ހުޅުމާލޭގައި އިމާރާތްކޮށްފައިވާ ފްލެޓުތައް
ހުޅުމާލޭގައި އިމާރާތްކޮށްފައިވާ ފްލެޓުތައް
ސަރުކާރުން އާންމު ކުރި ފްލެޓު ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހައުސިން މިނިސްޓްރީން އިތުރު ކޮށްފިއެވެ.

ކުރީ ސަރުކާރުން 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 15 ވަނަ ދުވަހު ޢާއްމުކުރި ފްލެޓް ލިބޭ މީހުންގެ ލިސްޓްގައި ހިމެނޭ މީހުންގެ ތެރެއިން މިސަރުކާރުގެ އިވެލުއޭޝަނަށްފަހު ފްލެޓް ލިބިފައިވަނީ 1820 މީހުންނަށެވެ. މި ލިސްޓު ސަރުކާރުން ނެރުނީ މިދިޔަ މަހު 27 ގައެވެ.

މި ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ މުއްދަތު ސަރުކާރުން ފުރަތަމަ ހުޅުވާލީ މިމަހު 1 ގައެވެ. އޭރު ޝަކުވާ ހުށެހެޅުމުގެ މުއްދަތު ހުޅުވާލީ މިމަހުގެ ނިޔަލަށެވެ.

ނަމަވެސް މިމަހު 20 ވަނަ ދުވަހުން ފެށިގެން 31 އާ ހަމައަށް ސަރުކާރު ބަންދުވާތީ ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 15އާ ހަމައަށް ދޭން ނިންމާފައިވާ ކަމަށް ހައުސިން މިނިސްޓްރީން މިއަދު ވަނީ ބުނެފައެވެ.

ހައުސިން މިނިސްޓްރީން ބުނީ ލިސްޓަށް މިހާތަނަށް ހުށަހަޅައިފައިވާ ޝަކުވާތަކަށް ރިއާޔަތްކޮށް، އެކި ފަރާތްތަކުގެ ކަންބޮޑުވުންތައް އެ މިނިސްޓްރީން ބަލައި ރަނގަޅުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އަދި ސަރުކާރުން ނެރުނު ލިސްޓަށް ޝަކުވާ ހުށަހަޅަން ފުރުސަތު ހުޅުވާލުމުން، އެ ލިސްޓުގައި ޝަރުތު ހަމަވާ ކަމަށް ބަޔާންކޮށްފައިވާ ފަރާތްތަކާއި ޝަރުތު ހަމަނުވާކަމަށް ބަޔާންކޮށްފައިވާ ފަރާތްތަކުން އެކި ލިޔުންތައް ޕޯޓަލަށް ހުށަހަޅާފައިވާކަން ފާހަގަކުރެވުނު ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

އެހެންނަމަވެސް، އެ މަރުހަލާތަކުގައި ކަންކަން ހިނގާފައިވާ ގޮތަށް ރިއާޔަތްކޮށް ވެރިފިކޭޝަނަށްފަހު ނެރުނު ލިސްޓުގައި ޝަރުތު ހަމަނުވާކަމަށް ކަނޑައަޅާފައިވާ މީހުން ހުށަހަޅާ ޝަކުވާތަކަށް ބަލައި، ސަރުކާރުގެ އިދާރާތަކުން އެ މިނިސްޓްރީއަށް ޗެކްކުރެވެން ހުރި މައުލޫމާތުތަކަށް ރިއާޔަތްކޮށް ޝަރުތު ހަމަވާކަން ސާބިތުވާނަމަ އެ ފަރާތްތަކަށް ހައްލު ހޯދައިދޭނެ ކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.

އެހެންވެ، އެފަދަ ފަރާތްތަކުން ޕޯޓަލް ތެރެއިން ތަފުސީލާއެކު ޝަކުވާ ހުށަހެޅުމަށް މިނިސްޓްރީން ވަނީ އެދިފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން