ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާން--
ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާން--
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގައި ސިޔާސީ ބޭފުޅުން ނުތިބެވޭ ގޮތަށް ހަދަން ބިލެއް ހުށަހަޅަން ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާން ގޮވާލައްވައިފި އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް، ހައި ކޯޓުގެ އިސް ފަނޑިޔާރު ހުސައިން ޝަހީދު އައްޔަނުކުރަން ޖޭއެސްސީން ފާސްކުރި ރިޕޯޓަށް މިއަދު މަޖިލީހުގައި ކުރި ބަހުސްގައި އަޒާން ވިދާޅުވީ ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކުރަން ނިމިގެން ދިޔަ ސަރުކާރުގައި ވެސް ވައުދުވި ކަމަށާއި ނަަމަވެސް ވެރިކަން ނިމުނު އިރުވެސް އެކަން ނުވި ކަމަށެވެ.

އަދި އެމްޑީޕީގެ ވެރިކަމުގައި ޖޭއެސްސީ އިސްލާހު ނުކުރެވުނު އިރު ޖޭސްސީއަށް ސިޔާސީ ބޭފުޅުން އައްޔަނު ނުކުރައްވާނެ ކަމަށް ރައީސް މުއިއްޒު އޮތީ ވައުދުވެވަޑައިގެންފައިކަން އަޒާން ފާހަގަ ކުރެއްވި އެވެ.

"އެހެންވީމާ އަޅުގަނޑު ގޮވާލަން ރައީސްގެ ވައުދުފުޅާ އެއްގޮތަށް ދައުލަތުގެ ބަންޑާރަ ނައިބު ޖޭއެސްސީގެ ކޮމްޕޮޒިޝަން އިސްލާހުކުރައްވަން ވީ އެންމެ އަވަހަކަށް ބިލެއް މަޖިލީހަށް ހުށަހަޅުއްވަން." އަޒާން ވިދާޅުވި އެވެ.

ސިޔާސީ ބޭފުޅުން ޖޭއެސްސީއަށް އައްޔަނުކުރަން މަޖިލީހުންވެސް ބޭނުންނުވާ ކަމަށް އަޒާން ވިދާޅުވި އެވެ. އެހެންކަމުން ޖޭއެސްސީ އިސްލާހުކުރަން ބިލެއް ހުށަހަޅައިފިނަމަ އެ ބިލު ފާސްކޮށްދޭން މަޖިލީހުގެ މެމްބަރުން ތިބީ ތައްޔާރަށް ކަމަށް އަޒާން ވިދާޅުވި އެވެ.

ނިމިގެން ދިޔަ 19 ވަނަ މަޖިލީހުގައި ޖޭއެސްސީ އިސްލާޙުކުރަން މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގު ދެފަހަރެއްގެ މަތިން ބިލެއް ހުށަހެޅުއްވި ނަމަވެސް ދެ ފަަހަރުވެސް އެ ބިލު ވަނީ ބޭރުކޮށްލައިފަ އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން