެ މައްޗަށް ހެކިވޮޑިގަންނަވާނދޭވެ!
ބަދަލު ހިފުން މަނާކުރެއްވުން
އޭ މީސްތަކުންނޭވެ! ނުޙައްޤުން ލޭ އޮހޮރުމާއި އެއްބަޔަކު އަނެއް ބަޔެއްގެ ކިބައިން ބަދަލުހިފުން ބާޠިލުވެގެންވެއެވެ. އޭ މީސްތަކުންނޭވެ! މާތް اللهގެ ޙަޟްރަތުގައި އަހަރަކީ ބާރަ މައްސަރެވެ. އެއިގެ ތެރެއިން ހަތަރު މަހެއް ޙުރުމަތްތެރި ވެގެންވެއެވެ. (ޛުލްޤަޢިދާ، ޛުލްޙިއްޖާ، މުޙައްރަމް، ރަޖަބް) ތިމަންކަލޭގެފާނު މި ބަސްފުޅު ފޯރުކޮށް ނުދެއްވަމު ހެއްޔެވެ؟ އޭ ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޮ! މި ކަމުގެ މައްޗަށް ހެކިވޮޑިގަންނަވާނދޭވެ!
ދެމަފިރިންގެ ޙައްޤުތައް
އޭ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ އަނބިންނާ މެދު ތިޔަބައިމީހުންގެ މައްޗަށް ވާޖިބުތަކެއް ވެއެވެ. އަދި ތިޔަބައިމީހުންނާ މެދު އެ ކަނބަލުންގެ މައްޗަށް ވެސް ވާޖިބުތަކެއްވެއެވެ. އެކަނބަލުން ތިޔަބައިމީހުންނަށް ވަފާތެރިވުން ވާޖިބުވެގެންވެއެވެ. ފިރީން ނޫން ބަޔަކާ އެއްދާންކުރުމެއް ނެތެވެ. އަދި ފިރީން ނުރެހޭ މީހުން އެކަނބަލުންނާ މުޢާމަލާތު ކުރުމެއް ވެސް ނެތެވެ. ފިރީން ނުރެހޭ މީހުން ފިރީންގެ އިޒުނައެއް ނެތި ގެއަށް ވެއްދުމެއް ވެސް ނެތެވެ. އެ ފަދަ ކަމެއް އެ ކަނބަލުން ކޮށްފި ނަމަ، އެކަނބަލުންނާ ވަކިވެ ދުރުވުމަށް ތިޔަބައިމީހުންނަށް މާތްالله އިޒުނަ ދެއްވައިފައިވެއެވެ. އެ ކަނބަލުން ތެދުވެރިކަމާއެކު ވާ ނަމަ، އެ ކަނބަލުންނަށް ހެޔޮކޮށް ހިތައި، ހެޔޮ ގޮތުގައި ޚަރަދުބަރަދު ދިނުން ހުށްޓެވެ!
އަނބިންނަށް ހެޔޮކޮށް ހިތުމަށް ވަޞިއްޔަތްކުރެއްވުން
އޭ މީސްތަކުންނޭވެ! އަނބިންނަށް ހެޔޮކޮށް ހިތާށެވެ! އެ ކަނބަލުންނަކީ ތިޔަބައިމީހުންނާ الله ޙަވާލުކުރައްވައިފައިވާ އަމާނާތެކެވެ. ތިޔަބައިމީހުން އެކަނބަލުންނާ ކައިވެނިކޮށްފައިވަނީ اللهގެ ކަލިމަފުޅުގެ މައްޗަށެވެ. މިހެންކަމުން، އެކަނބަލުންނާމެދު اللهއަށް ބިރުވެތިވާށެވެ! އެ ކަނބަލުންނަށް ހެޔޮކޮށް ހިތުމަށް ތިމަންކަލޭގެފާނު ތިޔަބައިމީހުންނަށް ވަޞިއްޔަތްކުރައްވަމެވެ. ތިމަންކަލޭގެފާނު މި ބަސްފުޅު ފޯރުކޮށް ނުދެއްވަމުހެއްޔެވެ؟ އޭ ހައްދަވައި ބޮޑު ކުރެއްވި ރަސްކަލާކޮ! މި ކަމުގެ މައްޗަށް ހެކިވޮޑިގަންނަވާނދޭވެ!
މުސްލިމުންނަކީ އަޚުވަންތަ ބައެއްކަން އެނގެވުން
އޭ މީސްތަކުންނޭވެ! އެންމެހައި މުސްލިމުންނަކީ އަޚުންނެވެ. އެކަކު އަނެކެއްގެ މުދާ އަޚާގެ ރުހުމެއްނެތި ކެއުން ހުއްދަވެގެންނެއްް ނުވެއެވެ. ތިމަން ކަލޭގެފާނު މި ބަސްފުޅު ފޯރުކޮށް ނުދެއްވަމުހެއްޔެވެ؟ އޭ ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޮ! މި ކަމުގެ މައްޗަށް ހެކިވޮޑިގަންނަވާނދޭވެ!
ޤުރުއާނާއި ސުންނަތުގައި ހިފުމަށް އެންގެވުން
އޭ މީސްތަކުންނޭވެ! ތިމަންކަލޭގެފާނު ދުނިޔެ ދޫކުރެއްވުމަށް ފަހު، ތިޔަބައިމީހުންގެ ދީން ދޫކޮށް އެއްބަޔަކު އަނެއްބަޔަކާ ހަނގުރާމަ ނުކުރާށެވެ! ތިމަން ކަލޭގެފާނު މި ވަކިވެވަޑައިގަންނަވަނީ ދެ އެއްޗެއް ދޫކުރައްވައިފައެވެ. އެއީ اللهގެ ފޮތާއި ތިމަންކަލޭގެފާނުގެ ސުންނަތެވެ. އޭގައި ބާރަށް ހިފަހައްޓާށެވެ! އޭގައި ހިފަހައްޓައިފި ނަމަ ތިޔަބައި މީހުން ގެއްލެނިވެގެން ނުދާނެއެވެ. ތިމަން ކަލޭގެފާނު މި ބަސްފުޅު ފޯރުކޮށް ނުދެއްވަމު ހެއްޔެވެ؟ އޭ ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޮ! މި ކަމުގެ މައްޗަށް ހެކިވޮޑިގަންނަވާނދޭވެ!
އިންސާނުންގެ ހަމަހަމަކަން ބަޔާންކުރެއްވުން
އޭ މީސްތަކުންނޭވެ! ތިޔަބައިމީހުން އެންމެންގެ ވެރި ރައްބަކީ اللهއެވެ. ތިޔަބައިމީހުން އެންމެންގެ ބައްޕައަކީ އާދަމުގެފާނެވެ. އާދަމްގެފާނު އުފެއްދެވީ މަށީންނެވެ. اللهގެ ޙަޟްރަތުގައި އެންމެ މާތް މީހަކީ ތިޔަބައިމީހުންގެ ތެރެއިން އެކަލާނގެއަށް ތަޤުވާވެރިވި މީހާއެވެ. ތަޤުވާވެރިކަމުން މެނުވީ ޢަރަބީންގެ މީހަކަށް ޢަޖަމީންގެ މީހެއްގެ މައްޗަށް ވަކި މަތިވެރިކަމެއް ނެތެވެ. އެންމެނަކީ ހަމަހަމަ ބަޔެކެވެ. ތިމަންކަލޭގެފާނު މި ބަސްފުޅު ފޯރުކޮށް ނުދެއްވަމު ހެއްޔެވެ؟ އޭ ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޮ! މި ކަމުގެ މައްޗަށް ހެކިވޮޑިގަންނަވާނދޭވެ!
ތަރިކަ މުދަލާއި ވަޞިއްޔަތުގެ އުޞޫލު
އޭ މީސްތަކުންނޭވެ! މާތް الله ވަނީ ތަރިކަ މުދާ ބަހާންވީ ގޮތް ކަނޑައަޅުއްވައިފައެވެ. ކޮންމެ ވާރިސަކަށް އޭނާގެ ޙައްޤު ލިބުން ހުށްޓެވެ! ވާރިސަކަށް މުދަލުން ވަޞިއްޔަތެއް ނެތެވެ. މުދަލުގެ ތިންބައިކުޅަ އެއްބަޔަށް ވުރެ ބޮޑު ޢަދަދަކުން ވަޞިއްޔަތް ކުރުމެއް ވެސް ނެތެވެ.
ނަސަބު ދެމެހެއްޓުން
ދަރި ލައްވާހުށީ ތަންމައްޗަށެވެ. ޒިނޭކުރި މީހާގެ މައްޗަށް އޮތީ ޙައްދެވެ. އަމިއްލަ ބައްޕަ ނޫން މީހަކަށް ނަސަބު ނިސްބަތްކޮށްފި މީހާއަށް الله އާއި އެކަލާނގެ މަލާއިކަތުންނާއި އެންމެހައި މީސްތަކުންގެ ފަރާތުން ލަޢުނަތް ހުށްޓެވެ. ވައްސަލާމް!
ޚުޠުބާ އިއްވެވުމަށް ފަހު، މުސްލިމުންނާ މުޚާޠަބުކުރައްވައި ވިދާޅުވިއެވެ. ތިމަންކަލޭގެފާނާ މެދު ތިޔަބައި މީހުންނާ ސުވާލު ކުރެއްވޭނެއެވެ. އެ ދުވަހަކުން ތިޔަބައިމީހުން ބުނާނީ ކީކޭހެއްޔެވެ؟ ދެން އެއްވެފައި ތިބި މުސްލިމުން ދެންނެވިއެވެ. ކަލޭގެފާނު ރިސާލަތު ފޯރުކޮށްދެއްވައިފިއެވެ. ތިމަންމެން އެކަމުގެ މައްޗަށް ހެކިވަމުއެވެ. ދެން އިތުރު އެކަލޭގެފާނު ވިދާޅުވިއެވެ. ހައްދަވާ ބޮޑު ކުރެއްވި ރަސްކަލާކޮ! މިކަމުގެ މައްޗަށް ހެކިވެވޮޑިގަންނަވާނދޭވެ! މިގޮތައް ތިން ފަހަރު ވިދާޅުވުމަށް ފަހު، ދެން ވިދާޅުވިއެވެ. މިތަނަށް ހާޒިރުވި މީހުން، ހާޒިރުނުވާ މީހުންނަށް މި ވާހަކަތައް ފޯރުކޮށްދޭށެވެ.
ޙައްޖުގެ ޚުޠުބާގައި އެކަލޭގެފާނު އިއްވެވި އަސަރުގަދަ ނަސޭޙަތްޕުޅުތަކަކީ އިންސާނީ ޙައްޤުތަކުގެ އިސްލާމީ ޗާޓަރެވެ. އެ ޚުޠުބާގައިވަނީ އިންސާނީ ޙައްޤުތަކާއި އިންސާނީ ކަރާމަތު ރައްކާތެރިކުރުމާއި މީސްތަކުންގެ މެދުގައި ހަމަހަމަކަން ޤާއިމުކުރުމާއި އަންހެނުންގެ ޙައްޤުތައް ޙިމާޔަތްކުރުމާއި އަނބީންނަށް ހެޔޮކޮށް ހިތުމާއި ފިރީންނަށް ހެޔޮކޮށްހިތުމާއި މުދަލާއި އަބުރު ޙިމާޔަތްކުރުމާއި ނަސްލީ ތަފާތު ނައްތައިލުމާއި ރިބަވީ މުޢާމަލާތްތައް ނައްތައިލުމާއި މިފަދަ އެތައް އަސާސެއް ޤާއިމުކުރައްވައިފައެވެ. ކީރިތި ރަސޫލާﷺގެ ޙައްޖަތުލްވަދާޢުގެ ޚުޠުބާއަކީ އިންސާނީ ޙައްޤުތަކާ ގުޅޭ ބައިނަލްއަޤުވާމީ އެތައް ޤަރާރެއްގެ މަޞްދަރެކެވެ.
ސުވަރުގެ ވަޑައިގަތުން
ކީރިތި ރަސޫލާﷺ ޙައްޖުގެ ފަރުޟު އަދާކުރެއްވުމަށް ފަހު މަދީނާއަށް ވަޑައިގަތެވެ. އެކަލޭގެފާނުގެ އަޖަލު ކުޑަތަންވަމުން ދިޔައެވެ. މާތްالله ރުއްސުންލެއްވި މާތް ޞަޙާބީ މުޢާޒް ބުން ޖަބަލު ވިދާޅުވެފައިވެއެވެ. ތިމަންކަލޭގެފާނު އިސްލާމްދީނަށް ގޮވައިލައްވާން ޔަމަނަށް ވަޑައިގަންނަވާން ކީރިތި ރަސޫލާﷺ އެދިވަޑައިގަތެވެ. އަދި ތިމަންކަލޭގެފާނު ދަތުރަށް ނިކުންނަވާން މަދީނާގެ ރަށްބޭރަށް ނިކުމެވަޑައިގަތުމާ ހަމައަށް ކީރިތި ރަސޫލާﷺ ތިމަންކަލޭގެފާނުގެ އަރިހުގައި ނިކުމެވަޑައިގަތެވެ. އަދި ތިމަންކަލޭގެފާނަށް އަލްވަދާޢު ވިދާޅުވަމުން ސަލާމްކުރައްވައި ވިދާޅުވިއެވެ. "އޭ މުޢާޒެވެ! ފަހަރުގައި ކަލޭގެފާނު ޔަމަނުން މަދީނާއަށް އެނބުރި ވަޑައިގަންނަވާއިރު، ތިމަންކަލޭގެފާނާ ބައްދަލުވެވަޑައިނުގެންފާނެއެވެ. އެހެން ވެއްޖެނަމަ ތިމަން ކަލޭގެފާނުގެ މިސްކިތަށް ޒިޔާރަތް ކޮށްދެއްވާށެވެ! ތިމަންކަލޭގެފާނުގެ ޤަބުރުފުޅުވާނީ އެތަނުގައެވެ." އެ ވާހަކަ އަޑު އައްސަވައި މުޢާޒު ވަރަށް ބޮޑަށް ކީރިތި ކުރެއްވިއެވެ. ކަން ވީ ވެސް ހަމަ އެހެންނެވެ. މުޢާޒު ޔަމަނުން އެނބުރި ވަޑައިގަތް އިރު، އިތުރުއެކަލޭގެފާނު ސުވަރުގެ ވަޑައިގެންފިއެވެ. ކީރިތި ރަސޫލާﷺ ސުވަރުގެވަޑައިގަތީ ހިޖުރައިން އެގާރަ ވަނަ އަހަރު ރަބީޢުލްއައްވަލު މަހު ބާރަވީ ހޯމަ ދުވަހުގައެވެ. އެއީ ޙައްޖަތުލްވަދާޢުގެ ދެމަސް ދުވަސް ފަހުންނެވެ.
އިތުރުއެކަލޭގެފާނު ސުވަރުގެ ވަޑައިގަތް ދުވަހަކީ އިސްލާމީ އުންމަތަށް އައި އެންމެ ހިތާމަވެރި ދުވަހެވެ. މަދީނާގެ ތެރޭގައި އޮތީ ގިސްލައި ރުއިމުގެ އަޑެވެ. އެކަލޭގެފާނުގެ މައްޗަށް ކަށުނަމާދުކުރީ އިމާމަކާ ނުލައެވެ. ތިން ދުވަސް ފަހުން ފަސްދާނު ލެވުނީ ސުވަރުގެވަޑައިގަތް މަޤާމުގައެވެ. އެއީ އެކަލޭގެފާނުގެ ލޮބުވެތި އަނބިކަނބަލުން، އުންމުލްމުއުމިނީން ޢާއިޝަތުގެފާނުގެ ކޮޓަރިކޮޅުގައެވެ. މާތްالله އިތުރު އެކަލޭގެފާނަށް ޞަލަވާތާއި ސަލާމާއި ބަރަކާތް ލައްވައި، އަޅަމެން އެންމެނަށް އެކަލޭގެފާނުގެ ޝަފާޢަތް މިންވަރު ކުރައްވާށިއެވެ. އާމީން.
(ނިމުނީ)
...............................................
* ޑރ. ޝަހީމުގެ ގަލަމުން ކޮލަމުގައި މިގެނެސްދެނީ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ލިޔުއްވައި، އިސްލާމިކް އޮގަނައިޒޭޝަން ފޯ ކަލްޗަރ އެންޑް ސިވިލައިޒޭޝަން (އައިއޯސީސީ) އިން ނެރެފައިވާ "ނަބީކަލޭގެފާނުގެ ޙަޔާތްޕުޅުން"މިފޮތުގެ ބައިތަކެވެ. ސިލްސިލާކޮށް ކޮންމެ ދުވަހަކު ގެނެސްދިނުމަށް ހަޖެހިފައިވާ މިކޮލަމުގައި ޑރ. ޝަހީމް ލިޔުއްވާފައިވާ ފޮތްތައް އެއްވެސް އުނި އިތުރެއް ނުގެނެސް އަޞްލާއެއްގޮތަށް ގެނެސްދެވޭނެއެވެ.
ނޯޓް:
ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދަކީ 1977 މާރިޗު 28 ވަނަ ދުވަހު ހުވަދު އަތޮޅު އުތުރުބުރީ މާމެންދޫގައި އުފަންވެވަޑައިގަތް ދިވެހި ދަންނަބޭކަލެކެވެ.
އެ މަނިކުފާނު ވަނީ ޕާކިސްތާނުގެ ލާހޫރުގައި ހުންނަ ޖާމިޢަތުލް އަޝްރަފިއްޔާއިން ކީރިތި ޤުރްއާން ހިތު ދަސްކުރައްވާފައެވެ. އޭގެ ފަހުން، އިމާމު އަބޫ ޙަނީފާ ހަޔަރ އިންސްޓިޓިއުޓް ފޯ ޓީޗަރސްގައި ޢަރަބި އިސްލާމީ ތަޢުލީމުގެ ދާއިރާއިން ޑިޕްލޮމާ ހާސިލުކުރެއްވިއެވެ. އިތުރަށް ޢަރަބި ބަހުގެ ޢިލްމު އުނގެނިވަޑައިގަތުމަށް މިޞްރުގެ އަލްއަޒުހަރު ޔުނިވަރސިޓީގެ ދަށުގައިވާ މަޢުހަދުއް ދިރާސާތިލްޚާޞާގައި ކިޔަވާ ވިދާޅުވިއެވެ.
ޑރ. ޝަހީމްގެ މަތީ ތަޢުލީމުގެ ދަތުރު ފެށިގެން ދިޔައީ ސަޢޫދީ ޢަރަބިއްޔާގެ މަދީނާގެ އިސްލާމީ ޔުނިވަރސިޓީން ފިޤުހާއި އުޞޫލުލްފިޤުހުގެ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލުކުރެއްވުމާ އެކުގައެވެ. އޭގެ ފަހުން، މެލޭޝިޔާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީން މާސްޓަރސް އޮފް އިސްލާމިކް ރިވީލްޑް ނޮލެޖް އެންޑް ހިއުމަން ސައިންސަސް (ފިޤުހު އެންޑް އުޞޫލުލްފިޤުހު) ހާސިލުކުރެއްވިއެވެ.
އެންމެ ފަހުން، ހަމަ އެ ޔުނިވަރސިޓީން ޑޮކްޓަރ އޮފް ފިލޯސަފީ އިން އިސްލާމިކް ރިވީލްޑް ނޮލެޖް އެންޑް ހިއުމަން ސައިންސަސް (ފިޤުހު އެންޑް އުޞޫލުލްފިޤުހު) ގެ ދަށުން ޕީއެޗްޑީ ސަނަދު ހާސިލުކުރައްވައި، އިސްލާމީ ޝަރީޢާގެ ދާއިރާއިން މަތީ ފެންވަރުގެ ތަޢުލީމު ފުރިހަމަކުރެއްވިއެވެ.
ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުގެ ފަންނީ މަސައްކަތުގެ ދާއިރާގައި، އެމަނިކުފާނު ވަނީ ޤައުމީ އަދި ބައިނަލްއަޤްވާމީ ފެންވަރުގައި ޝަރަފުވެރި މަޤާމުތަކެއް އަދާކުރައްވާފައެވެ. މީގެ ތެރޭގައި ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުގެ މުޝްރިފް މުސާޢިދުކަމާއި، ވިލާ ކޮލެޖުގެ ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯގެ ޑީންކަން ހިމެނެއެވެ. އަދި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ސްޓޭޓް މިނިސްޓަރުކަމާއި، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރުކަމުގެ މަޤާމާއި ޗާންސެލާރުކަމުގެ މަޤާމުވެސް އަދާކުރައްވާފައިވެއެވެ.
ބައިނަލްއަޤްވާމީ ފެންވަރުގައި، ޑރ. ޝަހީމް ވަނީ އިސްލާމީ އެއްބާރުލުމުގެ ޖަމްޢިއްޔާ (އޯއައިސީ) ގެ ސެކްރެޓަރީ ޖެނެރަލްގެ އެޑްވައިޒަރުކަމާއި، އޯއައިސީގެ ވޮއިސް އޮފް ވިސްޑަމް ސެންޓަރުގެ އިންޗާޖުކަން ވެސް ކުރައްވާފައެވެ. ޑރ. ޝަހީމް، މިވަގުތު ހުންނެވީ ދިވެހިރާއްޖޭގެ އިސްލާމީ ކަންތައްތަކާބެހޭ ވަޒީރުގެ މަޤާމުގައެވެ. މީގެ އިތުރުން، އެމަނިކުފާނަކީ ރާބިޠަތުލް ޢާލަމިލް އިސްލާމީ (މުސްލިމް ވޯލްޑް ލީގު) ގެ އެންމެ މަތީ މަޖިލިސް (ސުޕްރީމް ކައުންސިލް) ގެ މެންބަރެއް ވެސް މެއެވެ.
ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދަކީ ދީނީ އެކިއެކި މަޢުޟޫޢުތަކަށް ތަފާތު އެކި ފޮތްފޮތް ލިޔުއްވާފައިވާ ޢިލްމުވެރި ޚިދުމަތްތެރި މުޞައްނިފެކެވެ.

ކިޔުންތެރިންގެ ހިޔާލު