29 މުވައްޒަފުން ޕޮޒިޓިވްވި އިންޑިއާގެ ސެންޓްރަލް ހޮސްޕިޓަލް
29 މުވައްޒަފުން ޕޮޒިޓިވްވި އިންޑިއާގެ ސެންޓްރަލް ހޮސްޕިޓަލް
އިންޑިއާގެ މުމްބާއީގައި ހުންނަ ވޮކްހާރޓް ހޮސްޕިޓަލުގައި މަސައްކަތްކުރާ 26 ނަރުހުނަނާއި ތިން ޑޮކްޓަރުން ކޯވިޑް-19 އަށް ޕޮޒިޓިވްވުމާއެކު އެ ހޮސްޕިޓަލް ބަންދުކޮށް ބަލި ފެތުރެމުންދާ ޒޯނަކަށް ބަދަލުކޮށްފިއެވެ.

ޓައިމްސް އޮފް އިންޑިއާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި އެ އިމާރާތުގައި ތިބި މީހުން ނެރޭނީ ދެފަހަރަށް ޓެސްޓްކޮށް ނަތީޖާ ނެގެޓިވް ވުމުންނެވެ. ބަންދުކޮށްފައިވާ މި އިމާރާތަށް ވަދެ ނުކުމެ ނޫޅެވޭ ގޮތަށް އެތަން މިހާރުވަނީ ބަންދުކޮށްފައެވެ.

ހޮސްޕިޓަލް މުވައްޒަފުންނާއި ބަލިމީހުން ހިމެނޭގޮތަށް ނަގާފައިވާ 270 އަށްވުރެ ގިނަ ސާމްޕަލް މިހާރު ޓެސްޓުކުރުމަށް ފޮނުވާފައިވާއިރު، މުނިސިޕަލް ކޮމިޝަނަރ، ސުރޭޝް ކަކާނީ ވިދާޅުވެފައިވަނީ ހޮސްޕިޓަލުގެ އެހައި ގިނަ މުވައްޒަފަކަށް އެއްފަހަރާ ބަލި ޖެހުނުގޮތެއް ހޯދުމަށްޓަކައި ތަހުގީގު ޓީމަކުން ހަރަކާތްތެރިވަމުން ގެންދާކަމަށެވެ. އަދި ޞިއްޙީ ފަރުވާދޭ ތަނަކުން މިހާ ގިނަ ބަޔަކު ޕޮޒިޓިވްވުމަކީ ރައްކާތެރިވުމުގެ ފިޔަވަޅުތައް އެޅިފައިވާ މިންވަރު ކުޑަކަން ހާމަވާ ކަމެއްކަމުގައި ވެސް އޭނާ ވިދާޅުވެފައި ވެއެވެ.

ވޮކްހާރޓް ހޮސްޕިޓަލުގެ މުވައްޒަފުންނާއި ހަވާލާދީ ޓައިމްސް އޮފް އިންޑިއާގައި ލިޔެފައިވާ ގޮތުގައި އެހާ ހަލުއިކަމާއެކު ވައިރަސް ފެތުރުނީ ބައްޔަށް ޕޮޒިޓިވްވި ނަރުހުންނާއި ބައްދަލުވި މީހުން ކަރަންޓީނުނުކޮށް ހޮސްޕިޓަލުން އެމީހުންވެސް ޝިފްޓް ޑިއުޓީގެ އުސޫލުން ވަޒީފާއަށް ނެރުމުންނެވެ.

އަވައްޓެރި އިންޑިއާގައި ކޮރޯނާވައިރަހަށް ޕޮޒިޓިވެވެފައިވާ މީހުންގެ އަދަދު 4,314 އަށް އަރައި ބަލީގައި މަރުވި މީހުންގެ އަދަދު 118 އަށް އަރާފައި ވާއިރު އިންޑިއާގެ ޕްރައިމް މިނިސްޓަރ ނަރޭންދްރަ މޯދީ މިއަދު ވަނީ ކޮރޯނާވައިރަހާއި ދެކޮޅަށް ކުރާ ހަނގުރާމައިގައި އިންޑިއާއިން މުޅި ދުނިޔެއަށް މިސާލު ދައްކާފައިވާކަމަށް ވިދާޅުވެފައެވެ.

މުޅި ދުނިޔޭގައި ވައިރަސް ޖެހިފައި ތިބި މީހުންގެ އަދަދު 1.2 މިލިއަނަށް އަރާފައިވާއިރު، ބަލީގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 70,000 އަށްވުރެ މައްޗަށް ގޮސްފައެވެ. އެގޮތުން ހަމައެކަނި އިއްޔެވެސް އިންޑިއާއިން ވަނީ 701 މީހަކު އަލަށް ބައްޔަށް ޕޮޒިޓިވްވެ 19 މީހަކު މަރުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން