ފިލްމީތަރި އައްޒައާއެކު ލާލި އާއި އެވްލީ، ފޮޓޯ: ނަހުލާ
ފިލްމީތަރި އައްޒައާއެކު ލާލި އާއި އެވްލީ، ފޮޓޯ: ނަހުލާ
ގިނަ ބަޔަކު އިންތިޒާރު ކުރަމުންދާ ފިލްމު "ސޮރީ" އަކީ އެވްލީ އާއި ލާލި ރާއްޖޭގެ ފިލްމީ ދާއިރާއަށް ތައާރަފްވާ ފިލްމެވެ.

ދާދި ފަހުން ފިލްމުގެ ޑައިރެކްޓަރު ފާތުމަތު ނަހުލާ ވަނީ މި ދެ ކުދިންގެ ގުޅުން ދައްކުވައިދޭ "ލޯބި" ވީޑިއޯއެއް ސޯޝަލް މީޑިއާގައި ހިއްސާ ކޮށްފައެވެ. މި ވީޑިއޯގައި އެވްލީ އާއި ލާލި ވަނީ އެކްޓު ކުރުމަށް ޝައުގުވެރިވިގޮތް ކިޔައިދީފައެވެ.

އެވްލީ އަކީ މަޝްހޫރު ފިލްމީ ތަރި ނާޝްގެ ދަރިފުޅެވެ. އަދި ލާލި އަކީ "ސޮރީ" ގެ ޑައިރެކްޓަރު ނަހުލާގެ ދަރިފުޅެވެ.

ސޯޝަލް މީޑިއާގައި ހިއްސާ ކޮށްފައިވާ ވީޑިއޯގައި އެވްލީ ބުނެފައިވަނީ އެވްލީ ފިލްމީ ދާއިރާއަށާއި އެކްޓު ކުރުމަށް ޝައުގުވެރިވީ ނާޝްގެ "ޒުލޭހާ" ފަދަ ފިލްމުތައް ބަލާފައި ކަމަށެވެ. ލާލި ބުނީ ފިލްމު ކުޅުމަށް ޝައުގުވެރިކަން އުފެދުނީ ލާލިގެ މަންމަ (ނަހުލާ) ފިލްމު އުފައްދާތަން ފެނުމުން ކަމަށާއި، އެހެން ކުދިން އެކްޓު ކުރާތަން ފެނުނީމަ ލާލިވެސް އެކްޓު ކުރެވޭތޯ ބަލާލާ ހިތްވީ ކަމަށެވެ.

މި ދެކުދިން ވަނީ "ސޮރީ" ގެ ރޯލު ލިބުނު ގޮތްވެސް ކިޔައިދީފައެވެ. އެގޮތުން އެވްލީ ބުނީ އެކްޓިންގެ ދާއިރާއަށް ތައާރަފްވާން ބޭނުންވީ ވަރަށް މޮޅު ރޯލަކުން ކަމަށާއި، އެހެންވެ އެވްލީގެ މާ (ނަހުލާ) ކައިރީ އެކުދިންނަށް ކުޅެލެވޭ ކަހަލަ ސްކްރިޕްޓެއް ލިޔެދޭން އެދުނު ކަމަށެވެ.

އޭރު ނަހުލާ ވަނީ "ސޮރީ" ގެ ސްކްރިޕްޓު ތައްޔާރު ކޮށްފައެވެ. މި ފިލްމުގެ ވާހަކައިގެ ބޮޑު ބައެއް ބިނާވެފައިވަނީ ކުޑަ ދެކުދިންގެ މައްޗަށް ކަމުން، އެ ޗާންސް އެވްލީ އަށާއި ލާލިއަށް ލިބުނީ ކަމަށް ވީޑިއޯގައި ލާލި ބުނެފައި ވެއެވެ.

ސޯޝަލް މީޑިއާގައި ހިއްސާ ކޮށްފައިވާ ވީޑިއޯއިން އެވްލީ އާއި ލާލިގެ ގުޅުން ވަރަށް ވަރުގަދަކަން ފެނިގެން ދެއެވެ. އެހެންކަމުން ފިލްމުގެ މަންޒަރުތައް އިތުރަށް ރިއަލިސްޓިކްވެ، ފިލްމު އިތުރަށް ފުރިހަމަވެގެން ދާނެ ކަމަށް ގަބޫލު ކުރެވެއެވެ.

ސޯޝަލް މީޑިއާގައި ހިއްސާ ކޮށްފައިމިވާ ކުޑަ ވީޑިއޯގައި ފިލްމުގެ ޝޫޓިންގެ ބައެއް މަންޒަރުތައްް ހިމަނާފައިވާއިރު، އެ މަންޒަރުތަކުންވެސް މި ފިލްމުގެ ހައިބަތު ވަރަށް ރަނގަޅަށް ހާމަވެގެން ދެއެވެ. މީގެ ކުރިންވެސް ހާމަކުރި ފަދައިން، މި ފިލްމަކީ ވަރަށްވެސް ޖަޒުބާތީ ފިލްމެއްކަން އެނގިގެން ދެއެވެ.

https://www.tiktok.com/@fathimathnahula2/video/7482702384397880583?_r=1&_t=ZS-8umyq5uIumu

މި ވީޑިއޯގައި ލާލި އާއި އެވްލީގެ އިތުރުން ފިލްމުގައި ހަރަކާތްތެރިވާ އެހެން ތަރިންވެސް ފެނިފައި ވެއެވެ. އޭގެ ތެރޭގައި ނިޝާ، މަނިކު، އައްޒަ، ޔޫއްޕެ، އަލީފް، ޝާރިފް، ޝަމީލް، ޝިއާ، އާނަންދު، ޝީލާ އަދި އައިޝާވެސް ހިމެެނެއެވެ. ބޮޑު ކާސްޓަކާ އެކު އުފައްދާ މި ފިލްމު ސޯޝަލް މީޑިއާގައި އިޝްތިހާރު ކުރަން ފެށުމާއެކު ގިނަ ބައެއްގެ ސަމާލުކަން ވަނީ މިއަށް ހުއްޓިފައެވެ.

ލޯބީގެ ވާހަކައެއްގެ މައްޗަށް ބިނާ ކޮށް އުފައްދާ "ސޮރީ" ނެރުމަށް ހަމަޖެހިފައިވަނީ މިއަހަރު ޖޫން މަހު 17 ގައެވެ. ފިލްމު ނެރޭ ދުވަސް ކައިރިވަމުން އަންނައިރު، ފިލްމުގެ އިޝްތިހާރުތައް ފެނުމުން މި ފިލްމަށް ކުރެވޭ އިންތިޒާރު ދަނީ އިތުރުވަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން