ކ. ތުލުސްދޫގައި ސްޓެލްކޯގެ އާ ކޮމްޕްލެކްސް އިމާރާތެއް ގާއިމް ކުރުމަށް ސަރުކާރުން ކުންފުންޏަކާ ހަވާލުކޮށްފިއެވެ.

އެގޮތުން އަލަށް ގާއިމްކުރަން ނިންމާފައިވާ އިންޖީނުގެއާއި، ކަސްޓަމަރ ސަރވިސް ބިލްޑިންގ އަދި އިންޖީނުގޭގެ ވަށާފާރު އިމާރާތްކުރުމުގެ މަސައްކަތް ހަވާލު ކޮށްފައިވަނީ ސަންވިލް ޕްރައިވެޓް ލިމިޓެޑާއެވެ. ސްޓެލްކޯ ހެޑްއޮފީހުގައި މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ވަނީ މި މަސައްކަތް އެ ކުންފުންޏާ ހަވާލު ކުރުމުގެ ގޮތުން އެއްބަސްވުމެއްގައި ސޮއި ކޮށްފައެވެ.

މި އެއްބަސްވުމުގައި ސްޓެލްކޯގެ ފަރާތުން ސޮއެ ކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީއެވެ. އަދި މަސައްކަތާއި ހަވާލުވި ސަންވިލް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަބުދުﷲ ރާފިއުއެވެ.



މި މަސައްކަތް ސަން ވިލް ޕްރައިވެޓް ލިމިޓެޑާ ހަވާލު ކޮށްފައިވަނީ 175 ދުވަހުގެ ތެރޭގައި މަސައްކަތްކޮށް ނިންމާގޮތަށެވެ. އަދި މި މަސައްކަތަށް 11،954،501 ރުފިޔާ ހޭދަވާކަމަށް ސްޓެލްކޯއިން ވަނީ ހާމަކޮށްފައެވެ.

އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަހުމީ ވިދާޅުވީ، މާލެ ރީޖަން ފިޔަވައި ސްޓެލްކޯގެ ހިދުމަތް ފެށި ފުރަތަމަ ރަށަކީ ތުލުސްދޫ ކަމަށެވެ. އެހެންވެ، ތުލުސްދޫއަކީ ސްޓެލްކޯއަށް ވަރަށް މުހިންމު ރަށެއްގެ ގޮތުގައި ފަހުމީ ވަނީ ސިފަކުރައްވާފައެވެ.

ފަހުމީ ވިދާޅުވީ ތުލުސްދޫގައި މިހާރުވެސް ހިންގަމުން އެދާ ޕަވަރހައުސްއަކީ ވަރަށް ފެންވަރު ރަނގަޅު ޕަވަރހައުސްއެއް ކަމަށެވެ. އެހެންނަމަވެސް އާ ޕަވަރހައުސްއެއް ގާއިމް ކުރަން ނިންމީ މިހާރު ހުންނަ ޕަވަރހައުސްއަކީ މީހުން ދިރިއުޅޭ ސަރަޙައްދުގައި ހުރި ޕަވަރހައުސްއަކަށް ވާތީކަމަށެވެ. އެހެންވެ، ރައްޔިތުންނަށް ލުއިފަސޭހަވާ ގޮތަށް، އަރބަން ސެންޓަރސްތަކާ ދުރުގައި ޕަވަރހައުސްތައް އެޅުމަށް ރައީސް ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ތުލުސްދޫ ޕަވަރހައުސް ހިއްކާފައިވާ ސަރަހައްދަށް ބަދަލު ކުރަނީ ކަމަށް ފަހުމީ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ނަޞީމް އާއި، ތުލުސްދޫ ކައުންސިލްގެ ރައީސް އަސްލަމް މޫސާވެސް ބައިވެރިވެ ވަޑައިގަތެވެ.

ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މެންބަރު އިބްރާހިމް ނަޞީމް ވިދާޅުވީ، އާ އިންޖީނުގޭގެ އަމަލީ މަސައްކަތް ފެށުމަށްޓަކާ ސޮއިކުރެވިގެންދިއުމަކީއެ ދާއިރާއަށް، އަދި ތުލުސްދޫގެ ރައްޔިތުންނަށް ލިބިގެންދިޔަ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި ތުލުސްދޫގެ ކަރަންޓުގެ ހިދުމަތް އޮތީ ވަރަށް ރަނގަޅު ހާލަތެއްގައި ކަމަށާއި، އެހެންނަމަވެސް އީދު ފަދަ މުނާސަބަތު ތަކާ ގުޅިގެން ލައިޓްތައް ޖައްސާ،، ޕީކަށް އަރައިގެންދާ ވަގުތު ކޮންމެވެސް ވަރަކަށް މައްސަލަތައް އުޅޭ ކަމަށް ނަސީމް ވިދާޅުވިއެވެ. އަދި އެކަންކަން އާ އިންޖީނުގެއާއެކު ރަނގަޅުވެގެން ދާނެ ކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން